twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީ އާއި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ

Feb 20, 2014

ހުޅަނގުގެ ޤައުމުތައް ނަމޫނާއަކަށް ބަލައިގެން، ބައެއްގެ މިންނެތް މަސައްކަތުން ރާއްޖެއަށް މިވަނީ ޒަމާނީ ޑިމޮކްރަސީ ތަޢާރަފް ވެފައެވެ. އަދި އެޑިމޮކްރެސީ ރާއްޖެއަށް ގެނުވީ ތިމަންނާމެންގެ މަސައްކަތުން ނޭ ބުނެ އެކަމުގެ “މެޑެލް” ޖެހުމަށް ސިޔާސީ އިސް ފަރާތް ތަކުން ކުރަމުން ގެންދާ މަސައްކަތްތައްވެސް ރައްޔިތުން ގެންދަނީ ބަލައި، ދެނެގަންނަމުންނެވެ.

ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ބޭނުންވާ ވެރިއަކު އައްޔަން ކުރަން، ދެ ރިޔާސީ އިންތިހާބެއްގައި ވޯޓްލައި، ރައްޔިތުން އެވަނީ އެބައި މީހުންގެ ނިންމުން ނިންމާފައެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގެ ތެރޭ، ދެވަނަ އާންމު އިންތިހާބަކުން ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބުން ހޮވުމަށް ތައްޔާރު ވަމުންދާއިރު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި މިވަނީ ރާއްޖެއިން ޒަމާނީ ޑިމޮކްރެސީއެއްގައި ހިމެނޭ ރީތިއާދަ ފެންނަމުން ނުދާ މައްސަލަ އެވެ. ޤައުމުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ބައިވެރިން ކަމަށްވާ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއާ މެދު ރައްޔިތުން ވަނީ މާޔޫސްވެފަ އެވެ.

އާންމު އިންތިހާބު ބާއްވާނެ ތާރީހު ޢިއުލާން ކުރުމާއެކު ސިޔާސީ ޕާޓީތަކުން އެއިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކަށް ވާދަކުރާނެ މީހުން ހޯދުމުގެ މަސައްކަތް ޕާޓީތަކުން ކުރަންފެށި އެވެ. އަދި ޕާޓީތަކުން ދާއިރާތަކަށް ނެރޭ ކެންޑިޑޭޓުންނަކީ ޕާޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ޕާޓީގެ ތެރެއިން ތާޢީދު ލިބިގެން ނުކުންނާނެ ބައެއް ކަމުގައި ހެދުމަށް ކޮންމެ ޕާޓީއެއްގެވެސް އާންމު މެމްބަރުން އެޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީއަކަށް އިންތިޒާރު ކުރަންފެށިއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފުރަތަމަވެސް އިވުނުއަޑަކީ ޑިމޮކްރަސީ އަށް ވަކާލާތު ކުރާ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އަދި މިހާރުގެ އިދިކޮޅު ޕާޓީގެ އިސްވެރިއަކު، ޕާޓީގެ މިހާރުވެސް ތިބި މަޖިލީސް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އަޑެވެ. ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ އަޣްލަބިއްޔަތުން ކަންކަން ނިންމުމަށް ނަގަންޖެހޭ ވޯޓާމެދު އެފަރާތްތަކުން ޖެހިލުން ވާކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް މިކަމުންވެސް ވަނީ ހާމަވެފަ އެވެ.

އަނެއްކޮޅުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ކުރަމުން މިހާރުގެންދާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އާންމު އިންތިހާބުގައި ވާދަކުރުމަށް ކަނޑައަޅާފައި ވާ ދާއިރާތަކަށް ޕާޓީގެ ޓިކެޓް ބަހަމުން ގެންދާކަމަށް ބުނެ އެޕާޓީތަކުގެ އާންމު މެމްބަރުން ގެންދަނީ ޝަކުވާ ކުރަމުންނެވެ. ކޯލިޝަންގެ ބައެއް ޕާޓީތަކުން، މިހާރުވެސް މަޖިލީހުގައި ތިއްބެވި އެޕާޓީގެ މެމްބަރުންނަށް ޕްރައިމަރީ އަކާނުލާ ޕާޓީގެ ޓިކެޓް ދީފައި ވާއިރު، ހޮވާލެވިފައި ވާ ކޮމިޓީއަކުން މާކްސް ދީ، ވަކި އިންސައްތައަކުން މަތިން މާކްސް ލިބޭ ފަރާތް ތަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދިންތަން ވެސް މިވަނީ ފެނިފަ އެވެ.

ހިތާމައަކީ މިކެނޑިޑޭޓުންނަށް ވޯޓުދީގެން މަޖިލީހަށް ހޮވަން ތިބި، ޕާޓީތަކުގެ އާންމު މެމްބަރުންނަށް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ފެންނަން ނެތްކަމެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ކަންކަން ނިންމުމަށްޓަކައި ކޯޓްތަކަށް މައްސަލަ ވައްދާ އާންމު މެމްބަރުން އިހުތިޖާޖު ކުރާ މިންވަރަށް ކަންތައްތައް ގޮސްފައި ވާކަމެވެ. ނަމަވެސް އެ، އާންމު މެމްބަރުން ގޮވާލަމުން ގެންދަނީ، ޕާޓީތަކުގެ އިސްވެރިންގެ މަސްލަހަތަށް ވުރެ އެ މެމްބަރުންގެ ހިޔާލާ ބައިވެރިވުން އިސްކުރުމަށެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީގެ ދެ ގޮނޑި ތަމްސީލް ކުރާ ދެ މެމްބަރުންނަށް ބަލާލިޔަސް އެއް މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފައި ވާއިރު އަނެއް މެމްބަރާ ޕްރައިމަރީގައި ޕާޓީގެ ތެރެއިން ވާދަކުރާނެ ފަރާތެއް ނެތުމުން އޮޓަމެޓިކުން ޓިކެޓް ވަނީ ލިބިފައެވެ. ނަމަވެސް ސިޔާސީ ހުރިހާ ޕާޓީތަކަކުންވެސް ގަދަ އަޑުން ގޮވަމުން ގެންދަނީ އިންތިހާބަކީ ޑިމޮކްރެސީގެ އެންމެ މުހިންމު “ޝަރުތު” ކަމަށެވެ. އެހެނީ އާންމުންގެ ހިޔާލާއި ބައިވެރިވުން ހަމައެކަނި ލިބެނީ ވޯޓުން ކަމަށް ވާތީ އެވެ. އެހެން ކަމުން ގައުމުގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޕާޓީތަކުގެ އެތެރޭގައި ޑިމޮކްރެޓިކް އުސޫލުން ކަންކަން ހިންގުން މުހިންމު ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ވެސް ވިދާޅުވެ އެވެ.

މިއަދު ސިޔާސީ މަޝްރަހުން މިފެނިގެންދާ ކަންކަމުން ރައްޔިތުންނަށް އެނގިގެންދާއެއް ހަޤީޤަތަކީ ޑިމޮކްރަސީގެ ބާނީން ކަމަށް ދަޢުވާ ކުރާ ފަރާތް ތަކުން ޒަމާނީ ޑިމޮކްރަސީގެ އަސާސްތަކާއި އުސޫލްތަކާމެދު ޖެހިލުން ވާކަން ނުވަތަ އެއަސާސްތައްޤަބޫލު ނުކުރާކަމެވެ. ނަމަވެސް ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އުންމީދަކަށް ވާން ޖެހެނީ ރާއްޖެއަށް ތަޢާރަފް ވެފައި މިވާ ޒަމާނީ ޑިމޮކްރަސީގެ ސަބަބުން ޤައުމު ހަލާކުވެގެން ނުގޮސް މިއީ ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށް ކޮށިފައިވާ އަލި މަގެއް ކަމުގައި ވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355