twitterviber whatsapp telegramfacebookyoutube instagram
24th August 2019

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން

Apr 14, 2014

ދިވެހިރާއްޖޭގެ މައި ބަނދަރު ކަމުގައިވާ މާލޭ ވިޔަފާރި ބަނދަރުގައި ދާދިފަހުން ހިނގާދިޔަ ހާދިސާގެ ސަބަބުން ގިނަ ބަޔަކަށް ސިހުން ގެނުވިއެވެ. އެބަނދަރުގައި އޮތް ބޯޓަކުން ކޮންޓޭނަރެއް ބޭލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބޯޓުގެ ކްރޭންގެ ވަލެއް ކަނޑައިގެން ގޮސް، ދިމާވި ހާދިސާގައި ދެ ދިވެއްސެއްގެ ފުރާނަ ވަނީ މިދުނިޔެ ދޫކޮށްފަ އެވެ. މިހާދިސާއާ ގުޅިގެން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ވާހަކަ އިވެން ވަނީ ފަށާފައެވެ.

ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ވެސް އެމްޕީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ވެރިންވަނީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ހޯދައިދިނުމަށް އެކުންފުނިން އިސްކަންދޭ ކަންތައްތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ ވާހަކަ ކިޔާދީފައެވެ. ނަމަވެސް އެ ވިދާޅުވާ ފިޔަވަޅުތައް އެޅިފައި ހުރި ނަމަވެސް، މިއަދުގެ ހަގީގަތަކީ ދެ ދިވެއްސެއްގެ ފުރާނަ ދުނިޔެ ދޫކޮށްފައި ވާކަމެވެ. އަދި ދެ އާއިލާއަކަށް އޭގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ. ރައްކާތެރި މާހައުލެއް މާނަކުރާއިރު އޭގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެ އެވެ. އެގޮތުން ވަޒީފާގެ މާހައުލަކީ ހިތްހަމަޖެހޭ ތަނަކަށް ހެދުމާއި މަސައްކަތް ކުރާ ގަޑިތަކަކީ އިންސާނުން މަސައްކަތް ކުރުމަށް އެކަށޭނެ ގަޑިތަކަކަށް ވާން ޖެހެއެވެ. އަދި އެހެން މުވައްޒަފުންގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ އަނިޔާތަކުން ސަލާމަތް ކޮށްދޭން ޖެހެއެވެ. މިގޮތުން ބުލީ ކުރުމާއި ބަދުއަހުލާގީ އަމަލުތަކުން ސަލާމަތް ކޮށްދޭން ޖެހެއެވެ.

ބޮޑެތި ކުންފުނިތަކުގެ ވިޝަން އަދި މިޝަންގައި ވެސް މުވައްޒަފުންގެ ކުރިއެރުމަށާއި ރައްކާތެރިކަމަށް އިސްކަން ދޭނެ ވަރު ބަޔާން ކޮށްފައި ހުރެއެވެ. އަދި ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާތަކުގެ ތެރޭގައި ވެސް އެފަދަ ވާހަކަތައް ގެނެސްފައި އޮވެއެވެ. ނަމަވެސް ހިތާމަ ކުރަން ޖެހެނީ އެވާހަކަތައް ހަމައެކަނި ކަރުދާހުގައި ލިޔެވިފައި ހުންނާތީ އެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގެ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ އެޕަލް އަދި ސެމްސަންގ އަކީ ވެސް މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދޭ ބައެއް ކަމަށް އެކުންފުނިތަކުގެ އިސްވެރިން ބުނެއެވެ. ނަމަވެސް ޗައިނާގައި ހުންނަ އެޕަލްގެ ފޯނު އުފައްދާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ކެންސަރު ޖެހެމުންދާތީ އެމައްސަލަ ވަނީ ހޫނު ވެފައެވެ. އަދި ދާދިފަހުން ދެކުނު ކޮރެއާގައި ހުންނަ ސެމްސަންގ ގެ ފޯނު އުފައްދާ ކާރުހާނާގެ މުވައްޒަފުންނަށް ކެންސަރުގެ ވައްތަރެއް ކަމުގައިވާ ލޫކީމިއާ ޖެހެމުންދާ ކަމަށް އެކުންފުނީގެ މުވައްޒަފުން ވަނީ އަޑު އުފުލަން ފަށާފައެވެ. ނަމަވެސް ގިނަ ފަހަރު މިފަދަ ވާހަކަތަކަށް ދެވެނީ ވަރަށް ކުޑަ ސަމާލު ކަމެކެވެ.

މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށް ފާހަގަ ކުރާ މެއި މަހުގެ 1 ވަނަ ދުވަހަކީ ވެސް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އަޑުތައް އުފުލާ ދުވަހެކެވެ. މިއަހަރުގެ މިދުވަސް އަންނަން ކައިރި ވެފައި ވާއިރު، މުޅިން އާ އަޑުތަކެއް އިވޭނެ ކަމަށް ބެލެވެއެވެ.

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަކީ އަބަދުވެސް އޮންނަން ޖެހޭނެ ކަމެކެވެ. އެކަމުގެ ވާހަކަ ދައްކާނީ ހަމައެކަނި ކަމެއް ދިމާ ވީމައެއް ނޫނެވެ. އެމްޕީއެލްގެ ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ބަނދަރެއްގެ ސަލާމަތީ ކަންތައްތަކުގެ އޯޑިޓެއް ހަދަން އަންގާފަ އެވެ.

ސަލާމަތީ ކަންތައްތަކުގެ އޯޑިޓެއް ހަދަންވީ ހަމައެކަނި އެތަންތަނުގައެއް ނޫނެވެ. ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ސަރުކާރު އިމާރާތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް އެތިބީ ބިރުންނެވެ. ގާޒީ ބިލްޑިންގ އަދި ހުރަވީ ބިލްޑިންގެ ހާލަތު ބައްލަވާށެވެ. އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބާވެ ފީވެފައިވާ އިމާރާތްތަކުގައި ސަރުކާރު މުވައްޒަފުން އެބަ ތިއްބެވެ. އިމާރާތްކުރުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އެދާ މީހުންގެ ހާލަތު ބައްލަވާށެވެ. އެތަންތަނުގައި މަސައްކަތް ކުރާ މީހުން ރައްކާތެރިކަމަށް ބަލަނީ ކިހާ ވަރަކަށްތޯ ވެސް ބައްލަވާށެވެ. މިހެން އެކިތަންތަން ވަކިން ކިޔަން ވެއްޖިޔާ ލިސްޓު ކޮޅުން ނުލާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355