twitterviber whatsapp telegramfacebookyoutube instagram
26th January 2020

ކަރަންޓް ބިލް ބޮޑުކުރުމުގެ މަގްސަދަކީ ކުދި ވިޔަފާރިތައް ފުޑާލުން: ޖައުފަރު

Mar 30, 2015

ކަރަންޓް ބިލް ސަރުކާރުން ބޮޑުކުރުމުގެ މަގްސަދަކީ ކުދި ވިޔަފާރިތައް ފުޑާލުން ކަމަށް ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އަލީ ވިދާޅުވެއްޖެއެވެ.

ވިޔަފާރިތަކަށް ސަރުކާރުން ދޫކޮށްފައިވާ ކަރަންޓް ސަބްސިޑީޒް ކަނޑާލުމާ ގުޅިގެން އެކަމާއި ކަންބޮޑުވެ، އެކަމަށް މަޝްވަރާކުރުމަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ރޭ ތިލަދެކުނު ސިނަމާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖައުފަރު އަލީ ވިދާޅުވީ ކަރަންޓް ބިލް ބޮޑުކުރުމުގެ މަގްސަދަކީ ކުދި ވިޔަފާރިވެރިން ފުޑާލުން ކަމަށެވެ.

ޖައުފަރު ވިދާޅުވީ ކަރަންޓް ސަބްސިޑީޒް ކަނޑާލުމުން އެކަމަށް ހައްލެއް ހޯދުމަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިންގެ ތެރެއިން ސްޓެއަރިން ކޮމެޓީއެއް އެކުލަވާލައި ކަމާ ބެހޭ ވުޒާރާތަކާއި މަޝްވަރާކުރަން އިއްޔެ ފަށާފައިވާ ކަމަށެވެ.

” މިކޮމެޓީގެ ބޭފުޅުން ތިބީ އެއް ރޫހެއްގަ އެއް އަޒުމެއް ކުރިއަށްދާން. އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން ނިކުމެ މިއުޅެނީ ސިޔާސީ މަގްސަދެއް ހާސިލްކުރާކަށް ނޫންކަމަށެވެ. އެކަމުގައި ސަރުކާރާއި ވާހަކަ ދައްކައި ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރި ހުރިހާ މަސައްކަތެއްކޮށް އެކަމުގައި ހައްލެއް އޮތްތޯ ބެލުމަށް” ޖައުފަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ވިޔަފާރިވެރިންގެ ސްޓެއަރިން ކޮމެޓީގެ ކޯ ޗެއާ ކަން ވެސް ކުރައްވާ ޖައުފަރު ވިދާޅުވީ ކަރަންޓް ސަބްސިޑީޒް ކަނޑާލުމުން އެކަމުގެ އަނިޔާ ލިބޭނީ ހަމައެކަނި ވިޔަފާރިވެރިންނަކަށް ނޫން ކަމަށާއި މިކަމުގެ އަނިޔާ މުޅި މިސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެކަމަށެވެ. މި މައްސަލައިގައި ވިޔަފާރިވެރިން ނިކުމެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި މިކަމުގައި ކުރެވެން ކުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޖައުފަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ކަރަންޓް ބިލް ބޮޑުވެފައިވާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެފަހަރުތަކުގައި ވެސް ވިޔަފާރިންނާއި ރައްޔިތުން އެކަމާ މެދު ވާހަކަ ނުދައްކައި ތިބީ ކުދި އަދަދުތަކުން ބޮޑުވުމުން ކަމަށެވެ. އެހެންނަމަވެސް މިފަހަރު ކަރަންޓް ބިލް 3 ގުނައަށްވުރެ ބޮޑުވުމުން އެއީ ވިޔަފާރިވެރިންނަށް ބޮޑު އަދަދެއް ކަމަށާއި އެއީ ތަހައްމަލުކުރަން ދަތި އަދަދެއްކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމުގައި ތިބެން ވަނީ ރައްޔިތުންގެ އަޑު އިވޭ އަޑު އަހާ ވެރިން ކަމަށެވެ.

ޖައުފަރު ވިދާޅުވީ ރައްޔިތުންގެ އަޑު އަހާ މިކަމުގައި އަލިމަގެއް ސަރުކާރުން ހޯދައިދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355