twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ކުޅުދުއްފުށިން ފެނުނު ކަމަށް ބުނާ “ކަނޑު ގެރީ” ގެ ހަގީގަތަކީ ކޮބާ؟

Jan 31, 2012

.

ހުސްނާ އަބްދުﷲ

އެއީ މީގެ ތިން ދުވަސް ކުރި އެވެ. ހދ ކުޅުދުއްފުށީގައި ދިރިއުޅެމުންދާ ޝާހިދާ އާއި އޭނާގެ ފަސް އަހަރު ނުފުރޭ ދެ ކުދިން ތައްޔާރު ވަމުން ދިޔައީ މޫދަށް ދާށެވެ. ގެއިން ނުކުމެގެން ގޮސް ރަށުގައި އަލަށް ހިއްކާފައި އޮތް ސަރަހައްދުގެ މެދުން ހަދާފައި އޮތް މަގުން ހިނގަން ފެށި އެވެ. ތިން މައިންނަށް ވަކިހިސާބަކަށް ދެވުނުތަނާ މީހަކު ގޮވާލާފައި މޫދަށް ދަނީތޯ އަހާލި އެވެ. ޝާހިދާ އާއެކޭ ބުނުމުން އޭނާ ދެން އެ ބުނި ވާހަކައަކުން ޝާހިދާއަށް މޫދަށް ނޭރި އެނބުރި ގެއާ ދިމާލަށް މިސްރާބު ބަދަލުކުރަން މަޖުބޫރު ކުރުވި އެވެ.

“މަށަކަށް ވާ ލާހިކެއް ނޫން އެދިމާލަށް މޫދަށް ދާކަށް. އެދިމާލުން ކަނޑު ގެރިއެއް ބަޔަކަށް ފެނިގެން އުޅޭކަމެއް ނޭގޭތަ؟ އެހެންވެ މަގޯތި ކުދިންވެސް ދިޔަ ނުދިނީ” އެމީހާ ބުންޏެވެ.

މިއީ މިދުވަސްކޮޅު ކުޅުދުއްފުށީގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވާހަކައެކެވެ. ބައެއް މީހުންނަށް މަޖާ، އަނެއްބައި މީހުންނަށް ބިރުވެރި ވާހަކައެކެވެ.

މި ވާހަކަ އާންމު ވެފައިވަނީ ހުކުރު ދުވަހެއްގައި ކުޅުދުއްފުށީގެ މޫދަށް އެރޭ ސަރަހައްދުން ނެގި ފޮޓޯއެއް ކަމަށް ބުނެ ކުޅުދުއްފުށީގެ ގިނަ ޒުވާނުންގެ މަޤުބޫލުކަން ލިބިފައިވާ ފޭސްބުކް ގުރޫޕް ‘ކޭވައިޖީ’ ގައި ޖެހި ފޮޓޯ އަކާ ގުޅިގެންނެވެ.

މި ފޮޓޯގައި ފެންނަ ކަޅުކުލައިގެ އާދަޔާ ޚިލާފު އެއްޗަކީ ކޯޗެއް ކަމެއް ނޭނގެ އެވެ. ބުނެވޭ ގޮތުގައި ފޮޓޯ ނެގި އިރު މި އެއްޗެއް އެދިމާލުން ފެންނާކަށް ނެތެވެ. ފޮޓޯ ނެގި މީހާއަށްވެސް މިއެއްޗެއް ފެނުނީ ފޮޓޯއިން ކަމަށް ވެ އެވެ.

ކޮންމެޔަކަސް ކޭވައިޖީގައި މި ފޮޓޯ ޖެހުމާއެކު އެ ފޮޓޯއަށް އެތަށް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވަމުން ދިޔައެވެ. އެއީ ‘އެޑިޓް’ ކޮށްފައިވާ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ބައެއް މީހުން އެއީ ‘އެޑިޓެއް’ ކަމަށް ސާބިތު ކުރުމަށް ހެކި ދައްކަމުން ދާއިރު އަނެއް ބަޔަކު އެކަމަށް ޖޯކު ހަދަހަދައިގެން ކިޔަމުން ގެންދެ އެވެ.

ފޭސްބުކް ގައި އަޕްލޯޑުކޮށްފައިވާ މި ފޮޓޯގެ ހަގީގަތް ހޯދުމަށްޓަކައި އެ ފޮޓޯ ނެގި ކުޅުދުއްފުށީ ސޯސަންވިލާ އަބްދުއްލަތީފު އަށް ގުޅާލުމުން ބުނި ގޮތުގައި އެ ފޮޓޯ އަކީ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ނޫނެވެ. އެއީ މިއަހަރުގެ ޤައުމީ ދުވަހު ހަވީރުގެ ވަގުތެއްގައި އާއިލާ އާއި އެކު މޫދަށް ގޮސް އުޅެމުން ނެގި ފޮޓޯތަކެއްގެ ތެރެއިން ފޮޓޯއެއް ކަމަށް އަބްދުއްލަތީފް ބުންޏެވެ. އަދި އެފޮޓޯގައި ވާ އާދަޔާ ހިލާފު އެއްޗެއް ފާހަގަ ކުރެވުނީ އެދުވަހުގެ ރޭ އެފޮޓޯތައް ކޮމްޕިއުޓަރަށް އަޅަން އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.

ފޮޓޯއިން އެ ފެންނަ އެއްޗަކީ ކޯޗެއްކަމެއް އޭނާއަށްވެސް ނޭނގޭ ކަމަށާއި ފޮޓޯ ފެނިގެން އާއިލާ އަށާއި ރައްޓެހިންނަށް ދެއްކީ ކަމަށް އަބްދުއްލަތީފް ބުންޏެވެ. އެހެންނަމަވެސް އެ ފޮޓޯ ފޭސްބުކަށް ލީ އޭނާ ނޫން ކަމަށް އަބްދުއްލަތީފް ވަނީ ބުނެފައެވެ.

އަބްދުއްލަތީފް ނެގި ފޮޓޯއިން ފެންނަ އެތި އެހެން މީހުންނަށްވެސް ފެނިފައިވާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

މޫދުން ފެންނަ ކަމަށް އެބުނާ އެއްޗަކަށް އެކި މީހުން ދެނީ އެކި ނަމެވެ. ބައެއް މީހުން ބުނަނީ އެއީ ފުރޭތައެއް ކަމަށެވެ. އެނެއް ބައި މީހުން ބުނަނީ އެއީ ރަންނަމާރި ކަމަށެވެ. އެއީ ވެލިގަނޑު ފުރޭތަ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މޫދުން މިފެންނަ އެއްޗަކަށް ކިޔާނެ ނަމެއް ހޯދުމަށްޓަކައި އެކި މީހުން ގާތުގައި އަހައިގެން ލިބުނު ނަންތަކުގެ ތެރެއިން އެންމެ ގުޅޭ ކަމަށް ބެލެވުނީ މެދު އުމުރުގެ ފިރިހެނަކު ބުނި ނަމެކެވެ. އޭނާ ބުނާގޮތުން މިއެއްޗަކީ މީގެ 20 އަހަރު ކުރިންވެސް އެރަށުގެ ފަޅު ތެރެއިން މީހަކަށް ފެނުނު ކަމަށް ބުނާ ‘ކަނޑުގެރި’ ކަމަށެވެ. ކުޑަ ކުއްޖެއްވިޔަސް އޭއްޗަށް ގޯނާއެއް ކޮށްފިނަމަ އެ ކުއްޖާ ބޮޑުވީމަ ވެސް ވަކި ކުރަން އެނގޭނެ ކަމަށް ވެއެވެ. އަދި ބަދަލު ހިފާނެ ކަމަށް ބުނެވެ އެވެ.

މޫދުން ފެންނަ ކަމަށް ބުނާ މި އެއްޗަކީ ‘ވެލިގަނޑު ފުރޭތަ’ ކަމަށް މީހުން ބުނަނީ މީގެ ދުވަސް ކޮޅެއް ކުރިން ވެލިގަނޑާ ބެހޭގޮތުން ރަށުތެރޭގައި ފެތުރުނު ވާހަކައެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުގެ ވެލިގަނޑަކީ އެތަން ހިއްކާ ނިމުނީއްސުރެ ވެސް ރައްޔިތުންނަށް ވަރަށް ކަމުދާ ސަރަހައްދެކެވެ. ރަށުގެ ރައްޔިތުން ހަވީރު ފިންޏަށް ހިނގާލަން ދިއުމަށްޓަކައި ވެސް އެތަނަށް ގޮސް އުޅެއެވެ. އެތަން ހިއްކާ ނިމުނު ދުވަސްވަރު ހަވީރު ފިނި ޖެހުނީމަ އެސަރަހައްދަށް ޖަމާވާ މީހުން ވަރަށް ގިނައެވެ. އިރު އޮއްސި އަނދިރި ވާއިރު ވެސް ވެލިގަނޑު މަތި ހުސް ނުވާނެ އެވެ.

އެހެން ނަމަވެސް އޭގެ ދުވަސް ކޮޅެއް ފަހުން އިރު އޮއްސުމަށް ފަހު ވެލިގަނޑުމައްޗަށް ދާ މީހުން ކުއްލިއަކަށް މަދުވިއެވެ. އެއީ ވެލިގަނޑުމަތިން އެއްޗެހި ފެންނަ ކަމަށް ބުނެ ދެކެވުނު ވާހަކައެއްގެ ސަބަބުން ކަމަށް ވެ އެވެ. އެތަނަށް ދާ މީހުންގެ ހެޔަށް ގޮތް ވެގެން ވެއްޓޭ ވާހަކައެވެ. އޭގެ ފަހުން އެތަނަށް ރޭގަނޑު ކަސްރަތަށް ދާ މެދު އުމުރުގެ މީހުންވެސްއެތަނަށް ދާން ކޮންމެވެސް ވަރަކަށް ޖެހިލުންވާން ފެށިއެވެ.

މިކަންތައް ގަބޫލު ނުކުރާ މީހުން ބުނަނީ އެއީ މާގިނައިން މީހުން ވެލިގަނޑަށް ދާތީ މީހުން ބިރުގަންނަވަން ދައްކާ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އެހެން ކަމުން މިފަހަރު މި ދިމާވެގެން އުޅޭ ކަންތައްވެސް ގިނަ މީހުން މާނަ ކުރަނީ ހަމަ އެގޮތަށެވެ. މާގިނައިން އެސަރަހައްދަށް މޫދަށް ދާތީ މީހުން ބިރު ގެންނެވުމަށްޓަކައި ދައްކާ ވާހަކަ އެއް ކަމަށެވެ.

މޫދަށް އެރޭ ސަރަހައްދުން “ކަނޑު ގެރި” އެއް ފެނުނު ވާހަކަ އިވުމުން ބައެއް މީހުން އެސަރަހައްދަށް ގޮސް އެ އެއްޗެއް ފެނޭތޯ ބެލި ކަމަށްވެސް ވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ޕޮލިހުންވެސް ވަނީ އެ ސަރަހައްދުގެ މޫދު އަޑި ބަލާފައި އެވެ. ޕޮލިހުންނަށް އަތުޖެހުނީ މޫދު އަޑީގައި އޮތް ޓަޔަރެކެވެ. އެކަމަކު އެ ފޮޓޯއިން ފެންނަ އެއްޗެއް ޓަޔަރަކާ ވައްތަރެއް ނޫނެވެ.

މި ހަބަރު ފެތުރުމާއެކު ކުޅުދުއްފުށީގެ ބައެއް ރައްޔިތުންނަށް ވަނީ ބިރުވެރި ކަމެއްގެ ތެރޭގައި އެވެ. ހާއްސަކޮށް މެދު އުމުރުގެ އަންހެނުންނާއި ބައެއް ޒުވާން އަންހެން ކުދިން މިހާރު އެސަރަހައްދަށް ދިއުން ވަނީ ހުއްޓާލާފައި އެވެ. އަދި މިހާރު މިމައްސަލައިގައި ފުލުހުން ވެސް ކަންތައްތަކެއް ދަނީ ބަލަމުން ނެވެ. އެގޮތުން އެފޮޓޯ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ނެވެ.

ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އައި ނަމަވެސް އެ ފޮޓޯ ނެގި މީހާ ބުނަނީ އެއީ އެޑިޓް ކޮށްފައިވާ ފޮޓޯ އެއް ނޫން ކަމަށެވެ. މިކަމުގެ ހަގީގަތަށް ވާސިލުވުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355