twitterviber whatsapp telegramfacebookyoutube instagram
24th August 2019

ލޯކަލް ކައުންސިލުތަކުގެ ތަޖުރިބާއަށް ބަލާފަ ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހިފައި!

Nov 20, 2013

ރައްޔިތުންގެ އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ރިޔާސީ އިންތިހާބެއް ބޭއްވި ރައްޔިތުންގެ ވޯޓުން އައު ރައީސުލްޖުމުހޫރިއްޔާއެއް ވަނީ އިންތިހާބު ކުރެވިފަ އެވެ. ހަމަނުޖެހުން ބޮޑު ސިޔާސީ ކޯޅުމެއްގެ ތެރެއިން ކަންކަން ތަރުތީބުވަމުން އައިސް މިހާރު މިވަނީ ރިޔާސީ އިންތިހާބު ނިމި އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފެށިފަ އެވެ. ރިޔާސީ އިންތިހާބު ނިމުނުކަމުގައި ވީނަމަވެސް ދެން ގައުމު ކުރިމަތިލާނީ މުހިއްމު ދެ އިންތިހާބަކަށެވެ. އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި މާރޗްމަހުގެ ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މުހިއްމު ދެ އިންތިހާބެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައިވާއިރު ފަސްމަގުގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ނަޒަރު ހިންގާލުމަކީ މުހިއްމު ކަމެކެވެ. ރައީސުލްޖުމުހޫރިއްޔާ އައްޔަނުކުރާ ކަތީބަކު ހުރެގެން ރަށުގެ ހުރިހާ ކަމެއް ނިންމާ، ރައީސް އައްޔަންކުރާ އަތޮޅުވެރިޔަކު ހުރެގެން އަތޮޅުގެ އެންމެހާ ކަންކަމެއް ނިންމަމުން އައި އައުން ބަދަލުކުރަން ޖެހުނީ 2008 ގައި އުފަންވި ގާނޫނު އަސާސީންނެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށީ މި ދެންނެވި އަތޮޅު ވެރިޔާ އާއި ކަތީބަކީ ރައްޔިތުން އިންތިހާބުކުރާ އަތޮޅުވެރިންނާއި ކަތީބުންނަށް ހެދުމަށްޓަކައެވެ.

ލާމަރުކަޒީ އުސޫލުން ހިންގަން ފަށައިގެން ފުރަތަމަ ދައުރުގެ ތަޖުރިބާގެ ބޭނުން ހިފައި ދެވަނަ ދައުރަކަށް ތައްޔާރުވުމަކީ ބުއްދިވެރިންގެ ގޮތެވެ. ކުދި އާބާދީތަކަށް ބޮޑު މުސާރަލިބޭ ފަސް ކައުންސިލަރުން ލައިގެން ރަށުގެ ކަންކަން ނިންމުމުގައި ޖަވާބުދާރީ ކުރުވަނިވި ގޮތަކަށް ކަންކަން ހިނގިތޯ މިއީ މިއަދު ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ލޯކަލް ކައުންސިލްތަކުގެ ގާނޫނު މަޖިލީހަށް ހުށަހަޅައި ބަހުސްކުރަމުން ދިޔައިރު ދެއްކި ވާހަކަތައް އެ ގާނޫނަށް އަމަލުކުރަން ފެށިއިރު މުޅިން ބަދަލުވެގެން ދިޔަ ތަން ފެނުނެވެ. އިންތިހާބުކުރާ ހުރިހާ ކައުންސިލަރުން ހަމަ ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުމެ ބޮޑު މުސާރަލިބޭ ގޮތަށް ބަދަލުކުރީ އޭރު އޮތް ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް އޭރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ކަމުގެ ހަގީގަތަކީ މިއީ ކަމަށް ވުމީ ހަމަ އެންމެ ގާތްގޮތެވެ.

ކޮންމެއަކަސް އަނެއްކާވެސް ކައުންސިލުތަކުގެ އިންތިހާބު ބޯމަތިވެފައިވާއިރު ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. ރާއްޖޭގެ ގިނަ ރަށްތަކަކީ އާބާދީގައި ފަސްހާސް ހަމަނުވާ ނުވަތަ ތިންހާސްވެސް ހަމަނުވާ ރަށްރަށްކަމުގައި ވީއިރު އެއިން ކޮންމެ ރަށެއްގައި 12 ވަރަކަށް ހާސް ރުފިޔާ ލިބޭ ފަސް ކައުންސިލަރުން ތިބުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްލަންޖެހެ އެވެ. ހަމަ އެގޮތަށް ރަށު ކައުންސިލުތަކެއް ހޮވާ އޭގެ ބޭރުން އަތޮޅު ކައުންސިލެއް ހޮވާ ނިސްބަތުން ގިނަ އަދަދެއްގެ ކައުންސިލަރުން ލުމަކީ ހަމަ އެންމެ ފައިދާބޮޑު ގޮތްތޯވެސް ސުވާލުކޮށްލަންޖެހެ އެވެ. ގާނޫނުގައި ކަންކަން ތަރުތީބު ކޮށްފައިވާގޮތުން އަތޮޅު ކައުންސިލުގެ ދައުރު ހަނިވެފައިވާއިރު އެނޫން ގޮތަކަށް އެކަން ބަދަލުކުރަންޖެހެ އެވެ.

ކުޑަ ބަދަލަކުންވެސް ކަންކަން އިސްލާހުކުރެވިދާނެ އެވެ. މިސާލަކަށް ހުރިހާ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުންނަކީ އަތޮޅު ކައުންސިލުގެ މެމްބަރުން ކަމަށް ބެލިދާނެއެވެ. ނުވަތަ ރަށްރަށުގެ އާބާދީއަށް ބަލާފަ ބޮޑެތި އާބާދީ އޮންނަ ރަށްތަކުގެ ކައުންސިލުން ދެ ކައުންސިލަރަކު އަތޮޅު ކައުންސިލުގައި ހިމެނިދާނެ އެވެ. މިއީ މިހާރު އަތޮޅު ކައުންސިލަރުންނަށް ދޭ މުސާރައަށް ބަލާއިރު އަހަރަކު އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވިދާނެ ގޮތެވެ.

ދެވަނަ ހައްލަކީ މިހާރު އޮންނަ ގޮތަށް ކައުންސިލުގެ ހުރިހާ މެމްބަރުންނަކީ ހަމަ ކޮންމެ ދުވަހަކު އޮފީހަށް ނުކުމެ މަސައްކަތް ކުރަންޖެހޭ މީހުން ކަމުގައި އޮތްއޮތުން ބަދަލުކުރުމެވެ. ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު ހިނގާ އުޞޫލުން ރަށުގެ މުހިއްމު ކަންކަން ނިންމުމަށް ކައުންސިލް ބައްދަލުވުން ބޭއްވުމެވެ. މައިގަނޑު ސިޔާސަތުތައް ކަނޑައަޅާނީ ހުރިހާ ކައުންސިލަރުންގެ ބައްދަލުވުމަކުންނެވެ. އެނޫން ހާލަތްތަކުގައި ކައުންސިލް ހިންގާނީ ބޯޑުގެ ލަފާގެ މަތިން ކައުންސިލުގެ ރައީސާއި ނައިބު ރައީސެވެ. އަދި ދާއިމީ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށްވެސް ކައުންސިލުގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން ކައުންސިލަރުންގެ ގޮތުގައި ތިބެވޭނެ ގޮތަށް ގާނޫނު ބަދަލުކުރުމެވެ. އޭރުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ހޮސްޕިޓަލުގެ މެނޭޖަރުން ނުވަތަ ވިޔަފާރިވެރިންނާއި މަސްވެރިންނަށްވެސް ކައުންސިލަރުންގެ ގޮތުގައި ތިބެވިދާނެއެވެ. ކައުންސިލް ބައްދަލުވުން ބާއްވާނީ ހަމައެކަނި މުހިއްމު ނިންމުންތައް ނިންމަންޖެހޭ ހާލަތްތަކުގައެވެ. އެގޮތަށް ބަދަލުކުރުމުން ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ކައުންސިލަރު ކަމަށް ކުރިމަތިލާނެ އެވެ. އަދި ކައުންސިލުގެ ރައީސާއި ނައިބު ރައީސް ފިޔަވައި ދެން ތިބޭ ކައުންސިލަރުންނަށް ރަމްޒީ މުސާރައެއް ދޭ ގޮތަށް ބަދަލުކުރެވިދާނެ އެވެ.

ކޮންމެއަކަސް އިންސާނުން ކުރާ ކޮންމެކަމަކީވެސް އަބަދުވެސް އެއަށް އިސްލާހު ގެންނަންޖެހިފައި އޮންނަ ކަންކަމެވެ. މުހިއްމު ކަމަކީ މިކަން ގަބޫލުކޮށް އިސްލާހަށް މަސައްކަތްކުރުމެވެ. ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ސިޔާސީ ވިސްނުން އެއްފަރާތްކޮށް ގައުމުގެ ހެވާލާބަޔަށްޓަކައި އަވަސްކުރުމެވެ. ބޭކާރު ހަރަދުތައް މަދުކޮށް އުފެއްދުންތެރި ކަންކަމަށް ރައްޔިތުންގެ ފައިސާ ހަރަދުކުރުމެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އައުމުގެ ކުރިން ފުންކޮށް ވިސްނާލަންޖެހޭ ކަންކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355