twitterviber whatsapp telegramfacebookyoutube instagram
24th August 2019

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކުރު ތަޢާރަފެއް

Sep 30, 2012

.

ލާމަރުކަޒީ ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ކަންކަން ހިންގާނެ ކައުންސިލެއް ވަނީ އިންތިހާބުކޮށްފައެވެ. ކުރީގެ ކަތީބުންގެ ބަދަލުގައި “އިންތިހާބީ ކަތީބުން” ވަނީ ހުރިހާ ރަށެއްގައިވެސް މަސައްކަތްކުރަން ފަށާފައި އެވެ. ރަށްރަށުގެ ރަށު ކައުންސިލްތައް އުފެދުމާއެކު އެކައުންސިލުތަކުގެ ދަށުން މަސައްކަތްކުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީއެއް އޮންނަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެއެވެ.

އަންހެނުންގެ ކޮމިޓީތަކަކީ ލާމަރުކަޒީ ގާނޫނުގެ 35 ވަނަ މާއްދާއާއި އެގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކޮންމެ ރަށެއްގެ ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ ކޮމެޓީއެކެވެ. ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިންވެސް ރަށްރަށުގައި އަންހެނުންގެ ކޮމިޓީތައް ހިންގަމުން އައިސްފައި ވެއެވެ. އެހެންނަމަވެސް ގާނޫނު ވުޖޫދަށް އައުމާއެކު އަންހެނުންގެ ކޮމިޓީތަކަށް ގާނޫނީ ހައިސިއްޔަތު ލިބި ކޮމެޓީގެ މަސައްކަތަކަށް ގާނޫނީ ބާރު ލިބިގެން ހިނގައްޖެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މައިގަނޑު މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްޤިއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަޝްވަރާ ދިނުމެވެ. އަދި އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ކަންކަން ރާވާ ހިންގުމެވެ. އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކޮށްދިނުމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އެކުލެވިގެންވާ ގޮތް

ރަށު ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ކަނޑައަޅާފައިވާ ގޮތަށް އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އަދަދުވެސް ކަނޑައަޅަނީ އެރަށެއްގެ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންނަމަވެސް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރި އަދަދާއި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިހާބުކުރާ އަދަދު ތަފާތެވެ.

އެގޮތުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގައި ކޮމެޓީއަށް އިންތިހާބުކުރާނީ 5 މެމްބަރުންނެވެ. 2000 އާއި 5000 އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށެއްގައި ނަމަ އިންތިހާބުކުރާނީ 7 މެމްބަރުންނެވެ. އަދި 5000 އަށްވުރެ ބޮޑު އާބާދީތައް ހިމެނޭ ރަށެއްނަމަ އިންތިހާބުކުރާނީ 9 މެމްބަރުންނެވެ. އެހެންކަމުން ކުޅުދުއްފުށީގައި އިންތިހާބުކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ހިމެނޭނީ 9 މެމްބަރުންނެވެ.

އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް 18 އަހަރުންމަތީގެ ކޮންމެ އަންހެނަކަށްވެސް އެ އިންތިހާބުގައި ވޯޓު ދެވޭނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާބެހޭ ގަވާއިދުގައި ގޮތުން އެކޮމިޓީއަކީ ވަކި ހާއްސަ ބާރުތަކަކާއި މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައިވާ ބައެކެވެ. އެގޮތުން ރަށުގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ކައުންސިލުތަކަށް ލަފާ ދިނުމާއި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ކޮމެޓީތަކުގެ މަސްއޫލިއްޔަތެވެ. އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮމެޓީތަކުން ކުރަންޖެހޭ މަސައްކަތެކެވެ.

ކޮމެޓީތަކުން ކުރަންޖެހޭ އިތުރު ކަންކަމުގެ ތެރޭގައި މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުމާއި، އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަންހެނުންނާބެހޭ މުހިއްމު މައުލޫމާތުތައް އެއްކުރުމަކީވެސް ކޮމެޓީތަކާބެހޭ ގަވާއިދުން އެކޮމެޓީތަކަށް ހަވާލުކޮށްފައިވާ މަސައްކަތްތަކެކެވެ.

އަންހެނުންގެ ކޮމެޓީތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ތެރޭގައި ކޮމެޓީގެ ނަމުގައި މުދާ މިލްކުރުމާއި ކޮމެޓީގެ ނަމުގައި ވިޔަފާރީގެ މުއާމަލާތް ހިންގުމުގެ ބާރު ދީފައިވެއެވެ. އަދި އެކޮމިޓީތަކަކީ ވަކިން ދައުވާ ކުރުމާއި ދައުވާ ލިބިގަނެވޭ ގޮތަށް އުފައްދާފައިވާ ވަކި ގާނޫނީ ޝަހުސެކެވެ.

އަންހެނުންގެ ކޮމެޓީތަކަށް، ގަވާއިދުގައި ލާޒިމްކޮށްފައިވާ ބައެއް އެހެން ކަންކަމުގެ ތެރޭގައި ރަށްރަށުގެ ޕްލޭންތައް އެކުލަވާލާއިރު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ނަތީޖާ ހޯދުމަށް ފުރުޞަތު ލިބިފައިވާކަން ޔަގީންކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

ރަށުގެ ތަރައްޤީގެ ޕްލޭންތައް ހަދާއިރު އާއި އަދި ތަރައްޤީގެ ޕްލޭން ތަންފީޛުކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެއްބާރުލުން ކައުންސިލުތަކުން ހޯދަންޖެހެއެވެ. އަދި އެކަންކަން ކުރުމުގައި ކައުންސިލްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ގަވާއިދުގައި އަންހެނުންގެ ކޮމެޓީތަކަށް ލާޒިމުކޮށްފައިވާ ކަމެކެވެ.

ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިން ބައެއް ރަށްރަށުގައި އުފައްދާފައި އޮތް އަންހެނުންގެ ކޮމެޓީތަކަކީ، ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކޮމެޓީތަކެކެވެ. ބައެއް ކޮމެޓީތަކުގެ ބެލުމުގައި ދަށުގައި އަގުހުރި އެސެޓްތައް ހުރިއިރު ކޮމެޓީތަކުގެ މާލިއްޔަތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުއްޓެވެ. އަލަށް އިންތިހާބުކުރުވޭ ކޮމެޓީތައް އައުމުން ކުރިން ހުރި މިދެންނެވި ތަކެތި އާ ކޮމެޓީތަކުގެ ނަމަށް ބަދަލުވާނެއެވެ.

އަންނަ ނޮވެމްބަރު މަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބާއްވާނެކަން މިހާރުވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީން އިއުލާނުކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355