twitterviber whatsapp telegramfacebookyoutube instagram
24th August 2019

ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމާއި މަގުދެއްކުމުގައި މުދައްރިސުން

Jul 29, 2012

.

އިބުރާހީމް މުޙައްމަދު ކޮންކޯޑް

މުޖުތަމައެއް ބިނާކުރުމުގައި މުދައްރިސްގެ ދައުރަކީ ވަރަށްވެސް މުހިންމު ދައުރެކެވެ. މުޖުތަމައުގެ ނައުގެ މިޝްރާބު ބަހައްޓާނީ ކޮން ދިމާލަކަށްކަން ކަނޑައެޅުމުގެ އެންމެބޮޑު ބާރެއް އޮތް ފަރާތަކީ މުދައްރިސުންނެވެ. މުޖުތަމައުގައި ކުއްކުރުމާއި ފަސާދައާއި ކޮރަޕްޝަންފަދަ ނުބައި އަމަލުތައް އާންމުވެފައިވާ މިފަދަ ދުވަސްވަރެއްގައި މުޖުތަމައު ހަމަމަގަށް އެޅުވުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވޭނެ ފަރާތަކީ މުދައްރިސުންނުވެ. އެހެންކަމުން މުދައްރިސުން މިއަދު ވާންޖެހިފައިމިވަނީ ދަރިވަރުންނަށް ރަގަޅު ސިފަތަކާއި އަގުތަށް ދަސްކޮށްދިނުމުގައި މުހިންމު އިސްކަމެއްދީގެން މަސައްކަތްކުރާ ބަޔަކަށެވެ. މުދައްރިސުންގެ ފުރިހަމަ ބައިވެރިވުމާއިނުލައި މިމުހިންމު މަސައްކަތް ކާމިޔާބު ނުވާނެކަން ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާފައިވާ ކަންކަމުން ދޭހަވެއެނގެއެވެ.

ދެވަނަ ބޮޑުހަގުރާމައިން ޖަޕާންބަލިވެ އެތައްބަޔަކު ގަތުލުވެދިޔަ ދަނޑިވަޅުގައި ޖަޕާނުގެ ވެރިން ފުރަތަމަ ބެލީ ދިރިތިބި ސިފައިންގެ އަދަދެއްނޫނުވެ. އެންމެ ފުރަތަމަވެސް އެވެރިން ބެލީ ދިރިތިބި މުދައްރިސުންގެ އަދަދެވެ. މިއަދު ޖަޕާންދެކޭ ތަރައްގީގެ މައިގަޑު އަސްލަކީ އެދުވަހުންފެށިގެން ރައްޔިތުންނަށް ތަޢުލީމު ދިނުމަށް އެޤައުމުގެ ވެރިން ދިން އިސްކަމެވެ. މިކަމުން ވެސް ދޭހަވަނީ މުދައްރިސުންތަކެއް ޤައުމު ތަރައްޤީކުރުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްފިނަމަ ޤައުމުގެ މުސްތަގުބަލު ބަދަލު ކުރުމަކީ ވަރަށްވެސް ފަސޭހަކަމެއްކަމެވެ.

ބަދަލުވަމުންމިދާ މުޖުތަމައުގައި މުދައްރިސުންނަކީ ތަފާތު ތޮފިތަކެއް އަޅައިގެން އުޅެންޖެހިފައިވާބަޔަކެވެ. ތަޢުލީމީ ދާއިރާގެ ޕުރޮފެސަރެއްކަމުގައިވާ ޑަބުލިއު. އެފް. ކާރނަލް (1972) ގައި މުދަރިސުން އަޅަންޖެހޭ ހަތް ތޮތްޕެއްގެ (ރޯލް) ވާހަކަ ލިޔުއްވާފައިވެއެވެ. އެ ރޯލްތަކަކީ (1) އުގަންނައިދިނުން؛ (2) ނަމޫނާ ދެއްކުން؛ (3) ކައުންސެލިން؛ (4) އުގެނުން؛ (5) މުޖުތަމައާއި މުޢާމަލާތް ކުރުން؛ (6) އިދާރީ މަސައްކަތްތައް ކުރުން؛ (7) ކުރާމަސައްކަތަށް ވަފާތެރިވުން، މިއެވެ.

މުދައްރިސެއްގެ ގޮތުން  ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ އުގަންނައި ދިނުމެވެ. ދަރިވަރުންނަށް އުގެނުމަށްފަހި މާހައުލެއް މުދަރިސް ފޯރުކޮށްދޭން ޖެހެއެވެ. ކުލާހަށް ވަނުމުގެ ކުރިިން ފުރިހަމަށް ފިލާވަޅަށް ތައްޔާރުވާންޖެހެއެވެ. ކުލާހުގައިވާ ކޮންމެ ދަރިވަރެއްގެ ފެންވަރަށް ވިސްނައިގެން ކިޔަވައިދެވޭނެ ގޮތަކަށް (ޑިފަރަންޝިއޭޓަޑް އިންސްޓްރަކްޝަން) ފިލާވަޅު ރާވަން ޖެހެއެވެ. ދަރިވަރުން ފޫހިނުވެ ފިލާވަޅާއި ގަޔާވެގެން އުގެނުމުގެ މަސައްކަތް ކުރިއަށް ދާނެގޮތަކަށް ފިލާވަޅު ބައްޓަން ކުރަންޖެހެއެވެ. އަދި ހަމައެފަދައިން އުގެނުމަކީ ކުލާހުގެ ހަތަރުފާރުގެ ތެރޭގައި ނޫނަސް ފުރިހަމަ ކުރެވިދާނެ ކަމެއްކަން ސިކުޑީގައި ބަހައްޓަން ޖެހެއެވެ. މިކަންކަން ފުރިހަމަ ކުރުމުގެތެރެއިން ދަރިވަރު ދެންއޮތް މަރުހަލާއަށް ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަށް ވެފައިވޭތޯ މުދައްރިސް ޔަގީން ކުރަންޖެހެއެވެ.

މުދައްރިސެއްގެ ގޮތުން ރަގަޅު ނަމޫނާ ދެއްކުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މަޝްހޫރު ސައިކޮލޮޖިސްޓް އަލްބާރޓް ބަންދޫރާގެ ސޯޝިއަލް ލާރނިންގ ތިއަރީގައި ބުނާގޮތުން އިންސާނުން ކަންކަން ދަސްކުރުމަށް ބޭނުންކުރާ ވަސީލަތަކީ އެހެންމީހުން ކުރާކަންކަން ބެލުން ނުވަތަ އެހެންމީހުން ކުރާކަންކަން ނަކަލުކޮށްގެން އެގޮތަށް އެކަންކުރެވޭތޯބަލާ މީހުން ނުހަނު ގިނައެވެ (ސްލެވިން, 2003). އެހެންކަމުން ފިލާވަޅުތައް ބައްޓަންކުރާއިރު މިތިއަރީގެ ބޭނުން ހިފުން މުހިންމެވެ. އަދި ހަމަ އެއާއިއެކު ސިފަތަކާއި އަގުތައް ދަސްކޮށްދިނުމުގައި މިކަންކަން ކިޔައި ދިނުމަށްވުރެ މިކަންކަމުގެ ނަމޫނާ ދެއްކުމުން ލިބޭ ނަތީޖާ ފުރިހަމަވާނެއެވެ. ކަންމިހެންހުރިއިރު މުދައްރިސުންނަކީ ހުރިހާގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާއަކަށް ވެވޭފަދަ ސިފަތަކަކާއި ޤަބޫލުކުރާ އަގުތަކެއްގެ ވެރިބަޔަކަށްވުން ކޮންމެހެންވެސް މުހިންމެވެ.

ތަފާތު އަޚުލާގީ މައްސަލަތަކުގެ ތެރޭގައި ދަރިވަރުން އުޅެމުންދާއިރު އަބަދުމެ އިވޭ ޝަކުވާއަކީ ނުރަގަޅު އަޚުލާގުގެ ދަރިވަރުންނަށް ކައުންސެލިންގ ދޭނެ ޙާއްސަ މީހަކު ނެތުމެވެ. ޒަމާނަކީ ކަންކަމުގެ ހުނަރާއި އިލްމު ނުހަނު ފަސޭހައިން ލިބެންހުރި ޒަމާނަކަށްވާއިރު، ދަރިވަރުން ހަމަމަގަށް ގެނައުމަށް ނުވަތަ “ކައުންސެލިންގ ދިނުމަށް” ބޭނުންވާނެ މައުލޫމާތާއި އިލްމު ހޯދުމަކީ ކޮންމެ މުދައްރިސެއްވެސް ކުރަށްވަން ޖެހޭނެކަމެކެވެ. މިކަންކުރުމަށް އެއްމެ ބޭނުންވާނެ ވަސީލަތަކީ ދަރިވަރާއި މުދައްރިސާއިދެމެދު އޮންނަ ގުޅުމެވެ. މިގުޅުން “ރަގަޅު” އުފެއްދުންތެރި ގުޅުމަކަށް ވުމަކީ ދަރިވަރުންނަށް ދިމާވާ ތަފާތު މައްސަލަތަކުން އެއްކިބާވުމަށް ހުޅުވިގެންދާނެ ވަރަށްވެސް ފުރިހަމަ ދޮރެކެވެ. ހަމަ މިއާއިއެކު ދަރިވަރުންގެ “ކެރިއަރ ގައިޑެންސް” ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާ ކަނޑައެޅުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރަން އެބަޖެހެއެވެ. މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެނަމަ ސުކޫލު ދައުރު ނިންމާފައި ދަރިވަރުން ނިކުންނައިރު ކުރިއަށްދާނެ ދާއިރާއެއް ކަނޑަނޭޅިފައިތިބޭ އެތައްބައިވަރު ކުދިންތަކެއް މުޖުތަމުގެ ތެރެއިން ނުފެންނާނެއެވެ.

ކޮންމެ އިންސާނަކީވެސް މަންމަގެ އުގުންފެށިގެން ކަށްވަޅަށް ދާދެން އިލްމު އުގެނޭ މީހަކަށް ވާންޖެހެއެވެ. އެހެންކަމުން މުދައްރިސުންނަކީ މިޝިއާރު އެންމެ ފުރިހަމައަށް ނަގަހައްޓަން ޖެހޭނެ ފަރާތަވެ. ތައުލީމީ ކަލަންޑަރުގައި ޕުރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހުގެ ގޮތުގައި އަހަރަކު ތިން ދުވަސް ފާހަގަކޮށްފައި އޮތުމުގެ މަގުސަދަކީ އެއީއެވެ. ސުވާލަކީ ޕުރޮފެޝަނަލް ޑިވެލޮޕްމަންޓަށް މުދައްރިސުން މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި ކަނޑައެޅިފައިމިވާ ތިންދުވަހު އެކަނިތޯއެވެ. ނޫނެކެވެ. މިކަމަކީ ހަމައެކަނި މިތިންދުވަހު ކޮންމެވެސް މީހަކު ކުރިމަތީގައި ހުރެގެން ޕުރެސެންޓޭޝަނެއް ދައްކާލުމުން ފުދޭނެ ކަމެއްނޫނުވެ. ހަޤީޤީ  ޕުރޮފެޝަނަލް ޑިވެލޮޕްމަންޓަކީ އެމީހާ އަމިއްލައަށް އެމީހާގެ މަސައްކަތްކުރާ ދާއިރާގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަަސައްކަތެވެ. އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ހޯދާ ހައްލުތަކެވެ. މި މައުލޫމާތުތައް އަމިއްލަ މަސައްކަތުގައި ބޭނުންކުރުމެވެ.  ވީމާ، ކޮންމެ މުދައްރިސަކީވެސް މިގޮތުން ލިބޭ ތަފާތު މައުލޫމާތުތައް ކިޔަވައިދިނުމުގެ ތަފާތު މަސައްކަތްތަކުގައި ފުރިހަމައަށް ބޭނުންކުރާ ފަރާތަކަށް ވާންޖެހެއެވެ، އަމިއްލަ ކުރިއެރުމަށާއި ދަރިވަރުގެ އަދި މުޖުތަމައުގެ ކުރިއެރުމަށެވެ.

މުދައްރިސެއްގެ މަސައްކަތަކީ ދަރިވަރުންނަށް ކިޔަވައިދިނުންކަމުގައިވާއިރު މަސައްކަތުގައި ދިމާވާއެކިއެކި ކަންކަން އެދައިވަރުންގެ ބެލެނިވެރިންނާއި ހިއްސާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި މުޖުތަމައުގެ ގިނަ ބެލެނިވެރިންނަކީ އުގަންނައިދިނުމުގެ މިމަސައްކަތާއި މެދު މާބޮޑު ހޭލުންތެރިކަމެއް ލިބަފައިވާ ބަޔެއްނޫނެވެ. ކަންމިހެންހުރިއިރު މުދައްރިސުންނަކީ ދަރިވަރުންގެ ކަންކަމާއި ބެހޭގޮތުން ފުރިހަމަ މައުލޫމާތު ބެލެނިވެރިންނަށް ދިނުމަށް ޤަވާއިދުން ބެލެނިވެރިންނާއި ބައްދަލުކޮށް ހަދާބަޔަކަށްވުން ވަރަށް މުހިންމެވެ. އަދި މިބައްދަލުވުންތަކަކީ ފައިދާހުރި ބައްދަލުވުންތަކެއްކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. މީގެ އިތުރަށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ތަފާތު ޕުރޮގުރާމްތައް ރާވާ ހިންގުން މުދައްރިސުންގެ މަސައްކަތުގެ ތެރޭގައި ކުރާހިތުން ކުރާކަމެއްކަމުގައި ވެއްޖެނަމަ މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ހަރުދަނާވެ ދަރިން ތަރުބިއްޔަތު ކުރުމުގައި ދެފަރާތުނުން ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ދުވަހުގެ ކިޔަވައިދިނުމުގެ މަސައްކަތް ނިމެމުންދާއިރު ދަރިވަރުންނާއިބެހޭ މުހިންމު މައުލޫމާތުތަކެއް ލިޔުމުގެ ގޮތުގައި ރައްކާކުރަން ޖެހޭނެކަމީ ޔަޤީންކަމެކެވެ. މިފަދަ މައުލޫމާތު އެންމެ ފުރިހަމައަށް ތައްޔާރު ކުރެވޭނެ ބަޔަކީ މުދައްރިސުންނަށެވެ. ދަރިވަރުންގެ އަޚުލާޤީ އަދި ކިޔެވުމުގެ މިފަދަ މުހިންމު މައުލޫމާތުތަކަކީ އަހަރުން އަހަރަށް އެއްކުރެވި އެއްތާކުން ފެންނާނެ މައުލޫމާތުތަކެއްގެ ގޮތުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.  މިއާއިއެކު ސުކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކުގެ ރިކޯޑްތައް ފުރިހަމައަށް ތައްޔާރުކުރުމާއި ބެލެހެއްޓުމަކީ މުދައްރިސުންގެ ދުވަހުގެ ތާވަލުގެ ތެރެއަށް ފުރިހަމައަށް ވަދެގެންދާންޖެހޭނެ ކަމެކެވެ.

ކޮންމެ މުދައްރިސަކީ ކުރާ މަސައްކަތްތައް އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރާ ފަރާތަކަށްވުން ކޮންމެހެން ބޭނުމެވެ. ޙާއްސަގޮތެއްގައި މުދައްރިސުންނާއި ހަވާލުވެވިފައިވާ އުގަންނައި ދިނުމުގެ ޝަރަފުވެރި މަސައްކަތުގައި ވަފާތެރިވުމަކީ ޤައުމު ފުރިހަމަ މިޝްރާބަށް ގެންދިއުމަށް ވަރަށްވެސް މުހިންމު ކަމެކެވެ.

ބަޔާންކުރެވުނު މުހިންމު ރޯލުތަކަކީ ދަރިވަރުންގެ ސިކުނޑިއާއި ހަށިގަޑާއި ރޫޙް ތަރައްޤީ ކުރުމަށް ކޮންމެހެން އަދާކުރުން މުހިންމު ރޯލުތަކެކެވެ. މުދައްރިސްގެ ފުރިހަމަ މަސައްކަތުން ދަރިވަރެއްގެ ދިރިއުޅުން ފުރހަމަމަގަށް އަޅުވާދެވުނުކަމުގެ އިހުސާސް ކުރެވޭ ދުވަހަކީ ކިޔަވައިދިނުމުގެ ހަޔާތުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ދުވަސްކަން ޔަޤީނެވެ. މި ހިތްހަމަޖެހުން ގިނަ މުދައްރިސުންތަކަކަށް އަބަދުމެ ލިބެމުންދާނަމަ  އެއީ މުޖުތަމައު ރަގަޅު މިޝްރާބަކަށް ދާކަމު ނިޝާނެކެވެ.

މަޢުލޫއާގުޅޭ އިތުރު ލިޔުންތައް:

ދަރިންގެ ޝަޚުޞިއްޔަތު ބިނާކުރުން: އެންމެންގެ ޒިންމާއެއް (23/07/2012)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355