twitterviber whatsapp telegramfacebookyoutube instagram
19th September 2019

ދިރާގު ޕަބްލިކް ކުންފުންޏަކަށްވެ ދިވެހި ރައްޔިތުންނާ ގާތަށް

Oct 6, 2011

.

ބަދުރުއްދީން ޙަސަން

ދިރާގަކީ ދިވެހިރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު އިތުބާރުކުރާ ކުންފުންޏެވެ. މުވާސަލާތީ ދާއިރާ އަދި ޓެކްނޮލޮޖީ ދުނިޔޭގައި ކުރިއަރައިގެން ދާދިއުމާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތް ކޮށް، ދިވެހިންނަށްވެސް އެތަރައްގީ ހޯދައިދިނުމުގެ ބުރަ މަސައްކަތް ދިރާގުން ދަނީ ކުރަމުންނެވެ. ދުނިޔޭގެ ބާޒާރުގައި ލިބެމުންދާ އެންމެ ފަހުގެ ޚިދުމަތްތައް، ރާއްޖެއިން ބޭރުގެ މީހުންނެކޭ އެއްފަދައިން ރާއްޖޭގެ ރައްޔިތުންނަށްވެސް އެއްވަގުތެއްގައި ލިބޭނެގޮތްތައް ދިރާގުން ދަނީ ތަޢާރަފް ކުރަމުންނެވެ. އަދި ދިރާގު ވެފައިވަނީ އިޖްތިމާއީ ގޮތުން ތަފާތު ޒިންމާތައް ނެގުމުގައި އެހެން ކުންފުނިތަކަށް މިސާލަކަށެވެ.

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި 23 އަހަރު ވަންދެން ރާއްޖޭގެ ރައްޔިތުންނަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އައިސް، މިއަދު ދިރާގުން މިވަނީ މުޅިން އާ ހަރުފަތަކާއި ހަމައަށް ދަތުރުކޮށްފައެވެ. އިނގިރޭސި ވިލާތުގެ ކޭބަލްއެންޑް ވަޔަރލެސްގެ 52 އިންސައްތަ ހިއްސާއާއި ސަރުކާރު 48 އިންސައްތަ ހިއްސާ ހިމެނޭގޮތަށް މިހާރު އޮތް ކުންފުނިން ދާދިފަހުން ވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އާއްމު ރައްޔިތުންނަށް ހިއްސާ ވިއްކުމަށް ނިންމާފައެވެ. މިގޮތުން އެކުންފުނީގައި ހިމެނޭ ސަރުކާރުގެ 48 އިންސައްތަ ހިއްސާގެ ތެރެއިން އެއްބައި ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށުމުން ރައްޔިތުންނަށް ދިރާގުގައި 15 އިންސައްތަ ހިއްސާ ވެވޭނެއެވެ.

މިމަހުގެ 25 އިން ފެށިގެން ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ދިރާގުގެ ހިއްސާ ގަތުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ދިރާގުގެ ހިއްސާ ގަނެވިއްކަން ފެށޭނެއެވެ.

ދިރާގުން އާންމުންނަށް ވިއްކަން ހުޅުވާލައިފައިވާ ހިއްސާގެ މޫނު މަތީ އަގަކީ 2.50 ރުފިޔާއެވެ. އަދި ޕްރިމިއަމްއަށް 77.50 ރުފިޔާ އާއެކު ދިރާގުގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ 80 ރުފިޔާއަށެވެ.

ދިރާގު ޕަބްލިކް ކުންފުންޏަކަށް ހަދައި ހިއްސާ އާއްމުކޮށް ވިއްކަން ހުޅުވާލިއިރު އެކުންފުނީގެ މާލީ ހިސާބުތައްވެސް ވަނީ އާއްމުކޮށްފައެވެ. އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާޗްމަހުގެ ނިޔަލަށް އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 968 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ހިއްސާއަކަށް 50.97 ރުފިޔާ ޖެހޭ މިންވަރެކެވެ. މިދިއަ އަހަރަށް ބަލާއިރު ދިރާގަށް ފައިދާ ވެފައިވަނީ 775 މިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރު އެކުންފުނިން ހިއްސާއަކަށް ޖެހިފައި ވަނީ 40.78ރ. އެވެ. އަދި 2009 ވަނަ އަހަރު ފައިދާގެ ގޮތުގައި 830 މިލިޔަން ރުފިޔާ ލިބުނެވެ. އެ އަހަރު ހިއްސާއަކަށް ޖެހިފައިވަނީ 43.71ރ. އެވެ.

ދިރާގުގެ ހިއްސާ އާއްމުންނަށް ހުޅުވާލުމުން ކޭބަލް އެންޑްވަޔަރލެސް އާއި ސަރުކާރު ގެ އިތުރުން އާއްމުން ތަމްސީލު ކުރާ ޑިރެކްޓަރެއް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނެއެވެ.

ދިރާގުގެ މަސައްކަތްތައް ފުޅާވެގެން ދާއިރު ހިދުމަތްތައް ފުޅާކުރުމަށްވެސް ދިރާގުން ދަނީ ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. މިގޮތުން ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލްއަކުން ގުޅާލުުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ދިރާގުގެ އޮޕަރޭޝަން ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރިއިރު، ދިރާގުގެ ޑައިރެކްޓްރީ އެސިސްޓެންޓްގެ ޚިދުމަތްދޭ ސެންޓަރު ގާއިމު ކުރެވިފައިވަނީ ކުޅުދުއްފުށީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355