twitterviber whatsapp telegramfacebookyoutube instagram
24th August 2019

މެޓާރނިޓީ ވެއިޓިންގ ހޯމް އަދިވެސް “ވެއިޓިންގ” ގައި

Nov 19, 2012

މެޓާރނިޓީ ވެއިޓިންގ ހޯމް އޭ ބުނުމުން އެއީ ކޮންތަނެއްގެ ވާހަކަ ކަން ބައެއް ފަރާތްތަކަށް ނޭނގުނު ކަމުގައި ވިޔަސް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އެއީ ކޮންތަނެއްކަން އެނގޭނެ އެވެ. އަދި މަތިއުތުރު ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ޒިޔާރަތްކުރާ ގިނަ ފަރާތަކަށް ވެސް އެތަނެއްގެ ވާހަކަ އޮންނާނީ އިވިފައެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމް އަކީ މާބަނޑު މީހުން ވިހެއުމުގެ ކުރިން އަދި ވިހެއުމުގެ ފަހުން މަޑުކޮށްލުމަށް، ބައެއް މެޑިކަލް ފެސިލިޓީޒްތައް ވެސް ހިމެނޭނެހެން ތައްޔާރު ކޮށްފައި ހުންނަ އެކޮމޮޑޭޝަން އެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި އިންވެގެން ވެސް އެފަދަ ތަނެއް އެޅުމަށް ވަނީ ނިންމިފައެވެ. އަދި 2011 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ނުވަގަޑީގެ ވަގުތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހުޅަނގުގައި ބޭއްވި ރަސްމިއްޔާތެއް ގައި އޭރުގެ ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް ވަނީ އެއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައެވެ. ނަމަވެސް އަދިއަދަށް ދާންދެން ބިންގާ އެޅުމުގެ އިތުރަށް އިތުރު އެއްވެސް މަސައްކަތެއް އެތަނުގައި ކުރެވުނުތަނެއް “ރައްޔިތުންނަކަށް” ފެނިފައިއެއް ނުވެއެވެ. އެޅުނު ބިންގާ ވެސް އެތައްމިތަނުގައި “އެނބުރޭތަން” ވަނީ ފެނިފައެވެ.

މާބަނޑު އަންހެނުނަށް ހާއްސަކޮށްގެން އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާއަޅުއްވައި ދެއްވަމުން ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލު ދެއްކެވި ވާހަކައިގައި ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިން ހޯމަކީ މާބަނޑުވުމާއި އަދި ވިހެއުމާގުޅިގެން އެފަދަ ފަރާތްތަށް ކުޅުދުއްފުށީގައި މަޑުކޮށްލުމަށް ތައްޔާރުކުރެވޭ އިމާރާތެއް ކަމަށާއި އެތަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމް އަކީ އިޓަލީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ކެރިޓަރސް އިޓާލިއާނާގެ ފަރާތުން 2009 ވަނަ އަހަރު ރާއްޖެއަށް ލިބުނު ޕްރޮޖެކްޓެކެވެ. ކެރިޓަރސް އިޓާލިއާނާ ޕްރޮޖެކްޓްގެ ދަށުން މެޓާރނިޓީ ވެއިޓިންގ ހޯމް އެއް އެޅުމުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫ ތަރައްގީ ކުރުން ހިމެނިފައި ވެއެވެ. އަދި ސްކޮލާޝިޕްގެ ގޮތުގައި ޑޮކްޓަރުން، ބަޔޯމެޑިކަލް އިންޖިނޭރުން އަދި ނަރުހުން ތަމްރީނު ކުރުމުގެ ފުރުސަތު ލިބުނެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޑަކުދިންގެ އައިސީޔޫ ތަރައްގީ ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއިން ކޯޑިނޭޓްކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއާއެވެ. މިހާރު ހޮސްޕިޓަލްގެ ތެރޭގައި އިމާރާތް ކުރަމުން އެދާ ކުޑަކުދިންގެ އައިސީޔޫއަކީ މިދަންނަވާ ޕްރޮޖެކްޓްގެ ދަށުން ލިބުނު ކޮމްޕޮނެންޓެކެވެ. ސްކޮލާޝިޕްތަކުގެ ކަންތައްތަކާއި ވެއިޓިންގ ހޯމްގެ ކަންތައް ހެލްތު މިނިސްޓްރީ އިން ކޯޑިނޭޓް ކޮށްފައިވަނީ މަތި އުތުރު ގައުމީ އިދާރާއާއެވެ. އޭގެ ތެރެއިން ސްކޮލާޝިޕްގެ ކަންތައްތައް ވަނީ ވަރަށް ބާރަށް ކުރިއަށް ގޮސްފައިއެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމްގެ މަސައްކަތް ވެސް ގައުމީ އިދާރާ އިން ވަނީ ވަރަށް ބާރަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ދިމާވި ބައެއް ހުރަސްތަކާހުރެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވިކަން ގައުމީ އިދާރާގެ ފަރާތުން އޭރު ދީފައިވާ އިންޓަވިއުތަކުން އެނގެއެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުން ފަހުން ހެލްތު މިނިސްޓްރީ އިން ވަނީ އެޕްރޮޖެކްޓް ސީދާ އެމިނިސްޓްރީ އިން ހިންގާ ޕްރޮޖެކްޓެއްގެ ގޮތުގައި ބަދަލު ކޮށްފައެވެ.

“ހުސްވި އަހަރު ގިނަ މަސައްކަތެއް ވަނީ ކުރެވިފައި. އެއިމާރާތުގެ މަސައްކަތް މިހާރު ކުރައްވަނީ ސީދާ ހެލްތް މިނިސްޓްރީން. އަދި މަތިއުތުރު ގައުމީ އިދާރާގެ ދައުރަކީ އެކަންތައްތައް އިމްޕްލިމެންޓް ކުރުން.” ކެރިޓަރސް ޕްރޮޖެކްޓްގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން މަސައްކަތް ކުރެއްވި ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ ގޮތުގައި އޭރު ހުންނެވި ހަސަން ޒިޔާދު މިއަހަރުގެ ޖެނުއަރީގައި ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމް ޕްރޮޖެކްޓްގައި ހިމެނޭ އިމާރާތުގެ ކެޕޭސިޓީ އިތުރު ކުރުމަށްވެސް ތަފާތު މަސައްކަތްތަކެއް ވަނީ ކުރެވިފައި އެވެ.

“މީގެ ކުރިން އަޅުގަނޑުމެންނަށް އެއިމާރާތް ކުރުމަށް ދޫކޮށްފައި ވާނީ 3000 އަކަފޫޓްގެ ބިމެއް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް ކައުންސިލްގެ ސިޓީއަކުން އަންގަވާފައި އެބައޮތް މެޓަރނިޓީ ވެއިޓިން ހޯމް އިމާރާތް ކުރުމަށް 60 ފޫޓާއި 120 ފޫޓް (7200 އަކަފޫޓް) ބިމެއް  ދޭގޮތަށް ނިންމާފައިވާ ކަމަށް. ނަމަވެސް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) ގައި އެއިމާރާތުގެ މަސައްކަތް އޮތީ” ހަސަން ޒިޔާދު ޖެނުއަރީގައި ވިދާޅުވިއެވެ.

އޭރު މަޢުލޫމާތު ލިބުނު ގޮތުން އިމާރާތުގެ ފައިނަލް ޑިޒައިނާއި ބީއޯކިޔު މިނިސްޓްރީ އިން ފާސްކޮށް އޯޕީޕީ ވަނީ ފޮނުވާފައެވެ. އަދި މަސައްކަތް އަވަސް ކުރެވޭތޯ ގައުމީ އިދާރާ، ހެލްތު ކޯޕަރޭޝަން އަދި މަޖިލިސް މެމްބަރުން ގުޅިގެން ވަނީ ތަފާތު ފެންވަރުގައި މަސައްކަތް ކޮށްފައެވެ.

އިމާރާތުގެ ބިންގާ އެޅިތާ 17 މަސް ދުވަސް ވީއިރު މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެނިފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ވަނީ ދެކެވިފައެވެ. އަދި މިކަމުގެ އަޕްޑޭޓެއް ހޯދުމަށް މިނޫހުން ކުރި މަސައްކަތަށް ވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަނެއްކާ ވެސް މިދިޔަ ހަފްތާ ތެރޭގައި ވަނީ އުއްމީދު އާވެދާނެ ފަދަ ހަބަރުތަކެއް ލިބިފައެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމް ގެ އަޕްޑޭޓެއް ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލެއް ހެލްތު މިނިސްޓްރީ އާ ހަވާލާދީ ވިދާޅުވީ، އިމާރާތް ކުރުމަށް ޓެންޑަރ އަށް ހުޅުވާލުމަށްޓަކައި އޯޕީޕީ އިން މިހާރު ޓެންޑަރ ބޯޑަށް ފޮނުވާފައި ވާކަމަށެވެ. އަދި މީގެ މަހެއްހައި ދުވަސް ކުރިން އިމާރާތް ކުރާތަނުގެ ބިން ކައުންސިލުން ވަނީ މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައެވެ. ނަމަވެސް ތަނުގެ މަސައްކަތް ނިމި ޚިދުމަތް ލިބެން ފަށާނެ ދުވަހެއް ހެލްތު މިނިސްޓްރީގެ ފަރާތުން އަދިއަދަށް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މެޓާރނިޓީ ވެއިޓިންގ ހޯމް ގެ މަސައްކަތް އެއްތަނުން އަނެއް ތަނަށް، އަދި އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވަމުން ދިޔަކަމުގައި ވިޔަސް ކުޅުދުއްފުއްޓާއި ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ ތަނުގެ މަސައްކަތް ނިމި، ތަނުގެ ޚިދުމަތް ލިބެން ފަށާނެ ދުވަހެކެވެ. މެޓާރނިޓީ ވެއިޓިންގ ހޯމް އަށް އިތުރަށް ވެއިޓިންގ ގައި ތިބޭކަމަށް ބޭނުމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355