twitterviber whatsapp telegramfacebookyoutube instagram
24th August 2019

ހިރިމަރަދޫ ބަނދަރު – އެތައް ޒަމާނެއްވީ ކުލަނުޖެހުނު ހުވަފެނެއް!

Mar 16, 2013

ހިރިމަރަދޫ އިން އަޙްމަދު މުޙައްމަދު

10 މާޗް 2013 ވީ އާދީއްތަދުވަހުގެ ހެނދުނު ހިރިމަރަދޫގެ ރައްޔިތުން ނުކުމެ ރަށުގެ ކައުންސިލް އިދާރާ ހިޞާރުކޮށް އިހްތިޖާޖްކުރަންފެށުން ވެގެންދިޔައީ ހިރިމަރަދޫގެ ކަންކަން އެނގޭ މީހުންނަށް ލިބިގެންދިޔަ ބޮޑު ހައިރާންކަމަކަށެވެ. ސަބަބަކީ ހިރިމަރަދޫއަކީ، ވޭތުވެދިޔަ ހައެއްކަ އަހަރުގެތެރޭގައި ރާއްޖޭގައި ވައިގައި ހިފަމުންއައި ސިޔާސީ ކަންތައްގަނޑުގެ އަސަރު މުޅި އަތޮޅުންވެސް އެންމެ ކުޑަކޮށް ކޮށްފައިވާ ރަށް ކަމަށް ވާތީއެވެ. ހިރިމަރަދޫއަކީ މިހާތަނާ ޖެހެންދެންވެސް މާބޮޑު ސިޔާސީ ޙަރަކާތެއް އޮތް ރަށެއްނޫނެވެ. ރަށުގެ މީހުންގެތެރެއިންވެސް ގިނަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއްނޫނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިރިމަރަދޫ ފާހަގަވެގެންގޮސްފައިވަނީ ރައީސް މައުމޫނަށް ބޮޑު ތާއީދެއްކުރި ރަށެއްގެގޮތުގައެވެ. އަދި އޭގެ ކުރިން ވޭތުވެދިޔަ 30 އަހަރުވެސް ރަށުގެ ރައްޔިތުން ދެމިތިބީ މައުމޫނުގެ ސަރުކާރަށް ވަފާތެރި އަދި ކިޔަމަންތެރި ބައެއްގެގޮތުގައެވެ.

528 މީހުންގެ އާބާދީއެއް އޮތް 43 ހެކްޓަރުގެ ހިރިމަރަދޫ އަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑު ރަށެވެ. ވޭތުވެ ދިޔަ ދިގު މާޒީގައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އެއްވެސްކަމެއް ކޮށްދެއްވާފައިނުވާކަމަށް އެރަށުގެ މީހުންނާއި އެރަށު ކައުންސިލުންވެސް ބުނެއެވެ. އެކަމަށްޓަކައި އެއިރެއްގައި ރަށުގައި އޮތް ވެރިކަމެއްގެފަރާތުން ސަރުކާރަށް ހުށަހަޅައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ރަށު ކައުންސިލުން ބުނެއެވެ. ނަމަވެސް މިވީހާތަނަށްވެސް އެރަށުގެ ރައްޔިތުން ބަނދަރަކަށް ކުރަމުންއައި އުއްމީދަށް އަލިމަގެއް ފެނިފައެއްނުވެއެވެ.

ހިރިމަރަދޫގެ ބަނދަރުގެ އިޝޫއަކީ އެކިއެކި އިންތިޚާބުތަކާއި ގުޅިގެން އެކިއެކި ސިޔާސީ ވެރިންނާއި ސިޔާސީ ފަރާތްތަކުން އެރަށަށް ކެމްޕެއިނަށް ކުރައްވާ ދަތުރުތަކުގައި ބޭނުންކުރާ އެންމެ ބާރުގަދަ ހަތިޔާރެވެ. ރިޔާސީ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ ފަރާތްތަކުންވެސް އެރަށުގެ ރައްޔިތުންނަށްވާ އެންމެ އިސް ވަޢުދަކީ ލަފާފުރުމުގެ ކަންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ވަޢުދުކަމުގައި އެރަށުގެ ރައްޔިތުން ބުނެއެވެ. ބަނދަރުގެ މައްސަލާގައި މިހާރު އެރަށުގެ ކައުންސިލްގެ އިދާރާ ބަންދުކޮށް އިހްތިޖާޖްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ޢަބްދުﷲ ޢުޘްމާން ވިދާޅުވީ އަބަދުވެސް ސަރުކާރުންނާއި އެކިއެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން އެރަށުގެ ރައްޔިތުންނަށް ބަނދަރުގެ ހުވަފެން ދައްކާކަމުގައެވެ.

“ރައީސް މައުމޫން 1981 ގައި މިރަށަށް ވަޑައިގެން މިރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވިކަމަށް ރަށުގެ ދުވަސްވީ މީހުންބުނޭ. އޭގެފަހުން ވެސް އެމަނިކުފާނުގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި އެތަކެއްފަހަރު ބަނދަރު ހައްދަވާ ދެއްވާނެކަމަށް ސަރުކާރުން ބުނެފައިވޭ. ކޮންމެ އިންތިޚާބަކާ ގުޅިގެން ތާރީޚްތަކެއް ދެއްވާ. ބަނދަރު ހަދަން ސާވޭތައްވެސް ކުރައްވާ. ނަމަވެސް މިއަދާ ހަމައަށް ވެސް މިކަންކުރެވިފައެއްނުވޭ. ދެއްކި ހުރިހާ ހުވަފެނެއްވެސްވީ ބިލާހަށް” ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުﷲ އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު 2010 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހިރިމަރަދޫއަށް ކުރެއްވި ދަތުރުފުޅުގައި 2012 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި އެރަށުގައި ބަނދަރު ހެދުމަށް ފައިސާ ހިމަނުއްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް 2012 ވަނައަހަރުވެސް އެފައިސާ ހިމަނުއްވާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ހިރިމަރަދޫގެ ރައްޔިތުންނަށް ވަމުންދިޔަ ވަޢުދުގެ ސިލްސިލާގެ އެންމެ ފަހު ބޮޅަކަށް ވެގެންދިޔައީ 2012 ވަނަ އަހަރުގެ މާޗް މަހުގެ 3 ގައި ރައީސް ޑޮކްޓަރ ވަހީދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ޚަރަދުކުރުމަށް 2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 30 މިލިއަން ރުފިޔާ ހިމަނުއްވައި ދެއްވާނެކަމަށް ވިދާޅުވެ، ވީ ވަޢުދެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބަޖެޓްގައި ހިރިމަރަދޫގެ ތަރައްޤީއަށް އެއްވެސް ފައިސާއެއް ހިމަނުއްވާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެރަށުގެ ބައެއް ކައުންސިލް މެމްބަރުންނާއި ބައެއް ރައްޔިތުން ކުރިމަސައްކަތުން އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންގެ އެހީތެރިކަމާއެކު ޕީ.އެސް.އައި.ޕީގެ ގޮތުގައި ހިރިމަރަދޫގައި ބަނދަރެއް ހެދުމަށް 21 މިލިއަން ރުފިޔާ ހިމެނިފައިވާކަމަށް ހިރިމަރަދޫ ކައުންސިލުން ވިދާޅުވެ އެވެ.

ހިރިމަރަދޫގެ ރައްޔިތުން ނުކުމެ އެރަށު ކައުންސިލްގެ އިދާރާ ބަންދުކޮށް މިހާރުކުރަމުންދާ އިހްތިޖާޖަކީ ބަޖެޓް ކުރެވިފައިވާ ހިރިމަރަދޫ ބަނދަރުގެ މަސައްކަތް ފެށުން ލަސްވަމުންދާތީ ކުރަމުންދާ އިހްތިޖާޖެ ކަމަށާއި ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. ” މިކަން ހުއްޓާނީ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުނު ދުވަހަކުން. ކެތްކޮށްގެން ތިބެވިއްޖެ” އޭނާ ބުންޏެވެ.

މި އިހްތިޖާޖްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ ޢަލީ ޢަބްދުއް ރަޙްމާން ވިދާޅުވީ މި ޙަރަކާތުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވާކަމަށާއި، ބަނދަރުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބެއް ސާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޟިރު ކޮށްދިނުމަށް އެދި ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަމަށެވެ. ބަނދަރުގެ ޢަމަލީ މަސައްކަތް ނުފަށަނީސް މިހަރަކާތް ހުއްޓާނުލާނެކަމަށާއި ރިޔާސީ އިންތިޚާބުވެސް ބޮއިކޮޓްކުރަންޖެހިދާނެކަމަށް ވިދާޅުވެ އޭނާވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

“އަޅުގަނޑުމެންގެ އާބާދީ ކިތަންމެ މަދަސް އެންމެ ވޯޓަކީވެސް މުހިންމު ވޯޓަކަށްވާތީ ދެއްތޯ އެބޭފުޅުން އަޅުގަނޑުމެންކައިރިއަށް އަންނަނީ.” އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި މިފަހަރު ތިބީ ގޮތްދޫކުރާގޮތަކަށްނޫނެވެ. އެކަން އެމީހުންގެ ވާހަކައިން ރަނގަޅަށް އެނގެއެވެ.

“މިފަހަރު މިތިބީ ދޫކުރާގޮތަކަށްނޫން. 35 އަހަރުވަންދެން ތިބެވިއްޖެ. މިފަހަރު ގޮތްދޫކުރަންޖެހޭނީ ސަރުކާރުން.” ރަށު ކައުންސިލްގެ އިދާރާގެ ދޮރުބުޑުގައި ބަހައްޓާފައިހުރި ޖޯލިފައްޗެއްގައި އިށީނދެގެން އިން ޢުމުރުން 72 އަހަރުގެ ޢަލީ ޙަސަން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355