twitterviber whatsapp telegramfacebookyoutube instagram
24th August 2019

ޖުޑީޝަލް ކައުންސިލް އުވާލައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓަށް ޖަވާބުދާރީވާންޖެހޭ އިދާރާއެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

Mar 15, 2011

ޖުޑީޝަލް ކައުންސިލް އުވާލައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓަށް ޖަވާބުދާރީވާންޖެހޭ އިދާރާއެއްކަމަށް ސުޕްރީމް ކޯޓުން މިރޭ ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ރޫލިންގ އެއްގައި ބުނެފައިވަނީ، ގާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 81 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ޖުޑީޝަލް ކައުންސިލާއި އަދި އެކައުންސިލަށް ކަނޑައެޅިފައިވާ މެންޑޭޓުގެ އިތުރުން ހަމަ އެގާނޫނުގައި ބުނެފައިވާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އެއިދާރާގެ މެންޑޭޓް ކަނޑައެޅިފައިވަނީ ސުޕްރީމް ކޯޓުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.

އަދި މިގޮތަށް ރޫލިން ނެރެފައި ވަނީ ޖުޑީޝަލް ކައުންސިލާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގާނޫނީ ހައިސިއްޔަތު ކަނޑައެޅުމާ އެކު އަދުލު އިންސާފާ ހަމަޔަށް ފަސޭހައިން ވާސިލުވުން ކަށަވަރުކުރުމާއި މިނިވަން މުސްތަގިއްލު ފަނޑިޔާރުގެތަކުން އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު އަދުލު އިންސާފު ގާއިމުކުރުމަށް، ހުރި ހުރަހެއް ނައްތާލުމާ އެކު ޝަރުއީ ދާއިރާގެ މަސައްކަތް ހަރުދަނާކުރުމުގެ މަގްސަދުގައި ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ރޫލިންގ ގައި އިތުރަށް ބުނެފައިވަނީ، އެފަދަ ސަބަބުތައް ހުރުމާއެކު، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ތައާރަޒުވުމުގެ އިތުރަށް ގާނޫނުއަސާސީގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާ ނައްޞުތަކާއި އެނައްޞުތަކުގެ ރޫހާއި ގާނޫނު އަސާސީގެ މަފުހޫމްތަކާ ފުށުއަރާ މާއްދާތަކަކަށްވާތީ ކޯޓުތަކުގެ ގާނޫނުގެ 81 ވަނަ މާއްދާއިން 89 ވަނަ މާއްދާއާއި ހިސާބަށް ހުރި މާއްދާތަކަކީ ބާތިލް މާއްދާތަކެއް ކަމަށް ކަނޑައަޅައި އަދި އެގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ޖުޑީޝަލް ކައުންސިލަކީ ބާޠިލް ކައުންސިލެއްކަމަށް ކަނޑައަޅައިފި ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 02 ވަނަ ދުވަހު ނެރެފައިވާ ރޫލިންގ ހިލާފަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދައުރާ އެއިދާރާގެ މެންޑޭޓް ބަޔާންކޮށްފައިވާތީ އެއީ އެރޫލިންގ އާއި ހިލާފަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކެއްކަމަށްވާތީ އެއީ ބާތިލު ނިންމުމެއްކަމަށް ނިންމައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ 2009 ވަނަ އަހަރު އެކޯޓުން ނެރެފައިވާ ސާރކިއުލަރ ގައި ކަނޑައެޅިފައިވާ ގޮތަށް ކަމަށް ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355