twitterviber whatsapp telegramfacebookyoutube instagram
24th August 2019

އާ ރައީސްގެ ސިޔާސަތުތަކަށް އަވަސް ކަޅިއެއް

Nov 18, 2013

ރިޔާސީ އާދައުރަކަށް މަރުހަބާ އެވެ. އަދި ކުރިއަށް އޮތް ފަސްއަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގެން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ. ރިޔާސީ އާދައުރެއް ފެށިގެން ދިޔައިރު ގައުމުގެ ހާލަތު ފެނިގެން ދަނީ ހުރިހާ ދިމާލަކުން ވެސް އިސްލާހުތަކެއް ބޭނުންވެފައިވާ ގޮތަށެވެ. އަދި އެއިސްލާހުތައް ގެނައުމަކީ ގައުމުގެ ހުންގާނާ ހަވާލުވި ރައީސްގެ ވަރަށް ބޮޑު ޒިންމާއެކެވެ. އާރައީސް ސަރުކާރު ހިންގުމުގައި ގެންގުޅޭނެ އުކުޅުތަކާއި ގެންނާނެ ބަދަލުތައް ދެކުމަށް ރައްޔިތުން މިހާރު ވެސް ތިބީ ލަސްވެފައެވެ.

ރައީސް ކަމާހަމައަށް ޔާމީނަށް ވަޑައިގެންނެވުނީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވެވަޑައިގެންފަ އެވެ. ތަފާތު ކަންތައްތަކެއް ހުރި މެނިފެސްޓޯއެއް ދައްކަވާފަ އެވެ. ޔާމީނަށް ތާއީދު ކުރެއްވި ގިނަ ފަރާތްތަކަށް މި މެނިފެސްޓޯގައި ހުރި ކަންތައްތައް އާކަމަކަށް ވެގެން ނުވާނެ އެވެ. ނަމަވެސް އެ މެނިފެސްޓޯގައި ހުރިކަންތައްތައް ބައެއް ފަރާތްތަކަށް ނޭނގުމަކީ އެކަށީގެންވާ ކަމެއްކަމުން، ޔާމީންގެ މެނިފެސްޓޯގެ ބައެއް ކަންތައްތަކަށް މިލިޔުމުގައި ފާހަގަކޮށްލާނަމެވެ. ނަމަވެސް މިއީ ދިރާސާ ލިޔުމެއް ނޫނެވެ.

ތަޢުލީމާއި ހުނަރު: ތަރުބަވީ މުޖުތަމައަކަށް ތަރުބަވީ ތަޢުލީމް

ތަރުބަވީ ތައުލީމުގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި ހުނަރާއި އަހްލާގީ ސިފަތައް އުނގަންނައި ދިނުމަކީ ޔާމީންގެ ސަރުކާރުގެ އެއް އަމާޒުކަމުގައި ޕީޕީއެމްގެ މެނިފެސްޓޯގައި ވެއެވެ. އަދި ތަރުބަވީ ތަޢުލީމުގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކުން ހުނަރުވެރި ކުރުވުމާއި އޭލެވެލް އިން ތިން ފާސް ލިބޭ ކޮންމެ ކުއްޖަކަށް ޔުނިވާސިޓީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް އެ މެނިފެސްޓޯގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސްކޫލަކީ ގާބިލު ޓީޗަރުން ތިބި ވަސީލަތްތައް ހަމަ މާލީ ގޮތުން ފުދުންތެރި އަދި އުގެނުމަށް މަގުފަހި މާހައުލެއް ލިބިގެންވާ ސްކޫލަކަށް ހެދުމަކީ ވެސް މިސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖޭގެ އިގުތިސޯދީ ސިނާއަތަށް ބޭނުންވާ ފަންނުތަކުން ގިނަ ޒުވާނުންތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ހުނަރުވެރިކުރުމަކީ ވެސް މުހިއްމު ކަމެއް ދޭނެ ކަމެއް ކަމަށް މެނިފެސްޓޯގައި ބުނެފައި ވެއެވެ.

ސިއްޙަތު: ސިއްޙަތުގެ ހިޔާ އެންމެނަށް

ޕީޕީއެމް މެނިފެސްޓޯގައި ސިއްޙީ ދާއިރާއަށް ހިފާފައިވާ އަމާޒުތަކުގެ ތެރޭގައި، ސިއްހީ ފަރުވާފައި އުފުލާ ތަކުލީފު ކުޑަކުރުމަށް ކޮންމެ ފަރުދަކާއި އާއިލާއަކަށް ޒިންމާވާނެ ޑޮކްޓަރަކު ކަށަވަރު ކުރުމާއި، ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކުގެ ހިދުމަތް ފުޅާކޮށް ފުރިހަމަ ކުރުމާއި، މާބަނޑު މީހުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުފެންވަރުގައި ގާއިމު ކުރުމާއި، ފެންވަރު ރަނގަޅު ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ކެންސަރު ބައްޔާއި ކިޑްނީއާ ގުޅޭ ބަލިތަކުގެ ފަރުވާ ދިނުމުގެ ވަސީލަތް ގާއިމުކޮށް ހިދުމަތް ދިނުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން އަވަސްކަމާއެކު ކަނޑާއި ވަޔާއި އެއްގަމު މަގުން ބަލިމީހުން އުފުލުމުގެ ހިދުމަތް ހަރުދަނާކޮށް ދެމެހެއްޓުން ހިމެނެއެވެ. އަދި ގިނަ ބަޔަކު ބޭނުންވާ އިޖުތިމާއީ ސިއްހީ އިންޝުރެންސްގެ ނިޒާމު ހަރުދަނާ ކުރުން އާ ސަރުކާރުގެ އަމާޒެއް ކަމުގައި ވަނީ ހަދާފަ އެވެ.

މި ކަންތައްތަކުގެ އިތުރުން ރާއްޖެއިން ލިބެންނެތް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ހޯދާ ދިނުމާއި ތެލެސީމިއާ ކުދިންގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ރަށު ފެންވަރުގައި ފޯރު ކޮށްދިނުން ހިމެނެއެވެ. އަދި ކޮންމެ ސްކޫލަކީ ދަރިވަރުންގެ ހާލަތު ވަޒަން ކުރުމާއެކު ސިއްހީގޮތުން ހޭލުންތެރިކޮށް ކަސްރަތާއި ފައިދާ ހުރި ކާނާއަށް އަހުލުވެރި ކުރުވާ ރައްކާތެރި މާހައުލެއް އޮތް ސްކޫލަކަށް ވުން އެއީ ސަރުކާރުގެ އަމާޒެކެވެ. ޒުވާން އުމުރުފުރާއަށް އަރާއިރު ދިމާވަމުންދާ ސިއްހީ މައްސަލަތައް ދުރާލާ ދެނެގަނެ ރައްކާތެރިކޮށްދިނުމާއި އުމުރުން ދުވަސްވީ މީހުންނަށް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދިރިއުޅުން ފަހިކޮށްދިނުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ކުއްލި ހާލަތުގަޔާއި ކާރިސާތަކުގައި ރައްކާތެރިކަން ހޯދައިދިނުމާއި ދައުލަތުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނަށް ފަންނީ ގާބިލު ދިވެހިން އިތުރު ކުރުން ހިމެނެ އެވެ.

މަސްވެރިކަން: މަސްވެރިންނަށް މުއްސަދިކަން

ޕީޕީއެމްގެ ސިޔާސަތުތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ ގިނައިން ވާހަކަ ދެކެވޭ އެއް ސިޔާސަތަކީ ޕީޕީއެމްގެ “ބެޔަސް ނުބެޔަސް” ސިޔާސަތެވެ. ޕީޕީއެމްގެ މެނިފެސްޓޯގައި ވާގޮތުން މަސްވެރިކަން ނެތް ދުވަސްވަރު މަސްވެރި އާއިލާތަކުގެ ހަރަދުބަރަދު ބެލެހެއްޓުމަށް އިންޝުރެންސް ސްކީމެއްގެ ދަށުން މަގުފަހި ކޮށްދިނުމަކީ ޕީޕީއެމްގެ އަމާޒެކެވެ. އަދި މަސްވެރިންނަށް ބޭނުންވާ ތަފާތު ހިދުމަތްތައް ލިބިދޭ މަސްވެރިބަނދަރުތަކެއް ގާއިމު ކުރުމާއި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި މަސް ދޯނިފަހަރު ހޯދޭނެ މަގުފަހިކޮށްދިނުމާއި ކަނޑުފަޅުގެ މުއްސަދިކަން ބޭނުންކުރުމަށް މެރިކަލްޗަރ ވަސީލަތްތައް ގާއިމުކޮށްދިނުމާއި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިބޭނެކަން ކަށަވަރު ކޮށްދޭނެ ކަމަށް ވަނީ ވައުދު ވެފައެވެ.

ދަނޑުވެރިކަން: ދަނޑުބިމުން ނަފާ

ދަނޑުވެރިކަމުގެ ސިޔާސަތުތަކަށް ބަލާއިރު ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ދަނޑުވެރިން އުފައްދާ ބާވަތްތައް ގަނެ ޖަމާކޮށް މާކެޓްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް އެގްރިކަލްޗަރ ކޯޕަރޭޝަނެއް އުފެއްދުމާއި ދަނޑުވެރިރަށްރަށުގައި އުފައްދާ ބާވަތްތައް ރަގަޅު އަގުގައި އެރަށެއްގައި ވިއްކޭނެ ގޮތް ހަދައިދިނުން ހިމެނެ އެވެ. އަދި މޫސުމާ ގުޅިގެން ދަނޑުވެރިކަމުން ލިބޭ ގެއްލުމަށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހި ކޮށްދިނުމާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ކާޑާއި ކާނާ ގުދަން ކޮށް މެދުކެނޑުމެއް ނެތި ހެޔޮ އަގުގައި ލިބުން ޔަގީން ކޮށްދިނުމާއި ދަނޑުވެރިކަމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، އަދި ޒުވާނުން ޝައުގުވެރިވާ ސިނާއަތަކަށް ހެދުމާއި ރާއްޖޭގެ ކޮންމެ ރަށަކުން ތާޒާ ނުވަތަ ތައްޔާރޫ އުފެއްދުމެއް ދަނޑުވެރި ސިނާއަތުން ބާޒާރަށް ނެރުމަކީ އަމާޒަކަށް ވަނީ ހަދާފަ އެވެ.

އަންހެނުން: އަންހެނުންގެ ހިއްސާ ތަރައްގީގެ ޔަގީން ރާސްތާ

އަންހެނުން ވަޒީފާއަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްހީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކުރުން މިއީ ޕީޕީއެމްގެ އަންހެނުންގެ ސިޔާސަތުގެ ބަޔެކެވެ. އަދި ގެވެށިއަނިޔާ އާއި މަސައްކަތުގެ މުޖުތަމައުގެ ތެރެއިން އަންހެނުންނަށް ކުރާ ގޯނާ އާއި އަނިޔާ ހުއްޓުވުން ހިމެނެއެވެ. އަންހެނުންނަށް ފަސޭހައިން ވިޔަފާރި ފެށޭނެ މަގު ފަހިކޮށްދީ، ވިޔަފާރީގެ ހުނަރު ހޯދައިދިނުމުގެ އިތުރުން ކައިވެނި ރޫޅުމުން މާލީގޮތުން ނިކަމެތިވާ އަންހެނުންނަށް ދަރިންނާއެކު ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމާއި ކައިވެނި ރޫޅުމުން، ދެމަފިރިއަކު އެކުގައި ހޯދާފައިވާ މުދަލުން، އެމީހަކު ހިއްސާކޮށްފައިވާ މިންވަރުގެ މައްޗަށް ބިނާކޮށް ލިބެންޖެހޭ މިންވަރު ހޯދައިދިނުން ޕީޕީއެމްގެ މެނިފެސްޓޯގައި ވެއެވެ.

ގެދޮރުވެރިކަން: ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވައިލުން

ޕީޕީއެމްގެ ގެދޮރުވެރިކަމުގެ ސިޔާސަތަށް ބަލާއިރު، ގެދޮރު ނެތުމުގެ ނިކަމެތިކަމުގައި ވާ ހުރިހާ އާއިލާތައް ސޯޝަލް ހައުސިން ސްކީމެއްގެ ތެރެއިން ގެދޮރުވެރިކުރުވުން ފާހަގަ ކޮށްލެވެ އެވެ. އަދި ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް ތަފާތު ވަސީލަތްތަކާއި ފުރުސަތު ހޯދައިދިނުމާއި ގެދޮރުގެ ވިޔަފާރިއަކީ ގިނަބަޔަކު ޝާމިލުވާ، ވަޒީފާއާއި ތަނަވަސްކަން ގެނެސްދޭ ސިނާއަތަކަށް ހެދުން އެއީ ޕީޕީއެމްގެ އަމާޒެއް ކަމުގައި މެނިފެސްޓޯގައި ވެއެވެ. އަދި ސުނާމީއާ ގުޅިގެން ގެދޮރު ގެއްލުނު އެންމެންނަށް ގެދޮރު ހޯދައިދިނުން އަމާޒެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.

އުމްރާނީ: ވަސީލަތްތަކުން ފަހި ކުރިމަގު

އުމްރާނީ ތަރައްގީ އަށް ބަލާއިރު، އޮޑިވެރިޔާއަށް ރައްކާތެރިކަމާއެކު ބަނދަރުގައި އޮޑިދޯނިފަހަރު ބެލެހެއްޓުމުގެ ފުރުސަތު ހޯދައިދިނުމާއި ދަތުރުފަތުރަށް ފަހި ވިއުގައެއް ގާއިމު ކުރުމަށް އިގުތިސޯދީ ދިރުންހުރި ޕޮއިންޓްތައް ޒަމާނީމަގު ތަކަކުން ގުޅުވާލުން ހިމެނެ އެވެ. މިގޮތުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އަދި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުއްޓާއި ގަމުގައި މަގުހެދުމަށް މިހާރު ހޮވާފައިވާ ސަރަހައްދުތަކުގެ މަސައްކަތް ނިންމާދޭނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރަށްރަށުގެ ފެން ތަގައްޔަރުވަމުންދާ ދިއުން ނަރުދަމާ ނިޒާމުތަކުން ހައްލުކުރުމާއި ސާފު ބޯފެން ލިބޭނެ ކަން ކަށަވަރު ކޮށްދޭނެ ކަން ވަނީ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ހަކަތަ: އެންމެނަށް ޔަގީންކަން

ރާއްޖޭގެ އުތުރާއި ދެކުނުން ރައްކާތެރިކަމާއެކު ލުއިފަސޭހަކޮށް ތެޔޮ ލިބޭނެ ގޮތް ހެދުމަށްޓަކައި ތެޔޮ ބަންކަރު ހެދުމާއި ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ތެލަށް ކުރާ ހޭދަ ކުޑަކޮށް ކަރަންޓް ބިލު ކުޑަ ކޮށް ދިނުމަކީ ޕީޕީއެމްގެ ހަކަތައިގެ ސިޔާސަތުގެ ބައެކެވެ. އަދި ރަށްރަށުގެ ޕަވަރ ސިސްޓަމްތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކޮށްގެން ސައުވީސް ގަޑިއިރު ކަރަންޓް ލިބޭނެ ގޮތް ހެދުމާއި ކަރަންޓް ސާމާނު އަތޮޅުގެ ތެރެއިން ލުއި ފަސޭހަކޮށް ލިބޭނެ ގޮތް ހަދާދިނުމުގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަމަށާއި ހާއްސަ އިޖްތިމާއީ ބޭނުންތަކަށް ރަށުތެރެ ދިއްލުން ހިމެނެ އެވެ.

ދަތުރު ޔަގީން: ނިޒާމް ހަރުދަނާ ކުރުން

ދަތުރުފަތުރުގެ ސިޔާސަތުތަކަށް ބަލާއިރު މީހުން އުޅޭ ކޮންމެ ރަށަކުން ފަސޭހަކަމާއެކު މަތިންދާބޯޓު ނުވަތަ އެއަރޓެކްސީގެ ހިދުމަތް ލިބޭ މަރުކަޒަކަށް ދެވޭނެ ވިއުގައެއް ގާއިމު ކުރުމަކީ ޕީޕީއެމްގެ ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންތަކެވެ، އަދި އެކިރަށްރަށް ގުޅުވައިދޭ ފެރީގެ ވިއުގަ ކުރު ދަތުރުތަކަކަށް ހަދާ އެއްރަށުން އަނެއްރަށަށް އަވަހަށް ދެވޭނެ ގޮތް ހެދުން އެއީ އަމާޒަކަށް ވަނީ ހަދާފަ އެވެ. އަދި އެއްގަމު ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާއި ކޮންމެ ރަށެއްގައިވެސް ރައްކާތެރިކަމާއެކު އެއްގަމު ދަތުރު ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.

ފަތުރުވެރިކަމުން ރައްޔިތުންނަށް އިތުރު މަންފާ

އިގްތިސޯދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަން ކުރިއަރުވާ ހަރުދަނާ ކުރުމަށް ވެސް ޕީޕީއެމް އިން ވަނީ ގިނަ ސިޔާސަތުތަކެއް ކަނޑައަޅާފަ އެވެ. މިގޮތުން އިގުތިސޯދީ މައި ތަރަހައިގެ ގޮތުގައި ފަތުރުވެރިކަން ފަތުރުވެރިކަން ދެމެހެއްޓުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވޭ އިންވެސްޓްމަންޓްތައް ފުޅާ ކުރުން އާ ސަރުކާރުގެ އަމާޒަކަށް ވަނީ ހަދާފަ އެވެ. މިގޮތުން ދުނިޔޭގެ ބިޔަ ކުންފުނިތަކާއި ބޮޑެތި މަހުޖަނުން ރާއްޖޭގައި ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި “ސްޕެޝަލް އެކޮނޮމިކް ޒޯން” ތަކުގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއުތައް ހިންގާނެކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި ވެއެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް އަހަރަކު މަދުވެގެން 11 ރިސޯޓު މާކެޓަށް ނެރެ ދައުރު ނިމޭއިރު އާ 50 ރިސޯޓް ހެދުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި އަމާޒުކޮށްފައި ވެއެވެ. އަދި ގިނަ ހިދުމަތްތަކެއް ލިބޭ ޔޮޓް މެރީނާއެއް ހެދުމާއި ޗާރޓަރ މާކެޓަށް އަމާޒު ކުރެވިގެން ރާއްޖޭގެ އެކި ޒޯންތަކުގައި “ގެސްޓްހައުސް އައިލެންޑް” ތަކެއް ތަރައްގީ ކުރުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބައިވެރިކުރުމާއި ކުރޫޒް ޓޫރިޒަމް ފުޅާކުރުމާއި ޑޮމެސްޓިކް ޓޫރިޒަމް ފުޅާކުރުމާއި ފަތުރުވެރިކަން ކިޔަވާދޭ ބައިނަލްއަގްވާމީ ޔުނިވާސިޓީތަކާ ގުޅިގެން ސްކޫލުތައް ހިންގާނެ ކަމަށް އެ މެނިފެސްޓޯގައި ވެއެވެ.

މިފާހަގަ ކުރެވުނު ކަންތައްތަކުގެ އިތުރުން އިސްލާމްދީނާއި ގައުމިއްޔަތު ދެމެހެއްޓުމާއި ގައުމީ ހިމާޔަތްތެރިކަމުގެ ސިޔާސަތެއް ވަނީ އެކަށައަޅާފަ އެވެ. އަދި ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރުމާއި ރައްޔިތުންގެ ވެރިކަމަށް ބާރުއަޅާ އަމާޒުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް ހެދުމާއި ޒުވާން ވިޔަފާރިވެރިން އުފެއްދުމާއި ކުޅިވަރުތައް ކުރިއެވުން ހިމެނެއެވެ. އަދި ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅާނެ ކަމުގެ ވައުދުވެސް ރައީސް ޔާމީން ވަނީ ވެވަޑައިގެންފަ އެވެ.

މިއީ ޕީޕީއެމް އިން ރައްޔިތުންނަށް ދައްކާފައިވާ މެނިފެސްޓޯގެ ކުރު ހުލާސާއެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު މެނިފެސްޓޯގައި ވަރަށް ގިނަ ދާއިރާތަކަށް ވަނީ ބަލާލައިފަ އެވެ. މިކަންތައްތައް ފުރިހަމަ ކުރެވިއްޖެނަމަ، ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބިގެންދާނެ އެވެ. ނަމަވެސް މެނިފެސްޓޯގައި ރައްޔިތުންނަށް ދައްކާލަދޭ މަންޒަރުތަކާއި ވެވޭ ވައުދު ތަކަކީ ހަމައެކަނި ހުވަފެނެއް ނުވަތަ ތަސައްވުރެއްގެ ގޮތުގައި ބާއްވައިގެން ނުވާނެ އެވެ. ރައްޔިތުން މިހާރު ވަނީ ވަރަށް ބޮޑަށް ހޭލުންތެރި ވެފައެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ވެސް ވަނީ ކުރިއަށް ވުރެ މައްޗަށް ގޮސްފަ އެވެ. ކޮންމެ ރައްޔިތެއްގެ ވެސް އުއްމީދަކީ އަދަށް ވުރެ ފަހި މާދަމާއެއް ލިބުމެވެ. ގޮންޖެހުންތަކާއެކު ވިޔަސް، އުއްމީދުތައް ފުރިހަމަ ކޮށްދިނުމަކީ އަލަށް ހުވާކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355