twitterviber whatsapp telegramfacebookyoutube instagram
24th August 2019

ސްކޫލު ދަރިވަރުންގެ އަހުލާގު ކަންބޮޑުވާ ދަރަޖައަކަށް

Mar 18, 2013

ސްކޫލުތަކާ ގުޅޭގޮތުން މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކުންވެސް އެންމެ ބާރުލާފައި އިވޭ އެއް އަޑަކީ ސްކޫލު ކުދިންގެ އަހުލާގު ދަށްވަމުންދާ އަޑެވެ. ޓީވީ ތަކުގައާއި މާލަމް ތަކުގައި ދަރިވަރުންގެ އަހުލާގު ބެހޭގޮތުން ސަރުކާރުގެ އެކިފެންވަރުގެ ބޭފުޅުން އަބަދުވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެހެން ނަމަވެސް މިމަޝްވަރާތަކާއި ސައްލާކުރުންތައް ވަނީ ހޮޅި ވާހަކަތަކަކަށް ވެފައެވެ. ކުޅުދުއްފުށީގެ ސްކޫލް ދަރިވަރުންގެ އަހުލާގުގެ ވާހަކައަކީ ވެސް މިއަދު ދައްކަންޖެހިފައިވާ މުހިއްމު ވާހަކައެކެވެ. މިވާހަކަތައް ދައްކަނީ އެއްވެސް ސްކޫލެއް ބަދުނާމުކޮށް އަގު ވައްޓާލުމުގެ ނިޔަތެއްގައެއް ނޫނެވެ. އެހެނެއް ކަމަކު މިކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކެއްގެ ސަމާލުކަމަށް މިކަންގެނެސްދީ ޒިންމާދާރުކުރުމުގެ ގަސްދުގައެވެ. މިކަމުގައި ސްކޫލެއް، ބެލެނިވެރިޔެއް، ޓިއުޝަން ކުލާހެއް، ސިޔާސީ ފަރާތެއް އިސްތިސްނާ ކުރުމެއް ނެތެވެ.

ދާދި ފަހުން އަޅުގަނޑުމެން ސިއްސުވާލި ހަބަރަކީ ކުޅުދުއްފުށީ ސްކޫލެއްގެ ޕްރިންސިޕަލާމެދު ހިތްހަމަނުޖެހިގެން އެބޭފުޅާ ދިރިއުޅުއްވާ ގެއަށް އެސްކޫލުގެ ދަރިވަރުންތަކެއް ގައު އުކާ އެގޭ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލި ހަބަރެވެ. ގިނަބަޔަކު މިކަން ސިފަކޮށްފައިވަނީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ. ޕްރިންސިޕަލަކީ ކޮންމެ ރަށެއްގެ ބޭފުޅެއް ކަމުގައި ވިޔަސް އެބޭފުޅާވެސް މަސައްކަތް ކުރައްވަނީ ސްކޫލާއި ދަރިވަރުން ކުރިއެރުވުމަށެވެ.

ގިނަ ދަރިވަރުންތަކެއް ތައުލީމު ހާޞިލު ކޮށްފައިވާ އުތުރުގެ ސާނަވީ ތައުލީމުގެ “މަންމަ” ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޖަލާލުއްދީން ސްކޫލުގެ ބައެއް ދަރިވަރުންގެ އަޚްލާގީ ފެންވަރަކީވެސް ދައްކާ ކޮޅުންލާން އޮތް ވާހަކަ ތަކެއްނޫނެވެ. މިއަހަރުގެ މާދަރީ ބަހުގެ  ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުގެ ހޯލުގައި ބޭއްވި ސްޓޭޖް ހަރަކާތްތައް ބެލުމަށް އެތަނަށް ގޮސްތިބި ސްކޫލުގެ ދަރިވަރުންގެ އަމަލުތައް ހުރިގޮތް މިކަމުގެ ހެއްކަކަށް ފުދެއެވެ. އެރޭ އެތަނުގައި ހުރި މީހެއްގެ ހައިސިއްޔަތުން އެ މާހައުލު އަޅުގަނޑަށް ސިފަވެގެން ދިޔައީ ސިނަމާގައި އަސަރުގަދަ ލޯބީގެ ފިލްމެއް ބަލަމުންދާ ވަގުތު އެތަނަށް ޖަމާވެފައިވާ ސަޕޯޓަރުން ތަރުހީބުދޭ ބީދައިން އަމަލުކުރި މަންޒަރެވެ. ސްކޫލުގެ އިސްވެރިންނާއި، ޓީޗަރުންނާއި މަދުންނަމަވެސް ބެލެނިވެރިންގެ ކުރިމަތީގައި އެއްވެސް ބެލުމެއް ނެތި އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަޑު ލައްވާ އެއްޗެހި ކިޔަމުން ދިޔައިރު އެ ކުދިންނަކީ ވަކަރުގެއިން ތައުލީމު ހާޞިލުކުރާ ކުދިންނެކޭ ވަކި ތަފާތެއް ނެތެވެ. މިއީ، އެސްކޫލުގެ ހުރިހާ ދަރިވަރުންގެ ވާހަކަ ނޫންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ދަރިވަރުންގެ އަހުލާގާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ތައުލީމީ ދާއިރާގައި 17 ވަނަ އަހަރު ގުނަމުންދާ އަފީފުއްދީން ސްކޫލުގެ އިސްލާމް ކިޔަވައިދެއްވާ މަރިޔަމް އަލީ ވިދާޅުވީ ދަރިވަރުންގެ އަހުލާގު ގޯސްވުމުގައި މުޅި މުޖްތަމައު އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. މިހާރުގެ މުޖުތަމައު އޮތް ހާލަތުން ސްކޫލުގެ އެތެރެއިން ދެވޭ ތައުލީމުން އެކަނި ފުއްދާލައިގެން އަހުލާގު ރަނގަޅު ނުކުރެވޭނެ ކަމަށާއި އެޑިއުކޭޝަނުގެ ބައެއް ސިޔާސަތުތައް ބައްޓަން ވެފައިވާގޮތުން ޓީޗަރުންނަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ހުރަސް އެޅޭކަންވެސް މަރިޔަމް އަލީ ފާހަގަ ކުރެއްވިއެވެ.

މިގޮތުން ބައެއް ހާލަތްތަކުގައި ދަރިވަރުން ސަސްޕެންޑް ކޮށްގެން ޓީޗަރު ނުވަތަ ސްކޫލާއި ދެކޮޅަށް ދައުވާ ވެސް ކުރެވިފައި އެބަހުރިކަން ފާހަގަކުރެއްވިއެވެ. މަރިޔަމް އަލީ އިތުރަށް ވިދާޅުވީ ދީނީ ތަރުބިއްޔަތަކީ ކުދިންގެ އަހުލާގު ރަނގަޅު ކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައެއް ކަމަށާއި މިހާރުގެ ތައުލީމީ ސިޔާސަތު އޮތް ގޮތުން ކުދިންގެ އަހުލާގު ރަގަޅު ކުރުމަށް ސްކޫލު ތަކުން މާ ބޮޑުކަމެއް ފުރުޞަތެއްނެތް ކަމަށެވެ.

މިކަމާއި ގުޅިގެން ޖަލާލުއްދީން ސްކޫލުގެ ދިވެހި ޓީޗަރު، ޝަރީފާ އަލީ ވިދާޅުވީ ހުރިހާ ފަރާތަކުންވެސް ކުދިންގެ އަހުލާގީ ފެންވަރު ދަށްވުމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ. ފަހަކަށް އައިސް ކުދިންގެ އަހުލާގު ދަށްވުމުގައި ސްކޫލުތަކުން ކުދިންގެ ކިބައިގާ ރަނގަޅު ސިފަ ހަރުލެއްވުމުގެ ބަދަލުގައި ކޮންމެ ސްކޫލަކުންވެސް މަސައްކަތް ކުރަމުންދަނީ” އޭ” ގްރޭޑް ނުވަތަ އިމްތިހާނުގެ ނަތީޖާ ޝީޓް ރީތިކުރުމަށްކަން ޝަރީފާ ވިދާޅުވި އެވެ. އަދި ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރެވޭނީ އެކުދިންގެ ގައިގައި ޤައުމީ މަންހަޖުގައިވާ ގޮތަށް ރަނގަޅު ސިފަ ހަރުލެއްވުމަށް ބާރު އަޅައިގެން ކަމަށްވެސް، ތައުލީމީ ދާއިރާގައި 24 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ ޝަރީފާ އަލީ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގެ އެންމެ ގިނަދުވަސްވީ ޕްރައިމަރީ ސްކޫލު ކަމަށްވާ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 10 އަހަރު މަސައްކަތް ކުރައްވާފައިވާ ހިސާބު ޓީޗަރު އަލީ ޝަރީފް ވިދާޅުވީ ދަރިވަރުންގެ އަހުލާގާއި އެންމެ ބޮޑަށް ކުޅެލާ އެކައްޗަކީ މީޑިޔާ ކަމަށާއި އެގޮތުން މީޑިޔާގެ ގޮތުގައި ބެލެވޭ ވަސީލަތްތަކާއި ވަށައިގެންވާ މާހައުލުން ފެންނަ މަންޒަރުތައް ދަރިވަރުން ނަކަލު ކުރާ ކަމަށެވެ. ރަނގަޅު ދަރިވަރުންތަކެއް ތައްޔާރުކުރުމަށްޓަކައި ޓީޗަރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި މިގޮތުން ވަކިގޮތަކަށް ސްކޫލުގައި އުޅޭ ވަގުތު ތަކުގައި އެކުދިން އަމަލުކުރުމަށް ވަކި ޚާއްސަ ގޮތްތަކެއް ކަނޑައަޅާފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.  ގިނަވަގުތު ކުދިން ހޭދަކުރަނީ އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިވެރިންގެ ކައިރީގައި ކަމަށްވުމުން، މިކަމުގައި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.

މިބޭބޭފުޅުންގެ ވާހަކަތަކުން މިކަމުގައި އިހުމާލުވެފައިވާ ނުވަތަ އިހުމާލު ވަމުންއަންނަ ފަރާތްތައް އެނގެއެވެ. ޓީވީ ތަކުންނާއި ސޯޝަލް މީޑިޔާގެ އިތުރުން ސްކޫލުތަކާއި، މުޖްތަމައުގެ ސަބަބުން ދަރިވަރުންގެ އަހުލާގަށް ނޭދެވޭ އަސަރު ތަކެއް ކުރަމުންދާއިރު ބަލަހައްޓައިގެން ތިބެން ވެއްޖެނަމަ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ޕްރިންސިޕަލް ނުވަތަ ޓީޗަރާއި މަގުމަތިން ދިމާކޮށް ގަޔަށް އަތްލާ މާރާމާރީ ހިންގަން ފަސް ނުޖެހޭނެކަން ކަށަވަރެވެ.

ކޮންމެ ފަރުދަކުން އެފަރުދަކަށް ހަވާލުވެފައިވާ މަސްއޫލިއްޔަތު އަމިއްލައަށް އަދާކޮށް، އެހެން މީހުންގެ ބޮލުގައި، ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނޭޅުވުން މުހިއްމެވެ. މިކަމުގައި ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެންމެން އެކުގައި މަސައްކަތްކުރަން މިވަނީ ޖެހިފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355