twitterviber whatsapp telegramfacebookyoutube instagram
24th August 2019

ވެރިކަން ކުރަން ޖެހޭނީ ޤާނޫނެވެ. ސިފައިންނެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާއެއްވެސް ނޫނެވެ.

Jan 22, 2012

.

އެޑިޓަރުގެ ނޯޓް: މިއީ މިނޫހުގެ ކިޔުންތެރިއެއް ފާޅުކޮށްފައިވާ ޚިޔާލުތަކެކެވެ.

ޝަރަފުއްދީން

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެއް އެބަހުއްޓެވެ. ދިވެހިރާއްޖޭގައި ފަނޑިޔާރުގެއަކާއި، ރައްޔިތުންގެ މަޖިލީހެއް (ޕާލިމަންޓެއް) އެބަހުއްޓެވެ. އެތަންތަނުގެ މަސައްކަތަކީ ކޮބައިކަން ވަކިވަކިން ޤާނޫނުގައި ބަޔާންކޮށްފައި އެބަހުއްޓެވެ. އެތަނުން އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަވެރި ވެވޭނިޒާމެއް ޤާއިމުކޮށްފައި އެބަހުއްޓެވެ. [1] މިހުރިހާ ބާރުތަކަކަށް އެތަންތަނުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ފޯރުކޮށްދެނީ ޤާނޫނު އަސާސީއިންނެވެ.

ވެރިކަމަށް ކުރިމަތިލެވެނީ ޤާނޫނުގައި ބުނާ ޝަރުޠު ހަމަވާ، ޝަރުޠާއިމެދު ސުވާލު އުފެދިއްޖެނަމަ ސްޕްރީމް ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅައިގެންނެވެ. [2] އެކަންވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބުވާންޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ޤާނޫނުގައި ވާގޮތުގެމަތިންނެވެ. ރައީސުލް ޖުމްހޫރިއްޔާ ކުރާ ހުވައަކީ ޤާނޫނު އަސާސީގެ ޖަދުވަލުގައިވާ ހުވައެވެ. އެހުވާގައިވާ “ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް މާތްﷲ ގަންދީ ހުވާ” މިޢިބާރާތް ކިޔައި ހުވައި ކުރީ ޓީވީގައި އަޅުގަނޑުމެންގެ ކުރިމަތީގައެވެ. ވެރިކަމަށް ކުރިމަތިލެވެނީވެސް، އިންތިޚާބުވަނީވެސް، އަދި ހުވާކުރެވެނީވެސް ޤާނޫނު އަސާސީއާއި ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

ދެން އޮތީ ވެރިކަން ކުރުމެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތާއި ސަރުކާރުގެ އެންމެ މަތީވެރިޔާއެވެ.[3] މިރާއްޖޭގެ ޤާނޫނު ހެދިފައިވަނީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭގޮތަށެވެ. ސަރުކާރު ހިންގާނީ ރައީސުލް ޖުމްހޫރިއްޔާކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. ނަމަވެސް ދައުލަތް ހިންގުމުގެ ބާރަކީ ވަކިބާރެއްނޫނެވެ. އެގޮތަށް ބަޔަކުދެކޭނަމަ އެއީ ކުންހީއެކެވެ. މިތިންބާރާއި، މުޅި އެންމެހައި އިތުރުކަންކަމާއެކު ދައުލަތެކޭ ބުނެވިދާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ކަމަށް ބުނާ ވިރާސީ ބާރު

ޢަދުލު އިންޞާފު ޤާއިމްކުރުމުގެއެންމެ މަތީ ފަރާތަކީ ސްޕްރީމް ކޯޓެވެ. އެކޯޓުގެ މައްޗަށް ބަސްބުނާނެ ފަރާތެއް މިޤައުމުގައި ނުހުންނާނެއެވެ. އެއީ ސިފައިންކަމަށް ވިޔަސް ދެރަ ނިކަމެތި ރައްޔިތެއްކަމުގައިވިޔަސްމެއެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށްވިޔަސް މަޖިލީހުގެ މެންބަރަކަށް ވިޔަސްމެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް އެއްވެސް ވިރާސީ ބާރެއް ލިބިގެނެއް ނުވެއެވެ. ސަރުކާރު ހިންގުމުގެ ކަންކަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ. ސަރުކާރު ހިންގުމުގެ ނަމުގައި ވަކިބަޔަކަށް ފައިސާގަނޑެއް ނުދެވޭނެއެވެ. ދައުލަތުގެ ފައިސާ ޚަރަދުކުރާނެގޮތް ޤާނޫނުގައި ބުނެފައިވެއެވެ. އެހެންކަމާއެކު، ރައީސުލް ޖުމްހޫރިއްޔާ އޭނާގެ މަސްޢޫލިއްޔަތު އަދާކުރާނީ ޤާނޫނު އަސާސީއާއި، ޤާނޫނު ގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

ރައީސުލް ޖުމްހޫރިއްޔާއަަށް ޤާނޫނުގައި ލިބިދީފައިވާ ބާރުތައް

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުތައް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެނޫން އެއްވެސް ބާރެއް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެނެއް ނުވެއެވެ. 115 ގެ (ހ) އާއި (ނ) (ޓ) އަށް ބައްލަވާށެެވެ. ޤާނޫނަށް ބޯލަބާކަން ކަށަވަރުކުރުމާއި، ޤާނޫނުގެވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮަށް، އަދި ސަލާމަތީ ޚިދްމަތްތައް މިޤާނޫނު އަސާސީގެ ދަށުން ތަބާވަންޖެހޭ އުޞޫލުތަކަށް ތަބާވާކަން ކަށަވަރުކުރަންޖެހެއެވެ. ޤާނޫނު އަސާސީއިން ނުލިބޭ ބާރެއް ބޭނުންކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފުވުމެވެ. އެއީ ކުށެކެވެ. އެއީ އަދަބު ކަނޑައަޅާފައިވާކުށެކެވެ.

ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން ފަނޑިޔާރަކު ހައްޔަރުކުރެވިދާނެތަ؟

ފަނޑިޔާރުންނަކީވެސް ހައްޔަރުކުރެވިދާނެބައެކެވެ. އެމީހުންނަކީވެސް ކުށްކޮށްފާނެބައެކެވެ. ބައެއްމީހުން ކޮށްފައިވެސް އެބަހުއްޓެވެ. ހައްޔަރުކޮށްގެން ތަޙްޤީޤުކޮށް، އަދަބު ކަނޑައަޅާފައިވެސް އެބަހުއްޓެވެ. އޭގެތެރޭގައި މިސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ޤާނޫނީ ހައިޞިއްޔަތާމެދު ނިޔާކަނޑައެޅި ފަަނޑިޔާރުވެސް ހިމެނެއެވެ. އެކަމަކު އެފަނޑިޔާރުގެ ޙައްޤުގައި ހަމައެކަކުވެސް ބަސްބުނެނުއުޅެވެ.

ރައީސުލް ޖުމްހޫރިއްޔާއަކީ ފުލުހުންގެ އެންމެ މަތީ ވެރިޔާއެއްނޫނެވެ. އެހެނަމަވެސް ހޯމް މިނިސްޓަރު އައްޔަންކުރަނީ ރައީސްކަމަށްވެފައި، އަދި އިސްމަޤާމުތައް (ފުލުހުންގެ) ފުރަނީ ރައީސް އައްޔަންކުރާ މީހުންކަމަށްވާތީ ރައީސްގެ ބާރު ފުލުސް އޮފީހުގައި ވާނެކަމަށް ބެލެވެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ފަނޑިޔާރު ހައްޔަރުކުރީ ސިފައިންނެވެ. ގެންދިޔަތަނެއް އާއިލާއަށް އެންގީވެސް އެތައް ގަޑިއިރެއް ފަހުންނެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ ޙައްޤުތައް (ހައްޔަރުކުރާމީހަކަށް ލިބިދޭންޖެހޭ) އޭނާއަށް ލިބިދީފައެއްނުވެއެވެ. އެހެންކަމުން އެއީ ހައްޔަރެއްކަމަށް ނުބެލެވެއެވެ. ޣައިރު ޤާނޫނީ ހައްޔަރާއި، ޤާނޫނީ ހައްޔަރުވެއެވެ. އެކަމަކު އެދޭއްޗަށް ނުފެތޭ އެތައް ބަންދުކުރުންތައް ވެސް ހުންނާނެއެވެ. “އެބަޑަކްޝަން” ކިޔަސް އެކަން ކުރިމީހުން އެނގުނީމާ ހައްޔަރުކުރެވެއެވެ. އެހެންވީމާ އެބްޑަކްޝަން ނުކިޔޭނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ: އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢުލާނުގައިވާ މާއްދާތަކާއި، އަދި ހަމައެހެންމެ ދުނިޔަވީ އެކި އެކި ޢިލްމުތަކާއި، ހޭޖެހޭ މީހުން ދައްކާ ވާހަކަތަކަށް ބެލިކަމުގައިވިޔަސް އެއްވެސް މީހެއްގެ ޙައްޤުތައް އެގޮތަށް ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.

ފަނޑިޔާރަކު ހައްޔަރުކުރެވޭނީ ދެގޮތަކަށެވެ. އެއީ އެހެންމީހުންވެސް ހައްޔަރުކުރާ ބީދައިންނެވެ. ހަމައެކަނި ހުރި ތަފާތު މިދަންނަވަނީއެވެ. މީހަކު ކުށެއްކުރަނިކޮށް ކުށުގެ ވެށިން ހައްޔަރުކުރެވިދާނެއެވެ. ނުވަތަ ކުށުގެ ވެށިން ނޫންގޮތަކަށް ހެކި ހުރެގެން ކޯޓު އަމުރަކަށް ހައްޔަރުކުރެވިދާނެއެވެ. ތަފާތުވާގޮތަކީ ފަނޑިޔާރެއްނަމަ ކޯޓު އަމުރު ހޯދަންޖެހޭނީ ޖިނާއީ ކޯޓުންނެއްނޫނެވެ. ހޯދަންޖެހޭނީ ހައިކޯޓުން ނުވަަތަ ސުޕްރީމް ކޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތެވެ. ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާގޮތެވެ. ހައްޔަރުކޮށް ތަޙްޤީޤުކުރުމުގެ ބާރުލިބިގެންވަނީ ފުލުހުންނަށެވެ. ސިފައިންނަކަށް އެބާރު ލިބިދީފައެއް ނުވެއެވެ.

ޤާނޫނު އަސާސީގެ 239 ވަަނަ މާއްދާ ބައްލަވާށެވެ. ސަލާމަތީ ބާރުތައް މަސައްކަތްކުރަންވާނީ އަދި އެތަންތަނުން ހިންގާ ހުރިހާކަމެއް ހިންގަންވާނީ ޤާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތްވާގޮތުގެމަތިން “ޖަވާބުދާރީ”ވަނިވި ގޮތަކަށެވެ. މިމާއްދާގައިވާގޮތުގެ މަތިން ޢަމަލުކުރާކަން ރައީސުލް ޖުމްހޫރިއްޔާ ކަށަވަރު ކުރަންވާނެކަމަށް ބުނެއެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ މައިގަނޑު ތަރުޖަމާއަކީ ކޮބައިތަ؟

ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ފުރިހަމަ ތަރުޖަމާއަކީ ޤާނޫނަށްވުރެ ކުރިއަރައި އެކަކަށްވެސް ނުދެވުމެވެ. ސިފައިން ބަޑިގެންގުޅެނީ ޤާނޫނުން އެކަން އެފަރާތްތަކަށް ހުއްދަވީމައެވެ. ހަތިޔާރެއްގެ ގޮތުގައި އެއްވެސް އެއްޗެއް ބޭނުންކުރުން ޢާންމުންނަށް މަނާވަނީ ޤާނޫނުން އެކަން މަނާކުރީމައެވެ. އެހެންކަމުން އަބަދުވެސް މިރުޖޫޢަވަނީ ޤާނޫނަށެވެ.

ޤާނޫނީ އެންމެ އިސް މަބްދަޢަކީ “ރޫލް އޮފް ލޯ” ނުވަތަ “ޤާނޫނުގެ ވެރިކަމެވެ”. ދަންނައެވެ. ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކު ހުރެއްޖެނަމަ އެމީހަކަށް މަނާވާނީ ކޮންކަމެއް ހެއްޔެވެ؟ ޤާނޫނު ބުނަނީ ވައްކަން ކުރުމަކީ މަނާކަމެއްކަމަށެވެ. އެކަމަކު ވައްކަން ކުރިކަން އެނގި، އަމިއްލަޔަށް އެއްބަސްވިޔަސް އަދަބު ނުދެވޭމީހާ އެހުރީ ޤާނޫނަށްވުރެ ކުރީގައެވެ. އޭނާބުނާގޮތަށް ޤާނޫނު ޖެހޭނީ ބަދަލުވާށެވެ. އޭނަ ވައްކަންކުރިޔަސް އަދަބު ދޭންނުޖެހޭނެކަމަށް ޤަބޫލުކުރާތީ، ޤާނޫނުން އެމީހާއަށް އަދަބު ނުދެވޭނެއެވެ.

ސިފައިންގެ މީހާ ޤާނޫނާއި ޚިލާފުވީމާ ކަނޑައަޅާނެ އަދަބު ބަޔާންކޮށްފައި އެބަވެއެވެ. އަދި ރައީސަކީވެސް ކުށުން ބަރީޢަވެގެން ވާމީހެއްކަމަށް ޤާނޫނު އަސާސީ ބަލައިނުގަނެއެވެ. އެއެންމެންގެ މައްޗަށް ކަނޑައަޅާނެ އަދަބު އެބައޮތެވެ. އެކަމަކު އެކަންވާނީ ޤާނޫނު ވެރިކަން ކުރާނަމެވެ. ނުވަތަ ޤާނޫނު އަސާސީ ވެރިކަން ކުރާނަމައެވެ. ނުވަތަ ޤާނޫނު އަސާސީއާއި ޤާނޫތަކާއެއްގޮތަށް ވެރިކަން ކުރާނަމައެވެ.

ނިންމާލުމުގެކުރިން މިސާލެއް ދަންނަވާނަމެވެ. މިއަދު ތިބާ މިލިޔުން ކިޔަން ހުއްޓައި، ކިޑްނެޕް ކޮށްގެން ގެންދެވިދާނެއެވެ. އަދި ދޫކޮށްލާނީ ވަކި ޢަދަދަކަށް ފައިސާ ދިނުމުންކަމަށް ބުނެވިދާނެއެވެ. ނުވަތަ ވަކި ކަމެއް ކުރުމުން ކަމަށް ބުނެވިދާނެއެވެ. އެހެން އުޅެނިކޮށް ތިބާ އެޖަރީމާ ހިންގިފަރާތްތަކުގެ ކިބައިން މިނިވަން ވެއްޖެއެވެ. ހައްޔަރުކުރިއިރު ތިބާގެ އެއްވެސް ކުށެއް ނެތެވެ. ދޫކޮށްލީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައެވެ. ތިބާ ބަންދުކުރިމީހުންނަށް އަދަބު ނުދެވޭނަމަ ތިބާއަށް އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ ތިބާ އެގޮތަށް ގެންދެވޭނަމަ ޤާނޫނު އަސާސީގައި ބުނެފައިވާ ޙައްޤުތައް ލިބޭނެކަމަށް ބުނެފައިވާ ބުނުން އެއީ ޢަމަލުކުރެވޭ ބުނުމަކަށްވާނެ ހެއްޔެވެ. އެގޮތަށް ބަަންދުކުރުމުން އަދަބު ނުލިބި، ހައްޔަރު ނުވެ، ދަޢުވާއެއްވެސް ނުކުރެވި ތިބުމަކީ ޑިމޮކްރަސީ ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ އެއީ ޙައްޤުކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

ފަހުބަހަކަށް ބުނެލާނަމެވެ. ބާރަކީ ޙައްޤުބާރެކެވެ. ގޮއްމުށުގެ ބާރަކީ ވާރުތަވާ ބާރެއްނޫނެވެ. އަދި އެއީ އެއިން ބާރެއް އުފަންކުރެވޭނެ ބާރެއްނޫނެވެ. އަދި އެއީ ދެމި އޮންނަ ބާރެއްވެސް ނޫނެވެ. އެބާރު ނެތިދާނެއެވެ. ޙައްޤު ބާރު ބާރުވެރިވާނެއެވެ. އެކަމު އެކަން ފުރިހަމަވާނީ ޙައްޤު ބާރު ވެރިކަން ކޮށްގެންނެވެ. އެއީ ޤާނޫނުގެ ވެރިކަމެވެ. ޤާނޫނުގެ ބާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355