twitterviber whatsapp telegramfacebookyoutube instagram
26th January 2020

ކުޅުދުއްފުއްޓަކީ މާލެ ފިޔަވައި އުމްރާނީ ގޮތުން އެންމެ ތަރައްގީވެފައިވާ ރަށް: އަބްދުލް ޣަފޫރު މޫސާ

Mar 10, 2011

ކުޅުދުއްފުއްޓަކީ މާލެ ފިޔަވައި އުމްރާނީ ގޮތުން އެންމެ ތަރައްޤީވެފައިވާ ރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި ފުވައްމުލަކުގައި ސިޓީ ކައުންސިލެއް އިންތިހާބުކުރަން ޖެހޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ފުވައްމުލަކު މެދު ދާއިރާ މެމްބަރު ޝިފާގް މުފީދު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ޣަފޫރު ވިދާޅުވީ، ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑު އަތޮޅަކީ މިހާރު ވެސް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ތަންތަން ކަމަށެވެ. އަދި އެ ތިން ސަރަހައްދަކީ ސިޓީއެއްގެ ދަރަޖަ ދެވޭ މިންވަރަށް ތަރައްގީވެފައިވާ ތަންތަން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުއްޓަކީ މާލެ ފިޔަވައި އުމްރާނީ ގޮތުން އެންމެ ތަރައްގީވެފައިވާ ރަށް ކަމަށާއި ކުޅުދުއްފުއްޓަކީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގިފައިވާ ރަށެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ތާއީދުކޮށް މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވާހަކަ ދައްކެވި މި ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދޭންވީ ހަމައެކަނި އައްޑު އާއި ފުވައްމުލަކަށް ނޫން ކަމަށާއި އުތުރުން ކުޅުދުއްފުށި ފަދަ ރަށްރަށް ވެސް ސިޓީ އަށް ބަދަލުކުރަންވީ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ސިޓީ ކައުންސިލްތައް ހަދަންވީ ހަމައެކަނި މާލޭން ދެކުނުގައި ނޫން ކަމަށާއި ތަރައްގީގެ ކަންތައް ވެސް އަންނަން ޖެހޭނީ ހަމައެކަނި ދެކުނުގެ އަތޮޅުތަކަށާއި ރަށްތަކަށް ނޫން ކަމަށެވެ. އެގޮތުން ކުޅުދުއްފުށްޓަކީ މިހާރުވެސް ސިޓީއެއްގެ ދަރަޖަ ދޭންޖެހިފައިވާ ރަށެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ލާމަރުކަޒީ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރައްވަމުން ދިޔަ އިރު ސިޓީގެ ދަރަޖަ ދޭނެ ރަށްރަށް ކަނޑަނާޅައި އިންތިހާބާ ދިމާކޮށް އައްޑުއަކީ ސިޓީ އެއްކަމަށް ނިންމީ ގާނޫނުގެ ބޭރުން ކަމަށް ވިދާޅުވެ މިހާރު ޑީއާރުޕީން މަސައްކަތް ކުރަނީ އެކަން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355