twitterviber whatsapp telegramfacebookyoutube instagram
24th August 2019

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ކުރިމަގާމެދު ސުވާލު އުފެދިފައި

Dec 25, 2012

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) އަކީ ކުޅުދުއްފުށީގައި އަލަށް ހިއްކި ބިން ތަރައްޤީކޮށް ބެލެހެއްޓުމަށް ދިވެހި ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލް ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެވެ. ކުންފުނި އުފެދިގެން މިހާތަނަށް އައިއިރު އެ ކުންފުނި ބޮޑަށް ސިފަވެފައި އޮތީ ހަމައެކަނި ކަރުދާހުގައި އޮންނަ ކުންފުންޏެއްގެ ގޮތުގައި އެވެ. އެހެންނަމަވެސް އެ ކުންފުނިން ނިމިދިޔަ އަހަރުތެރޭގައި ބޮޑެތި ކަންތައްތަކެއް ކުރަން ޕްލޭންކޮށްފައި ވެއެވެ.

ކުޅުދުއްފުށީގައި އަލަށް ހިއްކި 28.5 ހެކްޓަރުގެ ބިން ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދި ކުންފުނި އަންނަ އަހަރު ފެށެން ވާއިރަށްވެސް އުވާނުލާ އޮންނާނެކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައި އެވެ. ސަރުކާރުގެ ކުންފުނިތަކާބެހޭ ކަންކަން ބަލަހައްޓަމުން އަންނަ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑް (ޕެމެބް) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފާތިމަތު މުއާޒާ ވިދާޅުވީ ކޭޑީސީ ކުރިމަގާމެދު ކުޅުދުއްފުށީ ކައުންސިލާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އަދި ކޭޑީސީ އުވާލުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް މުއާޒާ ވިދާޅުވި އެވެ.

ކޭޑީސީގެ 49 އިންސައްތަ ހިއްސާ އޮންނަ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި އެ ކައުންސިލުގެ ވިސްނުން ހުރީ ކޭޑީސީ އުވާލުމާ ދެކޮޅަށެވެ. އަދި، ކައުންސިލުގެ އެ ނިންމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކޭޑީސީގެ ޗެއަރމަން ކަމުގެ މަގާމުން އޭރު ހުންނެވި ސްޓޭޓް މިނިސްޓަރ ހުނައިފް ވަކިކުރެއްވި ފަހުން އެކުންފުންޏަށް ޗެއަރމަނެއް ހަމަޖައްސާފައެއް ނުވެއެވެ. އަދި، ކުންފުނި “ޕެރަލައިޒް” ވުމުގެ ކުރިންވެސް އެ ކުންފުންޏަކީ ބޯޑު މެމްބަރުން ފިޔަވައި އިތުރު މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ނޫނެވެ.

ކޮންމެއަކަސް، ކުޅުދުއްފުށީގައި ހިއްކާފައިވާ ބޮޑު ބިމުގެ ތަރައްޤީގެ ޕްލޭނެއް މިދިޔަ އަހަރުގެ ފަހުކޮޅު އެކުލަވާލާފައި ވެއެވެ. އެތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދާ އެބިން ކޭޑީސީގެ އެސެޓެއްގެ ގޮތުގައި ކުރީ ސަރުކާރުން ނިންމެވިއެވެ. އެގޮތުން އެ ބިމުގައި ކޭޑީސީއިން މަސައްކަތްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައި ވެއެވެ. ކޭޑީސީގެ ބިމުގައި 100 އެނދާއި  50 އެނދުގެ ސިޓީ ހޮޓަލެއް އަޅަން ނިންމާ އެކަން ހުސްވި އަހަރުގެ ތެރޭގައި އިއުލާންކޮށްފައި ވެއެވެ. ނޫމަޑި ކުންފުނިން އަޅާ ރޯހައުސްތަކުގެ މަސައްކަތްވެސް އެބިމުގައި ފަށާފައި ވެއެވެ. އަދި، އެބިމުން ގޯތި ވިއްކުމަށް ނިންމާ އެކަން އިއުލާނުވެސް ކޮށްފައި ވެއެވެ. އެހެންނަމަވެސް، ކޭޑީސީއިން އެ ބިން ވިއްކަނީ ގާނޫނާ ހިލާފަށްކަމަށްބުނެ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯޓަށް މައްސަލަހުށަހެޅުމާ ގުޅިގެން ބިމާ ގުޅޭ މުއާމަލާތްތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައި އެވެ.

މީގެ އިތުރުން ހިއްކާފައިވާ ބިމުގެ ގޮނޑުދޮށުގައި ޝޯރ ޕްރޮޓެކްޝަންއެއް ނުވަތަ ރިވެޓްމަންޓެއް ޖަހާފައި ނެތުމުން، ބިމުގެ ބައެއް ގިރަމުން ދާކަމީވެސް ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެކެވެ.  ޕްލޭން ކޮށްފައި އޮތްގޮތަށް އެސަރަހައްދުގައި ބާޒާރު ބަނދަރު ތަރައްގީ ކުރެވެންދެން ވެސް ވަގުތީ ރިވެޓްމަންޓެއް ލައިގެން ނަމަވެސް، ބިމުން މިހާރު ގެއްލެމުންދާ ބައި ސަލާމަތް  ކުރަންޖެހެއެވެ.

ކުޅުދުއްފުށީގެ ބިމަށް އިތުރުވެގެންދިޔަ މި ބިމުގެ ބޭނުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވެން ފެށޭނެ ދުވަހެއް އެއްވެސް މުއައްސަސާއަކަށް އެނގޭހެން ހިއެއް ނުވެއެވެ. ކޭޑީސީގެ ކަންކަން ގާތުން ބަލަމުން އަންނަ ބޭފުޅަކު ވިދާޅުވީ، ކޭޑީސީގެ ކުރިމަގާމެދު ސުވާލު އުފެދެން ދިމާވި މައިގަނޑު މައްސަލައަކީ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި ވާހަކަ ނުދެކެވުން ކަމަށެވެ. ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާކުރެވުނުނަމަ ކުރިމަގުގައި ފައިދާ ފެންނަން އޮތް ކުންފުނި މިހާރު އޮތްވަރަށްވުރެ ރަނގަޅު ކުރެވުނީސް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޭޑީސީ އުވިގެން ދިއުމަކީ ކުޅުދުއްފުށީ ކައުންސިލަށް ލިބެން އޮތް އާމްދަނީގެ ބޮޑު ބައެއް ގެއްލިގެންދާނެ ކަމެކެވެ. އަދި އެއީ އަލަށް ހިއްކި ބިމާމެދު ކުރެވޭ އުއްމީދުތައް ފަނޑުވެގެންދާނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355