twitterviber whatsapp telegramfacebookyoutube instagram
24th August 2019

ސެންޓަރު ހަސަންބެ – މުޅި އުމުރު ސިއްޙީ ހިދުމަތްތެރިއެއްގެ ގޮތުގައި

Feb 10, 2013

އިހު ޒަމާނުގައި، މީހުންނަށް ފަރުވާ ދިނުމަށް ރަށްރަށަށް ދަތުރުކުރުމުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ވަނީ ކަނޑުވެފައެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރޭގައި ވިއްސާރައިގާ ދޯނި މަތީގައި މީހުން ވިއްސި ހަނދާން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަދި ނޮޅިވަރަމުގެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވަނިކޮށް އެއްވެސް ލަކުނެއް ނުފެންނާނެ ހެން ފަރުވާ ވަނީ ދީފައި އެވެ. މިއީ އުފަލާއެކު އަދި ފަހުރުވެރިކަމާއެކު “ސެންޓަރު ހަސަންބެ” ހިއްސާކުރި، މާޒީގެ ބައެއް ވާހަކަތަކެވެ.

ކުޅުދުއްފުށީ އަންބަރީގޭ، އަހުމަދު އާދަމާއި އައިމިނަތު އަލީއަށް ލިބިލައްވާފައިވާ ހަސަން އަހުމަދު (ސެންޓަރު ހަސަނު) އަކީ ސިއްހީ ދާއިރާއިން ގިނަބައެއްގެ ލޯބި ހޯއްދަވާފައިވާ ފަރާތެކެވެ. އުމުރުން 71 އަހަރުގެ “ސެންޓަރު ހަސަންބެ” އަކީ  6 ކުދިންގެ ބައްޕައެކެވެ. 1960 ވަނަ އަހަރު ސިއްހީ ދާއިރާއާ ގުޅުނު ހަސަންބެގެ 8 ކާފަ ދަރިން އެބަތިއްބެވެ.

ހދ ނޮޅިވަރަމްފަރު އަމީނިއްޔާ ސްކޫލުން ފުރަތަމަ ތައުލީމު ހާސިލް ކުރެއްވި ހަސަންބެ ވަނީ ކުޅުދުއްފުށީގައި އަމީރު އަމީން ސްކޫލު ހުޅުވުނު ހިސާބުން ފެށިގެން އެސްކޫލުގައިވެސް ތައުލީމް ހާސިލް ކުރައްވާފައެވެ. އެދުވަސްވަރުގެ އަތޮޅުވެރިންގެ އެދިލެއްވުމުގެ މަތިން މާލެ ބަދަލުވެ، އޭރު ހުރި ހަމައެކަނި ޑަކްޓަރުގެ ބެލުމުގެ ދަށުން ހަސަންބެ ސިއްހީ ދާއިރާގެ މައުލޫމާތު ހޯއްދަވާ އިލްމު އެއްކުރެއްވިއެވެ. އޭރުގެ “ވުޒާރަތުލް ސިއްހަ” ގައި  މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން ހަސަން އަހުމަދަށް “ސެންޓަރު ހަސަންބެ” ގެ ނަން ހަރުލިއެވެ. މިއަދާ ޖެހެންދެންވެސް ސެންޓަރު ހަސަންބެ އަށް އެނަމުން މުޚާތަބު ކުރާ މީހުންގެ އަދަދު ގިނަ ކަމީ މިދާއިރާގައި ހަސަންބެއަށް ލިބިފައިވާ އިހްތިރާމް ކަމަށް ހަސަންބެ ދެކެލައްވައެވެ.

ހަސަންބެ ރާއްޖޭގެ އެކި ރަށްރަށުގައި، އެންމެ ނުރައްކާތެރި ބަލިތައް ފެތުރުނު ޒަމާނުގައި އެ ބަލިތަށް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވި އެވެ. އެދުވަސްވަރު ހަސަންބެ މަސައްކަތް ކުރަނީ އެކި އެކި ރަށްރަށަށް ޒިޔާރަތް ކޮށްގެންނެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަދު ބައެއްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ ހާލަތު ވަނީ ވަރަށް ގާތުން ތަޖުރިބާ ކުރައްވާފައެވެ. މިގޮތުން ހަސަންބެ ވަނީ “ސިގެއްލާ” އާއްމުވި ދުވަސްވަރު ހދ ހިރިމަރަދޫ ގައި އަދި ކޮލެރާ އާއްމުވި ދުވަސްވަރު ތ. ތިމަރަފުށީގައި ސިއްހީ ފަރުވާ ދެއްވުމަށް އިސްކޮށް ހުންނަވާފައެވެ.

1968 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ފެއްޓެވި ހަސަންބެ އަށް، ކުޅުދުއްފުށީގައި އެންމެ އާއްމުކޮށް ފެތުރޭ ބައްޔެއް ކަމަށް ފާހަގަ ކުރެވިފައިވަނީ ހުން އައުމާއި ރޯގާ އާއި ބޭރަށް ހިންގުމެވެ. އެހެން ނަމަވެސް މިހާރު އެކަންތައްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަން ހަސަންބެ ފާހަގަ ކުރެއްވިއެވެ.

ޒަމާނަށް އައި ބަދަލާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމުގެ ސަބަބުން ހޮސްޕިޓާ ތަކުގެ ފެންވަރު ރަނގަޅު ވެފާވާ ކަމާއި ބޮޑެތި އޮޕަރޭޝަން ފަދަ ކަންތައްތައް ކުޅުދުއްފުށިން ކުރެވުމަކީ މިދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހަސަންބެ ދެކެލައްވައެވެ.

އެންމެ ފުރަތަމަ ހެލްތު އެސިސްޓެންޓެއްގެ ގޮތުން މަސައްކަތް ކުރަން ފެއްޓެވި ހަސަންބެއަށް 65 އަހަރުވެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ތަފާތު މަޤާމުތައް ވަނީ ފުރުއްވާފައެވެ. މިގޮތުން ސީނިއާ ހެލްތު އެސިސްޓެންޓާއި، ސުޕަރ ހެލްތު އެސިސްޓެންޓާއި، ޕަބްލިކް ހެލްތު އޮފިސަރުގެ އިތުރުން ސީނިޔާ ހެލްތު އޮފިސަރު ފާހަގަ ކޮށްލެވެއެވެ.

ޚިދުމަތުގެ މި ދިގު މުއްދަތުގައި ހަސަންބެ ވަނީ އާދަޔާ ޚިލާފު ގިނަ ކަންތައް ތަކަކާއި ކުރިމަތި ލައްވާފައެވެ. މިގޮތުން މީހުންނަށް ފަރުވާ ދިނުމަށް ރަށްރަށަށް ދަތުރުކުރުމުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ހަސަންބެ ވަނީ ކަނޑުވެފައެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ވިއްސާރައިގާ ދޯނި މަތީގައި މީހުން ވިއްސި ހަނދާން ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށް ހަސަންބެ ވިދާޅުވި އެވެ. އަދި ނޮޅިވަރަމުގެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވަނިކޮށް އެއްވެސް ލަކުނެއް ނުފެންނާނެ ހެން ފަރުވާ ދެވުނުކަމީ މިއަދުވެސް ހަސަންބެ އެކަމާ ފަހުރުވެރިވާ ކަމެއްކަމަށް ވިދާޅުވި އެވެ.

ރަށްރަށުގެ ސިއްހީ ކަންތައްތައް ބެލުމުގެ އިތުރުން ހައްޖުގެ މަތިވެރި އަޅުވެތިކަމުގައި ބައިވެރިވާ ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން ވެސް އެތައް ޒަމާނެއް ވަންދެން ހަސަންބެ މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން ހަސަންބެ ވަނީ 15 ފަހަރު ހައްޖަށް ގޮސް ހައްޖާޖީންގެ ސިއްހަތު ބެލެހެއްޓުމުގައި ހަރަކާތްތެރި ވެލައްވާފައެވެ. މިމުއްދަތުގައި އަތަމާ ގުރޫޕުން ހައްޖަށްދިޔަ ފަރާތްތަކުގެ ލޯބިވެސް ހަސަންބެ ވަނީ ހޯއްދަވާފައެވެ.

ސިއްޙީ ދާއިރާގެ ހަސަންބެގެ ދަރިންވެސް ދަނީ ހަރަކާތް ތެރިވަމުންނެވެ. ލެބް ޓެކްނީޝަނުންނާއި ނަރުހުންގެ ތެރޭގައި ވެސް ހަސަންބެގެ ދަރިން އިސް މަގާމުތަކެއް އަންނަނީ ފުރަމުންނެވެ. ހަސަންބެގެ ދަރިން ސިއްހީ ދާއިރާއާ ގުޅުމަށް މަޖުބޫރު ކޮށްފައި ނުވާނެކަމަށް ހަސަންބެ ވިދާޅުވި އެވެ. އަދި އަންނަ އަހަރު ހަސަންބެގެ ދަރިފުޅަކު ޑަކުޓަރުކަން ކިޔަވާ ނިމިގެން ޚިދުމަތް ދެއްވަން ފައްޓަވާނެކަން އުފާވެރި ކަމާއި ފަޚުރުވެރިކަމާއިއެކު ހަސަންބެ ފާހަގަ ކުރެއްވިއެވެ.

ހަސަންބެގެ “ސެންޓަރު ހަސަންބެ” ގެގޮތުގައި ދެމިހުރުމަށް އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން ޝުކުވެރިކަމާއި އެކު ހަސަންބެ ބަލައިގަނެއެވެ. މިދާއިރާއިން ލިބިލެއްވި ތަޖުރިބާ ހިއްސާކުރެއްވުމަށް ތައްޔާރަށް ހުންނެވި ހަސަންބެ ދެކެލައްވާ ގޮތުގައި އަމާނާތް ތެރިކަމާއި އިޚްލާސްތެރި ކަމާއިއެކު މަސައްކަތް ކޮށްފިނަމަ އެކަމެއް ހާސިލް ވެގެންދާނެއެވެ. އަޅުގަނޑުމެން އެދެނީ ހަސަންބެއަށް އުފާވެރި ފާގަތި ދުވަސްތަކަކަށެވެ.

ސެންޓަރު ހަސަންބެއަކީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން އުމުރުގެ އެންމެ ފަހުކޮޅުގައި ވެސް ދިވެހިންގެ އާންމު ސިއްހަތު ދުޅަހެޔޮކުރުމަށާއި، އާންމު ފަރުދުންގެ ސިއްހަތަށް ހިދުމަތްކުރެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355