twitterviber whatsapp telegramfacebookyoutube instagram
20th August 2019

ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަހުގެ މުނާސަބަތުގައި: މުސްލިމުންގެ ރަސޫލާ މުޙައްމަދުގެފާނު ދެނެގަތުން

Jan 24, 2013

ޢަލީ ހާޝިމް ދީދީ

ދުނިޔޭގައި ނަންހުރި ޢިލްމުވެރިއެއް ކަމަށްވާ އަލްފާޟިލް މައިކަލް އެޗް. ހާޓް ލިޔުއްވި “ދަ 100 – އަ ރޭންކިންގ އޮފް ދަ މޯސްޓް އިންފްލެއެންޝަލް ޕާރސަންސް އިން ހިސްޓްރީ” ނުވަތަ “ދުނިޔޭގެ ތާރީޚު ދުށް އެންމެނުފޫޒް ގަދަ 100 ބޭފުޅުންގެ ތަރުތީބު” މި ފޮތުގައި މުސްލިމުންގެ ރަސޫލާ މުޙައްމަދުގެފާނަށް އެއްވަނަ މަޤާމް ދެއްވުމުން، ބައެއް ފަރާތްތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެ ފޮތުގައި ހިމަނުއްވާފައިވާ 100 ބޭފުޅުންނަށް ވަނަ ދެއްވުމުގައި އޭނާ ބޭނުންކުރެއްވި މިންގަނޑަކީ، އެކަށީގެންވާ އިންސާފުވެރި މިންގަނޑެއް ކަމުގައިވީ ނަމަވެސް، މަރުޙޫމް މަހާތުމާ ގާނދީ ނުވަތަ ސަލާމްލެއްވި ޢީސާގެފާނު ފަދަ ބޭބޭފުޅުންނަށް ވުރެ މަތީ ވަނައެއް މުޙައްމަދުގެފާނަށް ލިބިވަޑައިގަތުމުން، ގިނަ ބަޔަކު ޙައިރާންވެ، ނުރުހުން ވެސް ފާޅުކުރިއެވެ.

އާދެހެވެ. ހުޅަނގުގެ މީހުންނަށް މުޙައްމަދުގެފާނު އެއީ ވަރަށް ކުޑަކޮށް ނޫނީ އެނގޭ ޝަޚްޞިއްޔަތެއް ނޫނެވެ. އޭގެ އިތުރުން، މުޙައްމަދުގެފާނާ ބެހޭ ގޮތުން އަދި އެކަލޭގެފާނުގެ ޝަޚްޞިއްޔަތާ މެދު ހުޅަނގުގައި ފެތުރިފައިވާ ދޮގު ވާހަކަތަކުގެ ސަބަބުންނާއި، އެކަލޭގެފާނާ ބެހޭ ގޯސް ސިފަކުރުންތަކުގެ ސަބަބުން، އެކަލޭގެފާނަކީ ކޮން ބޭފުޅެއްތޯ ރަނގަޅަށް ދެނެގަންނަން މަސައްކަތްކުރާ ހުޅަނގުގެ މީހުންނަށް ވެސް ކޮންމެ ވެސް މިންވަރަކަށް އޮޅުންއަރާ ގޮތް މެދުވެރިވެއެވެ. ހުޅަނގުގެ މީހުން އެންމެ ޢާންމުކޮށް މުޙައްމަދުގެފާނު ސިފަކުރަނީ، ޢަރަބިކަރައިގައި ބުދަށް އަޅުކަންކުރަމުން ދިޔަ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ވިޔާނުދާ ދިރިއުޅުން އިޞްލާޙުކުރުމަށްޓަކާ، ރަސޫލު ބޭކަލެއް ކަމަށް ވިދާޅުވެ، އެ މުޖުތަމަޢު ހަމަ މަގަށް އަޅުވަން ނުހަނު ބޮޑަށް މަސައްކަތްޕުޅުކުރެވި ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. މިއީ ފުރަތަމަ ނަޒަރުން ބަލާލާއިރު ވަރަށް ރީތި، ރަނގަޅު ސިފަކުރުމެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނަސް، ފުންކޮށް ވިސްނާލާއިރު، އެކަލޭގެފާނުގެ ޝަޚްޞިއްޔަތު އެ ގޮތަށް ސިފަކުރުމުން، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޙާޞިލުކުރައްވާފައިވާ ބޮޑެތި ކަންތައްތަކާއި، އާދަޔާޚިލާފު ކާމިޔާބީތަކާއި، އިންސާނީ ތާރީޚުގައި އެކަލޭގެފާނުގެ މަތިވެރި ދައުރުގެ މައްޗަށް އެއިން ވަރަށް ބޮޑަށް ހިޔަނިއެޅޭ ގޮތް މެދުވެރިވެއެވެ.

ދެ ނަޒަރެއްގެ އަސަރު

މުޙައްމަދުގެފާނަކީ، އެކަލޭގެފާނު ނިސްބަތްވާ މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކާ، ރަސޫލެއް ކަމަށް އަމިއްލައަށް ދަޢުވާކުރައްވައިގެން މަސައްކަތްޕުޅު ކުރެއްވި ރަނގަޅު ހެޔޮލަފާ ބޭފުޅެކޭ ބުނުމާއި، އެކަލޭގެފާނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، މާތް ރަސްކަލާނގެ އެކަލާނގެ ރިސާލަތާއިގެން ފޮނުއްވި އެކަލާނގެ ޙައްޤު، ޙަޤީޤީ ރަސޫލާ ކަމަށް ބުނުމާ އެއްވަރު ވާނެ ހެއްޔެވެ؟ ނުވާނެކަން ގައިމެވެ. އެހެންކަމުން، މުޙައްމަދުގެފާނުގެ ޙައިސިއްޔަތު ހުޅަނގުގެ މީހުން ސިފަކުރާ ގޮތްކަމަށް ކުރިން ވެސް ދެންނެވުނު ނަޒަރުގެ އަސަރާއި، އެކަލޭގެފާނުގެ މަތިވެރިކަމާއި މާތްކަން އެނގި ސާބިތުވާ އަނެއް ނަޒަރު، އެއީ، އެކަލޭގެފާނަކީ މާތް ކަލާނގެ ޙައްޤު، އަދި ޙަޤީޤީ ރަސޫލާއޭ ބުނުމުން އެއިން ނަތީޖާކުރާ އަސަރާ ދެމެދު ވަރަށް ބޮޑު ފަރަޤެއް ހުންނާނެކަން ކޮންމެ މީހަކަށްމެ މޭރުންކުރެވޭނެއެވެ.

ފުރަތަމަ ނަޒަރުން ބަލާއިރު، އެކަލޭގެފާނަކީ ހުޅަނގުގެ މީހުން ބުނާހެން، އާދައިގެ ރަނގަޅު ހެޔޮލަފާ، އަދި އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ވިޔާނުދާ ޢަމަލުތައް އިޞްލާޙުކުރުމަށްޓަކާ ރަސޫލެއް ކަމަށް އަމިއްލައަށް ވިދާޅުވާ ބޭފުޅެއްނަމަ، އެއީ، ދޮގުވެރިއެއް ކަމަށް ވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ، ރަސޫލު ކަމަކީ އަމިއްލައަށް ހޯދޭ ނުވަތަ ހޯދައިގަނެވޭ ކަމަކަށް ނުވުމެވެ. ފަހަރުގައި އަމިއްލަފުޅު މުޖުތަމަޢު އިޞްލާޙުކުރުމުގައި ކާމިޔާބު ވުމަކީ ވެދާނެ ކަމެކެވެ. އެހެންނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ، މުޙައްމަދުގެފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްގެ ގޮތުގައި، އެކަލޭގެފާނުގެ އެންމެ ބޮޑެތި ދުޝްމަނުން ވެސް ތުހުމަތުކޮށްފައި ނުވާކަމެވެ. ޚުދު މައްކާގެ ކާފަރުން، އެކަލޭގެފާނަށް “އަލް އަމީން” ގެ ޝަރަފް އަރުވާފައިވަނީ ވެސް އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ސަބަބުންކަން ތާރީޚުން އެނގެން އެބައޮތެވެ. އެންމެ ނުބައިކޮށް އެކަލޭގެފާނަކީ ސިޙުރުވެރިއެކޭ، މަޖުނޫނެކޭ ކިޔާ މުޚާޠަބުކުރެވުނު އިރު ވެސް، އެއްވެސް މީހަކު އެކަލޭގެފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެކޭ ބުނެފައެއް ނުވެއެވެ. އެހެންކަމަށްވާނަމަ، ހުޅަނގުގެ މީހުން އެކަލޭގެފާނު އެހެން އެގޮތަށް ސިފަކުރަނީ ކީއްވެގެންބާވައެވެ؟

މި ދެންނެވުނު ސުވާލުގެ ޖަވާބު ހުޅަނގުގެ ނަންހުރި އަދި، އިސްލާމީ ތާރީޚާއި ޢަރަބި ބަހުން ޚާއްޞަވެވަޑައިގެން ހުންނެވި ސްކޮޓްލެންޑްގެ ޢިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރ ވިލިޔަމް މޮންޓްގޮމެރީ ވޮޓް (1909 – 2006) ދެއްވަނީ އަންނަނިވި ޢިބާރާތުންނެވެ.

“މުޙައްމަދުގެފާނު، އެކަލޭގެފާނުގެ ޢަޤީދާގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި އަނިޔާވެރިކަމަށް ޖެހިލުންވެވަޑައިގެންފައި ނުވުމާއި، އެކަލޭގެފާނުގެ ރިސާލަތަށް އީމާންވެވަޑައިގެން އަދި އެކަލޭގެފާނަކީ ލީޑަރެއް ކަމުގައި ދެކެވަޑައިގެން ތިއްބެވި ބޭބޭފުޅުންގެ މަތިވެރި ސުލޫކާއި، އަދި އެކަލޭގެފާނު ޙާޞިލްކުރެއްވެވި ކާމިޔާބީތަކުގެ މަތިވެރިކަން – މި ހުރިހާ ކަންކަމަކީ ވެސް އެކަލޭގެފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ހެއްކާއި ޤަރީނާއެވެ. މިސާލަކަށް މުޙައްމަދުގެފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ބަލައިފިނަމަ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކަންކަން ސާފުވުމަށްވުރެ ބޮޑަށް އެއިން އުފެދޭނީ އިތުރު އޮޅުންބޮޅުންތަކެކެވެ. ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަތިވެރި ޝަޚްޞިއްޔަތުތަކުގެ ތެރެއިން މުޙައްމަދުގެފާނަށް ވުރެ ވަކިން ކުޑަކޮށް ހުޅަނގުގެ މީހުން ދަންނަ އެހެން އެއްވެސް ޝަޚްޞިއްޔަތެއް ނެތެވެ.”

ދެވަނަ ނަޒަރަކީ، އެކަލޭގެފާނަކީ، މާތް ރަސްކަލާނގެ ޙައްޤު، އަދި ޙަޤީޤީ ރަސޫލާއޭ ބުނެވޭ ނަޒަރެވެ. މިނަޒަރުގެ އަސަރަކީ، އެކަލޭގެފާނަކީ ކަލެއްގެ އިލާހީ މަދަދާއި، އިލާހީ ޙިކްމަތުގެ ދަށުން ދުނިޔޭގައި އެކަލާނގެ ރިސާލަތު ފަތުރައްވަވައި، އެ ކަމުގައި ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމަށް ހަމަ އެންމެންނަށްމެ ބަލައިގަންނަން ފަސޭހަވުމެވެ. މިސާލަކަށް ބައްލަވާށެވެ. މުޙައްމަދުގެފާނަށް އެންމެ ފުރަތަމަ ފަހަރަށް ވަޙީ ބާވައިލެއްވުމަށް ފަހު 23 އަހަރު އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނަށް ތަބާވެވަޑައިގެންނެވި ބޭބޭފުޅުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ކުދިކުދި ތަފްޞީލްތަކަށް ދަންދެން ވެސް ގެންދެވީ ހޯއްދަވައި ބައްލަވަމުންނެވެ. އެކަލޭގެފާނާއެކު އެބޭފުޅުން އުޅުއްވި އުޅުއްވިހެން، އެކަލޭގެފާނުގެ މައްޗަށް އެބޭފުޅުންގެ އަޤީދާ ދިޔައީ ވަރުގަދަވަމުންނެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ކިތަންމެ ކުޑަކުޑަ ބޭއިޚްލާޞްތެރިކަމެއް އެބޭފުޅުންނަށް ފެނިވަޑައިގެންނެވި ނަމަވެސް، އެބޭފުޅުން އެކަލޭގެފާނާއެކު ނުތިއްބެވީހެވެ. އެކަމަކު އެފަދަ ކަމެއް ނުހިނގައެވެ. އާޚިރު ނަތީޖާއަކަށްވެގެން ދިޔައީ، މުޙައްމަދުގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅުގެ ދަރިކަލުން ޢަލީގެފާނާއެކު މައްކާގައި އުފެދުނު މުސްލިމުންގެ މުޖުތަމަޢު، އޭގެ 23 އަހަރު ފަހުން މުޙައްމަދުގެފާނު ސުވަރުގެވަޑައިގަތް އިރު 140,000 މީހުންނަށްވުރެ އިތުރުވެ ބޮޑުވެފަައިވުމެވެ. އާދަޔާ ޚިލާފު އެތައް، އެތައް ކާމިޔާބީތަކެއް ޙާޞިލުކުރެއްވިފައިވުމެވެ.

އާދޭހެވެ. އިސްލާމްދީނާއި، އިސްލާމީ ތަހުޒީބާއި ތަރައްޤީ އުފެދިގެން އައީ މުޙައްމަދުގެފާނުގެ ފަރާތްޕުޅުންނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު އުނގެނުމުގައި، ތާރީޚުގެ ފޮތްތަކާއި، ސިޔަރަތު ފޮތްތައް އެއީ، ވަރަށް ވެސް ކުޑަކުޑަ މިންވަރެކެވެ. މުޙައްމަދުގެފާނުގެ އިންސާނީ ޒާތުފުޅު އެއީ، އޮށެއް ކަމަށާއި، އަދި އެކަލޭގެފާނުގެ ރަސޫލުކަން އެއީ އެ އޮށުން ފެޅި ގަސްކަމުގައި ބެލެވިދާނެއެވެ. އެ ގަހަށް އިލާހީ ބަރަކާތުން ފެންލިބި، ޒަމާންތަކާއެކު އެ ގަހުގެ ބިޔަކަން އިތުރުވެގެން ގޮސްފައިވެއެވެ. އެކަލޭގެފާނު ރަނގަޅަށް ދެނެގަންނަން މަސައްކަތްކުރާ މީހާ، އެކަލޭގެފާނުގެ އިންސާނީ ޙަޔާތާއި، އެކަލޭގެފާނުގެ ސިފަފުޅުތަކާއި، އަޚްލާޤާ ހަމައިން ނިންމާލައިގެން ނުވާނެއެވެ. އޭގެ އިތުރުން، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ހޯއްދެވި މަތިވެރިކަމާއި ކާމިޔާބު އެއީ، ކައުނުގައިވާ ކަލެއްގެ އިރާދަފުޅާއި މިންވަރުފުޅު އަދި ރުއްސެވުން މީހަކަށް ލިބިގެން ނޫނީ ވާވަރުގެ ކަމެއްތޯ ވެސް ވިސްނާލުން މުހިންމެވެ.

ރަސޫލު ކަމުގެ ގަހުގެ މޭވާ

މުޙައްމަދުގެފާނުގެ ރަސޫލުކަން ދިރާސާކުރާ ކޮންމެ މީހަކަށްމެ، އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވި ޢަރަބިކަރައަކީ، އެ ކަރައިގެ މީހުންގެ ކިބައިގައި ނުހަނު ގޮތްކުޑަ، ނުބައި އާދަތަކެއް ހަރުލާފައިވާ ބައެއް ކަން އެނގޭނެއެވެ. އަމިއްލަ އަންހެން ދަރިން ދިރިތިއްބާ ވަޅުލުމާއި، އިންތިހާއަށް ރިބާ ކެއުމާއި، ޙައްދެއްނެތި ޒިނޭކުރުމާއި، ހޭކުޑައިވާ މިންވަރަށް ރާބުއިމާއި، ނަސަބީ، ނަސްލީ ތަފާތުކުރުމާއި، ދެރަވަރު މީހާ ނިކަމެތިކުރުމާއި، ބުދަށް އަޅުކަންކުރުމާއި، އަންހެނުންގެ ޙައްޤުތައް ނިގުޅައިގަތުމާއި، ޤަބީލާގެ ތަޅާފޮޅުން ފަދަ ނޭއްގާނީ، ނޭދެވޭ ހުރިހާ ކަންތައްތަކެއް އެމީހުންގެ ތެރޭގައި ވަކިހިއްޕާލާފައި އޮތެވެ. މި ފަދަ މުޖުތަމަޢަކަށް މުޙައްމަދުގެފާނު ގެނެސްދެއްވީ، ހަމަހަމަކަމާއި، އިންސާފާއި، އިންސާނިއްޔަތުކަމާއި، އަޚުވަންތަކަމެވެ. ޔަތީމުންނަށް އަޅާލުމާއި، އަންހެނުންގެ ޤަދަރު މަތިވެރިކުރުމާއި، އަދި އެނޫން ވެސް މިއަދު ދުނިޔެ ދެކޭ އަދި ދުނިޔޭގެ ހުރިހާ ދީންތަކެއް ވެސް ޤަބޫލުކުރާ ފުރިހަމަ އަޚުލާޤެވެ. ޤަބީލާއާއި ވަންހަ، އަދި ނަސަބާއި ޙަސަބުގެ ސަބަބުން ތަފާތުކުރުން އިންތިހާއަށް އޮތް އެ މުޖުތަމަޢުން މުޙައްމަދުގެފާނު އެކަން ނައްތާލެއްވި ނައްތާލެއްވުމަށް އިނގިރޭސި ތާރީޚު ޢިލްމުވެރިޔާ އަލްފާޟިލް އާރނޯލްޑް ޓޯންބީ ތަޢުރީފްކުރައްވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

“އިސްލާމުންގެ މެދުގައި ނަސްލީ ތަފާތުކުރުން ނެތުމަކީ، އިސްލާމްދީނުގެ އެންމެ މަތީ ކާމިޔާބުތަކުގެ ތެރެއިން ކަމެކެވެ. އަދި އިސްލާމްދީނުގެ އެ މާތް ސިފައަށް މި ދުނިޔެ މިހާރު ވެސް ބޭނުންވެފައިވާ މިންވަރު ނުހަނު ބޮޑެވެ.”

މިއަދު ދުނިޔޭގައި ކުޑަކުޑަ މުޖުތަމަޢަކުން، ދުންފަތުގެ އިސްތިޢުމާލުކުރުން ކަހަލަ ކުޑަކުޑަ ނުބައި އާދައެއް ވެސް ފިލުވާލުމަކީ ފަސޭހައިން ވާވަރުގެ ލާހިކު ކަމެއް ނޫންކަން ސިޔާސީވެރިންނާއި، އިޖްތިމާޢީ ޚިދުމަތުގައި އުޅޭ މީހުންނަށް އެނގޭނެއެވެ. އެހެންނަމަވެސް، ޒަމާނުއްސުރެ ޢަރަބިންގެ ކިބައިގައި ހަރުލައި، ހަރުވެފައި ހުރި ނުބައި އާދަތައް މުޅިން ނައްތާލުމުގައި މާބޮޑެތި ބާރުތަކަކާ ނުލައި، ކުރު މުއްދަތެއްގެ ތެރޭގައި މުޙައްމަދުގެފާނު ވަނީ މަތިވެރި ކާމިޔާބު ހޯއްދަވާފައެވެ. މި ނޫނަސް ވެސް އާދަޔާ ޚިލާފު ކިތަންމެ ކާމިޔާބުތަކެއް އެކަލޭގެފާނު ވަނީ ޙާޞިލްކުރައްވާފައެވެ. އެހެންކަމުން، މުސްލިމުންގެ ރަސޫލާ މުޙައްމަދުގެފާނު ދެނެގަނެވޭނީ، އެކަލޭގެފާނުގެ ސީރަތުގެ އިތުރުން، މި ދެންނެވި އެންމެހާ ކަންތައްތަކަށް ވެސް ނަޒަރުކޮށްގެންނެވެ. ވިސްނައި ދިރާސާކޮށްގެންނެވެ. އެއީ، ކީރިތި ޤުރުއާނުގައިވާ ފަދައިން، އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި ކަމަށް ވާތީއެވެ.

ނޯޓް: މިއީ އެމެރިކާގެ ނިއު ޖަރޒީގައި ނުކުންނަ ދަ ފައުންޓެން މެގެޒިން (ޢަދަދު 46، ޖޫން 2004) ގައި އަލްފާޟިލް އަލްފޯންސް ޑައުގަން ލިޔުއްވި “އަންޑަސްޓޭންޑިންގ ޕްރޮފެޓް މޮހޮމެޑް ބިޔޯންޑް ދަ ސްޓެރިއޯޓައިޕްސް” މި އާޓިކަލްގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355