twitterviber whatsapp telegramfacebookyoutube instagram
23rd January 2020

މުރާލި ދިވެހިން ހުސްވަނީބާ؟

Jan 29, 2012

.

ހުސްނާ އަބްދުﷲ

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މަސައްކަތްތެރި ރައްޔިތެއް އުޅެމުންދާ ތަނެކެވެ. އަމިއްލަ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ބުރަ މަސައްކަތް ކުރި ބައެއް އުޅުނު ތަނެކެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ އޮންނަ ތަނެއްކަން ދުނިޔެއަށް ނޭނގޭ ޒަމާނުގައިވެސް ދިވެހިން ދިރިއުޅުނީ ފުދިގެންނެވެ. އެއީ ކާބަފައިންގެ ޒަމާނެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ މުރާލި ބައެކެވެ. ހީވާގި ބައެކެވެ.

މިހެން މިދަންނަވަން ޖެހެނީ މިހާރުގެ ދިވެހިން ‘ކަންނެތް’ ވީމައެވެ. މިހެން ބުނަނީ އަޅުގަނޑެއް ނޫނެވެ. މިހެން ބުނަނީ ދުވަސްވީ މުސްކުޅިންނެވެ. އެމީހުން އެހެން ބުނަނީ ކީއްވެބާއެވެ.

އެހެން ބުނެވޭނެ ނޫންތޯއެވެ. ނިކަން ބައްލަވާށެވެ. ދިވެހިރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑީ ކުޅުދުއްފުށީގައެެވެ. ކުޅުދުއްފުއްޓަކީ މަސައްކަތްތެރި ބައެއް ‘އުޅުނު’ ރަށެއް ކަމަށް ގިނަ މީހުން ބުނެވެ. ހާލު ފޮޅި ނުވަތަ ރޯނު ވެށުމުގެ ވާހަކަ ބުނެފިނަމަ ކޮންމެ ދިވެއްސެއްގެ ދޫމައްޗަށް އަންނާނީ ކުޅުދުއްފުށީގެ ނަމެވެ.

އެކަމަކު މިހާރު ނިކަން ބައްލަވާށެވެ. ކުޅުދުއްފުށީގައި ރޯނު ވެށުމުގެ މަސައްކަތުގައި އުޅޭތަން ފެންނަނީ މެދު އުމުރުގެ މީހުންނެވެ. ނުވަތަ އެއަށްވުރެވެސް ދުވަސްވީ މުސްކުޅިންނެވެ.

ކުޅުދުއްފުށީގައި ވަރަށް ކުރިންސުރެ ފެށިގެން ރާ އެރުމުގެ މަސައްކަތް ކުރަމުން އަންނަ އިބްރާހިމް ހަސަން ބުނީ މިހާރުގެ ޅަ ޒުވާނުންނަށް ބުރަ މަސައްކަތުން ލާރި ހޯދަން ‘ނުކެރެނީ’ ކަމަށެވެ. ދަސްކުރަންވެސް ނޫޅެނީ ކަމަށަވެ. އެކަމަކު ރާ އެރުމަކީވެސް ފައިދާ ބޮޑު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

އިބްރާހީމް ހަސަން އާއި އެކު އެމަސައްކަތުގައި ބައިވެރިވަނީ އޭނާގެ އަންހެނުން މަރިޔަމް އާދަމް އެވެ. ހެނދުނާއި ހަވީރު އިބްރާހިމް ބާލައިގެން ގެންނަ ރާ ކައްކައިގެން ހަކުރަށް ހަދަނީ މަރިޔަމް އާދަމްއެވެ. ހެނދުނުއްސުރެ ހަވީރު ވަންދެން ރާކެއްކުމުގައި އަވަދިނެތި އުޅެން ޖެހުނު ކަމުގައި ވިޔަސް އެ ދެމަފިރިން ހަދާ ކަރު ހަކުރާއި ދިޔާ ހަކުރު ރަނގަޅު އަގުގައި ވިކޭކަމަށް މަރިޔަމް ބުންޏެވެ.

ފައިދާ ބޮޑު މަސައްކަތަކަށް ވާއިރުވެސް މިހާރު މީހުން އެ މަސައްކަތް ނުކުރަނީ ކީއްވެތޯ އަހާލުމުން މަރިޔަމް ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.

“ގިނަ ވަގުތު ހޭދަވާ ކަމެއް ވީމަ މީހުންނަށް ނުކެރެނީ ކުރަން.”

“ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ ސްކޫލު ނިމުނީމަ މޭޒުކައިރީގަ އިނދެވޭ ކަހަލަ ވަޒީފާ ތަކަށް ދާން.” ރުކު ރާ ކެއްކުމުގެ މަސައްކަތް ކުރަމުން އަންނަ މަރިޔަމް އާދަމް ބުންޏެވެ. “އެކަމަކު ހުރިހާ ކުދިންނަށް އެކަހަލަ ވަޒީފާއެއް ނުލިބޭނެ”

މިހާރުވެސް ވަޒީފާ ނުލިބިފައި ތިބި ޒުވާނުން މަދެއް ނޫނެވެ. ކުރާނެ މަސައްކަތެއް ނެތޭ ކިޔާފަ މައިން ބަފައިންގެ އަތުން ލާރި ހޯދާ ޒުވާނުންވެސް އެބަ ތިއްބެވެ. ‘އަމާކީތީ ފަރަށްދާ’ އުސޫލުން ސްކޫލަށް ގޮސް ‘އީ’ ސެޓަކާއެކީ ސްކޫލުން ވަކިވި ޒުވާނުންވެސް މަދެއް ނޫނެވެ.

ނުކިޔެވުނީތީ ވަޒީފާގަނޑެއް ނުވަތަ ކުރެވޭނެ މަސައްކަތެއް ނެތޭ ކިޔާފަ ދެންވެސް ވީ ތިބެން ހެއްޔެވެ. ނޫނެކެވެ. އެހެން ތިބެވޭކަށް ނެތެވެ. ކުރެވޭނެ ކަންތައް ބައިވަރެވެ. އެކަމަކު ކުރަން ކެރިއްޖެއްޔާއެވެ.

މެދު ނުކެނޑި ރޯނު ވަށަމުން އަންނަތާ 30 ހަކަށް އަހަރު ވެފައިވާ ހައްވަ ބުނީ ރޯނު ވަށާ މީހުން ރަށުގައި ގިނަވަމުން އަންނަ ކަމަށެވެ. ނަމަވެސް ބޮނބި ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ކުރިއަށްވުރެ ބޮޑު އަގުގައި ރޯނު ވިކޭތީ ހައްވައަށް ފައިދާ ވެއެވެ. އެހެން ނަމަވެސް އަގުބޮޑު ނުކުރެވިގެން އުޅެނީ ރޯނުގެ އަގު ކަނޑައަޅަނީ ރޯނު ގަންނަން އަންނަ ބީރައްޓެހިން ކަމަށް ވާތީ ކަމަށް އޭނާ ބުނެއެވެ. ކައިރި ރަށްރަށުން މީހުން އައިސް ކުޅުދުއްފުށީގައި ވަށާ ރޯނު ގަންނަނީ ފަންގި ވިނުމަށްޓަކައެވެ.

ރާއްޖޭގެ އުތުރަށް ފަތުރުވެރިކަން ފެތުރުމަށް މަސައްކަތް ކުރަމުން ދާއިރު، ރޯނާއި ފަންގީގެ ވިޔަފާރި ކުރިއަށް އޮތްތާގައި ރަނގަޅުވަމުން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ކަމުން މިއީވެސް ޒުވާނުންނަށް ކުރެވިދާނެ ރަނގަޅު މަސައްކަތެކެވެ.

ދުވަސްވީ މީހުން ކުރަމުން އައި މިފަދަ މަސައްކަތްތައް ކުރިއެރުވޭނީ ޒުވާނުން މިކަމަށް އިސް ނަގައިގެންނެވެ. މުރާލި ވެގެންނެވެ. ކުރަން ‘ކެރިގެން’ ކޮށްފިނަމަ ދާދި އަވަހަށް މިފަދަ މަސައްތަކަތްތައް ކުރި ލައި ހެދިގަނެދާނެއެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނީވެސް އޭރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355