twitterviber whatsapp telegramfacebookyoutube instagram
23rd July 2019

މިނުކުތީ ރަށުގެ ފުއްދުންތެރިކަން އިތުރުކޮށް ހާލަތު ބަދަލުކުރުމަށް: ޔާސިރު

Jan 15, 2019

މިނުކުތީ ކުޅުދުއްފުށީގެ ރައްޔިތުންގެ ފުއްދުންތެރިން އިތުރުކޮށް ރަށުގެ ހާލަތު ބަދަލުކުރުމަށްކަމަށް އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ޔާސިރު އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު ބަންޑާރަމައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ރަށުގެ ކޮންމެ ދާއިރާއަކަށް ބަލާލިކަމުގައިވިޔަސް މިއޮތީ އެކަށީގެންވާ މިންވަރެއްގައި ނޫން ކަމަށެވެ. ރަށުގައި ދިރިއުޅޭތީ ވަރަށް ރަނގަޅަށް ރަށުގެ ހާލަތު އެނގޭކަމަށް ވިދާޅުވަމުން ޔާސިރު ވިދާޅުވީ ސްކޫލުތަކުގެ ހާލަތާއި ހޮސްޕިޓަލުގެ ހާލަތުވެސް އެނގޭ ކަމަށެވެ.

އަދި މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބޭ ކަމަށާއި ކުޅިވަރު ކުޅެން ޖެހެނީ ސަލާމް ޖަހައިގެން ކަމަށާއި ވިޔަފާރިކުރަން ބޭނުވެ އެކަން ނުކުރެވި ގިނަ ބަޔަކު ތިބި ކަމަށެވެ. ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ މަޖިލީހުގެ ތެރެއިން އެކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ޔާސިރު ވިދާޅުވި އެވެ.

” ތައުލީމީ ދާއިރާވެސް ސިއްހީ ދާއިރާވެސް އުމުރާނީ ދާއިރާއަށް އަދި އެހެނިހެން ދާއިރާތަކަށް ބަލާލިކަމުގައިވިޔަސް ކުޅުދުއްފުށި މިއަދު މިއޮތީ އަޅުގަނޑުމެންނަށް އެކަށޭނެ މިންވަރެއްގެ ތޯ؟ އެ ހަމަ ސުވާލު އުއްފަދާލަން ޖެހޭކަމެއް “. ޔާސިރު ވިދާޅުވި އެވެ.

ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މަސައްކަތްތެރި ދިރިއުޅެމުންދާ ރަށެއް ވިޔަސް ސިޔާސީ ގޮތުން ރަށް އުޅެނީ ވަރަށް ފަހަތުގައިކަމަށް އޭނާ ވިދާޅުވި އެވެ. ޔާސިރު ވިދާޅުވީ ކުޅުދުއްފުށިން ސިޔާސީ މީހުން އުފައްދަން ޖެހޭ ކަމަށާއި ދައުލަތުގެ މަތީ މަގާމުތަކަށް ކުޅުދުއްފުށީގެ ދަރިން ގެންދިއުމަށްޓަކާ އެކަކު އަނެއްކަކަށް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.

ރަށުގެ އިގްތިސޯދީ ހާލަތަށް އަލިއަޅުވާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރަށުގެ އުމްރާނީ ހާލަތު ވަރަށް ދަށް ކަމަށާއި ރަށުން ބޭރުން ފައިސާ ވަންނާނެ މަގުތަކެއް ނެތް ކަމަށެވެ. މަސްވެރި ރަށެއް ނޫންނަސް ޒަމާނީ މަސްވެރިކަމާއި ކަނޑުފަޅުގެ ތަފާތު ވިޔަފާރިތައް ކުރެވޭނެ ގޮތެއް ނެތިފަ އެތަކެއް ޒުވާނުންނެއް ތިބިއިރު އެ ހާލަތު ބަދަލުކުރުމަށް ޖެހޭ ކަމަށާއި ރައްޔިތުންނަށް އެފަދަ މަސައްކަތްތައް ކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވާނެކަމަށް ޔާސިރު ވިދާޅުވި އެވެ.

ޒަމާނީ މަސްވެރިންކަން ކުރުމާއި ކަނޑުފަޅުގެ ތަފާތު މަސްވެރިކަން ފަށާގަތުމުގައި ޒުވާނުންނަށް އެހީތެރިކަންފޯރުކޮށްދޭނެކަމަށާއި ގެސްޓްހައުސް ވިޔަފާރި ކުޅުދުއްފުށީގައި ކުރުމަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދީ ކުރިއަރުވާދޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ މާކެޓްކޮށްދޭނެކަމަށްވެސް ޔާސިރު ވިދާޅުވި އެވެ.

ކަސްޓަމްސްގައި ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ޔާސިރު ވިދާޅުވީ ރަށުގެ ވިޔަފާރީގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރަށުގެ އެބުރޭ ފައިސާގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންގޮސްފައިވާ ކަމަށެވެ. ގިނަ ވިޔަފާރިތަކެއް ވަރަށް ބޮޑަށް ނިކަމެތިވެފައިވާއިރު ވިޔަފާރިއެއް ފަށަން ބޭނުންވެ އެކަން ނުކުރެވި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ވިޔަފާރިތަކަށް ވަންނަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދޭން ޖެހޭކަމަށާއި އެ މަސައްކަތް ކުރާނެކަމަށެވެ.

ކަސްޓަމްސް ޔާސިރު، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލައްވަނީ

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމީ ހެޔޮ ނިޔަތުގައި ކަމަށާއި ރައްޔިތުންގެ އަޑުތައް ސަރުކާރަށް އިއްވައިދީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އުންމީދުތައް ހާސިލުކޮށްދިނުމުގައި ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

” ފަސް އަހަރު ނިމޭއިރު ރައްޔިތުންނަށް ހަގީގަތުގައި އިހްސާސް ވެގެންދާނެ ރައްޔިތުންނަށް މެމްބަރެއް ހުރިކަމުގެ އިހްސާސް”. ޔާސިރު ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355