twitterviber whatsapp telegramfacebookyoutube instagram
20th August 2019

ހަބަރު ފެތުރުމާއި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް، އަދި އެހާމެ ނުރައްކާތެރިކަމެއް: ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ

Mar 11, 2011

އިބްރާހިމް ހަމީދު

ހަބަރު ފެތުރުމާއި މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއްކަމަށާއި އަދި އެއީ ހަމައެހާ ނުރައްކާތެރި ކަމެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ޝަހީބް މީޑިއާ ކޮންސަލްޓެންސީގެ ފަރާތުން މަތި އުތުރުޕްރޮވިންސްގެ ޒުވާނުންނަށް އަމާޒު ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ބޭސިކް ޖާނަލިޒަމް ޓްރެއިނިން ކޯހުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މަތި އުތުރު ގައުމީ އިދާރާ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުންނެވެ.

” ނޫސްވެރިކަމުގެ ތެރޭގައި އަމަލީގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނަށް ނުރައްކާތަކާ ކުރިމަތިވޭ. ބައެއް ކަހަލަ ހަމަނުޖެހުންތަކާއި މުޒާހަރާތަކާ ދުނިޔޭގެ ފެންވަރުން ބަލާކަމުގައި ވަނީ ނަމަ ހަނގުރާމަތަކުގައި ނޫސްވެރިން ބައިވެރިވެ އެބައިމީހުންގެ ފުރާނައަށްވެސް ނުރައްކާވޭ” ރޭގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވި މިނިސްޓަރ ވިދާޅުވިއެވެ. ” އެހެންކަމުން އެމަސްއޫލިއްޔަތަކީ ފަސޭހަ މަސްއޫލިއްޔަތެއް ނޫން. އެހެން ނަމަވެސް އެއީ ކުރަންޖެހޭކަމެއް”.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އިތުރަށް ވާހަކަފުޅު ދައްކަވަމުން  ވިދާޅުވީ ކަމެއް ހިނގިކަން ފެނިފައި އެހަބަރު އެހެން މީހުންނާއި ހަމައަށް ނުވަތަ ހެކިދޭންޖެހޭ ހިނދުގައި ނުފޮރުވައި އެހަބަރު ހެކިދޭންޖެހޭ ފަރާތަށް ދިނުމަށް ކީރިތި ގުރުއާނުގައިވެސް އިރުޝާދު ދެއްވާފައި ވާކަމަށެވެ.

ޝަހީބު މީޑިއާ ކޮންސަލްޓެންސީގެ ފަރާތުން ކުޅުދުއްފުށީގައި ހިންގި ކޯހުގައި 64 ފަރާތަކުން ބައިވެރިވެ 20، ބައިވެރިޔަކު ވަނީ ކޯސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި 20 ބައިވެރިންނަށް ޝަރަފްވެރި މެހެމާން ސެޓްފިކެޓްތައް ހަވާލުކޮށްދެއްވި އިރު، ކޯހުގެ އިތުރު ބައިވެރިންނަށް ބައިވެރިވިކަމުގެ ސެޓްފިކެޓް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމިލީ އިބްރާހިމް ވަހީދެވެ.

ރޭގެ ހަފްލާގައި ޝަހީބް މީޑިއާ ކޮންސަލްޓެންސީގެ ސީއީއޯ މުހައްމަދު ޝަހީބު ދެއްކެވި ވާހަކާގައި ވިދާޅުވީ އެފަރާތުން ހިންގާ ކޯސްތައް ހިންގަނީ އަގެއް ނަގައިގެން ކަމަށާއި ނަމަވެސް މިކޯހުގެ ބައިވެރިން ގެ ކޯސްފީގެ ކަންތައް ހަމަަޖައްސަވައި ދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާކަމަށެވެ. އަދި އަބްދުލް ގަފޫރު މޫސާ ދެއްވި ދީލަތި އެހީއަކީ ޝަހީބުއަށް ދިން އެހީއެއް ނޫންކަމަށާއި އެއީ ކުޅުދުއްފުއްޓާއި މަތިއުތުރުޕްރޮވިންސްގެ ރައްޔިތުންނަށް  ދިންއެހީއެއް ކަމަށް ވިދާޅުވެ އެންމެހައި ބައިވެރިންގެ ނަމުގައި ޝުކުރު ދެންނެވިއެވެ. ހަބަރު ހަދާނެ ގޮތާއިލިޔާނެގޮތް އަދި ހަބަރުހޯދާނެގޮތާއި ރާވާނެގޮތްތައް އަދ ިއިންޓަވިއުކުރާނެ ހުނަރުތައްވާނީ ދަސްކޮށްދެވިފައިވާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ

މި ކޯހުގެ މަގުޞަދާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޝަހީބު ވިދާޅުވީ ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް މީޑިއާގެ ވަސީލަތްތައް ގިނަވަމުން ދާއިރު ތަމްރީން ލިބިފައިވާ ބަޔަކު ނެތުމުގެ ސަބަބުން މައްސަލަތައް ދިމާވަމުން ދާތީ ތަމްރީނު ލިބިފައިތިބި ބަޔަކު ތައްޔާރު ކުރުން ވަރަށް މުހިއްމު ކަމަށެވެ. އެހެން ކަމުން ޕްރޮފެޝަނަލް ނޫސްވެރިކަމުގައި 22 އަހަރު ހޭދަ ކުރެއްވުމަށްފަހު، ނޫސްވެރިކަމުން ރިޓަޔަރކޮށް ޝަހީބު މީޑިއާ ކޮންސަލްޓަންސީ އުފައްދާ ރާއްޖޭގައި ތަމްރީންގެ ބައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ޝަހީބް ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި ޝަހީބުވަނީ، ނޫސްވެރިކަމުގެ ތެރޭގައި ޝަހީބު ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް އިންޓަވިއު ނެގުމަށް ސްރީލަންކާގެ ޖަފްނާގައި ހަނގުރާމަ ކުރަމުން ދިޔަ ސަރަހައްދަށް ޝަހީބު ދިޔައިރު ލައިގެންހުރި ޖެކެޓް، ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރ އަދި ކޯސް ކޯޑިނޭޓަރ އިބްރާހިމް ހަމީދަށް ހަދިޔާކޮށްފައެވެ.

މިހަފްލާގައި ކޯހުގެ ބައިވެރިންގެ ފަރާތުން ހާޝިމް އަބޫބަކުރު ވާހަކަ ދެއްކިއިރު ކުޅުދުއްފުށީގައި ހިންގައި ދެ އޮންލައިން މީޑިއާ ކަމުގައިވާ ކުޅުދުއްފުށީ އޮންލައިނާއި ޒުވާނުންގެ ދިރުން ޑޮޓްކޮމްގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް އޮތް ފުރުސަތުތަކުގެ މައްޗަށް އަލުއަޅުވާލާ އެދެމީޑިއާގެ މަސްއޫލުވެރިން ވާހަކަ ދެއްކެވިއެވެ.

ޝަހީބް މީޑިއާ ކޮންސަލްޓެންސީން ހިންގި މިކޯހަކީ އެތަނުން ހިންގި މިފަދަ 3 ވަނަ ކޯހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355