twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަަތައް ރައީސްއާ ހިއްސާކޮށް،ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންފި

Jan 21, 2019

ކުޅުދުއްފުށީގައި ހުރި މައްސަލަތަކާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލުން ސަރުކާރުގެ މުވައްސަސާތަކާއި ބައްދަލުކުރުން މި ހަފްތާތެރޭގައި ފަށާފައިވާއިރު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހްއާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ބައްދަލުވުމުގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުންނާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

ކައުންސިލްގެ ރައީސް ލަތީފް ކޭއޯއަށް މައުލޫމާތު ދެމުންވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށާއި މި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ގުރުއަތުނަގާ، ހަވާލުނުކުރެވިހުރި ރޯހައުސްތައް އޭގެ  ވެރިފަރާތްތަކާ ހަވާލުކޮށް، އަޅަން ފަށާ އަދި ނުނިމި ހުރި ރޯހައުސްތައް އަވަހަށް ނިންމާ، އިތުރަށް ރޯހައުސް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށާއި އަދި ގެވަޅު ދޫކުރުމަށްޓަކައި ކުރަންޖެހޭކަންކަންވެސް އަވަސްކޮށްދިނުމަށް ދަންނަވާފައިވާ ކަމަށެވެ.

އަދި ކުޅުދުއްފުށީގެ މަގުތައް އެކަށީގެންވާ ފެންވަރެއްގައި ހަދައި، ނުހެދި ހުރިމަގުތަކުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށުމަށްވެސް އެދިފައިވާނެ ކަމަށާއި މީގެ އިތުރުން ކުޅުދުއްފުށީގެ ވެލިމަގުތައް ހެދުމަށް ގެނެސްފައިވާ  ވެހިކަލްތައް އެހެން ރަށަކަށް ގެންދިއުމުން އެތަކެތިވެސް ވީހާއަވަހަކަށް ރަށަށް ގެނެސް ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގަައި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމާއި އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ހިއްކި ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ބަނދަރާއި ބެހޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، މިހާރު ބޭނުންކުރަމުންދާ ބަނދަރު އިތުރަށް ފުން ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ލަތީފް ވިދާޅުވި އެވެ.

ކުނިމެނޭޖްކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާއިރު އެމަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

ތައުލީމީ ގޮތުންވެސް ރަށަށް ދިމާވެފައިވާ ކަންކަންވެސް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާއިރު، ސްކޫލުތަކަށް ދިމާވާ ޖާގައިގެ ދަތިކަން ހައްލުކުުރުމަށް މަޝްވަރާކޮށް،  އާ ސްކޫލެއް ހުރިހާ ވަސީލަތްތަކާއެކު ރަށުގައި ގާއިމްކޮށްދެއްވުމަށް އެދިފައިވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ކޮންމެ އަހަރަކު ދިރާސީ އާ އަހަރު ޖާގައިގެން ދަތިކަން އިތުރުވާތީއާ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރެއްވި މަޝްވަރާގެ ތެރެއިން އާ ސްކޫލެއްގެ ވާހަކަ ހިއްސާކުރެއްވީ ކުޅުދުއްފުއްޓަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތައް ތިބުމާއެކު އިތުރު ރޯހައުސްތަކެއް ގާއިމުކުރުމަށް އެދިފައިވުމާއި އަދި މި މަޝްރޫއު ކުރިއަށް ގޮސްފިނަމަ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން އިތުރުވާނެތީކަަމަށެވެ.

ލަތީފް ވިދާޅުވީ މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ބައްދަލުވުން ކަމަށާއި މީގެ އިތުރުން މިއަދު 3 މިނިސްޓްރީއާވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ޕީއެސްއެމްއާއެކުވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355