twitterviber whatsapp telegramfacebookyoutube instagram
24th August 2019

ކުޅުދުއްފުށްޓައް ސިޓީއެއްގެ ދަރަޖަ ދިނުމާމެދު

Mar 13, 2011

މުހައްމަދު އިސްމާއިލް

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށުމާއެކު މާލެ އާއި އައްޑޫގައި ސިޓީ ކައުންސިލެއް ހަދައި އެދެކައުންސިލަށް މެމްބަރުން އިންތިހާބުކޮށް ވަނީ ނިމިފައެވެ. ލާމަރުކަޒީ ގާނޫނަށް އެގާނޫނު ތަސްދީގު ކުރިފަހުން ގެނެވެމުންދާ އިސްލާހުތަކާއެކު ކުޅުދުއްފުށީގައި ވެސް ސިޓީ ކައުންސިލެއް ހެދުމަށް މަޖިލީހުގައި ބައެއް މެމްބަރުން ދަނީ ވާހަކަދައްކަވަމުންނެވެ.

އެއްވެސް ޝައްކެތްނެތް ގޮތުގައި ސިޓީއެއްގެ ދަރަޖަ ލިބުމަކީ، އިދާރީ ގޮތުން އެރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދޭކަމެކެވެ. ރަށު ކައުންސިލާއި އަތޮޅުކައުންސިލަކަށްވުރެ ގާނޫނުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ބޮޑުވެފައި އެކައުންސިލަށް ލިބިދޭ ބާރުތައްވެސް ގިނައެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް ހަދާފައިވަނީ ގާނޫނީ އެތައް މައްސަލައެއް ފަހުން ނުކުމެދާނެ ގޮތަކަށެވެ. ސިޓީ އެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ ޝަރުތުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ކަނޑައެޅުމުގެ ކުރިން ރައީސުލްޖުމުހޫރިއްޔާ ވަނީ އެއަތޮޅު ސިޓީ އަކަށް ހައްދަވާފައެވެ. އެނިންމުން ކޯޓުން ބާތިލު ކުރުމާގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ހޯމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވާ ހަސަން އަފީފު ގިނިކަންޏާ ހުންނަވައިގެން ސިޓީ އެއްގެ ޝަރުތުތައް ކަނޑައަޅާ އާންމު ކުރިއެވެ. އެހެންނަމަވެސް އެއޮތޯރިޓީގައި އެންމެ މެމްބަރަކު ހުންނަވައިގެން ސިޓީގެ ޝަރުތުތައް ކަނޑަނޭޅޭނެކަމަށް ކޯޓުން ހުކުމް ކުރިއެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހަވާލާދީ ކޯޓުން ހުކުމް ކުރި ހިސާބުން އައްޑޫގައި ސިޓީ ކައުންސިލެއް ނެތްކަމަށް ގާނޫނީ ވަކީލުން އެއްބަސްވެއެވެ. އެހެން އެކަން އޮއްވާ ސުޕްރީމް ކޯޓުން އައްޑޫގައި ވެސް އިންތިހާބު ބާއްވަންޖެހޭނެކަމަށް އަމުރު ކުރުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން “ވުޖޫދުގައި ނެތް” ކައުންސިލަކަށް ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ވަނީ އިންތިހާބު ބާއްވާފައެވެ. އަދިވެސް އައްޑޫ ސިޓީގެ މައްސަލަވަނީ ސުވާލު މާކެއްގެ ތެރޭގައި އެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި މިދެންނެވިފަދަ ގޮތަކަށް ކަންތައްތައް ހިނގާކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެއެވެ. ކުޅުދުއްފުށްޓަކީ ސިޓީއެއްކަމަށް ނިންމުމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފެނެއެވެ. އެހެންނޫނީ އައްޑޫ ސިޓީއަށް ދިމާވިފަދަ ގާނޫނީ އެތައް މައްސަލައެއް ކުޅުދުއްފުށި ސިޓީ އައްވެސް ދިމާވުމަކީ ހަމަ ވެދާނެކަމެކެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައެޅި ސިޓީގެ ޝަރުތުތަކަކީ ބާތިލު ޝަރުތުތަކެއް ނަމަވެސް ކުޅުދުއްފުށީގައި އެއިރު އެ އޮތޯރިޓީން ނިންމި ގިނަ ޝަރުތުތައް ހަމަވެއެވެ. ބާތިލު ޝަރުތުތަކެއް ނަމަވެސް ދެންވެސް އެއޮތޯރިޓީން ކަނޑައަޅާ ޝަރުތުތަކުގައި މާބޮޑު ތަފާތު ތަކެއް އުޅޭނެކަމަކަށް ނުފެނެއެވެ. ގާނޫނުގައި ބުނާ ގޮތުން ކުޅުދުއްފުށީގެ އާބާދީ 25 ހާހަށްވުރެ އިތުރުވުން ލާޒިމެވެ. އެއްގޮތަކީ ކުޅުދުއްފުށްޓާއި ރަށުގެ އަވަށްޓެރި އެހެން ރަށްތައް އިދާރީ ގޮތުން އެއްކޮށްލުމަށްފަހު އާބާދީ 25 ހާހަށް އެރުވުމެވެ. އެކަން އެމަގަށް ކުރެވެން އަންނަނީ ކުޅުދުއްފުށްޓާއި އެއްކޮށްލެވޭ ރަށްރަށުގެ ރައްޔިތުންގެ މެޖޯރިޓީ ދެރަށް އެއްކޮށްލުމަށް ތާއީދު ކޮށްގެންނެވެ. ދެވަނަ ގޮތަކީ ގާނޫނަށް އިސްލާހު ގެނެސް ސިޓީއެއްގެ އާބާދީ 25 ހާހަށްވުރެ މަދުކުރުމެވެ. އެކަން އޮތީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައެވެ.

ސިޓީ އަކީ އެތަނަކުން ލިބެން ހުންނަ ހިދުމަތްތަކަށާއި އެތަނެއްގެ ތަރައްޤީ ވަޒަން ކުރެވޭނެ މިންގަނޑެކެވެ. ސިޓީ އަކީ ރަށުގެ ނަމާ ގުޅުވައިގެން ކިޔަން އޮންނަ ރީތި ނަމެއް ނޫނެވެ. އައްޑޫ އަތޮޅަށް އައްޑޫ ސިޓީ މާލެ އަށް މާލެ ސިޓީ ކިޔައިގެން އެދެސިޓީގެ ރައްޔިތުންނަށް ލިބޭ އުފާ ކުޅުދއުފުށީގެ ރައްޔިތުންނަށް ސިޓީ އާއި ގުޅުވައިގެން ލިބޭނަމަ މާދަމާވެސް “ކުޅުދުއްފުށި ސިޓީ”ގެ ނަމަށްބަދަލު ކުރަންވީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355