twitterviber whatsapp telegramfacebookyoutube instagram
24th August 2019

ދަރިވަރުންނަށް ހާއްސަ: އޯލެވެލް އިމްތިހާނުގެ ކުރިން

Oct 4, 2012

.

އޮކްޓޯބަރ 6 އަންނަނީއެވެ. ކޮންދުވަހެއްކަން އެނގޭހެއްޔެވެ؟ ހަމަޔަޤީނުންވެސް މިހިނގާ 2012 ވަނަ އަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާ އެއްވެސް ދަރިވަރަކަށް އަދި އެއިން ދަރިވަރެއްގެ ބެލެނިވެރިއަކަށް ވެސް އެދުވަސް އޮޅިފައެއް ނޯންނާނެއެވެ. މިހާރު ޝައްކު ޔަޤީނަށް ބަދަލުވެއްޖެ ދެއްތޯއެވެ؟ އާނއެކެވެ. ދަންނަވަން މިއުޅެނީ ހަމަ ތިޔަހީފުޅުކުރެއްވި ގޮތަށެވެ. އޯލެވެލް ކުދިންގެ އިމްތިހާންގެ ވާހަކައެވެ.

ލިޔުމުގެ މިހާހިސާބުން ދަރިވަރު ސްކޫލު ދައުރުގައި ގިރާކުރާ ހަރުފަތްތަކުގެ މައްޗަށް ބަލާލަމާ ހިންގަވާށެވެ. މަންމަގެ އުރުގައި ނޫނީ މަންމަ ކުލާހުން ނުކުތުމާއެކު އިވެންފަށާ ރުއިމުގެ އަޑުގުގުމައިގެންދާ ޕްރީސްކޫލްގެ ކުލާސްރޫމުން ފެށިގެން މަންމަގެ ފަސްބައިގާ ހިފަހައްޓައިގެން ސްކޫލަށް ދާ ހަނދާން އަދިވެސް އާވޭ ދެއްތޯއެވެ. ކިޔެވުމަށްވުރެ “ޕީއޭ އަދި ޕީއީ” ގަޑީގެ އިންތިޒާރުގައި ސްކޫލުގައި ވަގުތުތައް ހޭދަކުރާ މެދުމަދަރުސީ މަރުހަލާގެ ދުވަސްތައް ތަޖުރިބާ ކޮށްލަން އަދިވެސް ހިތްއެދޭ ނޫންތޯއެވެ. ކިޔަވަމުންދާ މާހައުލު ބަދަލުވެ ރަހްމަތްތެރިންގެ ” އަވާގައި” ޖެހިގެންދާ ސާނަވީ ދައުރު މިހާރު ނިމެމުން ދަނީއެވެ. މިދައުރުގެ ފޮނިކަން ލިއްބައިދޭނެ ފަހު ދުވަސްތައް ދަރިވަރުން ގުނަމުން ދަނީ މަތީ ސާނަވީގައި އަނެއްކާވެސް ހުރިހާ ދަރިވަރުން އެއްފުރާޅެއްގެ ދަށަށް އަންނާނެކަމުގެ ކުލަ ހުވަފެންތައް ދެކެމުންނެވެ.

ކޮންމެ ކުއްޖަކުވެސް ފުރިހަމަ 10 އަހަރު މަގުކޮށަމުން ގޮސްފައިމިވަނީ ކުރިން އަޅުގަނޑު މިދެންނެވި އިމްތިހާނާއި ހަމައަށް ވާޞިލްވުމަށްޓަކައެވެ. މި އިމްތިހާނުން ރަން އަކުރުން ފަވާލެވޭފަދަ މޮޅު ނަތީޖާއެއް ހޯދާ މައިންބަފައިންގެ ހިތްތައް އުފަލުން “ރޮއްވާލަން” ބޭނުންވާ ހާލުގައެވެ. މުދައްރިސުންގެ އަގުނުކުރެވޭފަދަ ވަޤުތު ތަކާއި ޚިދުމަތްތަކުގެ “ދަރަނި” އަދާނުކުރެވޭނެކަން އެނގި ހުރެ ބަދަލުގައި ރަނގަޅު ނަތީޖާ އަކުން އެއިގެ ކުޑަ މިންވަރެއް ނަމަވެސް ފޫބައްދާލަދެވޭތޯއެވެ. ސައްތައިން ސައްތަ ހޯދާ މުޅި ޤައުމު އެދަރިވަރަކަށް “ސެލިއުޓު” ކޮށްލާފަދަ ދަރިވަރަކަށް ވުމަށްޓަކައެވެ.

މަދަރުސީ ދައުރުގައި ގިނަ ގުނަ ހަރުފަތްތަކެއް ގިރާކުރަމުން “ވެއްޓެމުން” “ތެދުވަމުން” މިއަހަރުގެ އޯލެވެލް އިމްތިހާނުގައި އިށީންނާނެ 190 ދަރިވަރުން މިކުޅުދުއްފުށީގައިވެސް އެބަތިއްބެވެ. ޖަލާލުއްދީން ސްކޫލް ތަމްސީލްކުރާ މިދަރިވަރުންގެ ނަތީޖާތައް ސްކޫލުގެ ރީތިނަން ދަމަހައްޓަދޭނެކަމަކަށް ވާއިރު، އެންމެންގެ އުއްމީދުތައް ގުޅިފައިވަނީ މީގެ ދެދުވަސް ފަހުން އިމްތިހާންގައި އިށީންނަން ތައްޔާރަށް ތިބި ދަރިވަރުންނާއެވެ.

އެއްއަހަރުން އަނެއްއަހަރަށް ސްކޫލުން ފާސްވާ ކުދިންގެ އިންސައްތަ އިތުރުކޮށް، ޤައުމީ ގަދަ ދިހައެއްގައި ފައިހަރުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސްކޫލުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔެއިން އެންމެ މޮޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރޭގައި ޖަލާލުއްދީނުން އެދުރުވި ދަރިވަރަކު ހިމެނުމަށް ހުރިހާ މުދައްރިސުންވެސް ކެނޑިނޭޅި އެހީތެރިވަމުން ދެއެވެ.

އެހެންކަމުން ލޯބިވާ މައިންބަފައިންނާއި، ހުނަރުވެރި މުދައްރިސުންގެ އެފަދަ ދެވަނައެއްނެތް ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި ތިޔަ ދަރިވަރަށް ލިބިފައިވާ ފުރުސަތު ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް އަތުކުރި އޮޅާލާށެވެ. ބޯމަތިވެފައިވާ އިމްތިހާނަށްޓަކައި އެންމެ ފަހު ދުވަސްތައް ބޭކާރުގޮތުގައި ހޭދަކޮށްނުލާށެވެ. ތިޔަ ދަރިވަރުގެ މުސްތަޤްބަލް އަލިކުރުމަށްޓަކައި ދިއްލިފައިވާ ހުޅުކޮޅު ނިވުނަ ނުދީ ދެން އޮތް ހަރުފަތާއި ހަމައަށް ފޯރުކޮށްދޭށެވެ. ކާމިޔާބީއަށް ވާސިލްވުމަށްޓަކައި ހިންމަތާއެކު މަސައްކަތް ކުރާ ދަރިވަރެއްކަން ސާބިތުކޮށްދޭށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނާންނާނެކަން ހަނދާން ނައްތާ ނުލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355