twitterviber whatsapp telegramfacebookyoutube instagram
19th September 2019

ނޭނގޭކަން ނޭނގޭ މީހުންނާއި ނޭނގޭކަން އެނގޭ މީހުން

Jun 26, 2011

ޢަލީ ހާޝިމް

ދިވެހިރާއްޖޭގެ ހުރިހާ މަސްރަހުތަކުގައި އިސްކޮށް މި އުޅޭ މީހުންނަށް ބަލާ، ނަޒަރެއް ހިންގާލީ ކިތައް މީހުންބާވައެވެ. ވަކީން ޚާއްޞަކޮށް، ސިޔާސީ، އިޤްތިޞާދީ، ދީނީ އަދި ތަޢުލީމާއި ޞިއްޙަތާއި ފިލްމީ ދާއިރާތަކުގައި މިއަދު ފެންނަން މި ތިބީ ކޮންކޮން ބައެއްތޯ ކުޑަ ހިނދުކޮޅަކު ނަމަވެސް ވިސްނާލީ ކިތައް މީހުންބާވައެވެ. މި މީސްމީހުންނާ މެދު ޚިޔާލުކޮށްލުމުން އަޅުގަނޑުގެ ސިކުނޑިއަށް މި މީހުން ފެނިގެން ދިޔައީ މައިގަނޑު ދެ ބައެއްގެ ގޮތުގައެވެ. އެއީ، ނޭނގޭކަން ނޭނގޭ މީހުންނާއި، ނޭނގޭކަން އެނގޭ މީހުންނެވެ.

މީހުންގެ އެންމެ ބޮޑު ސަމާލުކަން މި ރާއްޖޭގައި މި ވަގުތު އޮތް ދާއިރާއަކީ ސިޔާސީ ދާއިރާކަމީ ބަހުސެއް އޮތް ކަމެއް ނޫނެވެ. އެ ދާއިރާގައި އިސްކޮށް އުޅޭ މީސްމީހުން އެންމެ ގިނައިން މި ފެންނަނީ ސިޔާސީ ޕާޓީތަކުގެ ކުރީ ސަފުގައާއި ރައްޔިތުންގެ މަޖިލީހުންނެވެ. އެ ތަންތަނުގައި ތިބި މީހުންކުރެ ގިނަ މީހުންނަކީ ސިޔާސަތަކީ، ޑިމޮކްރަސީއަކީ އަދި ވެރިކަން ހިންގުމާއި ޤާނޫނު ހެދުމަކީ ކޮން ކަމެއްކަން ވެސް ނޭނގޭ މީހުންނެވެ. އެހެންނަމަވެސް، އެކަމެއް އެމީހުންނަކަށް ވެސް ނޭނގެއެވެ. ހިތުހުރި އެއްޗެއް ކިޔައި ހިތުހުރި ގޮތަކަށް އުޅެނީއެވެ. ސިޔާސަތުގެ ވާހަކަ ދައްކަން ވެސް ބަރާބަރެވެ. އިޤްތިޞާދުގެ ވާހަކަ ދައްކަން އަދި މާ މޮޅެވެ. ނުދަންނަ ކަމެއް ވެސް ނޯވެއެވެ. މުޅި ޤައުމުގެ އެންމެން މި ތިބެނީ އެމީހުންގެ ފަހަތުގައެވެ. އެއްފުރާާޅެއްގެ ދަށުން މި ކުޅިގަނޑު އެންމެ ސާފުކޮށް ފެންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ބައެއް ދާއިރާތަކުން ހޮވިފައި ތިބި މެމްބަރުން، ވާހަކަ ދައްކަން ފެށުމުން ވެސް އަންނަނީ ނުބައި ޒާތެއްގެ ހިންޏެކެވެ.

މި ބީދައިން ދެން ރައްޔިތުންގެ އެންމެ ބޮޑު ސަމާލުކަމެއް ދެވޭ އަނެއް ދާއިރާއަކީ ފިލްމީ ދާއިރާއެވެ. އެ ދާއިރާގައި ވެސް އުޅެނީ ކޮން ބައެއްތޯއެވެ؟ އޭގެ ތެރޭގައި ގިނައީ އަޅުގަނޑު ކުރިން ވެސް ދެންނެވިހެން ނޭނގޭކަން ނޭނގޭ މީހުންނެވެ. ގުރާފެހިކުލައިގެ ކުރުތާއެއްލާފައި، މަތިމަހެއް ޖަހައިގެން އައިނެއް އަޅައިގެން ނަށައިގަތީމާ ދެން ގައުމުގެ އެންމެން ވީ ހޭށެވެ. މިއީ ދިވެހި ކޮމެޑީއެވެ. މި ނޫން ގޮތަކަށް ދިވެހި އެއްވެސް ކޮމެޑީއެއް މި ފަހަކަށް އައިސް އަޅުގަނޑެއް ނުދެކެމެވެ. މި ދާއިރާގައި ވެސް ރަނގަޅު މީހުންނެއް ނެތެކޭ އަޅުގަނޑެއް ނުދަންނަވަމެވެ. ފިލްމު ސްޓާރަކު ދާދި ފަހުން ދިން އިންޓަވިއުއެއް އަޅުގަނޑު ދުށީމެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ތިމަންނާއަކީ އެކްޓިންގ ގެ އެއްވެސް އެއްޗެއް ދަންނަ މީހެއް ނޫންކަމާއި، އެހެންވެ، ބޭރުގެ އެކްޓަރުން އެކްޓްކުރާ ގޮތް ބަލައިގެން، އެ ގޮތަށް މަސައްކަތްކުރެވޭތޯ ބަލަނީ ކަމަށެވެ. އަޅުގަނޑު އޭނާއަށް އައްސެރި ބަހުން ސާބަސް ދަންނަވަމެވެ. އޭނާއަކީ ނޭނގޭކަން އެނގިގެން، އެނގޭތޯ މަސައްކަތްކުރާ މީހަކަށް ވީމައެވެ.

ދީނީ ދާއިރާއަކީ ފިލްމީ ދާއިރާއަށް ވުރެ ދިވެހިންގެ މެދުގައި ވަކިން ސަމާލުކަން ކުޑަ ދާއިރާއެއް ނޫނެވެ. އެ ދާއިރާގައި އުޅޭ ގިނަ މީހުންނަށް ބަލާލުމުން ވެސް ފެންނަނީ ހަމަ ނޭނގޭކަން ނޭނގޭ މީހުންނެވެ. ދީނީ ޝައިޚުންގެ ގޮތުގައި ނުކުމެ މި ފަހަކަށް އައިސް ވަޢުޒު ބުނަމުން ގެންދާ ގިނަ މީހުންނަކީ މީގެ ދެތިން އަހަރެއް ކުރިން މާލޭގެ މަގުތައް މަތީ ވަކަރުގޭ ހެދިގެން އުޅުނު ޅަ ސޮރުމެންނެވެ. މޭ ކަށިގަނޑާ ހަމައަށް ތުނބުޅި ބަހައްޓައިގެން މޫނު ބުރުގާއާއި، ތުނބުޅި ނޫން އެއްޗެއް ދީނުގައި ނެތް ހެން ދޭހަވާ ގޮތަށް މި މީސްމީހުން ފަތުވާ ދެމުން ދަނީއެވެ. އެކަމަކު އެހެން ނުކުމެ ފަތުވާ ދެވޭވަރުގެ ޢިލްމެއް ވެސް ތިިމާގެ ކިބައިގެން ނެތްކަން މި މީސްމީހުންނަކަށް ނޭނގެއެވެ. އަދި މި ގްރޫޕުގައި ނަގާ ކިޔާ އުޅެނީ ވެސް އިއްޔެ މެންދުރު ލަވަކިޔަމުން އަލްބަމް ނެރެމުންދިޔަ ހައެއްކަ މީހުންނެވެ. އެކަމަކު ދެރަ ތަންކޮޅަކީ މިއިން އެކަކަށް ވެސް ތިމާއަށް ނޭނގޭކަން ނޭނގޭ ކަމެވެ.

މި އުސޫލުން މި ގައުމު ކުރިއަށް ދާން ވެއްޖެނަމަ، ރާއްޖޭގެ މުސްތަޤުބަލު ބަނަވެފައިވާ ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. ޒަމާނުއްސުރެ ދިިވެހިންގެ ކިބައިގައި ހުންނަ އެންމެ ރީތި އެއް ސިފައަކީ ތިމާއަށް ނޭނގޭކަންކަން ޤަބޫލުކޮށްގެން އުޅުމެވެ. ކައްކަން ނޭނގޭ އަންހެނަކު ނަމަ އެންމެ ފުރަތަމަ ވެސް އޭނާގެ މަންމަ ނޫނީ ކޮންމެ ވެސް އެހެން މީހެއްގެ ގާތުން ކައްކަން ދަސްކުރަނީއެވެ. މަސްބާނަން ނޭނގޭ މީހަކު ނަމަ ކޮންމެ ވެސް މީހެއްގެ ކައިރިން މަސްބާނަން ދަސްކުރަނީއެވެ. އެހެންނަމަވެސް، މިއަދު ދިވެހިންގެ ކިބައިން އެ ސިފަ މިދަނީ އުވެމުން ނެތެމުންނެވެ. މިއީ ވަރަށް ވެސް ދެރަކަމެކެވެ. ގައުމުގައި ނޭނގޭކަން ނޭނގޭ މީހުން ގިނަވެ، ނޭނގޭކަން އެނގޭ މީހުން މަދުވެއްޖެނަމަ، އެ ގައުމެއް ރަނގަޅުކުރަން ނުކުތުމަކީ އެނގޭކަން އެނގޭ މީހުންގެ ވާޖިބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355