twitterviber whatsapp telegramfacebookyoutube instagram
20th October 2019

ދޮންބެގެ އުއްމީދު: މިފަހަރު މިއީ ބޮޑު ތިލަދުންމަތީގެ ފަހަރަކަށް ހެދުން

Dec 20, 2011

.

އަލީ އާދަމް

1975 ވަނަ އަހަރުގެ މާރޗް މަހުގެ 3 ވީ ހޯމަދުވަހު ހދ.ކުޅުދުއްފުށީ  އަތަމާގެއަށް އުފަން އަބްދުލް ރަޝީދު އިބްރާހިމް(ދޮނޭ، ދޮންބެ) އަކީ މިއުޒިކާ ލަވައަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ ވެސް އެކުވެރިއެކެވެ. އެންމެންގެ އެކުވެރި، އަދި މިދުވަސްކޮޅު އެންމެންގެ ދޫތަކުގައި ވާ އެއް ނަމަކީވެސް ދޮންބެގެ ނަމެެވެ. އެހެންކަމުން ދޮންބެގެ ހަޔާތާއި ގުޅޭގޮތުން އޭނާ ހިއްސާކުރި ބައެއް މަޢުލޫމާތުތައް، ދޮންބެގެ ލަވަތަކަށް ލޯބިކުރާ ތިޔަ ކިއުން ތެރިންނަށް ގެނެސްދެމެވެ.

ދޮންބެއަކީ ހދ.ކުޅުދުއްފުށީ އަތަމާގޭ އައިޝަތު ހަސަން (ވަށް ހަސަނު އައިސަ) އާއި އިބްރާހިމް އާދަމް (އައްބާސް އިބްރާހިމް) އަށް ލިބުނު އަށް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. މިދެމަފިރިންނަށް ޖުމްލަ އަށް ކުދިން ލިބުނު ނަމަވެސް އެއާއިލާގައި މިހާރު ދުނިޔޭގައި ތިބީ ދޮންބެ އާއިއެކު ހަތް މީހުންނެވެ. ދޮންބެ ބުނާގޮތުން އާއިލާގެ އެންމެ ހަގު މީހާކަމަށް ވުމުގެ ސަބަބުން އާއިލާގެ އެހެން ހުރިހާ މެމްބަރުން ވެސް އެންމެ ލޯބިވާ މީހަކީ ދޮންބެއެވެ.

އެންމެން ވެސް ޤަބޫލު ކުރާފަދައިން ދޮންބެއަކީ ވަރަށް ހާއްސަ ތަފާތު ސިފަތަކެއް ލިބިފައިވާ މީހެކެވެ. ދޮންބެގެ ހިތުގެ އަލިކަމެވެ. ދޮންބެގެ ހުންނަ ހިތްތެޔޮ މަޖާމިޒާޖެވެ. ބޮޑުތިލަދުންމަތީގެ ހާއްސަ އެއްސިފަ ކަމަށް ވާ އެންމެން ހެއްވާލާފަދަ ހާޒިރު ޖަވާބު ދިނުމަކީ، ދޮންބެގެ ހާއްސަ ސިފައެކެވެ. މީގެ އިތުރަށް ވެސް އެހެން އެންމެންނާ ދޮންބެ ތަފާތު ކުރުވާ އެންމެ ބޮޑު އެއް ކަމަކީ ދޮންބެގެ ލޮލުގެ ފެނުމެވެ.

ދޮންބެ ބުނާ ގޮތުން އޭނާގެ އުމުރުން ތޭރަ ވަރަކަށް އަހަރު ފުރެންދެން އޭނަގެ ވައަތު ލޮލަށް ބަރާބަރަށް ފެނެއެވެ. އަދި ދޮންބެ އުފެދުމުގައި ވެސް ނުފެންނަ ކަނައަތު ލޮލަށް ފަރުވާކުރުމަށް ދޮންބެގެ މައިން ބަފައިން އެތަށް މަސައްކަތް ތަކެއް ކުރިއެވެ. އެގޮތުން އުމުރުން ނުވަ އަހަރުގައި ސްރީލަންކާއަށް ފުރަތަމަ ދަތުރު ކުރެވުނުކަމަށް ދޮންބެ ބުންޏެވެ. ނަމަވެސް އެދަތުރުން ވެސް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިގޮތުން ލޮލަށް ފަރުވާކުރުމަށް ކުރެވުނު އެކިއެކި މަސައްކަތް ތަކުގެ ތެރެއިން، ކުރީގެ ސެންޓްރަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ގެ އިރުޝާދާއި އެކު ބޭނުން ކުރެވުނު ބޭހެއްގެ ސަބަބުން ދޮންބެގެ ދެލޮލުގެ ފެނުން ވެސް އުމުރަށް ގެއްލިގެން ދިޔައެވެ. ކުރިއެރުމެއް ނުލިބުނު ނަމަވެސް އޭގެ ފަހުންވެސް ފަރުވާއަށް އެކި އެކި ކަންކަން ކުރެވުނެވެ.

ދޮންބެ ބުނާގޮތުން އޭނާ ލަވަކިއުމާއި މިއުޒިކަށް ޝައުޤުވެރި ވީ އުމުރުން ހައަހަރުން ފެށިގެންނެވެ. ސަބަބަކަށް ވީ ދޮންބެގެ ކުޑައްތަ( ދޮންބެގެ ދޮއްޓަށް އެއާއިލާގައި ހުރި މެމްބަރު) ދޮންބެ ނިންދެވުމަށް ކިޔާދޭ ލަވަތަކެވެ. ދޮންބެ މަޢުލޫމާތު ދިންގޮތުގައި ކުޑައްތަ އަކީ އެދުވަސްވަރު ރަށުގައި ބަނޑިޔާޖެހުމުގައި ހަރަކާތްތެރިވި ފަރާތެކެވެ. އެދުވަސް ވަރުން ފެށިގެން ޝަޢުޤުވެރިކަން އުފެދުން ލަވައާއި މިއުޒިކުގެ ދާއިރާ ފިޔަވާ ދޮންބެ އެންމެ ކުރާހިތްވާ ކަމަކީ އިމާމުވެ ނަމާދު ކުރުމާއި މީހުން ވަޅުލުން ކަމަށް ދޮންބެ ބުނެއެވެ. އެގޮތުން އުމުރުން 18 އަހަރުގައި ލަންކާއަށް ކުރި ދެވަނަ ދަތުރުގައި ލަންކާގައި ހުރި ރާއްޖޭގެ އެމްބަސީގެ ތެރޭ، އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް ވަޒީރުން ގެ ކުރިފުޅުމަތީ އިމާމުވެ ޢަސުރު ނަމާދު ކުރިކަން ދޮންބެ ފާހަގަ ކުރަނީ ފަހުރުވެރިކަމާއި އެކުއެވެ. ދޮންބެވަނީ ޤުރުއާނުންވެސް ބޮޑުބައެއް ހިތު ދަސްކޮށްފައި އެވެ.

ދޮންބެ ޤަބޫލުކުރާ ގޮތުގައި ލަވަަ އާއި މިއުޒިކުގެ ދާއިރާއިން ދޮންބެއަށް ލިބުނު އެންމެބޮޑު ކާމިއާބީއަކީ މާޕާއިން އިންތިޒާމު ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ލަވަ މުބާރާތަކުން އެއްވަނަ ލިބުމެވެ. މީގެ އިތުރަށް ވެސް ނައިފަރު ދޮހޮއްކޮ އެވޯޑުގެ ނަމުގައި ބޭއްވި ލަވަމުބާރާތެއްގައި ވެސް ދޮންބެ ވަނީ ލަވަކިޔާފައެވެ. ނަމަވެސް ދޮންބެއަށް މިދާއިރާއިން ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ދޮންބެ ޤަބޫލު ކުރަނީ މިހާރު އެމްއެންބީސީން ކުރިއަށް ގެންދާ ހެއަރ ކެއަރ ވޮއިސް އޮފް މޯލްޑިވްސް އެވެ. ލަވަކިއުމުގެ ރޮނގުން މިހާތަނަށް ދޮންބެއަށް ނޭނގިވާ އެތަކެއް ޢިލްމެއް އެޝޯގެ ތެރެއިން ދޮންބެގެ ކޯޗު ހުސެއިން އަލީގެ ފަރާތުން ލިބިގެން ހިނގައްޖެކަމަށް  ދޮންބެ ބުނެއެވެ. ދޮންބެ ޤަބޫލުކުރާ ގޮތުގައި ލަވަކިއުން އުނގަންނައި ދިނުމަށް ހުސެން އަލީ ފަދަ ދެވަނަ މީހަކު ރާއްޖޭގައި އަދި ނެތެވެ. މީގެ އިތުރުން މިދާއިރާއިން ދޮންބެ އެންމެ ފާހަގަ ކުރާ ނަންތަކަކީ ދޮންބެގެ ކީބޯޑު ޓީޗަރުންކަމަށް ވާ އަސްލަމް ސަރ އާއި އިމާދު ސަރ އެވެ.

އަމިއްލައަށް އިންސްޓްރޫމެންޓެއް ކުޅެމުން ލަވަކިއުމީ ހުރިހާ ހިއްސު ސަލާމަތުން ހުންނަ މީހަކަށް ވެސް ގިނަފަހަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ލޮލުގެ ފެނުމުގެ ނަސީބު ލިބިފައި ނެތް ދޮންބެގެ ކުޅަދާނަކަމާއިމެދު، ދޮންބެ އަމިއްލައަށް ކީބޯޑުކުޅުމަށް ފަހު ހުށައަޅާދީފައިވާ ލަވަތައް ދެކިފައި ތިބި ތިލަދުންމަތީގެ އެއްވެސް ރައްޔިތަކު ގައިމުވެސް ޝައްކެއް ނުކުރާނެއެވެ. ދޮންބެގެ އުފަންރަށް ކުޅުދުއްފުށީގައި މިހާތަނަށް އުފެދުނު އެއްވެސް މިއުޒިކު ބޭންޑެއް ދޮންބެގެ ހިދުމަތާއިނުލާ ކުރިއަށް ގޮސްފައި ނުވާކަން ފާހަގަ ކޮއްލެވެއެވެ.

ފުރަތަމަ ދަރިއަކު ލިބުނު ދުވަހަކީ އެއްމެ އުފާވި ދުވަސް ކަމަށާއި ބައްޕަ ނިޔާވި ދުވަހަކީ އެއްމެ ދެރަވި ދުވަސް ކަމަށް ބުނާ ދޮންބެ މުޅި މި ބޮޑު ތިލަދުންމަތި ފަހުރުވެރި ވާފަދަ ވަނައަކާއި އެކު ކުޅުދުއްފުއްޓަށް އެނބުރި އައުމުގެ އަޒުމުގައި ހުރި އިރު އެކަމަށް ދޮންބެ އަންނަނީ އޭނާގެ ކޯޗާއިއެކު އެންމެ ފަހުގެ ތައްޔާރީތައް ވަމުން ނެވެ. އަދި ޝޯ ނިމުނުކަމަށް ވީނަމަވެސް ދޮންބެގެ އަޑު ދޮންބެގެ ހުރިހާ ސަޕޯޓަރުންނަށް އިވި އިވި ހުންނާނެ ކަމުގެ ޔަޤީންކަން ދޮންބެ ދެއެވެ.

އެންމެ ފަހު ބަހަކަށްވެސް ހެއަރ ކެއަރ ވޮއިސް އޮފް މޯލްޑިވްސް ގެ އެންމެ މޮޅު ދެ ބައިވެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ދޮންބެއަށް ހޯދައިދިން ދޮންބެގެ ސަޕޯޓަރުންނަށް ދޮންބެ ހިތުގެ އަޑިން ޝުކުރު ދެންނެވި އެވެ. ދޮންބެގެ ބަހުން ނަމަ “މިފަހަރަކީ މިއީ ބޮޑު ތިލަދުންމަތީގެ” ފަހަރެކެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355