twitterviber whatsapp telegramfacebookyoutube instagram
24th August 2019

ދައުލަތުގެ ޚަރަދާއި ގައުމުގެ ތަރައްގީ: އެއް ތަރާދަކުން ކިރަން އުނދަގޫ ދެ އެތި

May 15, 2012

.

ބަދުރުއްދީން ޙަސަން

2007 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ދިވެހިރާއްޖެ އަށް ވެސް ވަނީ ކޮށްފައެވެ. އިގްތިޞާދީ ހީނަރުކަމުގެ ތެރޭގައި ތަރައްގީ ވެފައިވާ ގައުމު ތަކުގައި އެތައް ޒަމާނެއް ވަންދެން ހިންގަމުންއައި ބޭންކްތައް ވަނީ ބަނގުރޫޓް ވެފައި އެވެ. ކުންފުނިތައް ވަނީ ދަރަނިވެރި ވެފައެވެ. ގައުމުތައް ވަނީ ފަގީރުވާން ފަށާފައެވެ. އެ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ރާއްޖޭގެ ނާޒުކު އިޤްތިޞާދަށް ވެސް ފޯރައި، ވެއްޓެމުންދާ ވަޅުގަނޑު ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ސިފަކޮށްފައި ވަނީ ކާރިސާއެއްގެ ގޮތުގައެވެ.

ތިމާއަށް ލިބޭ އާމްދަނީ މަދުވެގެން ދާހިނދެއްގައި، ދިރިހުރުމަށްޓަކައި އެމީހަކު ފުރަތަމަ ވެސް ކުރާނެ ކަމަކީ އޭނާ ކުރާ ހަރަދުތައް ކުޑަކުރުމެވެ. ދުވަހުން ދުވަހަށް ކުރެވޭ ބޭކާރު ހަރަދުތައް މަދުކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭތޯ މަސައްކަތް ކުރާނެއެވެ. ހަމަ އެފަދައިން ގައުމުތަކުގެ އިޤްތިޞާދު ހީނަރު ވަމުންދާ ދަނޑިވަޅެއްގައި އެގައުމުތައް “ދިރިހުރުމަށްޓަކައި” ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީވެސް ޚަރަދު ކުޑަކުރުމެވެ. 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިގައުމުތަކަށް ދިމާވަމުންދިޔަ ހިތްދަތި ކަންތައްތައް މޮނިޓަރ ކުރަމުންދިޔަ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވެސް ގައުމުތަކަށް ލަފާ ދެމުން ދިޔައީ ޚަރަދުތައް ކުޑަކުރުމަށެވެ. އެހެން ނޫންނަމަ، ގައުމުތަކުގެ އިޤްތިޞާދު ފުނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެމުން ދިޔައެވެ. ހަމަ އެއިންޒާރުތައް ދިވެހިރާއްޖެ އަށް ވެސް ވަނީ ދީފައެވެ.

ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރުމަކީ އެއްވެސް ގައުމަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. ޚަރަދު ކުޑަކުރުމަށް އުނދަގޫވާ ގިނަ ސަބަބު ތަކުގެ ތެރެއިން އެއްކަމަކީ ސިޔާސީ ނުފޫޒެވެ. ނުވަތަ ސިޔާސީގޮތުން ފިތިފައި ތިބެންޖެހުމެވެ. އެނުފޫޒު އަންނާނީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ފަރާތަކުން ނޫނެވެ. އާއްމު ރައްޔިތުންގެ ފަރާތުން ވެސް އެ ޕްރެޝަރ އެގައުމެއްގެ ސަރުކާރު ހިންގެވުމާއި ހަވާލުވެގެން ތިބޭބަޔަކަށް އޮންނާނެއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ އެއް އަސާސްއަށް ބަލާއިރު، ދައުލަތުން އެގައުމެއްގެ ތަރައްގީ އަށް ހިންގަން ރާވާފައި ހުންނަ މަޝްރޫޢުތައް ހުއްޓާލަން މަޖުބޫރު ވެއެވެ. ނުވަތަ މަޑުޖައްސާލަން ޖެހެއެވެ. މިކަމުގެ ސަބަބުން ސަރުކާރުތަކަށް ކުރިމަތި ވެގެންދާނެ ޕްރެޝަރަކީ ދިވެހިންނަށް ވެސް މިއަދު އާކަމަކަށް ނުވާނެއެވެ. 2007 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ކަންތައްތައް ބަލާލައިފި ނަމަ އެކަންކަން ވަރަށް ސާފުކޮށް ފެންނާނެ އެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކާރިސާ އެއް ކުރިމަތި ވެގެންދިޔަ އެއްސަބަބު ކަމުގައި މިކަންވުމަކީ އެއްވެސް ތަޖުރިބާކާރެއް ދެކޮޅު ހަދާނެކަމެއް ނޫނެވެ.

2004 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އަންނަމުން ދިޔަ ސިޔާސީ ރިފޯމްތަކާއި އާ ގާނޫނު އަސާސީގެ ސަބަބުން ރައްޔިތުންނަށް ލިބިދިން ހައްގުތަކުގެ ތެރެއިން ދައުލަތުގެ ހަރަދުތައް ދިޔައީ މަތިވަމުންނެވެ. ހަމަ އެފަދައިން އިޤްތިޞާދީހީނަރުކަން ކުރިމަތިވި ދަނޑިވަޅު، ދިވެހިރާއްޖޭގެ ބޭއްވުނު ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބު އޮތީ ބޯމަތި ވެފައިއެވެ. އެހެންކަމުން އޭރުގެ ސަރުކާރަށް ވެސް މަޖުބޫރުވެގެން ދިޔައީ ރާއްޖެ “އާއުސްމިންތަކަކަށް” ގެންދިއުމަށްޓަކައި، ހަރަދު “ބޮޑު” ކުރާށެވެ. އެތައް ބައިވަރު ޕްރޮޖެކްޓް ތަކެއް އިޢުލާން ކުރެވިގެން ދިޔައެވެ. އަދި އެތައް ބައިވަރު ރައްޔިތުން ތަކަކަށް އާ ވަޒީފާތައް ލިބިގެންދިޔަ އަހަރެއް ކަމުގައި 2008 ވަނަ އަހަރު ވެގެންދިޔައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މުގުރަމުން ދިޔަ ރާޅުތައް ދިޔައީ ބޮޑުވަމުންނެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ ގޮވާލުންތަކަށް މައުމޫނު ސަރުކާރުން މާބޮޑު ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އެކަމަށް ފާޑުކިޔަމުން ވެރިކަމާއި ހަވާލުވި އެމްޑީޕީގެ ސަރުކާރަށް ވެސް ހަމަ ޖެހުނީ އެ މަގުން ހިނގާށެވެ. އިޤްތިޞާދު ސަލާމަތް ކުރަން ބޭނުންނަމަ، މަޖުބޫރު ވެފައި އޮތީ ޚަރަދު ކުޑަކުރުމަށެވެ. ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމަށް ފުރަތަމަ “ހިތި ބޭސް ބޯންޖެހޭނެ” ކަމަށް ބުނުމުން، އިޤްތިޞާދީ މާހިރުން ވިސްނީ ސަރުކާރުން ވަރަށް ބޮޑަށް ޚަރަދުތައް ކުޑަކުރާނެ ކަމަށެވެ. ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން އުނިވި ބައެއް ފިޔަވާ ޚަރަދު ކުޑަކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެހެން ދިމަދިމާލުގެ ޚަރަދުތައް އޭރުވެސް ހުރީ “މެކުހަށް” ޖަހާފައެވެ.

ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ބޮޑެތި “މެގަ ޕްރޮޖެކްޓް”ތައް ވަނީ ފަށާފައެވެ. އަދި ބައެއް ޕްރޮޖެކްޓްތައް ވަނީ ނިންމަންވެސް ނިންމާފައެވެ. 30 އަހަރުން ނުވި “ބައެއް” ކަންކަން އެންމެ 3 އަހަރުން ވެގެން ދިއުމުން، ބައެއް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވިއެވެ. ނަމަވެސް އިޤްތިޞާދު ހުން އައިސް ރަޖާލާން ޖެހިފައި އޮތް ވަގުތު އެކަން ނުކުރުމުން، ގައުމަށް ޖެހިފައި އޮތް އިޤްތިޞާދީހުންގަނޑު ދިޔައީ ރަތްވަމުން ނެވެ.

ދައުލަތުން ޚަރަދުކުރުމުގެ ބަދަލުގައި ބޭރުގެ އިންވެސްޓަރުން ގެނެސްގެން ތަރައްގީ ކުރަން ރޭވިފައި އޮތް ރޭވުމަކީ އިޤްތިޞާދީ ވިސްނުމަކުން ބަލާއިރު ރަނގަޅު މޮޅު ވިސްނުމެއް ކަމުގައި ވިޔަސް، އެންމެ އެދެވޭގޮތަށް އެކަން 3 އަހަރު ދުވަހުގެ ތެރޭ ކުރެވިފައެއް ނުވެއެވެ.

ވޭތުވެދިޔަ ގާތްގަނޑަކަށް 5 އަހަރެއްހައި ދުވަސްތެރޭ ފެނިފައިވާ ކަންތައްތަކަށް ބަލާއިރު، ތަރައްގީ އަށް މަސައްކަތް ކުރެވިފައި އެބަހުއްޓެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން ރުއްސުނެވެ. ޕްރެޝަރުތައް ކުޑަކުރެވުނެވެ. ނަމަވެސް ޚަރަދު ކުޑަކުރުން އޮތީ އެކިބާކޮށްފައި ބާއްވާފައެވެ. ގައުމު ތަރައްގީ ގެ ކަނޑުގައި ދުއްވޭނީ، ގައުމުގެ އިޤްތިޞާދީކުރިއެރުމުގެ މިންވަރާ އެއް ބާރުމިނެއްގައެވެ. އިންޖީނުގައި ކެޕޭސިޓީނެތް ވަރުގެ ބާރު މިނުގައި ދުއްވަން ފަށައިފިނަމަ، ދޯނީގެ އިންޖީނު ހަލާކުވާކަށް ގިނަ ދުވަހެއް ނުނަގާނެއެވެ. މިއަދު މިއޮތީ އިންޖީނުގަނޑު މާބޮޑަށް ވެސް ކޮށިއަރާފައެވެ. ބޮޑު އޯވަހޯލަކަށް ބޭނުންވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355