twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ ރައީސް އުފައްދަވައިފި

Dec 31, 2018

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ގާނޫނުގެދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުވާލައި “ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވައިފިއެވެ.

އިއްޔެއިން ފެށިގެން ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދެވުމަށް ނިންމަވާފައިވާއިރު މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

މި އޮތޯރިޓީ އުފެއްދުމުގެ ބޭނުމަކީ ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކޮށް، ކާރިސާގެ ކަންކަން ބެލަހައްޓާ އެކި ހާދިސާތަކުގައި ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ކޮންމެ އަތޮޅެއްގައިވެސް ގާއިމްކުރުމެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއްވެސް ވަރަށް އަވަހަށް އުފައްދަވާނެކަމަށާއި އަދި ހާދިސާތަކުގައި ހާލުގައިޖެހޭ އާއިލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ކޮންމެ އަތޮޅެއްގައި ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ކާރިސާތަކުން އާންމު ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުން ކުޑަކޮށް ކާރިސާގެ ވަގުތުގައި އަޅާ ފިޔަވަޅުތައް އަވަސްކުރުމާއި ކާރިސާއިން ރައްކާތެރިވުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި އޮތޯރިޓީ އުފެދުމާއިއެކު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުންނާއި، އެފަރާތްތަކުގެ އެންމެހައި ޙައްޤުތަކާއި އިލްތިމާޒްތައް، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެދަށް ވަނީ ބަދަލުކުރައްވާފައެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް ރައީސުލްޖުމްހުރިއްޔާ އުފައްދަވަންޖެހެއެވެ. ނަމަވެސް މިހާތަނަށް އެއޮތޯރިޓީގެ މަސައްކަތް ކުރަމުންދިޔައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355