twitterviber whatsapp telegramfacebookyoutube instagram
23rd January 2020

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤައުމީ މަހާސިންތާ ފެށިއްޖެ

Feb 17, 2011

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ މަހާސިންތާ އިއްޔެފެށިއްޖެއެވެ. މިމަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަމާބެހޭ ހުރިހާ ދާއިރާތައް އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަޤްޞަދުގައި ބާއްވާ މިމަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދުއެވެ.

މިރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ހާނީއްކަ ކުރުން އިތުރުވެފައިވަނީ ނުތަނަވަސްވާ މިންވަރަކަށްކަމަށާއި، މި ޤައުމުގެ މުސްތަޤްބަލަށްޓަކައި މި ކަންކަން ވަރިހަމަކޮށްގެން ތިބެވޭކަށް ނެތް ކަމަށެވެ. އަދި، މި ރާއްޖޭގެ ކުޑަކުދިންނާއި، ޚާއްޞަ ގޮތެއްގައި، މި މުޖްތަމަޢުގައި އުޅޭ ބަލަހައްޓާނެ އެހެން އެއްވެސް ފަރާތެއްނެތް ނިކަމެތި ޟައީފް ކުއްޖާ ބެލޭނެ އިންތިޒާމެއް ހަމަނުޖެއްސެންޏާ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ސަލާމަތާއި ކުޑަކުދިންގެ ޙިމާޔަތަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މިއީ، ސަރުކާރު އުފެދުމުގެ ކުރީގައިވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ، މުޅި މުޖްތަމަޢު ކަމަށާއި، އެކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެހެނދުނު ބޭއްވި ގައުމީ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސީދާ ކުއްޖާއަށް ޚަރަދު ކުރެއްވުން ކަމަށާއި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ނިކަމެތި ކުއްޖާ ހޯއްދަވައި، އެކުއްޖާއަށް އެ ފައިދާ ރަނގަޅު ގޮތުގައި ލިއްބައިދެވޭނެ ބެލެނިވެރިއެއް ނުވަތަ އެހެންވެސް ފަރާތެއް ހޯއްދަވައި އެ ފަރާތަށް ޚަރަދު ކުރައްވައިގެން އެކުއްޖާ ބެލެހެއްޓޭނެ އިންތިޒާމެއް، ނިޒާމެއް ހޯއްދެވުން ކަމަށެވެ. އަދި، ސީދާ ކުއްޖާއަށް ޚަރަދު ކުރައްވައިގެން ކުޑަކުދިންނަށް ސަލާމަތްކަން ހޯއްދަވައިދެއްވުމަށް ކުރެވޭ މަސައްކަތުގެ ފައިދާ، އޭގެ ވަށައިގެން އިންތިޒާމްތައް ހަމަޖައްސަވައި ނިޒާމްތައް އެކުލަވާލެއްވުމަށް ކުރެވޭ ޚަރަދުގެ ފައިދާއަށްވުރެ، މާބޮޑުތަނުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރެވޭ އަނިޔާ އާއި އިހުމާލުވުމުގެ މައްސަލަތަކަކީ މިރާއްޖެއިން ޙައްލު ނުކުރެވޭވަރުގެ ފަޤީރު ޤައުމެއްނޫން ކަމަށް ވިދާޅުވެ ޚަރަދުތައް ރަނގަޅުގޮތުގައި ކުރާނަމަ އެއިން ރަނގަޅު ނަތީޖާ ނުކުންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އެޅޭ ބޮޑު އިމާރާތަކުން ކުޑަކުދިން ރައްކާތެރިވާނެ ވަކި އިތުރު ގޮތެއްނެތްކަން ފާހަގަކުރައްވަމުން، ޚަރަދު ކުރައްވާއިރުގައި ނަތީޖާ ނުކުންނަ ޚަރަދު ނޫނީ ނުކުރެއްވުމަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކަށާއި، އ.ދގެ އޭޖެންސީތަކާއި އެހީދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355