twitterviber whatsapp telegramfacebookyoutube instagram
13th December 2019

ދަނޑުވެރިންގެ ދަފްތަރުގައި ކުޅުދުއްފުށިން ކައުންސިލަރުންނާއި އެބޭފުޅުންގެ އަނބިކަނބަލުން

Nov 7, 2013

ދަނޑުވެރިންގެ ދަފުތަރަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރިޔަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ދަނޑުވެރިކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި މައުލޫމާތު ހޯދުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ވަސީލަތެވެ. މިނިސްޓްރީއިން ދޫކުރާ ލޯނާއި ސަބްސިޑީ ޕްރޮގްރާމް ފަދަ ޕްރޮގަރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ދިނުމުގައި އިސްކަން ދެވެނީ ދަނޑުވެރިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށަވެ.

މިގޮތުން މިހިނގާ 2013  ވަނަ އަހަރުގެ ޖޫންމަހުގެ 10 އިން ފެށިގެން އޮގަސްޓުމަހުގެ 15 ގެ ނިޔަލަށް ދަނޑުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް މިނިސްޓްރީ އިން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އަދި ފަހުން އޮގަސްޓުމަހުގެ 31 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގައި ބަލާ ޝަރުތަކީ 700 އަކަފޫޓުގެ ބިމެއްގައި ދަނޑުވެރިކަން ކުރާ މަދުވެގެން 5000 ރުފިޔާގެ އިންވެސްޓުމެންޓެއް ކޮށްފައިވުން ކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފައިވެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމެނުނު ފަރާތްތަކާއި ނުހިމެނޭ ފަރާތްތައް ކަމަށް ބުނެ މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ވަނީ އިއުލާނެއް ނެރެފައެވެ. މި އިއުލާނުގައި ދަފްތަރުގައި ހިމެނުނު 3 ފަރާތެއްގެ ނަމާއި ނުހިމެނޭ 3 ފަރާތެއްގެ ނަން ވަނީ ބަޔާން ކޮށްފައެވެ. އެހެން ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ މި އިއުލާނުގައި ދަނޑުވެރިންގެ ދަފްތަރުގައި ހިމެނުނު ކަމަށް ރަޖިސްޓްރީ ވެފައިވާ 3 ފަރާތަކީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ނުވުމެވެ.

ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމެނިފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް، ހދ ކުޅުދުއްފުށީ ޔޫރަޕް އިބްރާހިމް ރަމީޒާއި، ރަމީޒުގެ އަނބިކަނބަލުން ކަމަށްވާ ނޫރުމަންޒިލް ނަޝީދާ އިސްމާއިލް އާއި ކުޅުދުއްފުށީ ކެކްޓަސް އަލީ ދާއޫދެވެ. މި 3 ފަރާތުގެ ތެރެއިން ނަޝީދާ އިސްމާއީލަކީ އަފީފުއްދީން ސްކޫލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި އަލީ ދާއޫދަކީ އެމްއާރުޑިސީގައި މަސައްކަތްކުރާ ފަރާތެކެވެ.

މީގެ އިތުރުން ލިސްޓުގައި ހިމެނިފައި ނުވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ރައީސް ހެލެނބެލިމާގެ، އަލީ ހަސަން އާއި، ކައުންސިލަރު މުހައްމަދު އަލީ (ފަރަޓަ)ގެ އަނބިކަނބަލުން ކަމަށްވާ ނޫރީއާގެ  އެވެ.މަރިޔަމް އިސްމާއިލްގެ އިތުރުން ސުހާގު މުހައްމަދު އިބްރާހިމްއެވެ.އަދި ސުހާގު މުހައްމަދު އިބްރާހިމަކީ ރޭނުމުގެ މަސައްކަތް ކުރި ނަމަވެސް މެދު ގޯތީގައި ގަސް އިންދާ، އެތަކެތި  ވިއްކާ މީހެއް ކަން ފާހަގަ ކުރެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން މިނޫހަށް މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ މިނިސްޓްރީ އިން ކަމަށާއި އެހެން ނަމަވެސް އެ މިނިސްޓްރީއިން މިކަން ކުރުމުގައި ބަލަނީ އެ ކައުންސިލެއްގެ އިދާރާއިން ފޮނުވާ ފޯމުގައި ޖަހާ ތައްގަނޑަށް ކަމަށެވެ. އުސޫލެއްގެ ގޮތުން އެމިނިސްޓްރީއިން ކައުންސިލްތަކުން ފޮނުވާ ފޯމުތައް ސައްހަ ކަމަށް ބަލާކަމަށާއި އެހެން ނަމަވެސް މިފަހަރު ބައެއް ކައުންސިލް ތަކުން ހުރިހާ ފޯމެއްގައި ތައްގަނޑު ޖަހާ ފޮނުވާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި ދަނޑުވެރިންގެ ދަފްތަރުގެ ލިސްޓާއި މެދު ބައެއް ރަށްރަށުން ވަރަށް ގިނައިން ޝަކުވާ ހުށައަޅާފައިވާ ކަމަށާއި ކުޅުދުއްފުށިން ޝަކުވާއެއް ހުށައެޅިކަން ދަންނަވަން ދަތިކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކައުންސިލްގެ ތައްގަނޑަށް އިތުބާރުކޮށްފަ ދަފްތަރުގަ ހިމެނޭ ފަރާތްތަކާއި ނުހިމެނޭ ފަރާތްތައް ހޮވަނީ. އެރަށެއްގެ ބަޔަކަށް ދެއްތޯ ބޮޑަށް އެނގިލައްވާނީ ދަނޑުވެރިކަން ކުރާ ފަރާތް ތަކާއި ނުކުރާ ފަރާތްތައް.” އެބޭފުޅާ ވިދާޅުވި އެވެ

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ ހަސަން ވިދާޅުވީ  މިނިސްޓްރީ އިން ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އިއުލާނު ކުރުމާ ގުޅިގެން 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ފޯމުލާފައިވާ ކަމަށާއި އަލީ ވެސް ފޯމު ލެއްވި ކަމަށާއި އެހެން ނަމަވެސް ލިސްޓުގައި ނުހިމެނޭ ކަމަށެވެ. އަދި ހޮވިފައިވާ ފަރާތްތައް ދަނޑުވެރިކަން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވޭތޯ ސުވާލު އަމާޒުކުރުމުން އެފަރާތްތަކުން ގޭތެރޭގައި ކޮންމެވެސް ވަރަކަށް ގަސްހައްދާ ކަމަށް އަލީ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ ކޮންމެވެސް ވަރަކަށް ގޭތެރޭގަ  ހަންބުރީގަ އެފަރާތްތަކުން ގަސް ހައްދާކަމަށް. އަޅުގަނޑުވެސް ޝައުގުވެރިކަން ހުރީމަ ފޯމުލީ. އެކަމަކު ލިސްޓުގަ ނަމެއް ނެތް.” ކައުންސިލްގެ ރައީސްކަމާ ދާދިފަހުން ހަވާލުވި އަލީ ވިދާޅުވި އެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުށައަޅާ ފަރާތްތަކުގެ ޝަރުތު އަލީ ހަސަން އަށް ތަކުރާރުކޮށް ބުނެދިނުމުން އަލީ ވިދާޅުވީ އެވަރުގެ އިންވެސްޓުމެންޓެއް ކޮށްފައި ނުވާނެ ކަމަށާއި މި ލިސްޓުގައި މައްސަލައެއް އުޅޭނަމަ ބައްލަވާނެ ކަމަށެވެ. އަދި މިހާތަނަށް ލިސްޓާއި ދޭތެރޭ ހިތްހަމަ ނުޖެހި ޝަކުވާއެއް އެއްވެސް ސިފައެއްގައި ހުށައަޅާފައި ނުވާ ކަމަށާއި ޝަކުވާއެއް ހުށައަޅައިފި  ނަމަ ބައްލަވާނެ ކަމަށްވެސް އަލީ ހަސަން ވިދާޅުވިއެވެ.

އަލީ ހަސަން ސޮއިކުރައްވާ ކައުންސިލުން ނެރެފައިވާ މިއުލާނުގައިވާ ލިސްޓުގައި ނަންތައް ހިމެނިފައިވާ ގޮތް އިތުރަށް ބައްލަވާނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

މުއައްސަސާ ތަކުގެ ތެރެއިން “ކަންކަން” ނިމިގެންދާ ވާހަކަ އާއި ބައެއް ފަރާތްތަކުގެ ވަޒީފާ ތަނުގެ ތެރެއިން ހަމަޖެހި ކޮރަޕްޝަނުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. މި ފަހަރު ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ލިސްޓުން މިކަން މިއޮތީ ހާމަވާށެވެ. އެހެނީ މިފަރާތްތަކަކީ 5000 އަށް ވުރެ ގިނަ ރުފިޔާގެ އިންވެސްޓުކޮށް 700 އަކަފޫޓުގެ ބިމެއްގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިން ނޫންކަމީ އެންމެންނަށް އެނގޭ ބޮޑު ހަގީގަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355