twitterviber whatsapp telegramfacebookyoutube instagram
26th January 2020

ކައުންސިލްތަކުގެ އިދާރާތައް ރައީސުލްޖުމުހޫރިއްޔާ އުފައްދަވައިފި

Feb 21, 2011

ކައުންސިލަރުން ހުވާކުރެއްވުން އަންނަ ހޮނިހިރު ދުވަހު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައި، ކައުންސިލްތަކުގެ އިދާރާތައް، ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ.

އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް އުފެއްދެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުން، އަތޮޅު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި އަތޮޅު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. އަދި، ރަށު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި ރަށު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށްވެސްވަނީ ހަމަޖައްސަވާފައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ މެމްބަރުންގެ ހުވާކުރެއްވުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ. މިނިސްޓަރ ހަސަން އަފީފް ސޮއި ކުރައްވާ ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ހުވާކުރުން ފެށޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 09 ޖަހާއިރުއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށުމުގެ ގޮތުން ކައުންސިލަށް ހޮވިފައިވާ މެމްބަރުން ހުވާކުރެއްވުން އޮންނާނީ އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގައެވެ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުވާކުރެއްވުން އެއަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އޮންނައިރު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ސ ހިތަދޫ ގައެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން މާލޭގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާއިރު އެރަސްމިއްޔާތު ތަކުގައ ވީހާވެސް ގިނަ ރައްޔިތުން ގައުމީ ރޫހެއްގައި ބައިވެރިވެވަޑައިގަތުމަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެދިލެއްވުމެއްކަމަށް ދާހިލީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355