twitterviber whatsapp telegramfacebookyoutube instagram
19th September 2019

އިންގިލާބީ އުކުޅުތައް ބޭނުންކޮށްގެން ވެރިކަން ވައްޓާލުމުގެ ސިލްސިލާއެއް

Mar 18, 2011

.

ބަދުރުއްދީން ޙަސަން

އެފްރިކާގެ މުސްލިމް ގައުމެއް ކަމުގައިވާ ޓިއުނީޝިޔާގައި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރުގަދަ މުޒާހަރާތަކެއް ކުރަންފެށިއެވެ. 2009 ވަނަ އަހަރު އެގައުމުގައި ބޭއްވުނު ބައިނަލްއަގްވާމީ އިދާރާތަކުން ބޭއިންސާފު އިންތިހާބު އިންތިހާބެއްކަމަށް ސިފަކުރި އިންތިހާބުގައި އަގުލަބިއްޔަތު ލިބިގެން ވެރިކަމަށްއައިސް ހުރި އެގައުމުގެ ރައީސް ޒައިން އަލް އަބައިދިން ބިން އަލީ އާދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން ކެއްނުވެގެން ވެރިކަން ދޫކޮށްފައި އޭނާ ފިލިއެވެ.

ޓިއުނީޝިއާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެގެން އޭގެ ކުޑަދުވަސްކޮޅެއް ފަހުން މިސްރުގެ ރައްޔިތުން މަގުމައްޗަށް ޖަމާވާން ވެށިއެވެ. އަދި 30 އަހަރުގެ ދިގުވެރިކަމެއްގައި ސާބިތުވެގެން ހުރި އެގައުމުގެ ރައީސް ހުސްނީ މުބާރަކް ވެރިކަމުން ފޭބުމަށް ގޮވާލިއެވެ. މުޒާހަރާތައް 21 ދުވަހަށް ދިގުދެމި، ސަރުކާރުގެ ބާރުތަކާ ރައްޔިތުންނާ ކުރިމަތިލުންތައް ހިނގާ މީހުންތަކެއްވެސް މަރުވިއެވެ. އެންމެ ފަހުން ބައިނަލްއަގްވާމީ ފިއްތުންތަކާވެސް އެކު މުބާރަކަށް ޖެހުނީ އޭނަގެ 30 އަހަރުވީ ތަހުތުން ފައިބާށެވެ.

މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ފާހަގަވެގެން ދިޔަ އެއްކަމަކީ އަރަބި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އެއްވެސް ބަހެއް ނުބުނެ މަޑުން ތިބިކަމެވެ. ހަނު ހުރުން ހިޔާރުކޮށްގެން ތިބި ލީޑަރުންގެ ހިތުގައި، އެމީހުންނަށްވެސް މިފަދަ ކަމެއް ކުރިމަތިވެދާނޭ ކަމުގެ ޑަރު ހީވެފައި ތައްބައްދައިގެން ތިބި ކަހަލައެވެ. ނަމަވެސް އެހެން ލީޑަރުންނާއި ހިލާފަށް ލީބިއާގެ ރައީސް ކާނަލް މުއައްމަރުލް ގައްޒާފީ އަށް އަނގަމަޑުންލައިގެން ހުރެވޭ ވަރެއް ނުވިއެވެ. ޓިއުނީޝިއާގައި ހިނގާދިޔަ ކަންތަކާމެދު އޭނާ ބުންޏެވެ.

“ޓިއުނީޝިޔާގައި ހިނގަމުން ދާކަންތަކާމެދު އަހަރެން ހިތާމަކުރަން. ތިގައުމު ތިވަނީ ބިރުވެރިކަމެއްގައި. ތިޔަ ކުރިމެއްގެ ސަބަބުން ރަޝިޔާގެ ބޮލްޝެވިޗް އިންގިލާބު ނުވަތަ އެމެރިކާގެ ރިވޮލިއުޝަން އެކޭ އެއްފަދައިން އާއިލާތައް ކޮޓަރިތަކުން ނެރެ މަރަން ފަށާފާނެ. މަގުމަތީގައި ލޭއޮހޮރުވާފާނެ. ކީއްކުރަން ކުރިކަމެއްތީ. ރައީސް ޒައިން އަލް އަބައިދިން ބަދަލު ކުރަންތަ؟ ތިން އަހަރު ފަހުން ވެރިކަން ދޫކޮށްލާނަމޭ އޭނާ ބުނެފައެއް ނޫންތައޮތީ؟ ތިޔަބައިމީހުންގެ ދަރިން ދުނިޔޭގައި ބައިތިއްބަން ބޭނުމިއްޔާ ތިން އަހަރު ވަންދެން ކެއްކޮށްބަލަ.” ގައްޒާފީ މިމޭރުމުން ވާހަކަދައްކަމުން ދިޔައިރު ކިއުގައި ދެންއޮތީ ގައްޒާފީ ކަމެއް އޭނާއަކަށް ނޭނގެއެވެ.

އޭގެ ބަރާބަރު ދެހަފްތާ ފަހުން ލީބިޔާގެ ބެންގާޒީގެ މަގުތަކަށް އެތައް ލައްކަ މީހުންނެއް ނުކުންނަން ފެށިއެވެ. އަދި ވެރިރަށް ޓްރިޕޯލީއާ ހަމައަށް ސަފުތައް އަތުރާލިއެވެ. މުޒާހަރާ ކުރާމީހުންތައް 1000 ކިލޯމީޓަރު ދުރަށް މަގުތަކުގައި ފެތުރިފައިއޮތެވެ. މިސްރާ ހިލާފަށް ލީބިޔާގައި ހިނގަމުންދިޔަ ކަންތައްތައް ބޭރުގައުމު ތަކަކަށް ނޭނގެއެވެ. މުބާރަކްގެ ގައުމު ގައި ބޭރުގެ މީޑިއާތަކަށް ހަރަކާތްތެރިވާން ހުއްދަ ދީފައިވިޔަސް، ގައްޒާފީ އެފުރުސަތު ދީފައިނުވާތީ ލީބިޔާގައި ކަމެއް ހިނގާކަމެއް އަދި އެއީ ކިހާ ސީރިއަސް ކަމެއްކަން އެއްވެސް ބަޔަކަށް ވަޒަނެއް ނުކުރެވެއެވެ.

ނަމަވެސް ޖަޕާނުގެ ސުނާމީގެ ރާޅުގައި މީޑިއާތައް ޖެހިފައި އޮތްކަމުގައި ވިޔަސް، ލީބިޔާގެ މަންޒަރުތައް ބޭރު ދުނިޔެއް މިހާރުވަނީ ލީކުވާން ފަށާފައެވެ. ލީބިޔާގެ މަގުތަކަށް ނުކުމެފައިވާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުން އެބަދެއެވެ. ސަރުކާރު ސަލާމަތީ ބާރުތަކުން ވެރިކަން ހިމާޔަތްކުރުމަށް ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން ދިއުމުގެ ނަތީޖާއަކަށްވީ އދ އިންވެސް މިމައްސަލައިގެ ތެރެއަށްވަނުމެވެ. އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ގައްޒާފީއާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން ނިންމާފައެވެ. އަންނަ އާދީއްތަ ދުވަހު އެމެރިކާގެ ބާރުތަކުން ލީބިޔާއަށް ހަމަލަދޭން ތައްޔާރު ވަމުންދާއިރު ފަރަންސޭސީންނާއި އިނގިރޭސިންގެ އެހީތެރިކަން ދޭނެކަމަށް ވަނީ ބުނެފައެވެ.

މިދުވަސްކޮޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބާރުގަދަ ލީޑަރުންތަކެއްގެ ނިމުން އަންނަމުންދާ ދުވަސްކޮޅެކެވެ. ޓިއުނީޝިއާގެ ރައީސް ފިލާ ރައްކާވުމުން އިންޓަޕޯލުން އޭނާ ހޯދަމުން އެބަދެއެވެ. މުބާރަކް ވެސް އެންމެ ފަހުން ވެރިކަމުން ފައިބަން ޖެހުނީއެވެ. ކުރިޔަށްއޮތް ދެތިން ދުވަހެއް ތެރޭ ގައްޒާފީގެ ނިމުން އަންނާނެކަމަށް ލަފާކުރެވެއެވެ. ކުރިޔަށްއޮތީ ބަހުރޭނާއި ޔަމަން އަދި އަލްޖީރިޔާއާއި މޮރޮކޯ ނޫން ބާވައެވެ؟ މިގައުމުތަކުގެ ރައްޔިތުންނަށް ޑިމޮކްރަސީގެ މީރުކަން ލިބެނީކަމަށް އެއްބަޔަކު ބުނެއެވެ. ނޫނީ މިއީ ހުޅަނގުގެ އޭޖެންޓުން ފަހަތުގައި ތިބެގެން ކުރުވާ ކަމެއް ނޫންބާވައެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355