twitterviber whatsapp telegramfacebookyoutube instagram
24th August 2019

ޓީޗަރުން ހަމަނުވި މައްސަލާގައި ބެލެނިވެރިން ނިކުމެ ކުމުންދޫ ސްކޫލު ބަންދުކޮށްފި

Feb 21, 2011

އިބްރާހިމްހަމީދު

ޓީޗަރުން ނެތުމާއި ޕްރިންސިޕަލްގެ މައްސަލާގައި ބެލެނިވެރިން ނިކުމެ ހދ. ކުމުންދޫ ސްކޫލު މިއަދު ބަންދުކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ކުމުންދޫގެ ރައްޔިތެއް ހާމަކުރި ގޮތުގައި ގާތްގަނޑަކަށް ދުއިސައްތަ ފަންސާހެއްހައި ކުދިން އޯލެވެލްއަށް ކިޔަވަމުންދާ ކުމުންދޫ ސްކޫލުގައި ޕްރިންސިޕަލެއް ވެސް ނެތްކަމަށާއި އަހަރުގެ ކިޔެވުން ފެށިގެން މިހާތަނަށް އައިއިރު ގްރޭޑްތަކަށް ޓީޗަރުންވެސް ހަމަޖެހިފައި ނުވާކަމަށެވެ.

ކުމުންދޫ ސްކޫލަށް ދިމާވެގެން އުޅޭ މައްސަލައާއި ބެހޭގޮތުން މަތިއުތުރުޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް އާސިފް ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަށް ކޮމެންޓެއް މިވަގުތު ދެވެންނެތްކަމަށެވެ. އަދި ކުމުންދޫ މައްސަލަ ބަލާނީ އޭނާ ނޫންކަމަށާއި މިވަގުތު މަތި އުތުރުޕްރޮވިންސްގެ އެޑިޔުކެޝަން ޔުނިޓް ހަވާލުވެ ހުންނަވާނީ ހަފީޒާ އަބްދުއްރަހްމާން ކަމަށެވެ. އިބްރާހިމް އާސިފް މިއަދު ހުންނެވީ ވޯކްޝޮޕެއްގައި ބައިވެރިވުމަށް މާލޭގައެވެ.

ހަފީޒާ އަބަދުއްރަހްމާން މިކަމާއި ބެހޭގޮތުން ވިދާޅުވީ މިއަދު ހެނދުނު ކުމުންދޫ ސްކޫލަށް ނުވަދެވިގެން އެސްކޫލުގެ މުވައްޒަފުން ހަފީޒާއާއި ގުޅާފައި ސްކޫލަށް ނުވަދެވިގެން ސްކޫލުގެ ބޭރުގައި ތިބިކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސްކޫލު ބަންދު ކުރި އެރަށުގެ ބެލެނިވެރިން  އެގޮތަށް އަމަލު ކުރީ އެސްކޫލުގައި ޓީޗަރުންނާއި ޕްރިންސިޕަލެއް ނެތުމުން ކަމަށާއި އެއީ އަސްލުގައި ހުރި މައްސަލަތަކެއް ކަމަށް ހަފީޒާ ވިދާޅުވިއެވެ. އަދި އެމައްސަލަތައް ހައްލުކުރުމަށް ވެރިންނާއި ވާހަކަ ދައްކާގެން މަސައްކަތް ކުރަމުން ދާކަމަށްވެސް ހަފީޒާ މައުލޫމާތު ދެއްވިއެވެ.

ހަފީޒާ ވިދާޅުވީ މިއަހަރު ފެށުނުއިރު ކުމުންދޫ ސްކޫލަށް ޕްރިންސިޕަލެއް ހަމަޖެހިފައިވާ ކަމަށާއި، ޕްރިންސިޕަލް ކުމުންދޫގައި ނުހުންނަވަނީ ޕްރިންސިޕަލް ހުންނަން އެކަށީގެންވާ ފެންވަރުގެ ގެއެއް ކުއްޔަށް ނުލިބުމުންނެވެ. ނަމަވެސް މިހާރު ހުންނާނެ ގެއެއް ހަމަޖެހިފައި ވާކަމަށް ހަފީޒާ މައުލޫމާތު ދެއްވިއެވެ.

މިކަމާއި ބެހޭގޮތުން ކުމުންދޫގެ ރައްޔިތުންގެ ތެރެއިން ނަން ހާމަކުރަން ނޭދޭ ފަރާތެއް ވިދާޅުވީ “ޕްރިންސިޕަލެއް އެއްދުވަހު ހެނދުނު ސެޝަނުގައި މިރަށު ސްކޫލަށް އައިސް އިސްކޮށް ތިއްބެވި ދެތިން ބޭފުޅުންނާ ބައްދަކުރި. އަދި ލީޑިން ޓީޗަރާ ތަންހިންގުން ހަވާލުކޮށްފައި ފުރައިގެން ދިޔައީ އެހެން ޓީޗަރުންނާ ބައްދަލުނުކޮށް” ކަމަށެވެ. “އެބޭފުޅާ ހުންނަވަނީ ކުޅުދުއްފުށީގައި ހުންނަ އެޑިއުކޭޝަން ޔުނިޓްގައި. ކުމުންދުއަށް ސަރުކާރުން ކަނޑައަޅާފައިވާ ޕްރިންސިޕަލަކު މަސައްކަތް ކުރައްވަންޖެހޭނީ ކުމުންދޫގައި. ޕްރޮވިންސް އޮފީހުގައި ހުންނަ އެޑިއުކޭޝަން ޔުނިޓަކު ނޫން. ކުމުންދޫން ޕްރިންސިޕަލް ހުންނާނެގެވެސް ހަމަޖެހިފައިހުންނަތާ ތިންހަފްތާވެއްޖެ.”

ކުމުންދޫގެ ބައެއް ބެލެނިވެރިން ހާމަކުރަށްވާ ގޮތުގައި ސްކޫލު ބަންދު ކުރީ ޖެއްސުންކުރުމަށް ނޫންކަމަށާއި ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމުގައެވެ.

މިމައްސަލައިގެ ސަބަބުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ބޭފުޅުން ކުމުންދުއަށް ވަނީ ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355