twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ޕްރައިވެޓް ހޮސްޕިޓަލެއް ކުޅުދުއްފުއްޓަށް ގެނައުމަކީ ޔާސިރުގެ ތަސައްވުރެއް !

Jan 16, 2019

ކުޅުދުއްފުށީގެ ސިއްހީ ދާއިރާ ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ޕްރައިވެޓް ހޮސްޕިޓަލެއްގެ މުހިންމުކަން ބޮޑުކަމަށް ވިދާޅުވެ ޔާސިރު އަބުދުލް ލަތީފް ވާހަކަދައްކަވައިފި އެވެ.

މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޔާސިރު އަބުދުލް ލަތީފް ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގެ ސިއްހީ ދާއިރާ ފުޅާކޮށް ވަރުގަދަކުރުމަށް ޕްރައިވެޓް ހޮސްޕިޓަލެއް ހުންނަ ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގެ ސަބަބުން ވާދަވެރިކަން އުފެދި ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އޭގެ ސަބަބުން ރަށުގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އަދި ވަޒީފާތަކެއްވެސް އުފެދިގެންދާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ސިއްހީ ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓާކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ސިއްހީ ދާއިރާއަށް ބަލާލާއިރު މިތިބި ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ވަރަށް ކުދިކުދި ކަންތައްތަކުގެ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ދާން ޖެހޭކަމަށެވެ. އަދި މިހާލަތު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

” ﷲ އިރާދަކުރެއްވިއްޔާ ސަރުކާރާއެކީގައި މިހޮސްޕިޓަލަކީ އަޅުގަނޑުމެން އިތުރަށް މާލެ ނުގޮސް ސިއްހީ ފަރުވާ ހޯދޭނެ ތަނަކަށް ވެގެންދާނެ. އެމަސައްކަތް އަޅުގަނޑުމެން ސަރުކާރާއެކީގައި ކުރާނަން.” ޔާސިރު ވިދާޅުވި އެވެ.

އާސަންދަ ހޯދުމުގެ ހުރި ދަތިތައްވެސް ހައްލުކުރަން ޖެހޭ ކަމަށާއި ރަށުން މާލެ ދިއުމަށް އާސަންދައިން ލިބެނީ އެއްކޮޅު ޓިކެޓް ކަމަށާއި ނަމަވެސް މާލެއިން ރާއްޖޭން ބޭރަށް ދިއުމަށް ދެކޮޅު ޓިކެޓް ލިބޭ ކަމަށެވެ. މިކަމުގައިވެސް ހަމަހަމަކަމެއް ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރަށްރަށުން މާލެއަށް އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް ދިއުމަށްވެސް ދެކޮޅު ޓިކެޓް ލިބެން ޖެހޭ ކަމަށެވެ.

ޔާސިރު ވިދާޅުވީ އޯޓިސްޓިކް ކުދިންނާއި ތަފާތު ތެރެޕީތައް ބޭނުންވާ ކުދިންނަށް ބޭނުންވާނެ ހިދުމަތްތައް ރަށުން ލިބޭނެގޮތް ހަމަޖެއްސުމަކީ އުންމީދެެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355