twitterviber whatsapp telegramfacebookyoutube instagram
24th August 2019

އޯޓިޒަމް ހުންނަ ކުދިންނަށް ދޭންޖެހޭ ސަމާލުކަން އަދިވެސް ނުދެވޭ!

Mar 12, 2014

އޯޓިޒަމް އަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ ބަހެކެވެ. އޯޓިޒަމްއާ ބެހޭގޮތުން ހޭލުންތެރި ކުރުވުމާއި އެކަމާ ބެހޭ ދިރާސާ ހިންގާ ވާހަކަ އަކީ ވަރަށް އާންމު ވާހަކަ އެކެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ އަދިވެސް ކުޅުދުއްފުށީގެ ގިނަ ރައްޔިތުން އޯޓިޒަމްއާ ބެހޭގޮތުން ހޭލުންތެރި ނުވެ ވާކަމެވެ.

ކުޑަ ދަރިފުޅުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ފާހަގަ ކުރެވޭ އޯޓިޒަމް އަކީ ނުކުޅެދުންތެރި ކަމެކެވެ. ސިކުނޑި ތަރައްގީވުމަށް ދަތިތަކެއް މެދުވެރިވާ ކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް މުއާމަލާތު ކުރުމަށާއި އެހެން ކުދިންނާއި މީހުން ތެރޭ އާންމު ދިރިއުޅުމެއް އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޯޓިޒަމްގެ ސަބަބުން ކުއްޖާ އެހެން މީހުންނާ މުއާމަލާތު ކުރާ ގޮތް ވަރަށް ތަފާތު ވާނެ އެވެ. ގަދަ އައްޔާއި ބާރު އަޑުތަކުން ބައެއް ކުދިންނަށް އުނދަގޫ ތަކެއް އިހުސާސް ކުރެވޭނެ އެވެ. އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަކީވެސް އެކުދިންނަށް ވަރަށް އުނދަގޫ ކަމެކެވެ.

“ގިނަ ފަހަރަށް ގޮވާލީމަ ސަމާލުކަމެއް ނުދޭ. އެތައް އިރަކު ގޮވާ އިރުވެސް ހުންނަނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފަ.” އޯޓިޒަމް މަންމަ އަކު ބުންޏެވެ. ސަމާލުކަން ނުދިނުމާއި ވާހަކަ ދައްކާއިރު ލޮލަށް ނުބެލުމަކީ އޯޓިޒަމް ކުދިންގެ އާންމު ސިފަ އެއް ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ.

އޯޓިޒަމް ކުއްޖަކާ ވާހަކަ ދައްކާއިރު ދެން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އޭނާ ބުނާ އެއްޗެއް ދޭހަ ނުވުމެވެ. ބުނަން ބޭނުންވާ ވާހަކައެއް ކުއްޖާއަށް ނުބުނެވުމެވެ. ބަސްތައް ބުނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމެވެ. ތިން އަހަރުގެ އޯޓިޒަމް ކުއްޖަކާ ވާހަކަ ދައްކާލުމުން އެކުއްޖާ ދެއްކި ގިނަ ވާހަކަތަކެއް އަޅުގަނޑަށް ނަގައިގަންނާކަށް ނޭނގުނެވެ. އެ ކުއްޖާގެ މަންމަ ކައިރީ އަހާލުމުން ބައެއް ވާހަކަތައް ފަހުމް ކުރަން އެނގުނެވެ. އަދި އޭނާ އާންމުކޮށް ބޭނުންވާ ކަންތައްތަކަށް އަމިއްލަ ބަސްބަސް ހަދާފައިވާ ކަން ވެސް ފާހަގަ ކުރެވުނެވެ. އެކުއްޖާ އަހަރެން ކައިރީ އުރާލާށޭ ބުނަންވީމައި ބުނަނީ “އަޕީ އަޕީ” މިފަދައިންނެވެ. އަދި އޭނާ ގޮވައިގެން ބޭރަށް ދާންވުމުން އަތުގައި ހިފައިގެން ދަމާކަން ވެސް ފާހަގަ ކުރެވުނެވެ.

އެކުއްޖާގެ މަންމަ ބުނާ ގޮތުންނަމަ އޭނާ އަކީ ވަރަށް ވިސްނުންތޫނު ކުއްޖެކެވެ. އެކުއްޖާގެ މާމައާއި ދައްތަމެން ގޭތެރޭގައި ދައްކާ ވާހަކަތައް “ކޮޕީ” ކުރުމަކީ އެކުއްޖާގެ އާދަ އެކެވެ. މީހަކު ބުނެލާ ބަހެއް ނުވަތަ ޖުމުލަ އެއް ހަމަ އެގޮތަށް އޭނާ ބޭނުން ކުރަން މަސައްކަތް ކުރެ އެވެ.

“އިރުކޮޅެއް ނަގާ އަހަރެމެންނަށް ވެސް ކޮއްކޮ ބުނާ އެއްޗެއް ދޭހަ ކުރަން. ފަހުން އެނގެނީ އަހަރެމެން ދައްކާ ވާހަކަތައް އޭނާ ކޮޕީ ކުރަނީ ކަން.” އެކުއްޖާގެ ދައްތަ އަކު ބުންޏެވެ. “ކޮއްކޮ ޓީވީއިން ދައްކާ ކާޓޫނު ތަކުގައި ބުނާ އެއްޗެހިވެސް ކިޔާނެ. ހައު އާ ޔޫ، ބައި ބާއި ލަވް ޔޫ ކަހަލަ ޖުމުލަތައް އަހަރެމެން އޭނާއަށް ދަސްކޮށްދިނީ. ވަރަށް އަވަހަށް ދަސްކޮށްލާނެ. އެކަމަކު ދިވެހިން ބަސްތައް ދަސްކޮށްދޭން ތަންކޮޅެއް އުނދަގު.”

އޯޓިޒަމް ކުދިންނާމެދު މަދުން ނަމަވެސް ބައެއް މީހުން ދެކޭ ގޮތް ރަނގަޅު ނޫންކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އާއިލާ މީހުންގެ އެއްބާރުލުން ލިބުނަސް ބައެއްފަހަރު ދަރިފުޅު ކުރާ ކަންތައްތަކާ ރުޅި އިސްވެގެން އެއްޗެހި ބުނާ ކަމަށާ އެމިހުން ބުނެލާ އެއްޗެހިން ބައެއްފަހަރު ވަރަށް ހިތުގައި ޖެހޭ ކަމަށް އެކުއްޖާގެ މަންމަ ބުނެ އެވެ.

“އަހަރެމެން ގޭގައި ތިބޭނެ ދައްތަގެ ކުދިން. ދޮށީ ކުއްޖާއަކީ އޯޓިޒަމް ކުއްޖެއް. އެންމެ ހަގު ކުއްޖާވެސް އޭނައަށްވުރެ ރަނގަޅު. އޭނަ ވަރަށް މޮޔަވާނެ.” އަހަރެންގެ ރަހުމަތްތެރިޔަކު މިހެން ބުނުމުން އަހަރެން އޭނާގެ މޮޔަކަމާ މެދު ހިތުން ޝަކުވާ ކުރީމެވެ.

އެބުނާ ކުއްޖާގެ އަމަލުތަކާއި ބަހުރުވަ އަހަރެންނަށް ވަރަށް މައުސޫމެވެ. އެކުއްޖާ އެކަނިމާ އެކަނި ވެލިގަނޑު މަތީ އިނދެ ދައްކާ ވާހަކަތަކާއި ކުރާ އަމަލުތަކުން އެހެން ކުދިންނަށްވުރެ އެކުއްޖާ އަހަރެންނަށް މާ ހާއްސަވި އެވެ.

އަހަރެމެން އާންމު ދިރިއުޅުމުގައި ކުރާ އެންމެ އާދައިގެ ކަންތައްތަކަކީ އޯޓިޒަމް ކުދިންނަށް ކުރަން ކިހާ އުނދަގު ކަންތައްތައްކަމެއް އަހަރެމެންނަށް ހިތަށް ގެންނަން ވެސް އުނދަގޫވާނެ އެވެ. އެކުދިންގެ މައިން ބަފައިން އުފުލާ ބުރައާ ތަހައްމަލު ކުރަން ޖެހޭ ވޭނަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި އެފަދަ ދަރިއަކު ގެންގުޅެން ޖެހިފައިވާ މަޔަކަށެވެ.

މުޖުތަމައުގެ ލޯތްބާ އަޅާލުން މިފަދަ ކޮންމެ ކުއްޖަކަށް ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިމުޖުތަމައު މިކުދިންނާމެދު އަޅާލެވޭތަން ފެންނަނީ މަދުފަހަރަކު އެވެ. ކުޅުދުއްފުށީގައި އޯޓިޒަމް ހަފްތާ އަންނަ އެޕްރީލް މަހު ފާހަގަ ކުރަން ނިންމާފައި ވާއިރު އެކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ގައުމީ ޓީމުގެ ކެޕްޓަން ދަނގަޑޭގެ ޖާޒީއެއް ނީލަމަށް ހުޅުވާލެވިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް އާންމުންނާއި ވިޔަފާރި ކުންފުނިތަކުން ވަނީ ބީރު ކަންފަތެއް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355