twitterviber whatsapp telegramfacebookyoutube instagram
17th October 2019

ދިރާގުގެ ސަބްމެރިން ކޭބަލަށް މާލެގައި ތައްޔާރުކުރެވިފައިވާ ބީޗްމޭންހޯލް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

Mar 22, 2016

މާލެ އާއި ހުޅުލެ އަދި މާލެ އާއި ވިލިމާލެއާއި ދެމެދު އަޅާފައިވާ ދިރާގުގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމް ގެ ލޭންޑިންގ ޕޮއިންޓް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.

ހުޅުލެ އާއި ވިލިމާލެއިން މާލެއާއި ގުޅޭ ލޭންޑިންގ ޕޮއިންޓް ބަދަލު ކުރަން ނިންމާފައިވަނީ އެ ޕޮއިންޓްތައް މިހާރު ދިމާވަނީ މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައިވާ ބީޗް މޭންހޯލް އާ ދިމާވާތީ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގުން މިހާރު ދަނީ ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން، މި ބީޗް މޭންހޯލް މިހާރު ހުރި ސަރަހައްދުގެ ހުޅަނގަށް އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި މަސައްކަތައް ތިމާވެށްޓާއި ގުޅުންހުރި ސާވޭތައްކޮށް މަސައްކަތް ކުރުމަށް ދުނިޔޭގެ ފުންނާބު އުސް ކުންފުންޏެއް ކަމަށްވާ ހުއާވޭއާއި ހަވާލު ކުރެވިފައި ވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެެވެ. އެގޮތުން މަސައްކަތަށް ހާއްސަ ބޯޓު ‘ފްލިންޓް ރިވަރ’ އެ ސަރަހައްދަށް ގެނެސް މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި މަސައްކަތް މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މަސައްކަތް ކުރަމުންދާއިރު ހިދުމަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަރ މާކެޓިންގ އަހުމަދު މައުމޫން ވިދާޅުވީ، މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މި މަސައްކަތުގައި ދިރާގުގެ އިތުރުން ބައިވެރިވާ ހުއާވޭ ކުންފުނީގެ އިންޖިނިއަރުންނަކީ މިފަދަ ކަމަކަށް އެންމެ ޤާބިލު ބޭފުޅުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫއެއް ކަމަށްވާ ބްރިޖްގެ މަސައްކަތް އެސަރަހައްދުގައި ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ދިރާގުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް މި މަސައްކަތް ކޮށްދެއްވާ ކަމަށްޓަކައި އެކުންފުނީގެ މެނޭޖުމެންޓަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުވާ ކަމަށް ހައުސިންގ މިސްޓްރީގެ ނައިބު އަހުމަދު މުއްތަލިބް ވިދާޅުވިއެވެ.

މި ކޭބަލްއަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން 2012 ވަނަ އަހަރުގެ ތެރޭގައި އަޅާފައިވާ ކޭބަލްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355