twitterviber whatsapp telegramfacebookyoutube instagram
21st September 2019

ކުރުވާހަކަ – ތަގުދީރު

Aug 22, 2015

ލިއުނީ: އާލިމާ އާދަމް

އީކާ އާއި ލީން އަކީ ގަތް ދެ ރަހުމަތްތެރިންނެވެ. މިކުދިންގެ ރަހުމަތްތެރިކަން ފެށިފައިވަނީ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި ދުވަސްވަރު ރަށު ސްކޫލްތަކުގައި ބޭއްވުނު ޑްރާމާ މުބާރާތަކުން ނެވެ. ދެކުދިން ދެ ސްކޫލެއްގައި ކިޔަވަމުން ދިޔަނަމަވެސް ގިނަ ވަގުތު ދެކުދިންވެސް ފެންނާނީ އެކުގަ އެވެ. މިހާރު ގްރޭޑް 12 ގައި ކިޔަވަމުން ދާއިރު އަދިވެސް މިކުދިންގެ ގުޅުން އަންނަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. އީކާ އަދި ލީންވެސް ދެކޭގޮތުގައި މިކުދިންގެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާންނަ އެންމެ ބޮޑު އެއްސަބަބަކީ ދެކުދިންގެ ފެންވަރު އެއްވަރުވުމާއި ހަޔާތުގައި ދިމާވާ އެކިކަހަލަ ކަންކަން އެކަކު އަނެކާއާ ހިއްސާކުރުމެވެ.

ޝާދިންނަކީ އީކާ އާއި އެއްކުލާހެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. ސްކޫލް ތެރޭގައި ވެސް ކުޅިވަރުގެ ރޮނގުން މަޝްހޫރު މޫނެކެވެ. ރީތިކަމުންވެސް އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުންދާ ކުއްޖެކެވެ. މިގޮތުން ޝާދިންގެ އަވާގައި އީކާވެސް ވަނީ ޖެހިފަ އެވެ. ކްލާހުގައި އިންނަ އިރު އަބަދު ބެލެނީ ޝާދިންނާއި ދިމާލަށެވެ. އޭނާ ސްކޫލަށް ނާންނަ ދުވަހެއްނަމަ އީކާ ގެ ދުވަސްވެސް މުޅިން ހަރާބުވީ އެވެ. ނަމަވެސް މިކަމާ ޝާދިން އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. އޭނާ ބުނަމުންދަނީ އޭނާގެ ހިތުން ޖާގަ ހޯދޭވަރު ކަުއްޖެއް އަދި ނުފެންނަ ކަމަށެވެ.

ރަމަޟާން މަސް ކައިރިވެފައިވުމުން އީކާގެ ކްލާސް ކުދިން މާހެފުމެއް ބޭއްވުމަށް ރޭވި އެވެ. މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީކާގެ ގޭގައެވެ. އީކާ އެދުމުގެ މަތިން މާހެފުންގައި ލީންވެސް ބައިވެރިވި އެވެ. އެންމެ ފުރަތަމަވެސް ލީން ފެނުމުންވެސް ޝާދިންގެ ހިތުގެ އެންމެ ހިމަނާރަށްވެސް ގޮތްތަކެއް ވެގެން ދިޔަކަން ހުދު އޭނާއަށް ވެސް އެނގުނެވެ. ދޮވެފައި ހުރި ތަށިތަކެއް ހިފައިގެން އަންނަނިކޮށް ޝާދިންގެ ގައިގައި ޖެހިފައި ވެއްޓެން ދިޔަ ލީންގެ ގައިގައި ހިފަހައްޓާލައިގެން ޝާދިންއަށް ހުރެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. އޭނައަށް އަމިއްލަ ހިޔާލުތަކުން ބޭރުވެވުނީ ކައިރީގައި ތިބި އެހެންކުދިން މާބާރަށް ހޭންފެށުމުންނެވެ. އަވަސް އަވަހަށް ލީންގެ ގައި ދޫކޮށްލާ މީހާ ހަމައަކަށް އެޅުވޭތޯ ޝާދިން މަސައްކަތް ކުރިއެވެ. އެދުވަހު އީކާގެ ގޭގައި ހޭދަކުރެވުނު ހުރިހާ ވަގުތެއްގައިވެސް ޝާދިންގެ ލީ ހޯދީ ހަމައެކަނި ލީންއެެވެ. ނަމަވެސް އެކަން ކަމިޔާބު ވާގޮތެއް ނުވިއެވެ. ލީންވެސް ޝާދިންގެ ކުރިމައްޗަށް ނުކުތުމަށް ބޭނުން ނުވަނީ ކަންނޭގެ އެވެ.

ޝާދިންއަށް އެދުވަހަށް ފަހު އަބަދުވެސް ވިސްނެނީ ލީން އާއި ދޭތެރޭގަ އެވެ. ކޮންމެ ކަމެއްކުރިއަސް އަބަދުވެސް ސިކުނޑީގައި ވަނީ ލީންއެވެ. ލީން ފެނޭތޯ އީކާގެ ގެ ކައިރިން މުގޯލި އެޅުނު ވަރެއްވެސް ނެނގުނެވެ. ޝާދިން އޭނާގެ ހިތުގެ ހާލަތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ކިޔާންއާ ހިއްސާކުރި އެވެ. ކިޔާން އަކީ އީކާގެ ކައިރި ކުއްޖެއްކަމުން ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެނިދާނެ ކަމުގައި އުންމީދާ އެކުގައެވެ. ކިޔާންގެ ފަރާތުން އީކާ އާއި ލީންއަކީ ވަރަށް ގާތް ދެރަހުމަތްތެރިން ކަމަށާއި ލީން ވަރަށް ގިނައިން އީކާ ގެޔަށް އަންނަ ކަން އެގުނެވެ. ނަމަވެސް މިހާރު އެ ހިސާބުން ލީން ނުފެންނަތާ ހަފްތާއެއް ވަރުވެއްޖެކަން އެނގުމުން ޝާދިންގެ ހިތްވަރު އެލުނެވެ. ސަބަބަކީ އޭނާ ވިސްނައިގެން ހުރީ އީކާގެ ގެ ކައިރީން ލީން އާއި ބައްދަލުކުރަން ކަމުގައި ވާތީ އެވެ. ޝާދިންއަށް ކުރިއަށް ދިއުމަށް ދެންއޮތީ އެންމެ މަގެކެެވެ. އެއީ އީކާ އެވާހަކަތައް ހިއްސާ ކުރުމެވެ.

އާދިއްތަ ދުވަހެއްގެ ސެޝަން ނިމުނު ގަނޑި އެވެ. އީކާ ގެއަށްދާން ކްލާހުން ނުކުންނަނިކޮށް ޝާދިން ފަހަތުގައި ހުރެފައި ގޮވާލިއެވެ. އީކާ ހިތް ހީވީ ހުއްޓިދާނެ ހެންނެވެ. މީގެ ކުރިން ދުވަހަކުވެސް އިސްވެ ޝާދިން އޭނާ އާއި ވާހަކަ ދައްކާފައި ނުވުމުންނެވެ. އެއީ އޭނާ އަށް ހީވި ގޮތެއް ކަމަށް ހީކޮށް އީކާ ހިނގައިގަތީ ކުލާހުން ނިކުންނާށެވެ. ނަމަވެސް އޭނާއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ޝާދިން ހަލުވިކޮށް ހިނގާފައި އައިސް އީކާގެ އަތުގައި ހިފާ އޭނާއާއި ވީފަރާތަށް އެނބުރުވި އެވެ. އަދި އީކާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވަރަށް މުހިއްމު ވާހަކައެއް ދައްކާލުމަށްޓަކައި ލައިބްރަރީއަށް ދެވިދާނެތޯ ސުވާލުކުރި އެވެ. އީކާ އެއްވެސް ދެކޮޅު ހެދުމެއްނެތި ޝާދިންއާއެކު ހިނގައިގަތެވެ. ލައިބްރަރީގައި ތިބީ އީކާއާއި ޝާދިން އެކަންޏެވެ. އެދެމީހުންނަށް ވާހަކަ ދައްކަން ފުރުސަތު ދީފައި އެންމެން ބޭރުގައި ތިބި ކަހަލަ އެެވެ. ޝާދިން އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނީ އޭނާ ބުނަން ބޭނުންވެފައިވާ ވާހަކަ ފަށާނެގޮތެއް ނޭނގިފައެވެ. ޝާދިން ވާހަކަ ނުދައްކާ އިނުމުން އީކާއަކަށް މަޑަކުން ނީދެވުނެވެ. އޭނާއަކީ މިޒާޖުގައި ސަކަ ގޮތެއް ހުންނަ ކުއްޖެއްކަމުން ޝާދިންގާތު ދައްކަން ބޭނުންވަނީ ކޮންވާހަކައެއްތޯ މަޖާ ގޮތަކަށް ސުވާލު ކުރިއެވެ.

ޝާދިން ވަރަށް ވިސްނަން އިނުމަށް ފަހު ސުވާލު ކުރީ މާހެފުމައްޓަކައި އީކާގެ ގެއަށް ދިޔަ ދުވަހު ޝާދިން ގައިގައި އެޖެހުނީ ކޮންކުއްޖެއް ތޯ އެވެ. އީކާއަށް ޝާދިން އެދައްކަނީ ލީންގެ ވާހަކަ ކަން އެނގުނެވެ.

“އެއީ މަގޭ ބެސްޓް ބަޑީ ލީން” އީކަ ޖަވާބު ދިނީ ހެވިފަ އިނދެއެެވެ.

“ކިހިނެތް ވީ؟” އީކާ ޖަވާބު ދިނުމަށްފަހު ކުރީ އިތުރު ސުވާލެކެވެ.

“އަހަރެންނަށް އީކާ ގެ ބެސްޓް ބަޑީއާ ބައްދަލުކޮށްލެވި ދާނެތަ؟ ނޫނީ އެންމެ ކުޑަމިނުން ގުޅޭނެ ނަންބަރެއް ދެވިދާނެތަ؟ ޝާދިން އީކާ ގެ ސުވާލަށް ޖަވަބު ދިނުމެއްނެތި ފައްޗަކަށް އަމުނާލިއެވެ.

“ޝާދިން ތިވެގެން އުޅޭގޮތެއް އަހަރެންނަށް ތަންކޮޅެއް ސާފުކޮށް ކިޔާދީފާނަންތަ؟ އީކާވެސް ކުރީ ސުވާލެކެވެ.

ޝާދިން ކިޔާދޭން ފެށިއެވެ. އޭނާއަށް އެންމެ ފުރަތަމަ ލީން ފެނުނު ދުވަހު ކަންތައްތައް ވީގޮތެވެ. އަދި އެއަށްފަހު އަބަދުވެސް ލީންގެ ހިޔާލުތައް ކުރެވޭ ވާހަކައެވެ. އެއްޗެއް ނުކެވޭ ވާހަކަ އެވެ. ޝާދިން ގެ މިވާހަކަތައް އަޑު އަހަން އިން އީކާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ފައިބަން ތައްޔަރު ވެފައިވާ ކަރުތަނަށް ހިފެހެއްޓުމަށް އީކާ އިނީ އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައި ގެންނެވެ. އީކާގެ ދޮންމޫނު ވަނީ ރަތްވެފަ އެވެ. އީކާއަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓޭނެކަން އެނގުމުން ޝާދިންނަށް އެއްވެސް ޖަވާބެއް ނުދީ ދުވެފައި ލައިބްރަރީން ނުކުމެ އެންމެ ކައިރީގައި ހުރި ފާހާނައަށް ވަނެވެ. އަދި ހިތް ފުރޭދެން ރުއިމަށް ފަހު މޫނުދެވެލައި ޓީޝޫއަކުން މޫނު ފުހެލިއެވެ. އަދި ޝާދިންގެ ކުރިމައްޗަށް އެރުމަށް ތައްޔާރު ވެލިއެވެ. އޭނާ ވަނީ އޭނާއަށް ލޯބި ނުލިބުނު ނަމަވެސް އެލޯބީގެ ހައްގުވެރި ފަރާތަށް އެލޯބި ހާސިލްކޮށްދޭން އަޒުމް ކަނޑަ އަޅާފައެވެ.

އީކާ ފާހާނައިން ނުކުމެ ބަލާލިއިރު ޝާދިންއެއް ނެތެވެ. އެހެންކަމުން އީކާ އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ގެއަށް ގޮސް ޔުނީފޯމްވެސް ބަދަލުނުކޮށް އީކާ ފޭސްބުކުން ޝާދިނަށް ލީންގެ ނަންބަރު ފޮނުވާލިއެވެ. އަދި އޭނާއަށް ލައިބްރަރީގައި އިނދެފައި ކަންތައް ކުރެވުނު ގޮތުން މާފަށް އެދުނެވެ. ޝާދިން އެއީ އެއްވެސް މައްސަލައެއް ނޫން ކަަމަށާއި އަދި ލީންގެ ނަންބަރު ދިނީތީ ޝުކުރުވެރި ވިއެވެ. ޝާދިން ލީންގެ ނަންބަރަށް ހަމައެވަގުތު ގުޅާލިއެވެ. ދެފަހަރު ރިންގް ވުމުން އެކޮޅުން ފޯން ނެގިއެވެ. އަދި ފުރަތަމަ “ހަލޯ” އޭ ބުނެލިގޮތުންވެސް އެއީ ލީންކަން ޝާދިންއަށް އެނގުނެވެ. ޝާދިން ވާހަކަ ދިގުނުކޮށް އެއީ ކާކު ކަމާއި ގުޅި ބޭނުން ލީންއަށް ކީޔާދިނެވެ. ލީން ވިސްނާލުމަށްފަހު ޖަވާބެއް ދޭނެކަމަށް ބުނެ ފޯންކޯލް ކުރުކޮށްލިއެވެ.

އޭގެ ދެދުވަސް ފަހުން ޝާދިންގެ ފޯނަށް އައީ މެސެޖެކެވެ. ލީން ގެ ނަންބަރުންނެވެ. މަންމަ އާއި ބައްޕަގެ ރުހުމާއެކު އޭނާ ގަބޫލް ކަމަށް ބުނެފައެވެ. ޝާދިން ވީ އުފަލުން އެންމް ފުރަތަމަވެސް އެވާހަކަ ހިއްސާކުރީ އީކާ އާ އެވެ. އީކާ ދެމީހުންނަށް ވެސް މަރުހަބާ ކީ މޫނުމަތިން އުފާވެރިކަން ދައްކަމުންނެވެ. ނަމަވެސް އޭނާ ރޯ ރުއިން އެނގޭ އެކަކުވެސް ނެތެވެ. މިފަދަ ގޮތަަކަށް ދެ އަހަރު ދުވަސް ފާއިތު ވެގެން ހިގައްޖެވެ. ޝާދިން އާއި ލީންގެ ބަގީޗާގައި މާތައް ފޮޅި ފަރިވަމުންދެއެވެ. އީކާ ކުރަމުންދާ ހިތާމައަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަހަލައެވެ. ނަމަވެސް ޝާދިންއާއި ލީން އެކުގައި ފެނުމުން ބުނެދޭން ނޭނގޭފަދަ ގޮތްތަކެއް އޭނާއަށް ވެއެވެ. އަދި އެދުވަސް ހަތަރުދަމު ރުއިމުގައި ހޭދަކޮށްލަ އެވެ. އޭނާއަށް އެފަދަ ނަސީބެއް ނުދެއްވިކަމަަށްޓަކައި ޝަކުވާ ކުރެއެވެ. ނަމަވެސް އެހެންމީހުންނަށް އޭނާ ދައްކަނީ ހިނިތުންވެފައިވާ އުފާވެރި މޫނެވެ.

އެއްދުވަހެއްގެ ހަވީރެވެ. އީކާ އޭނާގެ ގޭގެ ޖޯލި ފަތީގައި އިނެވެ. ހިޔާލަކަށް ގެއްލިފަ އެވެ. ގޭގެ ދޮރާށި ހުޅުވާލާފައި ޝާދިންއާއި ލީން ވަތް ކަންވެސް އީކާ އާށް ނޭނގުނެވެ. އީކާއަށް އެދެމީހުން އައިކަން އެގުނީ އެމީހުން އަތުގައި އޮތް ކާޑު އީކާ އާއި ދިމާއަށް އެއްލުމުނެެވެ. އީކާ ސިއްސައިގެން ގޮސައި ތެދުވެ އެދެމީހުން އިށީނުމަށް ތަންދެއްކިއެވެ. އަދި އަތުގައި އޮތް ކާޑަށް ބަލާއިއެވެ. އެއީ ޝާދިންއާއި ލީންގެ ކައިވެނީގެ ވަލީމާއާށް ދައިވަތު ދީފައިވާ ކާޑެވެ. އީކާ އޭނާގެ އެއްވެސް އަސަރެއްނެތް ހިނތުންވުމަކާއި އެކު ދާނެ ކަމަށް ބުންޏެވެ. ޝާދިން އާއި ލީން އެކުގައި ތެދުވީ އަދިވެސް އެހެންގެޔަކަށް ދާންވެއްޖެ ކަމުގައި ބުނަމުންނެވެ.

އެދެމީހުން ދިއުމުން އީކާ އަނެއްކާވެސް އެކާޑަށް ބަލާލި އެވެ. އެކާޑުގައި ޝާދިންގެ ނަމާއެކު އެނާގެ ނަންޖެހުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެކެެވެ. ނަމަވެސް ހުރިހާ ހުވަފެން ހަގީގަތަކަށް ނުވާނެކަން އީކާ ދަނެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެެވެ. އެކެއްގެ ހަޔާތް އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރިފައިވާއިރު އަނެކެއްގެ ހަޔާތް ހިތާމައާއި ހިތްހަމަ ނުޖެހުމުން ފުރިފައި ވެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ގޭތެރޭގެ މަަސައްކަތްތަކުގައި ލީން އަވަދިނެތި އުޅެމުން ދިޔައެވެ. އޭނާގެ ހަތްމަސް ވެފައިވަ ބޮޑު ބަނޑާއެކު ބުރަހެލި ކަމުގައިއެވެ. އޭނާއަށް އެހީތެރިވުމަށްޓަކައި އޭނާގެ ލޯބިވާ ފިރިމީހާ ދެގޮތެއް ނުވެ ހުއްޓެވެ. މިދެމީހުން ތައްޔަތު ވަމުން ދަނީ ގެއަށް އައުމަށ ދުވަސްތައް ގުނަމުންދާ ކުޑަކުޑަ މެހެމާނާއަށް ފުރިހަމަ މަރުހަބާ ކިއުމަށްޓަކައެވެ. ކުޑަ ދަރިފުޅަށްޓަކައި ކުޑަ ކޮޓަރިއެއްވަނީ ހަދާފަ އެވެ. އެކޮޓަރީގައި ތަފާތު ވައްތަރުގެ ކުޅޭ އެއްޗެހި ހުއްޓެވެ. ދަރިފުޅަށް އެކި ބޭނުންތައް ފެސޭހައިން ފުއްދޭނެ ހުރިހާ ވަސީލަތެއް ކޮޓަރީގައި ވެއެވެ.

މިފަދަ މަސައްކަތްތަކެއްގައި ދެމަސްދުވަސް ފާއިތުވެ ދިޔަގޮތް ލީން އަދި ޝާދިން އަށްވެސް ނޭނގެއެވެ. މިހާރު ލީންގެ ބަނޑަށް 9 މަސް ފުރުނީއެވެ. އޭނާއާށް ހިނގާ އުޅެވެނީވެސް ވަރަށް އުނދަގުލުންނެވެ. ކޮޅަށް ތެދުވެއްޖެނަމަ އަނބުރާ ގަނެއެވެ.

އެއްރެޔެއްގެ ދަންވަރުގެ ވަގުތެވެ، ލީން އަަށް ނިދިފައި އޮވެފައި ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. އަވަސް އަވަހަށް ޝާދިންއަށް ގޮވައި ހޭލެއްވި އެވެ. އަދި ވީ އެންމެ އަވަހަކަށް ލީން ހޮސްޕިޓަލަށް ގެންދިޔައެވެ. ލީން ވިއްސާ ކޮޓަރިއަށް ވެއްދިފަހުން ގަޑިއެއްހާއިރު ވެއްޖެއެވެ. ނަރުސް ކުއްޖަކު ބޭރަށް ނުކުތުމަށް ފަހު ބުނީ ލީންގެ ހާލު ގޯސްވުމުގެ ސަބަބުން ވީ އެންމެ އަވަހަކަށް އޮޕްރޭޝަން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުން ލީންގެ ފުރާނަ ސަލާމަތް ވާނެކަމުގެ އުންމީދެއް ނެތްކަމުގައި ނަރުސް ކުއްޖާ ބުންޏެވެ. ޝާދިންއަށް ގޮތް ހުސްވެ ހަތަަރި އުދަރެސް ފެނުޖެހުނެވެ. ނަމަވެސް ޝާދިން ހިތްވަރުކޮށްފައި ވީ އެންމެ އަވަހަކަށް އޮޕްރޭޝަން ކުރުމަށް އެއްބަސް ވިއެވެ.

ދެގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު އޮޕްރޭޝަން ތިއޭޓަރުން ނެރުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ލީން އާއި ޝާދިންގެ ލޯބީގެ ދިރިހުރި ނިޝާނެވެ. ނަމަވެސް ދަރިފުޅަށް ވުރެ ބޮޑަށް ޝާދިނަށް އިސްކަންދެވުނީ ލީންއަށެވެ. ޑޮކްޓަރ ގެ ފަރާތުން އެނގުނު ގޮތުގައި ލީން ހާލު ވަރަށް ދެރައެވެ. އަދި އޭނާ ދުނިޔޭގައި އޮންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެހެންކަމުން ޝާދިން ބޭނުންވީ ލީންގެ އެންމެ ފަހު ނޭވާވެސް އޭނަގެ ކުރިމަތީގައި ބޭރުކުރާށެވެ. ޝާދިން ޑޮކްޓަރގެ ރުހުމާއެކު ލީން ބާއްވާފައިއޮތް ކޮޓަރިއަށް ވަނެވެ. ލީންގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ދިރުމެއްނެތެވެ. ޝާދިން އެ ކޮޓަރިއަށް ވަތްތަނާ މާގިނަ އިރެއްނުވެ މިފަނާވަނިވި ދުނިޔެއާ ލީން އަލްވަދާއު ކިޔާފިއެވެ.

ލީންގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ޝާދިން އޭނާގެ ގެޔަށް އައެވެ. އެއީ އޭނާއާއި ލީން އެތަކެއް އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާ ގެއެވެ. ޝާދިން ވަރުބަލި ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދިރި ކަމުގެ ތެރެއިން އޭނާއަށް ހީވީ ލީން ފެނުނު ހެންނެވެ. ނަމަވެސްއެއީ ވާނެ ކަމެއްނޫންކަން ގަބޫލްކުރަން ޝާދިންގެ ސިކުނޑި މަޖުބޫރު ކުރި ކަހަލައެވެ. ކޮޓަރި ބޮކި ދިއްލާލުމާއެކު ޝާދިންގެ ލޮލުގައި އަޅާގަތީ ޑްރެސިންޓޭބަލް މަތީގައި އޮތް ކަރުދާސް ކަނޑެކެވެ. ޝާދިން ކެތްތެރިކަން ކުޑަ ވެފައިވާ ހިތަކާއެކު އެކަރުދާސް ގަނޑު ނިއުޅާލިއެވެ. އެއީ ލީންގެ ލިއުންކަން ޝާދިންނަށް ޔަގީން ވިއެވެ. ޝާދިން އެ ލިއުންކޮޅު ކިޔަމުންދިޔަ ވަރަކަށް އޭނާގެ ލޮލުގައި ހުއްޓިފައިވާ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. އެލިއުމުގައި ވަނީ ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ކުދިން ނުހޯދުމަށް ޑޮކްޓަރ އިންޒާރު ދިންކަމަށާއި ކުއްޖަކު ވިހައިފިނަމަ އެކަމުގެ ސަބަބުން ލީންގެ ފުރާނައަށް ގެއްލުންވާނެ ކަމަށްވެސް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ޝާދިންއަށް އެކަން ސިއްރުކޮށްފައިވަނީ އޭނާ ތުއްތު ކުދިންދެކެ ލޯބިވާ މިންވަރު ލީންއަށް އެނގޭތީކަމަށްވެސް އެ ލިއުމުގައި ވެއެވެ. އަދި އޭނާ ނެތް ދުނިޔެއެއްގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ އީކާ އާއި ކައިވެނި ކުރުމަށްވެސް އެދިފައިވެއެވެ. އީކާ އަމިއްލަ ދަރިއެއްހެން އޭނާގެ ދަރިފުޅު ބަލައި ދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ލީން ބުނެފައި ވެއެވެ.

އެލިއުން ކިޔާ ނިމުނު އިރު ޝާދިންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވަނީ ހުއްޓިފައެވެ. އޭނާ އެ ގަނޑު ފައްޖަހާލުމަށް ފަހު ޖީބަށް ލަމުން ހިނގައި ގަތީ ކޮޓަރިން ބޭރަށެވެ. އާންމުކޮށް އޭނާ ދުއްވާވަރަށް ވުރެ ބާރު ސްޕީޑެއްގައި މިސްރާބު ޖަހާފައިވަނީ އޭނާގެ ދަރިފުޅު އޮތް ހޮސްޕިޓަލަށެވެ. ސަބަބަކީ އެދަރިފުޅު ކައިރީގައި އީކާ ވާނެކަން އެނގޭތީއެވެ. އީކާ އާއި ބައްދަލުކުރުމަށްޓަކައެވެ. ޝާދިން ބާރު ހިނގުމެއްގައި ގޮސް ދަރުފުޅު އޮތް ކޮޓާރިއަށް ވަނެވެ. އެއިރު އީކާ އެކުއްޖާ ނިންދެވުމަށްފަހު އެނދުގައި ބާއްވަނީއެވެ. އީކާގެ އިތުރުން ޝާދިންގެ މަންމައާއި ލީންގެ މަންމަވެސް އެވަގުތު ކޮޓަރީގައި ތިއްބެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ މާޔޫސްކަމެވެ. ޝާދިން އީކާއާއި ވަކިން ބައްދަލު ކުރުމުގެ ބަދަލުގައި އޭނާގެ މަންމަ އާއި ލީންގެ މަންމަ ކުރިމަތީގައި ގަނޑު ލިޔާލިއެވެ. އެތިންމީހުންގެ ލޮލުންވެސް ކަރުނަ އައެވެ. ލީން އެވަރުގެ ބޮޑު ކަމެއް ސިއްރުކުރީތީ ކޮންމެ މީހަކުވެސް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ވެދިޔަތަން ވެދިޔައީ ކަމަށް ބުނަމުން ލީންގެ މަންމަ ބުނީ ޝާދިންނާއި އީކަ ގުޅުމަށެވެ. އެއީ ލީންގެ އެންމެ ފަހުގެ ވަސިއްޔަތަށް ވުމުގެ އިތުރުން ޝާދިންގެ ލޯބިވާ ދަރުފުޅުގެ މުސްތަގުބަލާއި ގުޅިފައިވާ ކަމެއްކަމަށް ވުމުން އޭނާވެސް އެކަމަށް އެއްބަސްވިއެވެ. އަދި ލީންގެ ފަރާތުން ލިބުނު ލޯބި އީކާގެ ފަރަތުންވެސް ލިބޭނެ ކަން ޝާދިންއަށް އެނގެއެވެ.

ޝާދިންގެ ކޮޓަރިތެރެއިން ގުގުމަމުންދަނީ ހުނުމުގެ އަޑެވެ. އޭނާގެ 3 އަހަރުގެ ކުޑަކުޑަ ޑަދަރިފުޅު ލީމް އާއެކު ކުޅެނީއެވެ. ކައިރީގައި އީކަ ހެވިފައި އިނެވެ. ލީމްއަށް އީކާއެއީ އަސްލު މަންމަ ނޫންކަމެއް ނޭނގެއެވެ. އަދި އަންގާކަށް އީކާ އަދި ޝާދިންވެސް ބޭނުމެއްނޫނެވެ. އީކާ ދެކޭގޮތުގައި އެއީ އޭނާކުރި ހިތާމައިގެ އުފާވެރި ނިމުމެވެ. އަދި ޝާދިން ދެކޭގޮތުގައި އެއީ އޭނާގެ ތަގުދީރެެވެ. އެކަކަށްވެސް ބަދަލުނުކުރެވޭނެ ތަގުދީރެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ އާލިމާ އާދަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355