twitterviber whatsapp telegramfacebookyoutube instagram
24th August 2019

އަލީ އަމްޖަދު: ލޯފަން ޙާފިޡެއް، ހިތްވަރުގަދަ އަޒުމްވަރުގަދަ ޒުވާނެއް

Nov 28, 2013

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އާއްމުގޮތެއްގައި މުޖްތަމައުގެ ލޯތްބާއި އެއްބާރުލުން ލިބޭ ބައެއް ނޫނެވެ. މުޖްތަމައުގައި އެފަދަ ކުދިން “އެކަހެރިކޮށް” ގެންގުޅޭއިރު އޭގެ ތެރެއިން ކުދިންނަށް އަޅާލާތަން ފެންނަމުން ދަނީ މަދުފަހަރަކު އެވެ.ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް އެކުދިންގެ ކޮންމެވެސް އެއް ހުނަރެއް ތަރައްޤީކުރެވިދާނެ ބައެއްކަން ބެލެނިވެރިންނަށް ގިނަ ފަހަރު ގަބޫލެއް ނުކުރެވެއެވެ. އެފަދަ ކުދިންނަށް މުޖްތަމައުގައި ޝަރަފްވެރި ޤަދަރުކުރުވަނިވި މަގާމެއް ހޯދައިދިނުމަށް މަސައްކަތްކުރަނީ ހަރުމީހުންނާއި ޒުވާނުންގެ ތެރެއިން މަދު ބައެކެވެ. ކުޅުދުއްފުއްޓަށް އުފަން ލޯފަން އަލްޙާފިޡް އަލީ އަމްޖަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކުގެ ތެރެއިން ރަށަށް ފަޚުރާއި ޝަރަފު ގެނެސްދީފައިވާ ދަރިއެކެވެ.

ކުޅުދުއްފުށި، ރަބީއު، އަލީ އަމްޖަދަކީ ޅައުމުރުގައި ޤުރުއާން ކިޔަވަން ފަށައި، އެ ނޫރުން ހިތް އަލިކޮށް އުމުރުން 22 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޒުވާން ހާފިޛެކެވެ. ލޯބިވާ ކާފަގެ އަރިހުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު އަލީގެ މައިންބަފައިންގެ ފަރާތުން މިކަމުގައި ލިބުނު އެއްބާރުލުން އަލީ ފާހަގަކުރެއެވެ. ސްކޫލު ދައުރުގައި އިންޓަރހައުސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެފައިވާ އަލީ، ކާފަގެ އިރުޝާދުގެ ދަށުން ޤުރުއާން ސީޑީ އަޑުއަހައިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ ވަރަށް އުފާކުރާ ނަތީޖާއެއްކަން އަލީ ފާހަގަކުރިއެވެ.

ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ ކުދިންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖުގައި ކުރިއަށް ގެންދިޔަ ބޭސިކް ކޮމްޕިޔުޓާ ޓްރެއިނިން ކޯސް ފުރިހަމަ ކޮށްފައިވާ އަލީ އަކީ ރަމަޟާން މަހު ކުޅުދުއްފުށީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާ މުދިމެއްވެސް މެއެވެ. ވޭތުވެދިޔަ ދެ އަހަރުވެސް އަލީ ވަނީ އިމާމުވެ ތަރާވީހު ނަމާދު ކޮށްފަ އެވެ. މީގެ އިތުރުން އަލީ އަކީ ތަފާތު އެކިއެކި ރަސްމިއްޔާތުތައް ފެށުމުގެ ގޮތުންވެސް ޤުރުއާން ކިޔަވާ ފަރާތެކެވެ.

އަލީގެ މައިންބަފައިންނަކީ “ނަމޫނާ މައިން ބަފައިން” ކަމަށާއި ކިތަންމެ ވަރަކަށް ޝުކުރު އަދާކުރި ކަމުގައި ވިޔަސް އެމީހުންގެ މައްޗަށްވާ އަލީގެ ދަރަނި އަދާނުކުރެވޭނެކަމަށް އަލީ ބުންޏެވެ. ދުވާލާއި ރޭގަނޑުގެ ގިނަވަގުތު ޤުރުއާން ކިޔެވުމުގައި ހޭދަކުރުމަށްފަހު ލިބޭ ހުސްވަގުތުގައި ގަސްއިންދުމުގައި ހަރަކާތްތެރިވާއިރުވެސް އާއިލާގެ މެމްބަރުންގެ އެއްބާރުލުން ލިބޭކަން އަލީ ފާހަގަކުރިއެވެ. އަދި މިހާރު ބޭނުންވަނީ އާއިލާގެ މެމްބަރުންގެ އެހީތެރިކަމާއެކު ރަށުގައި ހުރެގެން ދީނީ ތައުލީމު އުނގެނެން ކަމަށާއި އެފުރުސަތު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަލީ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އަދި އެކުދިންގެ ތެރެއިންވެސް ލޯފަން ކުދިންނަކީ މުޖްތަމައުން ވަރަށް ބޮޑަށް އެކަހެރިކޮށް ބާކީ ކޮށްލާފައި ތިބޭ ބައެއްކަމާއި އެ ކުދިންނާމެދު މުޖުތަމައު ދެކޭގޮތް ބަދަލުކުރަން ޖެހުފައިވާކަމަށް އަސަރާއެކު އަލީ ކިޔައިދިނެވެ. މި މުޖްތަމައުގައިވެސް އަލީ ފަދަ އެހެން ކުދިންނަށް މަގުމަތީގައި ހިނގާ ބިނގާވެ އުޅުމަކީ ދަތި އަދި ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން އަލީ ބުނީ ޚާއްސަކޮށް ޓެކްސީ ޑްރައިވަރުންނާއި އެކި އެކި އުޅަނދުތައް ދުއްވާ ފަރާތްތަކުން އެއްގޮތަކަށްވެސް އެކުދިންނަށް ބަލައިނުލާކަމަށެވެ. އަދި އެ ކަމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި އެފަރާތްތަކަށް ހެޔޮވިސްނުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަލީ ބުންޏެވެ.

ބައެއް ބެލެނިވެރިންވެސް މިފަދަ ކުދިން މުޖްތަމައުގައި ބޭކާރު ބަޔަކަށް ހަދާ ކަމަށާއި އެކުދިންނަށް ނުވާނޭ ބުނެ ކަންކަމުން ދުރުކުރުމަށްވުރެ އެފަދަ ކުދިންނަށް އެއްބާރުލުމާއި އެހީތެރިކަންދިނުމަކީ މުހިއްމު ކަމެއް ކަން އަލީ ފާހަގަކުރިއެވެ.

އަލީގެ މަންމަ ހަފީޒާ އަބްދުއްރަހުމާން ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަމުން (ހަފީޒާ ނިޔާވުމުގެ ދުވަސްކޮޅެއް ކުރިން ދެއްވާފައިވާ އިންޓަވިއުއެއް) ބުނީ އުމުރުން 6 އަހަރުވަންދެން އަލީގެ ލޮލަށް ފެނުނު ކަމަށާއި އެހެން ނަމަވެސް އެއީ އުފެދުމުގައިވެސް ހުރި ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަކުންވެސް ލޮލުގެ ފެނުން ރަނގަޅުކުރެވޭނެ ކަމަށް އެއްވެސް ޑަކްޓަރަކު މިހާތަނަށް ވިދާޅުވެފައި ނުވާކަންވެސް އަލީގެ މަންމަ ފާހަގަ ވިދާޅުވި އެވެ.

މުޖްތަމަޢުގައި ހުރިހާ ހިއްސުތަކެއް ހުރެމެ” ނުކުޅެދޭ” ކުދިންތަކެއް އެބައުޅޭ ކަމަށާއި އަލީ އަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވީނަމަވެސް “ނަމޫނާ” ދަރިއެއްކަމަށްވެސް އަލީގެ މަންމަ ބުންޏެވެ.

“އަޅުގަނޑުމެންގެ މި މުޖްތަމަޢުގަ ހުރިހާ ހިއްސެއް ސަލާމަތުން ހުރެމެ ކަންކަމުގައި ނުކުޅެދޭ ކުދިން އެބައުޅޭ. އެކަމަކު އަލީއަކީ ހަމަ ނަމޫނާ ދަރިއެއް. އަލީއާ މެދު ފަޚުރުވެރިވަން..” އަސަރުން ފުރިފައިވި އަޑަކުން އަލީގެ މަންމަ ބުންޏެވެ.

އަޅުގަނޑުމެން ދިރިއުޅެމުންދާ ވެށީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިން އެ ކުދިންނާ މެދު ވަރަށްބޮޑަށް އިހުމާލުވާކަން ފާހަގަކުރަމުން އަލީގެ މަންމަ ވިދާޅުވީ ހުރިހާ ހިއްސެއް ސަލާމަތުން ނެތް ނަމަވެސް ތިމާއަށް ލިބިފައިވާ ހުނަރު ތަރައްޤީ ކުރިވަރަކުން ތިމާގެ ނުކުޅެދުންތެރިކަން ފޮރުވިގެންދާނެ ކަމަށެވެ. މިގޮތުން އަލީގެ އުއްމީދަކީ އިމާމަކަށްވުން ކަމަށްވީއިރު ރަށުގައި ހުރެގެން އެފުރުސަތު ލިބެން ނެތް ކަމަށާއި އެހެން ނަމަވެސް ކަމާގުޅުންހުރި ކޯސްތަކުގައި އަލީ ބައިވެރިކުރުމަށް ރާވާފައިވާ އަލީގެ މަންމަ ވިދާޅުވި އެވެ. އަލީގެ އުއްމީދުގައި ކުލަޖެހުމަކީ އަލީގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮންމެ އިންސާނަކީ ހުރިހާ ހިއްސެއް ސަލާމަތުން ހުންނާނެ އިންސާނެއް ނޫނެވެ. އެހެން ކަމުން އަނެކާގެ ނުކުޅެދުންތެރިކަމަށް އިހްތިރާމު ކުރުމަކީ މުހިއްމު ކަމެކެވެ. އަދި އަލީ ފަދަ މުޖްތަމައުގެ އެހީތެރިކަން ބޭނުން ވެފައިވާ ކުދިންނަށް އަޅާލާ އެފަދަ ކުދިން މުޖްތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަކީ މިފަދަ އެތައް “އަލީ”އެއް ރަށުން އުފަންވާނެ ކަމެއްކަން ޔަގީނެވެ.

އަލީ އަކީ ލޯފަން ކުއްޖެއް ނަމަވެސް ރަށަށް ޝަރަފާއި ރީތި ނަން ހޯދައިދީފައިވާ ކުއްޖެކެވެ. އޭނާއަކީ ލޯފަން ކުއްޖެއްނަމަވެސް ހިތްއަލި އަދި ކުރާ މަސައްކަތުގައި ހިތްވަރުކުރާ ގަދައަޅާ މަސައްކަތްކުރުމުގެ ނަމޫނާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355