twitterviber whatsapp telegramfacebookyoutube instagram
20th October 2019

ބަނދަރު އުތުރަށް ޖައްސާ، ކުޅުދުއްފުށީ ވެލިގަނޑުގައި ޓޫރިޒަމް ތަރައްގީކުރަން އެދެނީ!

Dec 25, 2018

މުޅި ރާއްޖޭގައި ލޯކަލް ޓުރިޒަމް ފައްކާވެ، ރަށަށް ޑޮލަރު ލިބޭނެ ގޮތްތައް ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ދަނީ ހޯދަމުންނެވެ. އޭގެ ފޯނި މީރުކަން ލިބޭ ރައްޔިތުން މިހާރު ގިނަ އެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ވިޔަފާރިތައް ފުޅާވެ އެވެ. ދަތުރުފަތުރުކުރުމުގެ ހުރަސްތަކާއެކު ވެސް މިއީ މިހާރު ކޮންމެ ރަށަކުން ވެސް ފުޅާ ކުރަން ހިތު އަޅާފައިވާ ކަމެކެވެ.

ފަސޭހައިން ފަތުރުވެރިކަން ގެނެވޭނެ ގޮތްތައް ނެތިގެން އެކަން ނުކުރެވި ހުރި ރަށްތައް މަދެއް ނޫނެވެ. އޭގެ ތެރެއިން އެއްރަށަކީ ކުޅުދުއްފުއްޓެވެ. މިހާރު ވެސް އެއް ރަށަކަށް އެންމެ ގިނަ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅެނީ ކުޅުދުއްފުށީ ޒުވާނުންނެވެ. އެކަމަކު މިއޮތް ހުރިހާ ދުވަހު ލޯކަލް ޓޫރިޒަމް އެރަށަށް ތައާރަފު ނުކުރެވިވަނީ ފަތުރުވެރިން ގެނެވޭނެ ފަސޭހަ ގޮތެއް ނެތިގެންނެވެ. އެކަމަކު މިހާރު ބަޔަކު އެކަން ކުރަން އުޅެފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ. ސަބަބަކީ އެއާޕޯޓެއް ކުޅުދުއްފުށީގައި އޮތުމެވެ. ދަތުރުތައް ފެށުމުން ފަތުރުވެރިން އެއްވެސް ދަތިކަމެއް ނެތި ގެނެވޭނެ އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވައުދަކީ ރަށްރަށަށް ލޯކަލް ޓޫރިޒަމް ފުޅާކޮށް ރަށްރަށުގެ ފުއްދުންތެރިކަން އިތުރުކުރުމެވެ. ރަށުން ވަޒީފާތައް އުފައްދާ ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް ފަތުރާލުމެވެ.

ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފުކުރާނީ ކިހެނެތް:

ފަތުރުވެރިން ކުޅުދުއްފުއްޓަށް ގެނެވޭނެ މަގު މިއަދު ފަހިވެފައިވީ ނަމަވެސް އެކަމަށް އޮތް ހުރަކީ ރީތި މުދާ ދޮންވެލި ގޮނޑުދޮށެއް ނެތުމެވެ. އެކަމަކު އެކަންވެސް ކުރެވޭނެ ގޮތެއް އެބަ އޮތެވެ. ވެލިގަނޑު ސަރަހައްދު ފަތުރުވެރިކަމަށް ހާއްސަކޮށް ތަރައްގީކުރުމެވެ. އެ ސަރަހައްދުގެ މޫދާއި ދޮންވެލި ގޮނޑުދޮށް ރީތިކޮށް، ގުދުރަތީ ރީތިކަން ނުގެއްލޭނެހެން އެ ސަރަހައްދު ތަރައްގީކުރުމެވެ. ހުޅުމާލެ ބީޗު ސަރަހައްދު މިސާލަކަށް ނެގިދާނެ އެވެ. އަދި އެސަރަހައްދުގައި މޫނު މަތީގައި ގެސްޓްހައުސް ތަރައްގީކުރުމަށް ހުޅުވާލެވިދާނެ އެވެ.

ބަނދަރު ހަދަން ނިންމާފައިވާ ސަރަހައްދު–

ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ބަނދަރު އުތުރު ބަނދަރު ސަރަހައްދުގައި ތަރައްގީކުރުން:

އޭޑީބީގެ ހިލޭ އެހީގައި ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ބަނދަރު މިހާރު ވެސް ބަނދަރު އޮންނަ ސަރަހައްދާއި އެއާޕޯޓްއާ ދޭތެރޭގައި އޮންނަ ސަރަހައްދުގައި ތަރައްގީކުރެވިދާނެ އެވެ. މިހާރު ބޭނުންކުރާ ބަނދަރު ވެސް ވަނީ ތިލަވެ ކުޑަވެފަ އެވެ. އެހެންވުމުން އެއާޕޯޓާއި ބަނދަރާއި ދޭތެރެ ހިމެނޭ ސަރަހައްދާއެކު އާ ބަނދަރު އެތަނުގައި ތަރައްގީނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މަސް މާރުކޭޓާއި އޮޑިއެހެލާ ސަރަހައްދަކީ މިހާރު ވެސް ބޭކާރުވެފައި އޮންނަ ބޮޑު ސަރަހައްދެކެވެ. ބަނދަރެއް ތަރައްގީކުރަންޖެހޭނީ ކޮންމެހެން ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫނެވެ. އެކަން ކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށެވެ.

އާ ބަނދަރު ތަރައްގީކުރާއިރު ބޭރުތޮށްޓާއި ހަމަައަށް ރިވެޓްމަންޓް ޖަހައި ބަނދަރުގެ ވަށައިގެން ޕިކަޕަށް ދުއްވޭނެހެން އަދި ޓީތައް އަޅާ ބަނދަރުގެ ބޭނުން އެންމެ ފުރިހަމައަށް ލުއި ފަސޭހަކޮށް ތަރައްގީކުރެވިދާނެ އެވެ.

ކައުންސިލުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއެކު ބޭއްވި ބައްދަލުވުމުގައިވެސް ކުޅުދުއްފުއްޓަށް ފަތުރުވެރިކަން ގެނެވޭނެ ގޮތަކާމެދު ވަރަށް ބޮޑަށް ވާހަކަ ދައްކާ މަޝްވަރާކޮށްފައިވެ އެވެ. އެހެންވުމުން މިއީ އެކަން ކުރެވިދާނެ ގޮތުގެ ހިޔާލެކެވެ.

ކުޅުދުއްފުށީގައި މިހާރު އޮތް ހަމައެކަނި ބީޗުގައި ޒުވާނަކު ކައިޓް ސާފް ކުރަނީ–

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ކުޅުދުއްފުށީ ޒުވާނުން އުޅޭއިރު އެންމެ ގިނަ ކައިޓް ސާފަރުން ތިބީވެސް ކުޅުދުއްފުށީގަ އެވެ. ޒުވާނުންގެ މުސްތަގުބަލަށް ލޯކަލް ޓޫރިޒަމް ކުޅުދުއްފުއްޓަށް ގެންނަ ޖެހެ އެވެ. ނޫންނަމަ ފަހުން ހިތާމަކުރަން ޖެހޭނެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355