twitterviber whatsapp telegramfacebookyoutube instagram
24th August 2019

އީދު ކުޅިވަރު ސިޔާސީ ނުކުރަމާތޯއެވެ.

Oct 29, 2012

.

މަތިވެރި ދެއަޅުކަމަކާއި ގުޅުވައިގެން މުސްލިމުން އުފާ ކުރުމަށް އަހަރެމެންނަށް ދެއީދު ލިބެއެވެ. ދެ އީދަކީ ވެސް އުފާކޮށް އަހަރެމެންގެ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށްޓަކައި ރަނުގެ ފުރުސަތެކެވެ. މިގޮތުން އަހަރެމެން މިހާރު ފާހަގަ ކުރަމުން މިދާ އަޟްޙާ އީދަކީ އަހަރެމެންގެ ބޮޑު އީދުގެ ނަމުގައި ފާހަގަ ކުރާ އީދެކެވެ. ޒަމާނުއްސުރެ ބޮޑު އީދު ވެގެން ގޮސްފައިވަނީ ކުޅުދުއްފުށީގައި ވެސް ތަފާތު ކުޅިވަރުތައް ކުޅެ އިޖުތިމާއީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ އީދަކަށެވެ. އަވަށު ވާދައިގައި އެއްބަޔަކު އަނެއްބަކަށް ވުރެ މޮޅުކޮށް ސްޓޭޖް އަޅާ މަޝްހޫރު މީހުން ގެނެސް އީދުގެ އުފާ ހާސިލް ކުރިކަމުގައި ވިޔަސް، ބޮޑު އީދު ވެގެންދަނީ މުޖުތަމައުގެ ގުޅުންތައް ގުޅުވައިދޭ އީދަކަށެވެ.

މިފަހަރުގެ ބޮޑު އީދު ކުޅުދުއްފުށީގައި ފާހަގަ ކުރާއިރު، ތަންކޮޅެއް ކުރީގެ އަހަރުތަކުގައި ހުރި ފޯރި އަލުން އާލާވާން ފަށާފައިވެއޭ ބުނެވިދާނެ އެވެ. ނަމަވެސް އެފޯރީގެ ތެރެއިން ފާހަގަ ކުރެވުނު ހިތްހަމަ ނުޖެހޭފަދަ ދެތިން ކަމެއް މިތަނުގައި ފާހަގަ ކޮށްލާނަމެވެ. އެއީ އިޖްތިމާއީ މިފަދަ އީދެއްގެ ތެރެއަށް ކުޑަކޮށް ނަމަވެސް ސީޔާސީ ކުލަ ފެނުން ވާހަކައެވެ.

މިއަހަރުގެ އީދުގައި ހިއްކި ސަރަހައްދުގެ ދެ ހިސާބެއްގައި ވަނީ ސްޓޭޖް ހަދާފައެވެ. ދެކުނު ސަރަހައްދު ސްޓޭޖު ކައިރީގައި ސްޕޮންސަރ ދެއްކުމަށް ބަހައްޓާފައި ހުރި ސްކްރީނުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އިޝްތިހާރު ދައްކަމުން ދިޔަ މަންޒަރު ވަނީ ގިނަބައެއްގެ ލޮލުގައި އަޅައިގެންފައެވެ. އީދު ކުޅިވަރު ބެލުމަށް އެސަރަހައްދަށް ދިޔަ ބައެއް މީހުން ތިބީ މިކަމާ ހިތްހަމަ ނުޖެހިފައި އެވެ. އެ ސްކްރީނުން ދައްކަމުން ދިޔައީ ސްޕޮންސަރ ދީފައިވާ ފަރާތްތަކުގެ އިތުރުން ނޮވެމްބަރު މަހު އޮންނަ އަންހެނުންގެ ކޮމިޓީ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ބައެއްގެ ފޮޓޯ އެވެ.

ނަމަވެސް ސްޓޭޖް ތައްޔާރު ކުރުމުގައި އިސްކޮށްއުޅުނު އީދު ކުޅިވަރު އިއްތިހާދުން ބުނެފައިވަނީ މިއީ އެ ފަރާތުން އަޅާ ސްޓޭޖެއް ކަމަށާއި މިކަމުގައި އެއްވެސް ސިޔާސީ ކުލައެއް ނުޖެހޭނެ ކަމަށެވެ.

“މިއީ ސިޔާސީ ކަމެއް ނޫން.. މިއަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ކުރާ ކަމެއްނޫން.. ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ..” އީދު ކުޅިވަރުތައް ރޭވުމުގައި އިސްކޮށްއުޅުނު މުޙައްމަދު މޫސާ (ކުރަހާ މުހައްމަދު) ބުނެފާވެއެވެ.

މިކަމާ ގުޅިގެން އިއްޔެ މުހައްމަދު މުސާ އާސުވާލު ކޮށްލުމުން ބުނެފައިވަނީ ފައިސާ ދިނުމުން ކޮންމެ މީހަކަށްވެސް އީދު ކުޅިވަރުގައި ބައިވެރި ވެވޭނެ ކަމަށެވެ.

“ސްކްރީނުން އެދައްކަނީ ހަމައެކަނި އެއްޕާޓީއެއްގެ މީހުނެއް ނޫން.. އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި މީހުންގެ ފޮޓޯވެސް ފެންނާނެ.. އެކަމަކު އެއީ އެބޭފުޅުން އެކަމަށް އެދުނީމަ.” ކުރަހާ މުހައްމަދު ބުންޏެވެ.

ތެދެކެވެ. އީދު ކުޅިވަރަށް ޚަރަދު ކުރާ ކޮންމެ މީހެއްގެ ވެސް ނަމާއި އަދި ފޮޓޯ އެތަނުގައި ދެއްކިދާނެއެވެ. އެއީ އެހީތެރިކަން ވެދިން މީހުންގެ އެ ދީލަތި އެހީގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ އިޝްތިހާރެއް އެތަނުގައި ދެއްކީމާ އެހާ ކަމަކު ނުދެއެވެ.

ދެން އޮތީ ރާއްޖެ ޓީވީގެ ވާހަކަ އެވެ. ކުޅުދުއްފުށީގެ އީދު ކުޅިވަރުތައް ލައިވް ކުރުމަށް ފުރަތަމަ ފަހަރަށް “ރާއްޖެ ޓީވީ” ވަނީ އީދުގައި ކުޅުދުއްފުށީގައި ހަރަކާތްތެރި ވެފައިއެވެ. މިގޮތުން މަށިމާލި ޕެރޭޑާއި ސްޓޭޖް ޝޯ ތައް ވަނީ ލައިވްކޮށްފައެވެ.

އެހެން ނަމަވެސް ދެކުނު ސަރަހައްދުގައި ހަދާފައިވާ ސްޓޭޖް ސަރަހައްދަށް ރާއްޖެ ޓީވީގެ ކްރޫ ދިއުމުން ބަޔަކު ވަނީ އެކަމަށް ހުރަސްއަޅާފައެވެ. އެޓީވީ އަކީ ދޮގު ހަބަރު ފަތުރާ ބައެއް ކަމަށް ބައެއް މީހުން ބުނެ އެތަނުން ބޭރުކޮށްފައިވާކަން ރާއްޖެ ޓީވީން ވަނީ ކަށަވަރު ކޮށްދީފައެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުށީގައި ހިނގަމުން ދިޔަ އީދު ކުޅިވަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ބަލާލަން ބޭނުންވެފައި ތިބި ކުޅުދުއްފުށީގެ މީހުންނަށް އެފުރުސަތު ގެއްލިގެން ދިޔައެވެ.

ރާއްޖެ ޓީވީ އެޑިޓޯރިއަލް ސިޔާސަތު ވަކި ސިޔާސީ ފިކުރަކަށް ތަބާވާތީ އީދު ކުޅިވަރު އެމީހުން ލައިވް ކުރުން ހުއްޓުމަކީ ކުޅުދުއްފުއްޓަށް ލިބުނު ފުރުސަތެއް ނަގާލުން ކަމަށް އަޅުގަނޑަށް ފެނެއެވެ.

އީދަކީ ކުރިން ދެންނެވުނުހެން އުފާކޮށް ގުޅުންތައް ތާޒާ ކުރަންވީ ވަގުތެކެވެ. އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތެވެ. ތަފާތު ފިކުރުތައް އެއްކިބާކޮށް އެއްބައިވަންތަކަން ވަރުގަދަ ކުރަންވީ ވަގުތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355