twitterviber whatsapp telegramfacebookyoutube instagram
24th August 2019

ކެއަރ ސޮސައިޓީ: ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހައްޤުގައި މަސައްކަތް ކުރުމުގައި 14 އަހަރު

May 29, 2012

.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ދުނިޔޭގެ އޯޓިޒަމް ދުވަހާއި އޯޓިޒަމް ހަފްތާ ފާހަގަ ކޮށްފައެވެ. އޯޓިޒަމްއާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށާއި އޯޓިޒަމް ކުދިންނަށް ހިތްހަމަޖެހުން ގެނުވައިދިނުމަށް އޯޓިޒަމް ދުވަހު މާލޭ ގައި ވަނީ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ އޯޓިޒަމް އާއި ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ކެއަރ ސޮސައިޓީ އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެއް ޕްރޮގްރާމެވެ. އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ކެއަރ ސޮސައިޓީއިން ވަނީ އޭޕްރީލް މަހުގެ ތެރޭ ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. މިއަދު މިބަލާލަނީ ކެއަރ ސޮސައިޓީއިން ހިންގާ މިފަދަ ބައެއް ކަންކަމަށެވެ.

ނޮވެމްބަރ 1998 ގައި ރަޖިސްޓްރީކުރެވުނު ކެއަރ ސޮސައިޓީ އަކީ ރާއްޖޭގައި އުފަންވާ އަދި ބޮޑުވަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހިތްހަމަޖެހޭ ވެއްޓެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރެއެވެ. އަދި ނުކުޅެދުންތެރިކަމާއި ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުވާ، ތަފާތު ފޯރަމްތަކުގައި އެކުދިންގެ ވާހަކަތައް އަޑު އިއްވައިދިނުމަށް މަސައްކަތް ކޮށްދެއެވެ. އަދި މުޖުތަމައުގައި ހިމެނޭ އެހެން މީހުންނެކޭ އެއްފަދައިން އެއް ހައްގުތަކެއް ލިބިގެންވާ ބައެއްކަން ހަނދާން ކޮށްދިނުމަށް މަސައްކަތް ކުރެއެވެ.

ކެއަރ ސޮސައިޓީގެ މަގުސަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރުން، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުން، އަދި ގައުމަށް ދިމާވާ ކާރިސާ ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. 2011 ވަނަ އަހަރު ނިމުނު އިރު ކެއަރ ސޮސައިޓީގައި ރެޖިސްޓަރ ކޮށްފައި 504 ފަރާތެއް ތިއްބެވެ.

ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރ

ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް އަކީ އަތޮޅު ތެރެއަށް އަމާޒުކޮށް 2002 ވަނަ އަހަރުން ފެށިގެން ކެއަރ ސޮސައިޓީއިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް އަދި އެފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވެދޭނެ ނިޒާމެއް ޤާއިމުކުރެވެއެވެ.

ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި ވަސީލަތްތަކުގެ މަދުކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ވެފައިވަނީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް އެކިފެންވަރުގައި މިހާރު ވަނީ ތަފާތު ޕްރޮގްރާމްތައް ފަށާފައެވެ. 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ނުކުޅަދެންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލެއް ފާސްކޮށްފައެވެ. އަދި އެގާނޫނުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކައުންސިލް އެއް ވަނީ އުފައްދާފައެވެ. ކެއަރ ސޮސައިޓީ އަކީ އެކައުންސިލްގެ މެމްބަރެއް ވެސް މެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް މާލޭގައި ތަފާތު ރިހެބިލިޓޭޝަން ސެންޓަރުތައް މިހާރު ވަނީ ހިންގަން ފަށާފައެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ހިންގަމުން އަންނަ ސެންޓަރުގެ އިތުރުން މާލޭގައި ހިންގާ އެފަދަ އެހެން ތަންތަނަށް ބަލާލާއިރު ފާހަގަ ކުރެވޭ ތަންތަނުގެ ތެރޭގައި އެސޯސިއޭޝަން ފޮރ ޑިސްއެބިލިޓީ ޑެވެލޮޕްމަންޓް، އޯޓިޒަމް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ ހިމެނެއެވެ. އަދި ބްލައިންޑް އެންޑް ވިޒުއަލް އިމްޕެއަޑް ސޮސައިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ފާހަގަ ކޮށްލެވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހާއްސަ އެޑިއުކޭޝަން ޔުނިޓްތަކެއް ހިންގައެވެ.

ކެއަރ ޑެވެލޮމްމަންޓް ސެންޓަރ

ހިންގަމުން އަންނަތާ މިހާރު 10 އަހަރު ވެފައިވާ ކެއަރ ޑެވެލޮޕްމަންޓް ސެންޓަރ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި އެޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ހިންގާ ރިހިބިލިޓޭޝަން ސެންޓަރެކެވެ. މިސެންޓަރުގައި މިހާރު ވެސް ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކުގެ ތެރޭގައި އެންމެ ތުއްތުކުދިން އިން ފެށިގެން އުމުރުން 25 އަހަރުގެ މީހުން ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިސެންޓަރުގެ ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ދިރިއުޅުމުގެ އެންމެ ބޭސިކް ކަންތައްތައް ދަސްކޮށްދެއެވެ. އެގޮތުން އަމިއްލައަށް ކެއުމާއި ފާހާނާ ކުރުން، ހެދުން އެޅުމާއި އެއްތަނުން އަނެއްތަނަށް ގޮސްއުޅުން ދަސްކޮށްދެއެވެ.

މިސެންޓަރުގައި ދަސްކޮށްދޭ އެހެން ކަންތައްތަކުގެ ތެރޭގައި އެކަކު އަނެކަކާއި މުވާސަލާތު ކުރުމުގެ ހުނަރު ދަސްކޮށްދެއެވެ. އެގޮތުން އެމީހުންގެ ބޭނުންތައް އެހެންމީހުންނަށް ކިޔައިދޭނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން ކުދިންގެ އެކަޑެމިކް ސްކިލްސް ތަރައްގީ ކުރުމަށް ވެސް މިސެންޓަރުގައި އެހީތެރިވެދެއެވެ. މިގޮތުން ފޮތްކިޔުމާއި ލިޔުމުގެ ހުނަރުތައް އެކުދިންނަށް ކިޔައިދެވެއެވެ. އަދި ރައްޓެހިން ހޯދުމާއި ކުޅިވަރު ކުޅުމާއި ތަފާތު ތަންތަނަށް ގޮސް ހޭނުމަށް އެހީތެރިވެދެއެވެ.

ކެއަރ ސޮސައިޓީ އުފެދުނީއްސުރެ މާލޭގައި އެސޮސައިޓީގެ ފަރާތުން އަންނަނީ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަން ޖެހިފައި ތިބޭމީހުންނަށް އެހީތެރިވަމުންނެވެ. ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު (ސީބީއާރު) ތަކުގެ ގޮތުގައި ކެއަރ ސޮސައިޓީ އިން އަތޮޅު ތަކުގެ މިހާތަނަށް 2 ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އެއީ ޔުނިސެފްގެ އެހީގައި ސ. ހިތަދޫ އާއި ގދ. ތިނަދޫގައި ގާއިމު ކޮށްގައިވާ ދެސެންޓަރެވެ. މިދެތަން ފަހުންވަނީ ހޭންޑިކެޕް އިންޓަނޭޝަނަލް ގެ އެހީގައި އިތުރަށް ތަރައްގީ ކޮށްފައެވެ.

ކެއަރ ސޮސައިޓީގެ ސީބީއާރު ޕްރޮޖެކްޓް 2010 ވަނަ އަހަރު ފިޑާ އިންޓަނޭޝަނަލް އިން ވަނީ ފަންޑް ކޮށްދޭން ފަށާފައެވެ. އަދި 2011 ވަނަ އަހަރު އެއެއްބަސްވުން އާކުރެވި 2013 އާއި ހަމައަށް އެހީފޯރުކޮށްދިނުމަށް ފިޑާ އިން ވަނީ އެއްބަސްވެފައެވެ. އަދި ސީބީއާރު އާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށް ފިޑާގެ އެހީގައި ޕްރޮގްރާމްތަކެއް ވަނީ ހިންގިފައެވެ. ޔޫއެންޑީޕީ އިން ވެސް ވަނީ މި ޕްރޮގްރާމަށް އެހީތެރިކަން ދީފައެވެ.

ކެއަރ ސޮސައިޓީގެ މެމްބަރުން

2011 ވަނަ އަހަރު ކެއަރ ސޮސައިޓީގައި ރިސޯސް މެމްބަރުންގެ ގޮތުގައި 117 މެމްބަރުން ވަނީ ހަރަކާތްތެރި ވެފައެވެ. ރިސޯސް މެމްބަރުންނަކީ ހިލޭސާބަހަށް ކެއަރ ސޮސައިޓީގެ ހަރަކާތްތަކަށް ވަގުތުދޭ ފަރާތްތަކެވެ. ކެއަރ ސޮސައިޓީގެ މެމްބަރު ކެޓެގަރީ ތަކުގެ ތެރެއިން 2011 ވަނަ އަހަރު ގޯލްޑް މެމްބަރުންގެ ގޮތުގައި 3 ފަރާތެއް ކެއަރ ސޮސައިޓީގައި ރަޖިސްޓްރީ ވެފައި ތިއްބެއެވެ. ގޯލްޑް މެމްބަރުންނަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 12000 ރުފިޔާ ކެއަރ ސޮސައިޓީއަށް ހަދިޔާ ކުރާ ފަރާތްތަކެވެ. އެސޯސިއޭޓެޑް ޕާޓްނަރުންގެ ބައި 2009 ވަނަ އަހަރު ތައާރަފް ކުރެވުމާއި އެކު 2010 ވަނަ އަހަރު އެސްޓީއޯ އިން ވަނީ، އެސޯސިއޭޓެޑް ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރު ދުވަހު ހަރަކާތްތެރި ވެފައެވެ. 2011 ވަނަ އަހަރު އެއްވެސް ފަރާތަކުން އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވެފައެއް ނުވެއެވެ. އަދި 2012 ވަނަ އަހަރު ކޯޕަރޭޓް މެމްބަރުންގޮތުގައި ވަނީ އާ މެމްބަރޝިޕެއް ތައާރަފް ކޮށްފައި އެވެ. ކޯޕަރޭޓް މެމްބަރުންނަކީ ވިޔަފާރި ކުންފުނި ފަދަ ތަންނަތަނަށް އަމާޒުކޮށް އަހަރަކު 24،000 ހަދިޔާ ކުރާ ފަރާތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355