twitterviber whatsapp telegramfacebookyoutube instagram
23rd July 2019

މީދަލުގެ އުނދަގޫ ސޯޝަލް މީޑިއާގަވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ !

Jan 18, 2018

ކުޅުދުއްފުށި ހޮސްޕިޓަލްގެ އައިވީސްޓޭންޑެއްގައި އޮތް މީދަލެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މިއީ އަސްލު ފޮޓޯއެކަން ނުވަތަ ހަދާފައިވާ ފޮޓޯއެއްކަން ޔަގީނެއް ނުވެއެވެ. އެއްބަޔަކު އެއީ ގެންނަން ބުނި ސުޕަ ސްޕެޝަލިސްޓުންތޯ ސުވާލު ކުރަމުން ދިޔައިރު އަނެއްބަޔަކު ޖެއްސުމަށް އެއީ އެންއައިއައި އިން ގެނައި ޑޮކްޓަރެއްތޯ ދަނީ ސުވާލު ކުރަމުންނެވެ.

ކުޅުދުއްފުށީގައި ނޫނަސް މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ތެރޭގައި ބަރަބޮލެއްގެ ފަޅިއެއްކާން އޮތް މީދަލެއްގެ ފޮޓޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

އަޅުގަނޑު ދެކޭގޮތުގައި މިފަދަ ތަކެތި އާލާވަނީ ތަން ބެލެހެއްޓުމުގައި ފަރުވާ ކުޑަވުމުންނެވެ. މީދަލަކީ އޭގެ ޒާތުގައި ވަރަށް ނުތާހިރު އެއްޗެކެވެ. އަދި ތަފާތު ވައްތަރު ވައްތަރުގެ ރޯގާތަށް މިހާރު ފެތުރެމުންދާއިރު މީދަލަކީވެސް އެކިއެކި ބަލިތައް ފަތުރާ އެއްޗެކެވެ. އެގޮތުން މީދަލުގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބަލިތަކަށް އަޅުގަނޑު ބަލާލާނަމެވެ

ހެންޓަވައިރަސް ޕަލްމޮނަރީ ސިންޑްރޯމް

މިއީ މީދަލުގެ ބާވަތެއްކަމުގައިވާ ރައިސް ރެޓް ގެ ޒަރީއާއިން ފެތުރޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފެތުރެނީ މީދާ އުޅޭ ތަންތަނުގައި ތަގައްޔަރު ވެފައިވާ ވައި އިންސާނުން ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުމުންނެވެ. އަދި މީދާ ދަތް އެޅުމުން ނުވަތަ އޭގެ ކުޑަކަމުދާ އަދިބޮޑުކަމުދާ ތަކެތީގައި ހޭކުމަކީވެސް މިބަލި ފެތުރޭނޭ ކަމެކެވެ. ހެންޓަ ވައިރަސްގެ ސަބަބުން އިންސާނާގެ ފުއްޕާމެއަށް ނުވަތަ ނޭވާލާ ނިޒާމަށް ތަފާތު ބަލިތައްޖެހެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވެނީ ނޭވާ ކުރުވުމެވެ.

ލެޕްޓޮސްޕިރޯސިސް

މިއީ ބެކްޓިރިއާއެއްގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެކެވެ. މި ބެކްޓީރިއާ އާންމުކޮށް ހުންނަނީ މީދަލުގެ އަސަރު ފޯރާ ފެންގަޑުތައް ފަދަ ތަންތަނުގައެވެ. އެހެންކަމުން މީދާ ގިނަ ސަރަހައްދެއްނަމަ ފަތަންދާ މީހުންނާއި އަދި ބޯފެން ރައްކާކުރުމުގައިވެސް ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިވާންޖެހޭނެއެވެ. މީދަލުގެ އަސަރު ފޯރާފައިވާ ފެން ނުވަތަ ކާނާ ބޭނުން ކުރެވޭނަމަ ސެލްމޮނެއްލޯސިސް ޖެހުމަށް މަގުފަހިވެއެވެ.

މީދާ ގިނައިން އުޅެނީ ކުނިބުނި ގިނަ ތަންތަނާއި، މީހުންގިނައިން އުޅޭ އަދި ތެތް ސަރަހައްދު ތަކުގައެވެ. ކާއެއްޗެހި ގެންގުޅޭ ތަންތަނަކީ މީދާ ވަރަށް ގަޔާވާ ތަންތަނެވެ. އެގޮތުން ތަފާތު ރެސްޓޯރަންޓް ތަކުގައިވެސް ވަނީ މީދަލުގެ އުންދަގޫ ވަރަށް ބޮޑުވެފައެވެ. އެހެން ކަމުން މިފަދަ ތަންތަން ރަނގަޅަށް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީދާ ގިނަ ސަރަހައްދެއްނަމަ ރައްކާތެރި ވުމުގެ ގޮތުން ކުރެވޭނޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ކާތަކެތި ރައްކާކުރުމުގައި ބިއްލޫރި ފުޅި ނުވަތަ ސްޓީލް ތަށި ފަދަ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް ރައްކާތެރި ގޮތެކެވެ. ކުނި ކޮތަޅު ބޭންދުމަށް ރަންގަޅަށް މަތިޖެހޭފަދަ ދަގަނޑުގެ ބާވަތަކުން ހަދާފައި ހުންނަ ޑަސްޓްބިންއެއް ބޭނުން ކުރުމަކީ އެދެވިގެންވާ ގޮތެކެވެ. ގޭތެރޭގައި ދިރޭއެއްޗެއް ގެންގުޅޭނަމަ އެތަކެތީގެ ނަޖިސް އަދި ކާންދޭން ބޭނުންކުރާ ތަށި ފަދަ ތަކެތި ރަނގަޅަށް ސާފުކުރުމާއި، ގޭތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަކީ ބަލިތަކުން ރައްކަތެރިވުމަށް އެޅޭނެ ފިޔަވަޅެކެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ ސާފުތާހިރު ކަމަކީ މިފަދަ ނުރައްކާތެރި ދިރޭއެއްޗެހިން ސަލާމަތް ވުމަށް އޮތް ގޮތެވެ.

އެކިއެކި ގައުމު ތަކުގައި މީދާ ފަދަ އިންސާނުންނަށް ގެއްލުންދޭ ދިރޭ އެއްޗެހީގެ އުނދަގުލުން ސަލާމަތް ވުމަށް ޕެސްޓް ކޮންޓްރޯލްގެ ނަމުގައި މަސައްކަތް ކުރާ ވަކި އޭޖެންސީއެއް އޮވެއެވެ. މިމީހުންގެ މަސައްކަތަކީ ނުރައްކާތެރި ދިރޭއެއްޗެހި އުޅޭ ސަރަހައްދު ތަކަށް ގޮސް އެތަކެތި ނައްތާލުމެވެ. ރާއްޖޭގައިވެސް މިފަދަ ބަޔަކު އުފެދުމަކީ އަޅުގަނޑުގެ ހުވަފެނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355