twitterviber whatsapp telegramfacebookyoutube instagram
24th August 2019

ވިޔަފާރި ތަރައްގީކުރުމާ ގުޅޭ ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމުކުރަނީ

Jul 10, 2014

ވިޔަފާރި ތަރައްގީކުރުމަށް އިކޮނޮމިކް މިނިސްޓުރީން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ބިޒްނަސް ޑިވެލޮޕްމެންޓް ސާވިސް ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމްކުރަން ހަމަޖެހިއްޖެ އެވެ.

އިއްޔެގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބިޒްނަސް ޑިވެލޮޕްމެންޓް ސާވިސް ސެންޓަރުތަކެއް މި އަހަރު ގާއިމުކުރާނެކަމުގަ އެވެ.

ކުޅުދުއްފުށީގެ އިތުރުން ދެން މި ސެންޓަރުތައް ގާއިމުކުރަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ޅ. ނައިފަރުގަ އެވެ.

މި ސެންޓަރުތަކުން އިންކިއުބޭޓަރުގެ ހިދުމަތާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފަންނީ އަދި ހުނަރު އުނގަންނައި ދިނުމަށް ހިންގޭ ޓްރެއިނިންތަކާއި ވިޔަފާރީގެ ރޭވުންތެރިކަން ފޯރުކޮށްދީ ބިޒްނަސް ކޮންސަލްޓެންސީ ސަޕޯޓު ފޯރުކޮށްދެވޭއިރު މި ހިދުމަތައް ދޭނެ ފަންނީ މާހިރުން ހޯދުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޕްރޮޖެކްޓެއްގެ ތެރެއިން ކުރިއަށްދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުފައްދާ ތަކެތި މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް ބަންދުކުރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީގެ ޚިދުމަތް ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި މި އަހަރު ގާއިމުކުރާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިފަދަ ބިޒްނަސް ޑެވެލޮޕްމެންޓް ސަރވިސް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މީގެ ކުރިންވެސް ކުޅުދުއްފުށީގައި ވަނީ ހިންގާފައެވެ. 2010 ވަނަ އަހަރު ހުޅުވުނު އެސެންޓަރުގެ މަސައްކަތް އޭގެ 2 އަހަރެއްހައި ދުވަސް ފަހުން ވަނީ އެއްކޮށް ހުއްޓިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355