twitterviber whatsapp telegramfacebookyoutube instagram
16th July 2019

ސަބްމެރިން ކޭބަލް އެޅުމަށް ކުޅުދުއްފުށިން ވާންޖެހޭ ތައްޔާރީތަކުގެ 85 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި: ކުޅުދުއްފުށީ ދިރާގުގެ މެނޭޖަރ

Sep 13, 2011

އިބްރާހިމް ހަމީދު

ދިރާގުން ރާއްޖޭގެ އުތުރާއި ދެކުނަށް އަޅަން ހަމަޖެހިފައިވާ ޑޮމެސްޓިކް ސަބްމެރީން ކޭބަލް އެޅުމުގެ މަޝްރޫއަށް ކުޅުދުއްފުށިން  ވާންޖެހޭ ތައްޔާރީތަކުގެ 85 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ މުހައްމަދު ފާޚިރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ މުހައްމަދު ފާޚިރު ވިދާޅުވީ ކުރިއަށް އޮތް 02 ހަފްތާ ތެރޭގައި ބާކީ ނުނިމިވާ 15 ޕަސެންޓްގެ މަސައްކަތް ނިންމާލެވޭނޭ ކަމަށެވެ. އެގޮތުން މަގުމަތީގައި ވަޅުލަންޖެހޭ ހޮޅިތަކާއި ޖަންކްޝަންތައްވެސް ވަޅުލާ ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ދިރާގު ސައިޓަށް އިކުއިޕްމަންޓްތަކާއި ކޭބަލް ގުޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި މިހާރު ނުނިމިހުރި މަސައްކަތަކީ މެއިން ޖަންކުޝަނުން ފެށިގެން ކަނޑަށް ކޭބަލް ގެންދާ މަގު ތައްޔާރުކުރުމުުގެ މަސައްކަތް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދިރާގުގެ ސަބްމެރިން ކޭބަލް އަޅާ ނިމުމުން އުތުރާއި ދެކުނުން “ގުޅުން” ލިބިގެންދާނެ ކަމަށާއި ސަބްމެރިން ކޭބަލްގެ ސަބަބުން ދިރާގުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ހިދުމަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް މެނޭޖަރ ވިދާޅުވި އެވެ.

ދިރާގުން އަޅާ ސަބްމެރިން ކޭބަލް ކުޅުދުއްފުށީގައި ހުންނަ ދިރާގުގެ ސެންޓަރަށް ގެންދިއުމަށްޓަކައި 09 ޖަންކްޝަން އެއް ކުޅުދުއްފުށީގެ މަގުތަކުގައި ހަދާފައި ވެއެވެ. ދިރާގު ސަބްމެރިން ކޭބަލް އެޅުމަށް ކުޅުދުއްފުށީގައި ކުރަމުން ގެންދާ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ކުންފުންޏާއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅައި މިކޭބަލްގެ ކޮޅުތައް ގުޅާނެ ރަށްރަށަކީ ހދ ކުޅުދުއްފުށީގެ އިތުރުން ބ. އޭދަފުށި، މާލެ ސިޓީގެ ހުޅުމާލެ، އދ. ދަނގެތި، ލ. ގަން، ގދ. ގައްދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫ ގައެވެ.

ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި މިހާރު ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 03 ދުވަހު ފެށޭނެ އެވެ. އަދި އެންމެ ފުރަތަމަ ކޭބަލް އަޅަން ފަށާނީ ކުޅުދުއްފުށިން ފެށިގެން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.

ދިރާގުގެ މި މަޝްރޫއުއަށް 70 މިލިއަންޑޮލަރު ހޭދަވާއިރު ރާއްޖޭގެ އެންމެ އުތުރުން ދެކުނުން ކަނޑުއަޑިން ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ އެންއީސީ ކުންފުންޏާ އެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި މިމަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިދުމަތް ދެވެން ފެށޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355