twitterviber whatsapp telegramfacebookyoutube instagram
24th August 2019

ހިއްކި ސަރަހައްދުގައި އެމްޑީޕީއިން ސްކްރީނެއް ބެހެއްޓިއިރު ހުއްދަ ހޯދި ފަރާތެއް ނެތް

Sep 17, 2012

.

މުޙައްމަދު އިސްމާޢިލް އަދި އަބްދުލް ވާހިދު ޙަސަން

ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދު ނުވަތަ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ހުސްވި މަހުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ވަނީ ބޮޑު ސްކްރީނެއް ބަހައްޓާފައި އެވެ. ކޮންކްރީޓް ބުޑު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެ ސްކްރީން ބަހައްޓާފައިވަނީ ބަންޑާރަ މައިދާނުގެ އުތުރުކޮޅުގައި ރަށުގައި “އެމްޑީޕީގެ ހޮޅުއަށި”ގެ ހުޅަނގު ފަރާތުގައި އެވެ.

ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދަކީ ކުޅުދުއްފުށީ ކައުންސިލާއި ދިވެހި ސަރުކާރު ހިއްސާވާގޮތަށް އުފައްދާފައިވާ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެކެވެ.

އެމްޑީޕީއިން ވަރުގަދައަށް ބުޑުއަޅައި ކޮންކްރީޓް އިން ހަދާފައިވާ ސްކްރީން ބެހެއްޓުމާއި ގުޅިގެން އެސަރަހައްދުގައި ސްކްރީނެއް ބަހައްޓާފައިވަނީ އެއްވެސް ފަރާތަކުން ހުއްދައެއް ހޯދުމަކާނުލާ ކަމަށްބުނެ ބައެއް ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ. ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެމުން އާއްމު ރައްޔިތެއް ބުނެފައިވަނީ އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާ ބެހޭގޮތުން ހުރި ޝުއޫރުތައް ކައުންސިލް އަށް ހުށަހަޅައިފައި ވާނެ އެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ހޯދާލުމުގެ ގޮތުން މަސައްކަތް ފެށީމެވެ.

އެމްޑީޕީގެ ފަރާތުން ބަންޑާރަ މައިދާނުގައި ސްކްރީނެއް ބެހެއްޓުމާއި ގުޅިގެން ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަދި ހދ އަތޮޅު ކައުންސިލުގެ މެމްބަރު އަލީ މުޙައްމަދު (ދެރަހަ ޢަލީ) އަށް ގުޅާލުމުން ވިދާޅުވީ، އެބޭފުޅާވެސް އެތަނުގައި (ސްކްރީން ބެހެއްޓިއިރު އެސަރަހައްދުގައި) ބައެއް ދުވަސް ދުވަހު އުޅުއްވަމުން ގެންދަވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި އިސްކޮށް އުޅުނު ފަރާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ސްކްރީންއާ ބެހޭގޮތުން އިތުރު މައުލޫމާތެއް ޢަލީ ގެ ފަރާތުން ވަނީ ލިބޭގޮތް ނުވެފައި އެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ގަވައިދުތަކެއް ހެދިފައި ހުންނަކަން ގަބޫލު ކުރައްވާ ކަމަށާއި ގަވައިދުތަކާއި ޚިލާފަށް ބަޔަކު ކަމެއް ކުރާނަމަ އެކަމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާނެކަމަށް ޢަލީ ވިދާޅުވި އެވެ. އަލީ  ވިދާޅުވީ އެކަމުގައި އިސްކޮށް އުޅުނުކަމަށް ލަފާ ކުރެވެނީ ފާރޫގު މުޙައްމަދު ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ފާރޫގު އަށް ވެސް އެމްޑީޕީއިން ބެހެއްޓި ސްކްރީން ބަހައްޓާފައިވަނީ ހުއްދަ ނަގަން ޖެހޭ ފަރާތަކުން ހުއްދަ ހޯދައިގެންތޯ ސުވާލުކުރީމެވެ. އެހެންނަމަވެސް ފާރޫގަށް ވެސް އެނގިވަޑައިގަންނަވަނީ ހަމައެކަނި އެމްޑީޕީއިން ސްކްރީނެއް ބެހެއްޓިކަމެވެ. އެކަމުގައި އިސްކޮށް އުޅުނު ފަރާތެއް ނުވަތަ އެކަމުގައި ޖަވާބު ދެވޭނެ ފަރާތެއް އެނގޭވަރެއް ނުވިއެވެ. ފާރޫގު ބުނެފައިވަނީ އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރެވިފައި ވާނެ ކަމަށާއި އެބޭފުޅުންނާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރުމަށެވެ.

ކޭޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޞާލިޙު ވިދާޅުވީ، އެމްޑީޕީއިން އެބިމުގައި ސްކްރީނެއް އިމާރާތްކުރުމަށް ހުއްދައަކަށް އެދިފައިނުވާކަމަށެވެ. އަދި އެއްވެސް އިރެއްގައި އެފަދަ ހުއްދައެއް އެމްޑީޕީއަށް ދީފައި ނުވާނެކަމަށް ޞާލިޙު ވިދާޅުވި އެވެ.

ކޭޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެކުންފުނީގެ ނަމުގައި އޮންނަ ބިމެއްގައި ކޮންމެ ބަޔަކު އިމާރާތެއް ކުރިނަމަވެސް އެކުންފުނީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި އެމްޑީޕީއިން ސްކްރީނެއް ބަހައްޓާފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ކިހިނެތް ހިނގާފައިވާ ކަމެއްތޯ ކުޅުދުއްފުށީ ކައުންސިލާ ވާހަކަ ދައްކަމުންދާ ކަމަށް ޞާލިޙު ވިދާޅުވި އެވެ.

“އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި އެމައްސަލަ މިކުންފުންޏަށް ހުށަހަޅާފައެއް ނުވޭ. އެކަމަކު އަޅުގަނޑުމެން މިހާރު މިދަނީ ކައުންސިލާ ވާހަކަ ދައްކަމުން” ޞާލިޙު ވިދާޅުވި އެވެ.

އެމްޑީޕީގެ ހަތް މެމްބަރުން ތިއްބަވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ ބަންޑާރަ މައިދާން ނުވަތަ ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދު އެއީ ކައުންސިލުގެ ބިމެއް ނޫންކަމަށާއި އެކަމާބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (ކޭޑީސީ) ކަމަށެވެ.

ކުޅުދުއްފުށީގެ ހިއްކި ބިމަކީ ކޭޑީސީއަށް ރަޖިސްޓްރީކޮށްފައިވާ ބިމެއް ކަމަށްވާއިރު ކޭޑީސީގެ ހުއްދައެއް ނެތި ސްކްރީނެއް ބަހައްޓާ އެބިމުގެ ބޭނުން ސިޔާސީ ޕާޓިއަކުން އެދަނީ ކުރަމުންނެވެ. ކޭޑީސީގެ ބިމެއްގައި ކޭޑީސީއަށް އެނގުމަކާ ނުލައި އެމްޑީޕީއިން ވިޔަސް އަދި އެހެން ސިޔާސީ ޕާޓީއަކުން ވިޔަސް ނުވަތަ އަމިއްލަ ޖަމިއްޔާއަކުން ވިޔަސް ހުއްދަ ހޯދުމަކާނުލައި އެގޮތަށް ބޭނުން ކުރުމަކީ  އެންމެ ރަނގަޅުގޮތެއްބާ؟ ކުރިއަށް ސިޔާސީ ވާދަވެރި ބޮޑެތި އިންތިހާބުތަކެއް އޮތްއިރު ކޮންމެ ސިޔާސީ ޕާޓިއަކުން އެބަޔަކު ބޭނުންވާތަނެއްގައި އިމާރާތްކޮށް ބޭނުންކުރަން ފަށައިފިނަމަ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބުނު “ވެލިގަނޑު” ސިޔާސީ ޕާޓީތަކުގެ މައި ޖަގަހަތަކަކަށް ބަދަލުވެގެން ނުދާނެބާ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355