twitterviber whatsapp telegramfacebookyoutube instagram
17th October 2019

ކުރުވާހަކަ: ހައްގުގައި

Oct 3, 2014

ޝަހީދާ އިބްރާހިމް

“މާފަންނު ކޯޒީވިލާ އަހުމަދު ޝަރީފްގެ މައްޗައް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމާބެހޭ މައްސަލާގައި ކޯޓަށް ހުށައެޅިފައިވާ ހެކިތަކުން އަހްމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތު ވާތީ 25 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް ކަނޑައަޅަމެވެ”

“ނޫން ބައްޕަ އެހެން ނޫޅޭނެ ބައްޕަ ކުށެއްނެތް” އަހަރެންނަށް ހޭލެވުނީ ވޭތުވެދިޔަ 2 އަހަރު ދުވަހު ތަކުރާރުކޮށް އަހަރެންނަށް ފެންނަ ހުވަފެނުގެ ތެރޭގައި އުޅެނިކޮށެވެ.

ހިތާމަޔަކީ މިއީ ހުވަފެނެއް ނަމަވެސް މިހަގީގަތާ އަހަރެން ކުރިމަތިލާން ޖެހިފައިވާކަމެވެ. އަހަރެންގެ ބައްޕައަކީ ރާއްޖޭގެ މުއްސަނދިންގެ ލިސްޓަގައި ގުނާލެވޭ މީހެކެވެ. އަމިއްލަ ވިޔަފާރިއެއްގެ ގޮތުން އާކިޓެކްޗާރ އާއި އިންޓީރިއަރ ޑިޒައިން މަސައްކަތްކުރާ އޮފީހެއް ހިންގައެވެ. އެއީ ޒިންމާދާރު ކަމަށް ކަމޭހިތާ މީހެކެވެ. މީހުންނަށް އޯގާތެރިވުމުގެ މިސާލެއްކަން އަހަރެން ދަންނަމެވެ. މަސްތުވާތަކެތި ފަދަ ވިއާނުދާ އެއްޗެކާ ބައްޕަ ވައިވެސް ނޭޅޭނެކަން އަހަރެންގެ ހިތާ ސިކުނޑިން ވިސްނައިދެމުން ދިޔައީ އެއީ ހަމައެކަނީ އަހަރެންގެ ބައްޕަ ކަމަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މަންމައަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވީ ބައްޕަކަމަށް އިހްސާސްވާތީކީވެސް ނޫނެވެ. އެއީ ބައްޕަގެ އުޅުމާއި އަހްލާގަށް އަހަރެނަށް ކުރެވޭ ބޮޑު އިތުބާރެއްގެ ސަބަބުންނެވެ.

ޖަލުގެ ތޭރިތަކުގެ ތެރޭގައި ބައްޕަ ބަންދުވީ އަހަރެން ގްރޭޑް 8 ގައި އުޅެނިކޮށެވެ. ދެއަތުގައި ބިޑި އަޅުވައިގެން ގެއިންނެރެގެން ގެންދިޔައީވެސް އަހަރެންނަށް ފިލާވަޅު ބުނެދޭން އިންދައެވެ. ބައްޕައަކީ ކިތަންމެ ބިޒީކޮށް އުޅުނުނަމަވެސް އަހަރެންނަށް ވަގުތު ހުސްކުރާމީހެކެވެ. މަންމައާ ހިލާފަށެވެ. މަންމަގެ ޒިންމާ ހަވާލުކޮށްގައި ހުންނަނީ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ޔަމާނީ އަށެވެ. ތެދަށް ބުންނަންޏާ އަހަރެން ޔަމާނީދެކެ މަންމައަށް ވުރެ ބޮޑަށް ލޯބިވެއެވެ. ގަސްތަކުނޫނެވެ. އޭރު އަހަރެންގެ އުމުރުން 14 އަހަރު ނަމަވެސް ވާނުވާ އެގެއެވެ. އެމަންޒަރު ދެންމެ ވީކަމެއްހެން ސިފަވަމުން ދެއެވެ. ހުކުމް އިއްވިދުވަސް ވެސް އަހަރެންނަށް ކުލަވާ ކަހަލައެވެ. ބައްޕަގެ ގައިގާ ބައްދަބައްދާފައި މަންމަ ރުއި މަންޒަރު އަހަރެން ދުށީމެވެ. މަންމަ މަސަލަސްކުރަން ކާފަ އުޅުނުގޮތްވެސް ހަނދަނަކުން ނުފިލައެވެ. ބައްޕަ ކަނާތްފަދަ އެންމެގާތް އެކުވެރިޔާ ނަވީން ބައްޕައަށް ހިތްވަރުދިންގޮތް ކުލަވާ ކަހަލަ އެވެ.

އަހަރެން ހުރީ ހަދަނެގޮތް ނޭނގިފައެވެ. އޭރުވެސް ތީ ބައްޕައަށް ލިބެންޖެހޭ އަދަބެއްނޫންކަން އަހަރެންގެ ހިތް ގޮވަމުންދިޔައެވެ. ބައްޕަ އެންމެ ފަހުން އެދުވަހު ބުނި ޖުމްލަ މިހާރުވެސް ކަންފަތުގައި ގުގުމައެވެ.

“ދަރިފުޅާ ޖިޔާއެވެ. ބައްޕަ އަބަދުވެސް ވަނީ ޖިޔާއާ އެކުގައެވެ” އަހަރެން ރޮއި ގަނެފައި ބުނީމެވެ.

“ބައްޕާއެވެ. ތިޔައީ ބައްޕަ ޖިޔަ އެކަނި ދޫކޮށްލާފައި ދާންޖެހޭތަނެއް ނޫނެވެ. ބައްޕައާއި ވަކިން ޖިޔާ އުޅޭނީ ކިހިނެއް ހެއްޔެވެ؟” ބައްޕަ އެނބުރިދަމުން ބުނެލިއެވެ

“ދަރިފުޅަށް އަދި ދުނިޔެ ދަސްނުވަނީއެވެ. ބައްޕަ އަދި އަންނާނަމެވެ. ބަސްއަހައިގެން އުޅެއްޗެވެ”

ނަވީނަކީ ބައްޕަގެ އެންމެގާތް އެކުވެރިއަކަށް ވުމުގެ އިތުރުން އޮފީހުގައި ބައްޕަގެ މުވައްޒަފެކެވެ. ބައްޕަ ހުރިހާކަމެއް ހިއްސާކުރަމުން ޒިންމާތައް ހަވަލުކުރަމުން އެންމެ ފަހުން ޖަލަށް ދިޔައީ ބައްޕަގެ އަނބިމީހާވެސް ނަވީނާ ހަވާލުކޮށްފައެވެ. ވިޔަފާރި ބެލެހެއްޓުންވެސް ނަވީނާ ހަވާލުކޮށްފައެވެ. ބައްޕަގެ މުދާ އަހަންނަށާއި މަންމަގެ މައްޗަށް ރަޖިސްޓްރީކޮށްފައެވެ. އެދުވަހު ނަވީން ކިތަންމެ ވަރަކަށްވެސް ދެކޮޅުހެދިއެވެ. އެހެންނަމަވެސް މިހާރު ބައްޕައެއްގެ ހުރިހާ މަގާމެއް ފުރާމީހަކީ އެއީއެވެ. އަހަރެން ބައްފަގެ ބަސް އަހަމެވެ. އެހެން ނަމަވެސް ބައްޕަ ކިތަންމެ ވަރަކަށް ބުނިނަމަވެސް ނަވީނަށް ބައްޕަކިޔުމަކީ އެއީ ނެތްގޮތަކެވެ.

އަހަރެންނަކީ މަންމަ އަނިޔާއެއް ނުކުރެއެވެ. އެއްޗެހި ކިޔައެއްނޫޅެއެވެ. އެހެންނަމަވެސް މަންމައެއްގެ ފުށުން ލިބެންވާ ލޯތްބެއް އަހަރެންނަކަށް ނުލިބެއެވެ. ބައްޕަ ދިޔުމުން މަންމަގެ އެގޮތް ބަދަލުވާނެކަމަށް ހީކުރެވުން އެއީ އަހަރެންގެ ކުށްހީއެކެވެ. ދެންވެސް އަހަރެންނަށް މައިވަންތަކަމުގެ ލޯތްބެއް ދިންމީހަކީ ޔަމާނީ އެވެ. އަމާނީ ގާތުގައިވެސް ބައްޕަގެ ކުށެއް ނެތްކަން އަހަރެންނަށް ޔަގީންވާ ވާހަކަ ކޮންމެ ދުވަހަކު ބުނަމެވެ. މަންމަ ގާތުގައި އެވާހަކަ ދައްކައިގެން އަހަރެންނަށް ލިބޭނެ އުފަލެއް ނެތެވެ. އަމާނީ ބައްޕައަށް އިތުބާރު ކުރަނީ އެއީ އަމާނީގެ ވެރިޔަކަށް ވީތީއެއް ނޫނެވެ. ބައްޕަގެ އުޅުން އޭނާއަށްވެސް ފެނިފައިވީތީ އެވެ. މިކަމުގައި ކޮންމެވެސް ގޯހެއް އުޅޭކަން އޭނަވެސް ބުނަމުން ދެއެވެ. ނަވީންއާ މަންމަގެ ގެ ގުޅުން އޭނާއަށް ވެސް ގަބޫލެއްނުކުރެވެއެވެ.

“ޖިޔާ ދަރިފުޅާ. މިހާރު ގްރޭޑް ދިހައެއް ވެސް މިހާރު ތި ނިމެނީ. ދަރިފުޅު އަބަދުވެސް ބުނަމެއްނު ޑޮކްޓަރަކަށް ވާން ބޭނުމޭ” ކާފަ ހުރީ އަހަރެން ބޭރަށް ކިޔަވަން މިހާރުވެސް ފޮނުވާލާ ގޮތަށެވެ.

ކާފައަކީވެސް ޤާނޫނީ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. ބަންޑާރަނައިބުކަން ވެސް އަދާކުރުމަށްފަހު މިހާރު ވަޒީފާއިން މުސްކުޅި ކުރައްވާފައި ހުރީއެވެ.

“ލައްބަ ކާފާ! އަޅުގަނޑުވެސް އޭލެވެލް ކިޔަވަކަށް ޤަސްތެއް ނުކުރަން. އަޅުގަނޑު އަބަދުވެސް ޑޮކްޓަރަކަށް ވާހިތްވަނީ ބައްޕައަށް ހިދުމަތް ކުރަން ހުންނަ ކުއްޖަކަށް ވާން. އެކަމަކު މިއަދު ބައްޕަވެސް އަޅުގަނޑު ދޫކޮށްލާފަ ހިނގައްޖެ. އަޅުގަނޑުވެސް ބޭނުމީ މިތަނުން ދާން” އަހަރެންނަށް ބޭނުންވާ ހުރިހާކަމެއް ފަހިވެފައި އޮތްނަމަވެސް މާލޭގަ ހުރެގެން އަހަރެންނަކަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. އަހަރެން ރަޝިޔާއަށް ދާން ނިންމީ އެހެންވެގެނެވެ. އެހެންނަމަވެސް ޔަމާނީ ދޫކޮށްލާފައި ދިއުން އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ.

އަހަރެން ރަޝިޔާގައި ހުންނަތާ 4 އަހަރު ވީ އިރު އަހަރެންގެ އާއިލާއެއް ވާކަމުގެ އިހްސާސެއް ނުވެއެވެ. މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް މަންމައާ ކާފަ ގުޅާލާނެއެވެ. އަހަރެންވެސް އެކަމަށް އާދަ ވެއްޖެއެވެ. އެހެންނަމަވެސް މިވީ ހަތަރު އަހަރު ތެރޭގައި އެންމެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ޔަމާނީ ވަމުން އަންނަ ޤުރުބާނީ އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. އަހަރެން ރަޝިޔާގައި ހުއްޓެއްކަމަކު އާއިލާ ތެރޭގައި ހިނގަމުންދާ ހުރިހަ ކަމެއް ޔަމާނީ ކިޔައިދެއެވެ. އަހަރެން ބައްޕަގެ ހާލުވެސް ޤަވައިދުން ބަލަމެވެ. އެކަމަކު އެކަމެއް ބައްޕައަކަށް ނޭނގޭނެއެވެ. މިވީ 6 އަހަރު ތެރޭގައި ބައްޕަ އަހަރެންނަށް ނަފްރަތު ނުކުރާ ކަމެއްވެސް ނޭނގެއެވެ.

“ކީކޭ؟ ކާކު އަލުން އެކޭސް ބަލަންފެށީ، މިހާރު އޭގެ ފަހުން 6 އަހަރުމިވީ. ގައިމުން އަހަރެން ބުނެގެން ކަމެއް ކުރިމީހަކު ވިއްޔާ އޮންނާނީ އެކަމާ ދެކޮޅަށް އަނގަހުޅުވާލަން ނުކެރޭވަރަށް ރުފިޔާ ދީފަ. ނަވީން ގައިގާ ހީވަނީ އަލިފާން ޖަހާފަ ހުރިހެންނެވެ. ހާސްވެ މީހާ ތުރުތުރު އަޅަމުން ދިޔައެވެ.

“ގައިމު ކޮންމެވެސް މީހަކު މިހުރިހާ ހަގީގަތެއް ހޯދީތާ. އެހެންނަމަ އަލުން އެމައްސަލަ ބަލަން ކޯޓަށް ދާކަށް ނުކިޔާނޭނުން” ޔަމާނީ އަހަރެންނަށް ގުޅައިގެން ހުރިއިރު ގޭތެރޭގެ މަންޒަރުތައް އަހަރެންނަށް ސިފަވަމުން ދިޔައެވެ.

“ނީނާ ދަރިފުޅު ތިބުނީ ތެދެއް. ކޮންމެވެސް މީހަކު އަހަރެމެންގެ ހަޤީޤަތްތައް ހޯދައިފި. ބައްޕައަށް މިހާރު ކޯޓަށް ނުފޫޒު ފޯރުވާން މާބޮޑު ގޮތެއްވެސް ނޯންނާނެ. އެއިރު އެހާފަސޭހައިން ހުރިހަ ކަމެއްވީ ބައްޕަގެ ބާރު އޮތީމަ” އަހަރެންގެ ލޮލުން ކަރުނަ އައީ އެއީ ހަމަ އަހަރެންދެކެ ލޯބިވާ ކާފަބާއޭ ހިތައް އެރުމުންނެވެ.

“ކޮންމެ ގޮތެއްވިޔަސް އަހަރެމެންނާ ދެކޮޅަށް މައްސަލަހުށައެޅި ބަޔަކު އެވަނީ ވަރަށްގިނަ ހެކި ހޯދާފަ. މާދަމާގެ އަޑުއެހުމަށްފަހު ދެން ބައްޕައަށް ވެސް އެއްޗެކޭ ބުނަން އެނގޭނީ” ކާފަ ހުރީ އަދިވެސް ބައްޕަ އެޖަލުގައި ހަނާވާން ދޫކޮށްލަން ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށްކަން އަހަރެންނަށް އެނގުނެވެ.

ކޯޓަށް އެންމެން ވަދެ ހަމަޖެހިލުމާއެކު އަހަރެން ގޮސް އަހަރެންނަށް ކަނޑައެޅިފައިވާ މޭޒުކައިރީގައި މަޑުކޮށްލާފައި އެންމެންނާ ދިމާއަށް ބަލާލީމެވެ.

“ދަރިފުޅާ ޖިޔާ” ކާފައާއި މަންމަ އަދި ނަވީނަށް ވީގޮތް ފެނުމުން މިހާރުވެސް އަހަރެންނަށް ކާމިޔާބު ވެއްޖެކަން އިހްސާސްކުރެވުނެވެ.

ޑޮކްޓަރަކަށް ވުމުގެ ބަދަލުގައި ވަކީލަކަށް ވުމަށް މަޖްބޫރުވީ އެ މީހުންގެ ވިހަ ކަމާއި ނުބައިކަމުގެ ސަބަބުންނެވެ. މިއީ ކޮންމެހެން އަހަރެން ކުރިއަށް ދާންބޭނުންވި ދާއިރާއެއްނޫނެވެ. އަހަރެން ރަޝިޔާއަށް ގޮސް ކިޔަވަން ފެށީވެސް ޑޮކްޓަރު ކަމެވެ. އެހެންނަމަވެސް ޔަމާނީގެ ފަރާތުން ލިބެމުންދިޔަ މައުލޫމާތާއި އަހަރެން ހޯދި ހޯދުންތަކުން އަހަރެންނަށް ބައްޕަގެ ދިފާއުގައި ނިކުންނަށް ޖެހުނީއެވެ. ޤާނޫނީ ދާއިރާ ކިއަވަން ފެށީ އެހިސާބުންނެވެ. ކިޔަވަމުން ދިޔައިރު ބައްޕަގެ ދިފާއުގައި އަހަރެން ހޯދަންޖެހޭ ހުރިހާ ހެކިތަކެއް އަހަރެން ހޯދީމެވެ. ހޯދަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތްވެސް ފުނޑު ފުނޑު ވަމުން ދިޔައެވެ. އަހަރެންނަށް ނިކުންނަށް މިޖެހުނީ އަހަރެން ބަނޑުއަޅާ ވިހޭ މައިމީހާއަ ދެކޮޅަށެވެ. މަންމަ އަހަރެންދެކެ ލޯބި ނުވިނަމަވެސް އަހަރެން އެލޯތްބައް ފެންބޮވައިގެންފައި ހުރިވަރު އެނގޭނީ ހަމަ އަހަރެންނަށެވެ. ދެން ހުރީ ކާފައެވެ. ކޮރަޕްޝަނާއި މަކަރަ ހީލަތުން ފުރިގެންވާ މީހަކަށް އެކާފަ ވާނެކަމަށް ހުވަފެނުފައިވެސް އަހަރެން ނުދެކެމެވެ. ދެންހުރީ ބައްޕަ، ބައްޕަ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރު ކުރި އެކުވެރިޔާއެވެ. މަންމައާ ނަވީން ރާވައިގެން ބައްޕަގެ މުދާގަނޑު ވެރިކުރުމަށް ކުޅުނު ކުޅިގަނޑުގެ ބަދަލުދޭން އަހަރެން މިހުރީ ނުކުމެއެވެ. އަހަރެންގެ ހިޔާލު ތަކުން ނިކުމެވުނީ ދަރިފުޅާއޭ ބުނި އަޑަށެވެ. ބައްޕަގެ ހާލުފެނިފައި އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދުވެފައިގޮސް އެ ބައްފަގެ ގައިގާ ބައްދާފައި އަޑުން އަޑުނަގާ ރޯންފެށީމެވެ. އަހަރެން ބުނީމެވެ. ބައްޕާއެވެ. ޖިޔާ މިހުރީ ބައްޕަ ސަލާމަތްކުރަން އައިހެވެ. ދެން ތިއަނިޔަ ބައްޕައަކަށް ނުލިބޭނެއެވެ. މިއީ އަހަރެންވާ ވައުދެކެވެ.

އެތައް ދުވަހެއްގެ ޝަރީއަތައް ފަހު އަހަރެންނަށް ކާމިޔާބު ލިބުނެވެ. ހައްޤު ގޮތުގައި އަހަރެން ހުރީ އެ ބައްޕައަށްޓަކައެވެ. އަހަރެން ބޭނުންނަމަ ހެކިތައް އެހެން ވަކީލަކާ ހަވާލުކޮށްގެން މިކަން ކުރެވުނީހެވެ. އެހެންނަމަވެސް މިއަނިޔާވެރި ދުނިޔެ މަތިން އަހަރެން ފޫހިވެއްޖެއެވެ. އެންމެ ގާތް މީހުންނަށް ނުކުރެވޭ އިތުބާރެއް އެހެންމީހަކަށް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންގެ ލެޔެވެ. އެމީހުން އެވަނީ ދުނިޔޭގައި ރަހުމެއް ކުލުނެއް ނުވާކަން ސާބިތު ކޮށްދީފައެވެ. އެހެންވީމާ ބައްޕަގެ ހައްގުގައި ނިކުންނަން އެހެން މީހަކާ ހަވާލު ކުރާނީ ކާކަށް އިތުބާރުކޮށްގަ ހެއްޔެވެ؟ އަހަރެންނަށް ލިބުނު ކާމިޔަބީގެ އަސްލަކީ ޔަމާނީއެވެ. ވަފާތެރި ނޯކަރަކަށް ނުވެވުނު ނަމަވެސް އެކުވެރިއެއްގެ ޒިންމާ އޭނާ އަދާކޮށްފިއެވެ. ޔަމާނީއަށް ވެސް ހެކިބަސް ދޭންޖެހުނީ އޭނަގެ ވެރިންނާ ދެކޮޅަށެވެ. އެހިތްވަރު އޭނާ ނެރުނީ އަހަރެންނަށްޓަކައެވެ. ބައްޕައަށް ކުރާ ގަދަރެއްގެ ސަބަބުންނެވެ.

ހުރިހާކަމެއް ސާފުވެ ކުށުގެ ހައްޤުވެރިންނަށް ހުކުމް އިއްވުނެވެ. ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކުރުމާއި ރިޝްވަތުގެ މައްސަލަތަކާއި ދޮގުހެކިދިނުމުގެ ތަފާތު މައްސަލަތަކުގައެވެ. މިއީ އަހަރެން ފަހުރުވެރިވާން ބުނާ ވާހަކައެއް ނޫނެވެ. ހުދު އަހަރެން ގެ ލަގޮނޑިއަށް ކެތްވަނީ ކިހިނެއް ހެއްޔެވެ؟ ކާފަ މުސްކުޅިވި ދުވަހު އަހަރެން ކާފަޔާ ދެކޮޅަށް ނިކުތީ އެނޫން އެހެން ގޮތެއް ނެތީތީއެވެ. އެންމެ ގާތް އެކުވެރިޔާ ހައްދު ފަހަނަ އަޅާފައިވާ މިންވަރު އެނގޭ ހިނދު ބައްޕައަށް ކުރާނެ އަސަރު އިހްސާސްނުވާތީއެއްވެސް ނޫނެވެ. ނުހައްގުން ބަޔަކު ކުށެއްނެތް މީހަކަށް އަނިޔާވެރިވަމުންދާތީ އެކަމުގެ ދިފާއުގައި ނިކުތުން ނޫންގޮތެއް އަހަރެންނަށް ނުވިސްނުނެވެ. އަހަރެންނަކީ އަބަދުވެސް ހައްގަށް ލޯބި ކުރާ މީހެކެވެ. އަދި އަހަރެންގެ އެންމެ ލޯބިވާ ބައްޕައަށް ނާއިންސާފުން ކަންތައް ވަމުންދާއިރު އަހަރެން ބަލަން ހުރެއްޖެނަމަ ދަރިއެއްގެ ހައިޞިއްޔަތުން އަހަރެން ފެއިލްވީހެވެ.

“ދަރިފުޅާއެވެ! ތިޔަކުރީ ކީއްހެއްޔެވެ؟ ބައްޕަ ސަލާމަތް ކުރަން ދަރިފުޅުގެ ކާފައާއި މަންމަވެސް ކުޑަގޮޅިއަށް ލީހެއްޔެވެ؟ ބައްޕަ މިހެން ހުރެއްޖަމުހެވެ. އެހެންނޫނަސް ދެން ދުނިޔެގެ ތެރެއަށް ލޯހުޅުވާކަށް ބައްޕަ ބޭނުމެއް ނޫނެވެ.

“އަޅުގަނޑު ލޯބިވަނީ ބައްޕަގެ ތި އޯގާތެރިކަމުގެ ސިފަ ދެކެއެވެ. ހިތާމަނުކުރާށެވެ. އަޅުގަނޑަށް މިހިތްވަރު ލިބުނީވެސް ތިޔަ ބައްޕަގެ ސަބަބުންނެވެ. އެހެންމީހަކު ލޯބި ނުވިނަމަވެސް ޖިޔާ އަބަދުވެސް ބައްޕަ ދެކެ ލޯބިވަނަމެވެ. ޖިޔާ މިހުރީ ބައްޕަ ހައްޤުޤައެވެ.”

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ޝަހީދާ އިބްރާހިމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355