twitterviber whatsapp telegramfacebookyoutube instagram
24th August 2019

ޒަމާނުއްސުރެ ނޮޅިވަރަމުގައި އޮންނަ އަވަށު ވާދަވެރިކަން

Dec 13, 2011

.

އަބްދުލް ވާހިދު ޙަސަން

ހދ. އަތޮޅުގައި ކުޅުދުއްފުއްޓާއި އެންމެ ކައިރީގައި އޮންނަ ރަށްތަކުގެ ތެރެއިން ނޮޅިވަރަމް އަކީ ދޯންޏެއްގައި ނަމަ ވިއްސަކަށް މިނެޓުން ދެވޭ ރަށެކެވެ. ސްކޫލު ދައުރުން ފެށިގެން ދަސްވެފައިވާ ރައްޓެހިންނާއި އެހެނިހެން ރަހްމަތްތެރިން ނޮޅިވަރަމްގައި އުޅޭތީ ދޭތެރެ ދޭތެރެއިން ނޮޅިވަރަމަށް ގޮސްލައިއުޅެމެވެ. ރަށަށް އަރާ އުޅޭ ބީރައްޓެހިންނަށް ނޮޅިވަރަމުގެ މީހުން ބަހައްޓާ މެހެމާންދާރީ އަކީ ފާހަގަ ކޮށްނުލައި ނުވާނެ ކަމެކެވެ. އެރަށުގެ މީހުންނަކީ ބީރައްޓެހިންނާ ވަރަށް ރައްޓެހި ބައެކެވެ. އަދި ބީރައްޓެހިންނާއި މެދު އެމީހުން ބާއްވަނީ އެއްބަނޑު އެއްބަފައި ކަހަލަ ގުޅުމެކެވެ. ނަމަވެސް އެފަދަ ރަހްމަތްތެރި ބައެއް އުޅޭ ރަށެއްގައި ޒަމާނުއްސުރެ ފާހަގަ ކުރެވޭ އެހެން ބީރައްޓެހި ކަމެއް އޮވެއެވެ. އެއީ އެރަށުގައި އޮންނަ ދެއަވަށު މީހުންގެ ބީރައްޓެހި ކަމެވެ.

ދެހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމުގައި އޮންނަނީ އެމްޑީޕީއާއި ޕީޕީއެމްގެ ވާދަވެރިކަމެއް ނޫނެވެ. އެރަށުގައި އޮންނަނީ ދެއަވަށުގެ ދެމެދުގައި އޮންނަ ވާދަވެރިކަމެވެ. އެވާދަވެރިކަމެއްގެ ސަބަބުން ރަށަށް މަންފާތަކެއް ލިބުމަށްވުރެ، އެވާދަވެރިކަން ބެލެވިފައި އޮތީ ރަށުގެ ކުރިއެރުމަށް އެޅޭ ހުރަހެއްގެ ގޮތުގައެވެ. މިކަން އެރަށުގެ ރައްޔިތުންވެސް ގަބޫލު ކުރެއެވެ.

އާމްދަނީ ހޯދުމަށް މައިގަނޑު މަސައްކަތެއްގެ ގޮތުން ދަނޑުވެރިކަން ކުރާ ނޮޅިވަރަމުގެ އަވަށު ވާދަވެރިކަމުގެ ސަބަބުން އެއް އަވަށުގެ މީހުން އަނެއް އަވަށުގެ މީހުންނާއި ކައިވެނި ނުކުރުމުގެ ކަންތައްވެސް ވަރަށް ފަހަކާ ޖެހެންދެން އޮތެވެ. އަދި ރަށުން ގެވަޅު ހޯދުމުގައިވެސް އެމީހަކު ނިސްބަތްވާ އަވަށުން ނޫންގޮތަކަށް ގެވަޅު ގަބޫލު ނުކުރުންވެސް އޮވެއެވެ. ތާރީހަށް ބަލާލާއިރު އަވަށު ވާދަވެރިކަން ބައެއް ދުވަސްތަކުގައި ވަރަށް ގޯސްވެގެން ގޮސްފައިވާ ކަމަށް އެރަށުގެ ހަރުމީހުން ބުނެއެވެ. އެގޮތުން އެކަމުގައި އެތައް ބަޔަކަށް އަނިޔާވެ، ބައެއްމީހުންގެ ފުރާނަވެސް ގޮސްފައިވާކަމަށް ވެއެވެ.

“މިރަށުގައި ދެއަވަށުގެ ދެމެދުގައި ވާދަވެރިކަން ނޯންނަ އިރެއް ހަނދާނެއް ނުވޭ. އަބަދުވެސް އޮވޭ މި ވާދަވެރިކަމާއި އެކަމުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް.” ނޮޅިވަރަމުގައި މުޅި އުމުރު ހޭދަކޮށްފައިވާ އެރަށުގެ 63 އަހަރުގެ ބޭބެއެއް ކިޔައިދިނެވެ.

ނޮޅިވަރަމުގައި އަވަށު ވާދަވެރިކަން އުފެދިގެން އައިސްފައިވަނީ ކިހިނެތްތޯ ބެލުމަށް ރަށުގެ ދެއަވަށުގެވެސް ހަރު މީހުންނާ ބައްދަލުކޮށްލާ ވާހަކަ ދައްކާލާ ހެދީމެވެ. ދެފަރާތުގެ ވެސް ވާހަކަ ތަކުންވެސް އެނގުނު ގޮތުން އަވަށު ވާދަވެރިކަން އުފެދިފައިވަނީ ކުރީގައި ކަތީބުން އައްޔަންކޮށްފައި ހުރި ގޮތުންނާއި އެކަތީބުން ގެންގުޅެފައިވާ ސިޔާސަތު ތަކުންނެވެ. އަދި މިއީ މިކަމުގެ އަސްލު ކަމުގައި ދެއަވަށުގެ މީހުންވެސް ގަބޫލު ކުރެއެވެ. ކަތީބުންނަށް ތިބޭ މީހުން ރަށުގެ ރައްޔިތުން އެއްބައިވަންތަކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ރައްޔިތުން ބައިބައި ވާނެހެން ކަންތައްތައް ކޮށްފައިވާކަމަށް ވެއެވެ.

މިގޮތުން ކަތީބަކަށް ހުންނަ މީހެއް ނިސްބަތްވާ އަވަށުގެ މީހުންނަށް ސަރުކާރުގެ އިދާރާތަކުން ވަޒީފާ ދިނުމަކީ އޭރު ނޮޅިވަރަމުގައި ވަރަށް އާއްމު ކަމެކެވެ. އަދި އަނެއް އަވަށުގެ މީހުން ދެރަކޮށްލުމުގެ ސިޔާސަތުތަކެއް ވެސް ބައެއް ކަތީބުން ގެންގުޅެފައި ވާކަމަށް މީހުން ބުނެއެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ގަބޫލު ކުރަށްވާ ގޮތުން އަވަށު ވާދަވެރިކަމަކީ ރަށުގެ ތަރައްގީއަށް ހުރަސް އެޅިގެންދާ ކަންކަމެވެ.

“މި އޮންނަ ވާދަވެރިކަމުގެ ސަބަބުން ރަށުގެ ތަރައްގީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. ތަރައްގީއަށް ހުރަސް އެޅޭނެ.” ނޮޅިވަރަމް ކައުންސިލްގެ ރައީސް ކުޅުދުއްފުށީ އޮންލައިންއަށް ކިޔައިދިނެވެ. އަދި ކައުންސިލްގެ ރައީސް މިސާލެއްގެ ގޮތުން ގެވަޅު ދޫކުރުމުގެ މަސައްކަތައް އިޝާރާތްކޮށް ވާހަކަ ދެއްކެވިއެވެ.

ނޮޅިވަރަމުގައި އަވަށު ވާދަވެރިކަން ޒަމާނުއްސުރެ އޮތް ކަމުގައި ވިޔަސް، މިހާރު އެވާދަވެރިކަން ނެތެމުން އަންނަކަން ރަށުގެ ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ. ހާއްސަކޮށް ރަށުގެ ޒުވާނުންގެ މެދުގައި އެފަދަ ރޫހެއް ނޯންނަކަމަށް ގިނަ ޒުވާނުން ބުނެއެވެ.

އަވަށު ވާދައިގެ ސަބަބުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް ތަފާތު ހަމަނުޖެހުންތައް ހިނގާފައި ވެއެވެ. ހަމަ އެހެންމެ އަވަށު ވާދަވެރިކަމާއެކު ބައެއް ރަށްރަށަށް ކުރިއެރުންތަކާއި ތަރައްގީ ވެސް ގެނެސްފައި ވާކަން ފާހަގަ ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ހދ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ނޮޅިވަރަމުގައި އޮންނަ އަވަށު ވާދަވެރިކަން ނެތިގެން ދިއުމެވެ. އަދި އެވާދަވެރިން އޮތަސް، އެއީ ރަށަށް ތަރައްގީ ގެނައުމަށް އޮންނަ ވާދަވެރިކަމަކަށް ހެދުމެވެ. އަދި ރަށަށް އަރާ ބީރައްޓެހިންނަށް ބާއްވާ ރައްޓެހިކަން ހަމަ ރަށުގެ ދެއަވަށުގެ މެދުގައި ވެސް ބޭއްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355