twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ދުނިޔޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް 3 ފަހަރު ހޯދާފައިވާ ބްރެޒިލްގެ ތަރި ރޮނާލްޑޯ ރިޓަޔާކޮށްފި

Feb 15, 2011

ދުނިޔެ މިހާތަނަށްދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފުޓުބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ތަރި ރޮނާލްޑޯ ފުޓުބޯޅައިން ރިޓަޔަރ ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ރޮނާލްޑޯ ފުޓުބޯޅައިގެ ހަޔާތާއި ދުރަށް ދިޔުން އިއްޔެ އިއުލާން ކުރިއިރު އޭނާވަނީ ދުނިޔޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް 3 ފަހަރު ހޯދާފައެވެ.

ރޮނާލްޑޯ ލުއިޒް ޑި ނަޒާރިއޯލިމާ ނުވަތަ ރޮނާލްޑޯ ގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާ އެއީ މިހާއަވަހަށް ރޮނާލްޑޯ ފުޓުބޯޅައަށް އަލްވަދާއު ކިޔަން މެދުވެރިވި އެއް ސަބަބެވެ.

ރޮނާލްޑޯގެ ފާހަގަ ކޮށްލެވޭ ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތް ފަށާފައިވަނީ 1993 ވަނަ އަހަރު ބްރެޒިލްގެ ޓީމެއް ކަމުގައިވާ ކުރުޒޭރޯ އިންނެވެ. އެޓީމަށް ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ ގޯލެއް ޖަހާފައެވެ. އެއަށްފަހު 1994 ގައި ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ ސްކޮޑްގައި ރޮނާލްޑޯ ހިމެނުނެވެ. އަދި އެއަހަރު ބްރެޒިލްއަށް ވޯލްޑްކަޕް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރި ރޮމާރިއޯގެ ލަފާގެ މަތިން ހޮލެންޑްގެ ޕީއެސްވީ އާގުޅި ޔޫރަޕްގައި ރޮނާލްޑޯގެ ހުނަރު ދައްކަން ފެށިއެވެ. އަދި ހޮލެންޑް ލީގުގައި ފުރަތަމަ ސީޒަނުގައިވެސް އޭނާވަނީ 30 ގޯލު ޖަހާފައެވެ.

އެހިސާބުން ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކުން ރޮނާލްޑޯއަށް ކަޅިއަޅަން ފެށިއެވެ. އަދި 1996 ވަނަ އަހަރު ސްޕޭންގެ ބާސެލޯނާއިން އޭނާ ގެންދިޔައެވެ. ބާސެލޯނާގައި ހޭދަކުރި ސީޒަނުގައިގައި ވެސް 34 ގޯލު ޖަހައިގެން ޓޮޕްސްކޯރަރ އޭނާ ހޯދިއެވެ. އެއަށްފަހު ރޮނާލްޑޯ ގެންގޮސްފައިވަނީ އިޓަލީގެ ގަދަބާރު އިންޓަރ މިލާނުންނެވެ. އަދި 1998 ވަނަ އަހަރުގެ ޔުއެފާ ކަޕް އިންޓަރ އަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރިއެވެ.

1999 ވަނަ އަހަރާއި 2000 ވަނަ އަހަރު ދެފަހަރެއްގެ މަތިން ކަކުލަށް ލިބުނު ސީރިޔަސް އިންޖަރީ ތަކުގައި ކުޅުމާއި ދުރުގައި ހުރެފައި އެނބުރި އައިސް، 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލް އަށް ހޯދައި ދިނުމުގައި ރޮނާލްޑޯ މުހިއްމު ރޯލެއް އަދާކުރިއެވެ. އެއަހަރު ސްޕޭންގެ ރެއާލް މެޑްރިޑުން ރިކޯޑް ފީއަކަށް ރޮނާލްޑޯ ގެންދިއުމުން އެޓީމުގައިވެސް ތަފާތު އެތައް ކާމިޔާބީ އެއް ރޮނާލްޑޯ ހޯދިއެވެ. އަދި 2007 އަހަރު އިޓަލީގެ އޭސީ މިލާނުގައި ކުޅުމަށްފަހު 2009 ވަނަ އަހަރު ތިންވަނަ ފަހަރަށް ކަކުލަށް އަނިޔާ ވުމާއެކު އެނބުރި ގައުމަށްގޮސް އެންމެ ފަހުން ރޮނާލްޑޯ ކުޅެފައިވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަށެވެ.

4 ވޯލްޑްކަޕްގައި ކުޅުނު ބްރެޒިލްގެ ޓީމުގައި ހިމެނި، ވޯލްޑްކަޕްގައި އެއްކުޅުންތެރިޔަކު ޖެހި އެންމެ ގިނަ ގޯލުވެސް ޖަހާފައިވަނީ ރޮނާލްޑޯއެވެ. އޭނާވަނީ ބްރެޒިލްއަށް ވޯލްޑްކަޕް ތަކުގައި 15 ގޯލު ޖަހައިދީފައެވެ. 18 ސެޕްޓެމްބަރ 1978 ގައި އުފަންވި ރޮނާލްޑޯއަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފައިވާ ފޯވާޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355