twitterviber whatsapp telegramfacebookyoutube instagram
22nd January 2020

އާ ކައުންސިލަކާއެކު އާ އުއްމީދު ތަކެއް: ރައްޔިތުން ރަނގަޅު ބަދަލުތަކަކާއި ހިދުމަތްތަކެއްގެ އިންތިޒާރުގައި

Feb 13, 2011

މުހައްމަދު އިސްމާއިލް

ލާމަރުކަޒީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިތިބި އަދި އެދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ.  އެއީ ރަށްރަށުގެ ކައުންސިލް ތަކަކީ ވަރަށް “ލޯކަލް” ތަނެއްކަމަށާއި އެއީ ސިޔާސީ ތަންތަނެއް ނޫންކަމަށް ބުނާ ވާހަކަ އެވެ. އަދި އެއީ އެރަށެއްގެ ރައްޔިތުންގެ ކަންކަން ކުރަން އެރަށެއްގެ ރައްޔިތުން ހޮވާފައިތިބި ބައެއް ކަމުގެ ވާހަކައެވެ. އެއީ، ސިޔާސީ ޕާޓީތަކުގެ ކެމްޕޭނަށް ހަދާފައިވާ ފޯކަލް ޕޮއިންޓް ތަކެއްގެ ގޮތުގައި ނުބެލެވޭނެ ވާހަކައެވެ. އާދެ އެއީކީ އަދި ރައްޔިތުންގެ މަޖިލީހެއް ނޫނެވެ.

މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލާއިރު، އަތޮޅު ކުރިއަރުވާ ކޮމިޓީ އާއި ރަށްކުރިއަރުވާ ކޮމިޓީގެ ނަމުގައ ކޮމެޓީ ތަކެއް ރަށްރަށުގައި އޮތެވެ. ބައެއް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް އަދި އެނޫންވެސް އަސާސީ ހިދުމަތްތައް ވިލަރެސްކޮށް ހިންގަމުން އައީ ރައްޔިތުން ހޮވާފައިވާ ރަށްކުރިއަރުވާ ކޮމެޓީ ތަކުންނެވެ. ރައްޔިތުންގެ ފެރީ، ރައްޔިތުންގެ ކާޑު ކުދަން، ރައްޔިތުންގެ ބޭސްފިހާރަ ހިންގަމުން އައި ރަށްރަށް ފެނެއެވެ.

އެދުވަސްވަރު ކަތީބުކަން ދެއްވަނީ ވެރިކަމުގެ ފަރާތުންނެވެ. ކަތީބަކީ ކުރިން ރަށުގެ އެންމެ ބާރުގަދަ ފަރާތެވެ. ޖިނާއީ ކުށްތަށް ތަހުގީގުކޮށް އަދި ބައެއްފަހަރު އަދަބު ދެނީވެސް ހަމަ އެކަތީބެވެ. މިއަދު މި ބަދަލުވީ އެކަތީބު ހޮވުން ރައްޔިތު މީހާގެ އަތްމައްޗަށެވެ. އަދި އެކަތީބު މިއަދު މިވީ ރައްޔިތުންގެ ހާދިމަކަށެވެ. ކަތީބުންގެ ހާދިމުންގެ ގޮތުގައި ރައްޔިތުން ތިބެންޖެހޭ ދުވަސް އެއީ މާޒީގެ ޞަފްހާތަކުން ދުވަހެކެވެ. ރަށްކުރިއަރުވާ ކޮމެޓީތަކުގެ ރިޔާސަތުން ކަތީބު އެކަހެރިކޮށް، ރައްޔިތުން އެމީހުން ރުހޭ ބަޔަކު ކައުންސިލަށް ހޮވާ އޭގެ ތެރެއިން “ކަތީބަކު” ހޮވުމުގެ ފުރުޞަތު މިއަދު މިވަނީ ލިބިފައެވެ.

ކައުންސިލްތައް އިންތިހާބު ކުރެވި ކައުންސިލްތަކުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށް ބެލެވޭއިރު އެކައުންސިލްތަކާ މެދު ކުރެވޭ އުއްމީދު ތަކެއް ވެސް އެބައޮތެވެ. އެއީ، ސިޔާސީ ބަހުސް ކުރާ މަޖިލިސްތަކަކަށް ނުހަދައި އެބޭފުޅުން ވިދާޅުވާ ފަދައިން އެއީ ވަރަށް “ލޯކަލް” ތަންތަންކަމުގައި ބަލައިގެން ރަށުގެ ރައްޔިތުންގެ ކަންކަން އެރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަކަށް ރޭވުމަކީ އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމެކެވެ.

ކައުންސިލްތަކުގެ ޒިންމާ އަކީ ރަށްރަށުގެ ތަރައްގީ އަށް މަސައްކަތް ކުރުމެވެ. ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ހަދައި އެޕްލޭންތަކަށް ފައިނޭންސް ހޯދުމެވެ. ރަށްރަށުގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް ފުދުންތެރި މުޖުތަމައެއް ބިނާކުރުމެވެ. މި މަސްއޫލިއްޔަތުތައް ބޮލުގައި އެޅިފައި ތިބި ކައުންސިލްގެ އެންމެ މެންބަރުންވެސް ވަގުތާ ވިސްނުން މިދެންނެވި ކަންކަމަށް ހުސްކުރަންޖެހެއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމަކީ، ސަރުކާރު ހިންގާ ޕާޓީގެ އެޖެންޑާ ކުރިއެރުވުން ނޫން ކަންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތު އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ތަންފީޛު ކުރުމަށް އިސްކަންދޭން ޖެހެއެވެ.

ކައުންސިލްތަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އިންތިހާބު ކޮށްފައިވާއިރު، އެންމެ ފުރަތަމަ ކައުންސިލްތަކުގެ މަސައްކަތް ފެށުމާއެކު، ރަށުގައި ހުރި ބޮޑެތި މައްސަލަތަކަށް ސަމާލުކަން ދީގެން ވަކި ގޮތެއް އެކަންކަމުގައި ނިންމަން ޖެހެއެވެ. ރަށު ކައުންސިލުން ނިންމާ މުހިއްމު ނިންމުން ތަކުގައި ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ބައިވެރި ކުރުންވެސް ވަރަށް މުހިއްމެވެ. ކައުންސިލުގައި މަޝްވަރާ ކުރެވޭ ކަންތައްތައް އާންމުކޮށް ހުޅުވާލެވިގެން ބޭއްވުމަކީވެސް މުހިއްމު ކަމެކެވެ. ކައުންސިލްތަކުން އަހަރަކު ދެފަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއަކީ، ނަމެއްގައި ބޭއްވޭ ޖަލްސާއަކަށް ނުހަދައި ހެޔޮގޮތުގައި ބޭއްވޭ ޖަލްސާތަކަކަށް ހެދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އާންމު ރައްޔިތުންގެ ހައްގުތައް ހިމެނޭ ކަމެއްގައި ޕާޓީގެ ސިޔާސަތަށް ވުރެ ރައްޔިތުންގެ ތާއީދު އޮތްގޮތަކަށް ކަންކަން ނިމިގެން ދިއުމަކީ ހަމަ އެންމެން ވެސް އެދޭނެކަމެވެ. އަގުލަބިއްޔަތަށް ތާއީދުކޮށް އަގުލަބިއްޔަތު ނުލިބޭ ބައެއްގެ ހައްގުތަކަށް އިހުތިރާމު ކުރަން ދަސްކުރުމަކީ، ކައުންސިލަށް ހޮވުނު އެންމެ މެމްބަރުން ކުރަންޖެހޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355