twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކުޅުދުއްފުށިން ގޯތިދޫކުރުން: މުސްތަގުބަލުގެ ޖީލުތަކަށް ވެވޭ ބޭއިންސާފެއް !

Dec 16, 2018

ކުޅުދުއްފުށިން އެންމެ ފަހުން ގެވަޅު ދޫކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެއަށްފަހުން ގެވަޅު ދޫކޮށްފައެއް ނުވެ އެވެ. ނިމި ދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ސަރުކާރުން ކުޅުދުއްފުށިން 80 ގޯތިދޫކުރަން އިއުލާންކުރި އެވެ. އޭގެ ފަހުން 120 ގޯތި ދޫކުރަން ވެސް ކައުންސިލަށް ހުއްދަ ދިނެވެ. އެކަމަކު އެ 120 ގޯއްޗަށް ކައުންސިލުން އަދި ހުޅުވާލާފައެއް ނުވެ އެވެ. ގެވަޅަށް ކެތްމަދުވެފައިވާ ގިނަ އަދަދެއްގެ ބަޔަކު 80 ގޯތީގެ ފުރުސަތުގައި ފޯމު ހުށަހެޅި އެވެ. އެނގިފައިވާ ގޮތުގައި 80 ގޯއްޗަށް 1300 ވުރެ ގިނަ ރައްޔިތުން ވަނީ ފޯމު ހުށަހަޅާފަ އެވެ. އެ ގެވަޅުތަކަށް ބޭނުންވާ ބިމުގެ ސާވޭތައް ވެސް މިހާރު ވަނީ ކުރަން ފަށާފަ އެވެ.

ބިމުގެ ދަތިތަކަން ކުރިމަތިވެފައިވާ ކުޅުދުއްފުށިން ގެވަޅު ދޫކުރުން މިއީ އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. ގެވަޅު ދީ ބިންކޮޅު ފުރާލެވިދާނެ އެވެ. އެކަން މީގެ އެތަށް އަހަރެއް ކުރިންވެސް ކުރެވެން އޮތެވެ. އެކަމަކު އޭރު އެހެން ކަންތައްތައް ނުކުރުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުގައި މަދުން ނަމަވެސް ހުސް ބިން އެބަހުއްޓެވެ. އޭގެ ތެރޭއިން ބައެއް ބިންތަކުގައި އަތޮޅަށާއި ރަށަށް ފައިދާ ކުރި ބައެއް މަޝްރޫއުތައް ވެސް ހިންގާފަ އެބަހުއްޓެވެ. އެއާޕޯޓަކީވެސް އެފަދަ މަޝްރޫއުއެކެވެ.

ކުޅުދުއްފުށީގައި ބިމެއް ނެތެވެ. ބޯހިޔާވަހިކަމެއް ވެސް ނެތެވެ. އެހެންވެ، ބޭނުންވަނީ އެ ދެ ކަމަކަށް ހައްލު ލިބިގެންދާނެ ގޮތެކެވެ. އެ ގޮތަކީ ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ގޯތިދޫނުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މާނައަކީ ރަނގަޅު ފެންވަރުގެ ފުލެޓް އިމާރާތްތަކެވެ. ބިމުގެ ބޭނުން އެންމެ ގިނަ ބަޔަކަށް ވާނީ އޭރަށެވެ.

ދުނިޔޭގެ ކުރިއަރަމުން އަންނަ ހުރިހާ ސިޓީތަކެއްގައި ވެސް އަމަލު ކުރަނީ މި ވިސްނުމަށެވެ. މިހާރު ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ފުލެޓްތަކަކީ އެއްގޮތަކަށް ވެސް ކުޅުދުއްފުއްޓަށް ހެޔޮވާވަރުގެ ފުލެޓްތަކެއް ނޫނެވެ. އެއަށްވުރެ މާ ބޮޑަށްވެސް ފެންވަރު ދަށެވެ. ރަނގަޅު ބިންތަކެއްގައި “ފީއިލޮށިން” ހަދާފައިވާ އެއިމާރާތްތަކުގައި އެކަށީގެންވާ އަދަދަކަށް މީހުންނަކަށް ދިރިއެއް ނޫޅެވޭނެ އެވެ. އަދި އެތަންތަނަކީ އެހާ ތަނަވަސްކޮށް ހަދާފައިވާ އިމާރާތްތަކެއް ވެސް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ތަޅާލާފައި ތަނަވަސް ފްލެޓްތަކެއް އެޅުމެވެ. އެންމެ އެކަށީގެންވާ އެ ބިންތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމެވެ. އެކަން އެހެން ކޮށްފިނަމަ އެތަންތަނު އެތަށް ސަތޭކަ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ވާނެ އެވެ.

ކުޑަ ބިން ކޮޅެއްގައި އެތައް ބަޔަކަށް ބޯހިޔާވަހިކަން ދިނުމުގެ ބަދަލެއް ބިން އެންމެ މީހަކަށް ނުވަތަ އެންމެ އާއިލާއެއްގެ ބޯހިޔާވަހިކަމަށް ދޫކޮށްލުމަކީ އަންނަ ޖީލްތަކަށް ވަރަށް ބޮޑު ބޭއިންސާފެކެވެ.

ހަމައެކަނި ގެވަޅު ދޫކުރުމަކުން އަދި އެރަށެއްގެ މީހުންނަކަށް ދިރިއެއް ނޫޅެވޭނެ އެވެ. އިޖުތިމާއި އަދި އިގްތިސޯދީ ކަންކަމަށް ބިން ބަހައްޓަން ޖެހެ އެވެ. ތަފާތު މަޝްރޫއުތައް ހިންގާ ރަށުން ވަޒީފާ އާއި ތަފާތު ހިދުމަތްތައް ލިބޭނެ ސަރުކާރާއި އަމިއްލަ ވިޔަފާރި ކުންފުނިތަކަށް އިގްތިސޯދީ ހަރަކާތް ހިންގުމަށް ބިން ނެތިއްޖެނަމަ މިތަނަކު ބަޔަކު ނޫޅޭނެ އެވެ. އާ ވިޔަފާރިތަކަށާއި ތަފާތު އިޖުތިމާއީ ކަންކަން ކުރިއަރުވާ ތަރައްގީކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ބިމެވެ. މިކަމުގެ ސަރުކާރާއި ކައުންސިލުން ވަރަށް ފުންކޮށް ވިސްނަށް ޖެހެ އެވެ.

މިހާތަނަށް ވެސް ހުސް ބިންތަކެއް މިހުރީ ބައެއްގެ ހަރުދަނާ ވިސްނުމުގެ ސަބަބުންނެވެ. ހުސް ބިންތަކެއް ނެތްނަމަ ސަރުކާރުގެ މުވައްސަސާތަކާއި ތަފާތު އާ ވިޔަފާރިތަކެއް ކުޅުދުއްފުއްޓަކު ނުހުންނާނެ އެވެ. މި އާބާދީއެއް ވެސް ނެތީހެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355